ކުރީގެ ޢަދަދާއި ގުޅޭ:

" ދަރިފުޅު އެންމެ ރަނގަޅު ޒާރާ ބަލައި ދިޔަޔަސް.. އެކަމަކު އޭނަ މިގެއަށް އަންނަންވާނީ ހިތުން ރުހުމުން ސާފު ހިތަކައިގެން! ޖުމާ ގެންނަން ނަހަދާތި"

Ad
rt

ދެއަތް ފުރަގަހަށް ލައިގެން ހުރެ ނަޖީބު އޭނާގެ ނިންމުން އިއްވިއެވެ. ބަހެއް ބުނުމެއްނެތި މުއާޒް އިނީ ފުން ވިސްނުމެއްގައެވެ. ޒާރާއާމެދު މަންމައާއި ބައްޕަގެ ހިތުގައި އޮތް ޝަކުވާ އެނގުމުން މުއާޒް މުޅިން މާޔޫސް ވެއްޖެއެވެ. އޭރު އޭނާ އިނީ ވިސްނަންވީ ގޮތް އޮޅި، ހަދާނެ ގޮތެއް ނޭނގިފައެވެ.

***

" ބައްޕަމަތިން ވަރަށް ހަނދާންވޭ! އަހަންނަށް އަބަދު މި ރޮވެނީވެސް އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރިކުރެވޭތީ! އަހަރެން އެހެން ނޫޅުނުނަމަ މިއަދުވެސް ބައްޕަ އަހަރެމެންގާތު އުފަލުގައި އުޅުނީހެއްނު"

ތުރުތުރުއަޅާ އަޑަކުން ޖުމާ ބުނެލިއެވެ. އެއާއެކު ޒާރާ މަޑުމަޑުން ޖުމާގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ތަޤްދީރަކީ އެކަހަލަ އެއްޗެއް! އަހަރެމެން ބޭނުން ނުވިޔަސް ތަޤްދީރުގައި އޮތްގޮތަށް އެކަމެއް ވާނެ.. ދޮންތަވެސް މިހުރީ ހިތް ފަޅައިގެންދާވަރުވެފައި! އެކަމަކު.. ކެތްކުރެވޭތޯ ވަރަށް މަސައްކަތް އެބަކުރަން! "

ޒާރާގެ ވާހަކަ އެހިސާބަށް ދިޔުމާއެކު ހަށިގަނޑުގައި ކޮންމެވެސް ކަހަލަ ތަދެއް އިޙްސާސްވާކަން އޭނާއަށް ހީވިއެވެ. ބަނޑުގައްޔާއި އުނަގަނޑުމަތީގައި ރިއްސަން ފެށުމުން އޭނާ އަވަސް އަވަހަށް ޖޯލިފަތީގައި އިށީންނަން އުޅުނެވެ.

" ދޮ..ދޮންތާ! ކިހިނެއްވީ؟ "

ޖުމާ ޒާރާގެ ގައިގައި ހިފެހެއްޓުމަށްފަހު ޖޯލިފަތީގައި ބޭންދިއެވެ. އަދި ކޮނޑުގައި އޮތް ދަބަސްވެސް ޖޯއްޔެއްގައި ބޭއްވުމަށްފަހު ޒާރާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ޖުމާ ވަށައިގެން އެކި ދިމަދިމާލަށް ބަލަން ފެށީ މީހަކު ފެންނަން ހުރިތޯއެވެ. ވަގުތަކީ މެންދުރު ވަގުތުކަމުން ބަނދަރުމަތީގައި ކުޅެން އުޅޭ ފިރެހެން ކުދިން ތަކެއް ފިޔަވައި އިތުރު ބަޔަކު ފެންނާކަށް ނެތެވެ.

" ކޮއްކޯ! ވަރަށް ބާރަށް އެބަ ބަނޑުގައި ރިއްސާ! ނޭވާ ލާންވެސް އުނދަގުހެން ހީވަނީ"

ޒާރާ ވަރަށް އުނދަގުލުން ވާހަކަ ދެއްކިއެވެ.

