ކުރީގެ ޢަދަދާއި ގުޅޭ:

" އަހަރެން ބަނޑުބޮޑު ޙާލުގައި އެކަނި އުޅެން ދޫކޮށްލީއެއްނު! އޭނަ އަހަރެމެންދެކެ ލޯބިވާނަމަ އެދަރިފުޅަށްޓަކައިނަމަވެސް މުއާ އަހަންނާއެކު އެދުވަހު އައީސްދޯ! އެކަމަކު މުއާއަށް މުޙިއްމުވީ އާއިލާ! މިހާރު އެދަރިފުޅުވެސް އެ ދިޔައީ! ދެން؟ ބުނުމުގެ ބޭނުމެއް އެބަ އޮތްތަ؟ "

Ad
rt

ރޮއިގަންނަމުން ޒާރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ޖުމާއަށް އިސްޖަހާލެވުނީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ.

***

" އަހަރެން ބޭނުމެއް ނޫން އެ ރީނާއަކާ އިންނާކަށް"

ބާރުބާރަށް އައިސް ގެއަށް ވަތް މާހިލަށް އެންމެ ފުރަތަމަވެސް ގޭތެރެއިން ފެނުނީ ބައްޕަ ނަޖީބެވެ. އެހެންކަމުން އައިސްފައިހުރި ރުޅި ބޭއިޙްތިޔާރުގައި އޭނާއަށް ބައްޕަގެ ކުރިމަތީގައި ހާމަކުރެވުނެވެ.

" ކިހިނެއްތަވީ ދަރިފުޅު؟ "

މާހިލް ސޯފާގައި އިށީނުމާއެކު ޓީވީ ނިއްވާލުމަށްފަހު ނަޖީބު ސުވާލުކުރިއެވެ.

" އަހަންނަށް ހެޔޮ އެ ރުޝްދީ ކޮންމެ އެއްޗެއް ކިޔަސް! އަހަރެން ބޭނުމެއް ނޫން ރީނާއާ އިނދެގެން އަހަރެންގެ ދިރިއުޅުން ހަލާކު ކުރާކަށް.."

މާހިލް އަޑުގަދަވާން ފެށުމުން ކޮޓަރިތެރޭގައި ހުރި ކަފީލާވެސް ނިކުމެގެން އައީ ނުހަނު ބާރަށެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ.

" ކީއްތަވީ؟ މާހިލް މާ އަޑުގަދަ ވެގެން ކީކޭތަ ތި ކިޔަނީ؟ "

" ވެގެން އުޅޭ ގޮތެއް ކީއްކުރަން މަންމަމެންގާތު ބުނަންވީ؟ ބުންޏަސް ވާނެ ފައިދާއެއް ނޯންނާނެ"

މޫނު އަބުރާލަމުން މާހިލް ބުނެލީ ރުންކުރު ގޮތަކަށެވެ. އެއާއެކު ކަފީލާއާއި ނަޖީބަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ ނުތަނަވަސްކަމާއެކުގައެވެ.

" ރީނާއާ ނީންނާނަމޭ ތި ކިޔަނީ ކީއްވެ؟ އެގެއަކުން ނޫންތަ ތިއައީ؟ "

މާހިލްގެ ގައިގައި އަތް ޖައްސާލަމުން ނަޖީބު އަހާލީ މަޑުމައިތިރިކަމާއެކުގައެވެ. އެއާއެކު މާހިލް ފުންމައިގެން ތެދުވެ ނަޖީބަށް ބަލައިލިއެވެ.

" އޭނަ ހޫރާލި ސަމްސަލުން އަހަރެންގެ ލޯމަތި ފަޅައިގެން ނުދިޔަކަން ނަސީބެއްނު! "

" ސުބްޙާނަﷲ! "

މާހިލްގެ ޖުމްމަ އިވި، ކަފީލާއަށް ތުންފަތުގައި އިނގިލި ޖައްސާލެވުނީ ހައިރާންވެ އަންތަރީސްވެގެންނެވެ.