" ހިނގާ މަރުކަޒަށް ދާން.. ތެދުވެވޭނެތަ؟ އެމްބިޔުލަންސަށް ގުޅަންތަ؟ "

ޖުމާ އަހާލުމާއެކު ޒާރާ ބޯ ޖަހާލިއެވެ. އޭރު އޭނާ އިނީ ދާހިއްލާ ފޯވެފައެވެ.

***

" ދަރިފުޅު ޒާރާ ގާތަށް ނުދަނީތަ ދެން؟ "

ގެއަށް ވަދެގެން އައި މުއާޒްގާތު ނަޖީބު އަހާލިއެވެ. އެއާއެކު މުއާޒް ބޯ ޖަހާލަމުން ބައްޕަގެ މޫނަށް ބަލައިލިއެވެ.

" މަންމަ އެހާ ހިތްހަމަ ނުޖެހޭއިރު އަޅުގަނޑު ބޭނުމެއްނޫން ޒާ ގެންނާކަށް! އަދި މި އާއިލާގެ ތެރޭގައި ހަމަނުޖެހުމެއް ހިނގާކަށްވެސް ބޭނުމެއް ނޫން! "

ކިޔަމަންތެރިކަމާއެކު މުއާޒް ބުންޏެވެ. އެވަގުތު ނަޖީބަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އަދި މުއާޒްގެ ކޮނޑުގައި އަތް ޖައްސާލަމުން މުއާޒާއެކު ބޭރަށް ނިކުންނަން ހިނގައިގަތެވެ.

" ތިއީ އަދި ރަނގަޅު ވިސްނުމެއް ނޫން.. ކޮންމެ ގޮތެއްވިޔަސް ޒާރާގެ ބަނޑުގައި އެއޮތީ ދަރިފުޅުގެ ދަރިއެއް.. މި އާއިލާގެ ލޭ! މި އާއިލާގެ ވާރިސެއް! އެހެންވީއިރު ދަރިފުޅު ތިހެން ހެދީމަ ޒާރާއާއި އެ ދަރިޔަށްވެސް ކިހާ ބޮޑު ނިކަމެތިކަމެއް ލިބޭނީ؟ ޒާރާގާތު ބުނޭ ޖުމާ ބަހައްޓާފައި އަންނާށޭ... އޭރުން މަންމަ ރުޅިއެއް ނާންނާނެޔޭ.. މަންމަ ރުޅިއައީ ޖުމާ، މާހިލްމަތީގައި އެކަންތައްގަނޑު އެޅުވީމަ! ބައްޕަވެސް އެކަމުގައި ވަރަށް ހިތްހަމަ ނުޖެހުނު.."

ނަޖީބު ވާހަކަ ދެއްކި އިރުގައިވެސް މުއާޒް ހުރީ އިސްޖަހާލައިގެންނެވެ.

" ޒާރާގެ ބައްޕަ ނިޔާވީމަ ޒާރާ ވަރަށް ހިތާމަ ކުރާނެ! ދޮންމަންމައަކީވެސް ވަރަށް ގޯސް މީހެއް! ނޭނގެ މީހަރު ޒާ އުޅޭނެ ޙާލެއްވެސް.. ޖުމާގެ ފޯނަކަށްވެސް ޒާގެ ފޯނަކަށްވެސް ނުގުޅޭ! ކޮންމެ ގޮތެއްވިޔަސް ޒާގެ މައްޗަށް އަޅުގަނޑު އިސްކުރީ އާއިލާ..އެއީ ކޮއްކޮއާއި މަންމަމެން... އެހެންވީމަ ޒާވެސް ހުންނާނީ އަޅުގަނޑުދެކެ ހިތްހަމަ ނުޖެހިފައެއްނު"

އަރު ބެދޭގޮތް ވުމުން މުއާޒް ވާހަކަ ދެއްކުން ހުއްޓާލިއެވެ. ވަގުތަކީ އެތެރެއިން މާހިލްވެސް ނިކުތް ވަގުތެވެ. ބޭރުގައި ތިބި ނަޖީބާއި މުއާޒް ފެނުމާއެކު މާހިލް ހުއްޓުނެވެ.

" ކަމެއް ގޯސްވީތަ؟ "

އެމީހުންގެ މޫނުމަތީގެ ކުލަވަރު ފެނި މާހިލް ސުވާލުކުރިއެވެ. އެއާއެކު ނަޖީބު ބޯ ޖަހާލަމުން މާހިލާ ދިމާލަށް އެނބުރިލިއެވެ.

" ހުރިހާ ކަމެއްވެސް ގޯހުންތާ މިދަނީ! "

ނަޖީބު ދިން ޖަވާބުން ނުވިސްނޭފަދަ ގޮތަކަށް މާހިލް ބަލަން ފެށީ މުއާޒްގެ މޫނަށެވެ.

" ދައްތަގެ ބައްޕަ ނިޔާވެގެން އެރަށުގައި ދައްތަ ބަލާނެ މީހަކު ނުހުންނާނެއެއްނު.. އެހެންވެ މިރަށަށް ގެންނަން ވެގެން މި ވާހަކަ ދައްކަނީ! އެކަމަކު މަންމަ ޤަބޫލެއްނޫން ޖުމާއާއެކު މިގެއަށް ގެންނާކަށް."

ނަޖީބު ވާހަކަ ދެއްކީ ލަސްލަހުންނެވެ. އެވާހަކަތަކުން މާހިލްގެ ހިތުގެ އެންމެ ފުނަށް އަސަރު ކުރުވިއެވެ. އޭނާގެ ސަބަބުން ނިކަމެތި އަންހެން ކުއްޖަކަށް އިތުރު ނިކަމެތިކަމެއް ދެވުނުކަން އިޙްސާސް ކުރެވުނެވެ. މާހިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ އޭނާއަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަމަ އެވަގުތެވެ. މާހިލްއަށް ރީނާ ގުޅަން ފެށިއެވެ. ފޯނު ބަލައިލުމަށްފަހު އޭނާ އަވަސް އަވަހަށް މަގުމައްޗަށް ނިކުތެވެ.

" ދެން ބޭބީ ހާދަ ލަަސްވެއްޖެޔޭ! ރީނު މިއިނީ ނައިސްގެން ނުކެވިފައޭ"

ރީނާގެ ހުންނަ ޅަ ގޮތްގަނޑަކީ މާހިލް ވަރަށް ފޫހިކުރުވާ ސިފައެކެވެ. ނަމަވެސް ދޫ ބަންދުވެފައިވާއިރު އޭނާގެ ހުރިހާ ހިއްސުތަކެއްވަނީ ގަދަކަމުން ހައްޔަރު ކުރެވިފައިކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ހިތް ނޭދުނު ނަމަވެސް ރީނާއާމެދު އޭނާއަށް ލޯބިން ކަންތައް ކުރަން އޮންނަނީ މަޖުބޫރުވެފައެވެ.

" އެހެންތަ؟ މިދަނީ އިނގޭ! އެހާ ލަހެއް ނުވާނެ.."

ފޯނު ބޭއްވުމަށްފަހު މާހިލް ރީނާގެ ގެއާ ދިމާލަށް ހިނގައިގަތީވެސް ހިތާ ދެކޮޅަށެވެ. އޭރުވެސް އޭނާގެ ލޯ ކުރިމަތީގައި ކުރެހެމުންދަނީ ޖުމާގެ ތަސްވީރެވެ. އެ ލަދުރަކި ހިނިތުންވުމާއި އެ ރީތި ބަލާލުމެވެ. އެ މައުސޫމުކަމެވެ. ޖުމާގެ ހަނދާންތައް އާވާން ފެށުމާއެކު ޖުމާ ދެކިލާހިތްވިއެވެ. ވާހަކަ ދައްކާލަން ބައްދަލްވެލާ ހިތްވިއެވެ. މަޢާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް ބޭނުންވި އެއްވެސް ކަމެއް ކުރުމުގެ ބާރެއް ނެތްކަން މާހިލަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. ފުން ޚިޔާލްތަކުގައި ހުރެ މާހިލްގޮސް ރީނާގެ ގެއަށް ވަތް އިރު ރީނާ ހުރީ ކާގެ ތެރޭގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. މާހިލް ފެނުމާއެކު ކުއްލިއަކަށް ރީނާ އަތުގައި އޮތް ސަމްސާ އޭނާއާ ދިމާލަށް ހޫރާލިއެވެ. ބާރުމިނުގައި އައި ސަމްސަލުން ރެކެވުނީ މާހިލަށް ހަމަ ކިރިޔާއެވެ. ހަށިގަނޑު ސީދާ ކޮށްލަމުން މާހިލް ރީނާއާ ދިމާލަށް ބަލަން ފެށީ ހައިރާންކަމާއެކުގައެވެ. އޭރު ރީނާ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައިކަން އޭނާގެ މޫނުމަތީގެ ޝުޢޫރުތަކުން މާހިލަށް އެނގުނެވެ.

" މި އަންނަނީއޭ ބުނެފައި ކީއްވެ އެހާ ލަސްވީ؟"

މިފަހަރު ރީނާ އައިސް ހިފީ މާހިލްގެ ޓީޝާޓްގައެވެ. އެއާއެކު މާހިލް ރީނާގެ ދެއަތުގައި ހިފައި ގަދަކަމުން އޭނާގެ އަތް ނައްޓުވާލިއެވެ. އަދި ޓީޝާޓް ރަނގަޅުކޮށްލުމަށްފަހު ރުޅިވެރި ނަޒަރަކުން ރީނާއަށް ބަލައިލިއެވެ.

" ކިހިނެއް ވެގެން ތިއުޅެނީ؟ ގަޔަށް ބޮލަށް ނާރައްޗޭ! "

ދުރަށް ޖެހިލަމުން މާހިލް ބުންޏެވެ. އެއާއެކު އަނެއްކާވެސް ރީނާ އައިސް މާހިލްގެ ޓީޝާޓްގައި ހިފައި ދަމައިގަތެވެ.

" އަރާނަން! ގަޔަށްވެސް ބޮލަށްވެސް އަރާނަން.. އަހަންނަށް ދޮގު ހަދާކަށް ނުޖެހޭނެ!"

ރީނާގެ ރުޅިވެރި ޖުމްލަތަކުން މާހިލް ގާތަށް އިތުރަށް ރުޅި އައެވެ. ރީނާގެ ދެކޮނޑުގައި ހިފާ ދުރަށް ކޮއްޕާލުމަށްފަހު މާހިލް ބާރުބާރަށް ވާހަކަ ދައްކަން ފެށިއެވެ.

" ހިނގާފައި އަންނަ މީހަކަށް ކަލޭ ތި ހީކުރާހާ ބާރަކަށް ނާދެވޭނެ.. ތިމާގެ މޫނުމަތިން މާ މައުސޫމްކަމާ މަޑުމައިތިރިކަން ދައްކައިގެން އުޅޭއިރު ހީވަނީ މިއީ މާ މާތް މީހެކޭ! މިހާރު އަހަންނަށް ކަލޭގެ އަސްލު ސިފަ މި ފެންނަނީ! ތިވައްތަރުތައް ޖައްސައިގެން އަހަރެން އިންނާނެކަމަށް ހީ ނުކުރައްޗޭ! "

ތަންކޮޅެއް ބާރަށް އެހެން ބުނެލުމަށްފަހު މާހިލް ބާރުބާރަށް ނިކުމެއްޖެއެވެ. އެގޭ ދޮރާށިން ނުނިކުމެވެނީސް މުށި ތަށިތަކެއް ތަޅާލިއަޑުވެސް މާހިލަށް އިވުނެވެ. ނަމަވެސް އިތުރަށް މަޑު ނުކޮށް ގެއިން ނިކުތެވެ.

***

ވަރުބަލިކަމާއެކު ޒާރާއަށް ލޯ ހުޅުވާލެވުމާއެކު ފުރަތަމަވެސް ފެނުނީ މަތީގައި ހުރި ފަންކަލެވެ. އެނބުރެމުންދާ ފަންކަލަށް ބަލަހައްޓައިގެން އިރުކޮޅަކު އޮވެލުމަށްފަހު އޭނާ ބޮޑަށް ލޯ ހުޅުވާލިއެވެ. އޭރު އެނދުކައިރީގައި ހުރި ގޮނޑިއެއްގައި ދެލޯ މަރާލައިގެން ޖުމާ އިނެވެ.

" ކޮއްކޯ؟"

ޒާރާގެ އަޑަށް ސިހިފައި ޖުމާ ބަލައިލިއެވެ. އަދި މަޑުމަޑުން ޒާރާގެ ބޮލުގައި ފިރުމާލުމަށްފަހު އިސްޖަހާލިއެވެ.

" ދޮންތައަކަށް ނޭނގުނު އެމްބިޔުލަންސަށް އެރުވިކަންވެސް.. އެގަޑީގައި ބޮލަށް އެނބުރުން އަރައިގެން ނިދުނީތަ؟ "

ބޯހިއްލާލަން ބޭނުންވި ނަމަވެސް އޭރުވެސް އޭނާގެ ގައިގައި އެއްވެސް ވަރެއް ނެތެވެ.

" ދޮންތާ!... ވީގޮތަކީ... ދޮންތަ.. ޖޯލިން ނަގަން އުޅެނިކޮށް ވަރަށް ގިނައިން ލޭ ފައިބަން ފެށީ! އެގަޑީގައި ދޮންތަ އަނބުރައިގަތީވެސް... "

ލަސްލަހުން ޖުމާ ބުނެލިއެވެ. އެއާއެކު ބިރުގަނެފައި އޮވެ ޒާރާ ދެލޯ ބޮޑުކޮށްލިއެވެ.

" ދެން؟ ދެން ކިހިނެއްވީ؟ "

" އާސަންދަ ހަމަޖެހުނީމަ ސްކޭން ކުރަން ދިއްދޫއަށް ދާން ޖެހޭނެޔޭ ބުނީ! "

ޖުމާގެ ވާހަކަ އެހިސާބަށް ދިޔައިރު އާރިފާ އައިސް ވޯޑަށް ވަދެއްޖެއެވެ. އާރިފާ ފެނުމާއެކު ދެމީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

" ބައިގެން ދިޔަ ވާހަކަ އަޑު އިވިގެން މިއައީ! "

އެނދުކައިރީގައި ހުއްޓި ހުރެ އާރިފާ އެހެން ބުނުމާއެކު ޒާރާގެ އަނގަ ހުޅުވުނެވެ. ލޮލުގެ ހިމަކޮޅުން ފާއްދާލި ކަރުނަތަކުން ބާލީސް ފޯވަމުން ދިޔައީ ނުހަނު އަވަހަށެވެ.

" ނޫން.. ނުވާނެ އެހެންނެއް.. ނުވާނެ"

އަނގަމަތީގައި އަތް އަޅައިގެން އޮވެ ޒާރާ ކިޔަމުން ދިޔައެވެ. ވަގުތަކީ ދުއްވާގޮނޑިއެއް ހިފައިގެން އައިސް ނަރުސް ކުއްޖަކު މަޑުކޮށްލި ވަގުތެވެ.

" ޒާރާ! ކަންބޮޑުނުވޭ އަދި.. ސްކޭން ކޮށްލީމަ އެނގޭނީ... ހުއްޓާލާ! "

ހިނިތުންވެ ހުރެ ނަރުސްކުއްޖާ މަސައްކަތް ކުރީ ޒާރާ ހަމައަކަށް އެޅުވޭތޯއެވެ.

" ދޮންތާ! ހަމަޖެހިލަބަލަ! މިހާރު އަހަރެމެން ފުރަން ބަލައޭ އެއައީ!"

ޒާރާ ނަގައި ބުރަކަށީގައި ފިރުމާލުމަށްފަހު ޖުމާ ބުނެލިއެވެ. ވަރަށް ހިތްވަރާއެކު ޒާރާ ގޮނޑީގައި އިށީނދެ ފުން ނޭވާއެއް ދޫކޮށްލީ ކެތްކުރަން ބޭނުން ވެގެންނެވެ.

" އަހަރެން ހިތަށް އެރި ކަލެޔަށް މިހެން ވީނަމައޭ! އޭރުން ގައިމުވެސް ތި ހަރާންދަރިއެއް އުފަން ނުވީހެއްނު! "

ފަހަތުން ހިނގައިގަންނަމުން ޖުމާއާ ގާތަށް ޖެހިލުމަށްފަހު އާރިފާ ބުނެލިއެވެ. އެއާއެކު ސިހިފައި ޖުމާއަށް ހުއްޓެވުނެވެ. އެފަދަ ބަހެއް އޭނާގެ ދަރިފުޅާ ދިމާލަށް ބުނިއަޑު އިވުމުން ހިތަށް އުނދަގޫވެ ހާސްކަން ވެރިކުރުވިއެވެ. ހުރި ފިޔަވަޅުމަތީގައި ޖުމާއަށް ހުއްޓެވުނީ ހިނގައިގަންނާނެވަރުވެސް ނެތްހެން ހީވެގެންނެވެ. އޭރު އާރިފާ ބާރުބާރަށް ކުރިއަށް ދާތަން ފެނުނެވެ. އިސްޖަހާލައިގެން ހުރެ ޖުމާއަށް އޭނާގެ ބަނޑަށް ބަލައިލެވުނެވެ.

" ހަރާން ދަރިއޭ؟ އުފަން ނުވީހޭ؟"

ހިތާހިތާ ޖުމާއަށް ބުނެލެވުނެވެ.

" މިއީ ހަރާން ދަރިއެއް ނޫނޭ! މިއީ އަހަރެންގެ ދަރިއެކޭ.. އަހަރެންގެ އެކަނި ދަރިއެއް.. އަހަރެން މިދަރިފުޅު އުފަން ކުރާނަން.. އުފަން ކުރާނަން.."

ޖުމާގެ ހިތް ބާރުބާރަށް ގޮވަމުން ދިޔައެވެ. އާރިފާ އެގޮތަށް ވާހަކަ ދެއްކުމުން ދަރިފުޅާމެދު ޖުމާގެ ހިތް ރަޙުމުން ފުރުނެވެ. އިތުރަށް ލޯބިޖެހި ދަރިފުޅާމެދު ވިސްނަންވެސް ފެށުނެވެ.

***

އެނދުގައި އޮވެ، ޒާރާ ގިސްލަމުން ދިޔައެވެ. މުއާޒާ ދެމީހުން އެދަރިފުޅާމެދު ދެކުނު ހުވަފެންތަކާއި ކުރި އުއްމީދުތައް ކުރިމަތިން ސިފަވަމުންދާން ފެށިއެވެ. އެ ހަނދާންތައް އާވާން ފެށުމުން ޒާރާއަށް އިތުރަށް ރޮވެން ފެށިއެވެ.

" ދޮންތާ! މުއާބެ ގާތު ހަމަ ނުބުނާނަންތަ؟"

ލޮލުން ކަރުނަ ފުހެލަމުން ޖުމާ އެހިއެވެ. އެއާއެކު ޒާރާ ބޯ ޖަހާލިއެވެ.

" ތިހެން ނަހަދާ ދޮންތާ! ބުނަންވާނެ! "

ޖުމާ ނަޞޭޙަތްތެރިވި ނަމަވެސް ޒާރާ ހުރީ ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ.

" އަހަރެން ބަނޑުބޮޑު ޙާލުގައި އެކަނި އުޅެން ދޫކޮށްލީއެއްނު! އޭނަ އަހަރެމެންދެކެ ލޯބިވާނަމަ އެދަރިފުޅަށްޓަކައިނަމަވެސް މުއާ އަހަންނާއެކު އެދުވަހު އައީސްދޯ! އެކަމަކު މުއާއަށް މުޙިއްމުވީ އާއިލާ! މިހާރު އެދަރިފުޅުވެސް އެ ދިޔައީ! ދެން؟ ބުނުމުގެ ބޭނުމެއް އެބަ އޮތްތަ؟ "

ރޮއިގަންނަމުން ޒާރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ޖުމާއަށް އިސްޖަހާލެވުނީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)