" އޭނަ އަންނާށޯ ބުނެގެން އަހަރެން ހިނގާފަ ދިޔައީމަ ދެތިން މިނިޓް ލަސްވީ! އެއީ ލަސްވީމަ ކޮށްލިވަރު.. އަދި ނިކުމެގެން އަންނަނިކޮށް އަޑުއެހިން ތަށިތައް ތަޅާއަޑު.. އޭނަ ޖައްސާ ވައްތަރު ބަލާކަށް އަހަންނެއް ނުދަން.. ދެން ނުވެސް ދާނަން.. "

މާހިލް ވާހަކަ ދައްކާ ނިމުނު އިރު ނަޖީބުވެސް ހުރީ ކޮޅަށް ތެދުވެއެވެ. ދެޖީބަށް އަތް ޖަހައިގެން ހުރެ އޭނާ ކޮންމެވެސް ކަމަކާ ފިކުރު ކުރަނީކަން ކަފީލާއަށް ދެނެގަނެވުނެވެ.

" ނަޖީބު! އެ ރީނާއަކީ ބޮލަށް އަރާ ކުކުޅެކެއްނު.. މިގެއަށް އައްޔާ އަހަރެމެން އެންމެންގެ ބޮލަށް އަރާނެ.. ނަޖީބުގެ ބޮލަށް އަރާކަށްވެސް އޭނަ ފަހެއް ނުޖެހޭނެ.."

ކަފީލާގެ ޖުމްލައިން ނަޖީބު އިސްއުފުލާލުމަށްފަހު މާހިލަށް ބަލައިލިއެވެ.

" ތިއީ ވަރަށް ހިތާމަ ހުރި ކަމެއް! އެއީ ހިތުގެ ބަލި ހުންނަ ކުއްޖަކަށްވާތީވެ ދެރައެއް ދޭން ބޭނުން ނުވެގެން އަހަރެމެން އެ ކައިވެންޏަށް އެއްބަސްވީވެސް.. ދެން އެކަމަކު ރީނާއަކީ ތިފާޑުގެ ކުއްޖަކަށް ވަންޏާ ބައްޕަމެންވެސް ތިކަމާ އިތުރަށް ވިސްނާނަން! "

ނަޖީބުގެ ވާހަކައިން މާހިލް ހިތްހަމަ އެއް ނުޖެހުނެވެ. އިތުރަށް ރުޅިގަދަވާން ފެށުމުން އޭނާ އަވަހަށް ނަޖީބަށް ފުރަގަސްދެމުން ކުރިއަށްވުރެ ބާރަށް ވާހަކަ ދައްކަން ފެށިއެވެ.

" އަދިވެސް ވީ އިތުރަށް ވިސްނަންތަ؟ މިވަރުވީމަވެސް ގޮތެއް ނިންމަން ހަމަ ނޭނގުނީތަ؟ އެއީ ބަލިމީހުން އުޅޭ ފާޑެއް ނޫން.. އަހަންނަށް ހެޔޮ ރުޝްދީ ކޮންމެ ވާހަކައެއް ފެތުރިޔަސް.. އަހަރެން އޭނައަކާ ނީންނާނަން.. މިބުނީނު ނީންނާނަމޭ! "

ގަޔަށް ބާރު ލުމަށްފަހު މާހިލް ޖުމްލަ ދޫކޮށްލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ގޭގެ ދޮރުމަތީގައި ހުރި ރުޝްދީއެވެ. ރުޝްދީ ފެނުމުން ކޮންމެވެސް ވަރަކަށް ޖެހިލުންވީ ނަމަވެސް މާހިލް ބޭނުންވީ އޭނާގެ ނިންމުން ހާމަކުރާށެވެ. އެހެންކަމުން މާހިލަށް ބޭއިޙްތިޔާރުގައި ރުޝްދީއާ ދިމާލަށް ހިނގައިގަނެވުނެވެ.

" އެނގޭތަ ރީނާ މިއަދު އަހަންނަށް އަނިޔާކުރަން އުޅުނުކަން؟ އޭނަ ފޮނުވައިގެން މިގެއަށް އައި އިރު އޭނަ އުޅުނު ގޮތް ކިޔައެއް ނުދޭތަ؟ "

ރުޅި އައިސް ހުރެ މާހިލް ރުޝްދީއާ ވާހަކަ ދައްކަން ފެށުމުން ނަޖީބަކަށް މަޑަކުން ނުހުރެވުނެވެ. އޭނާގެ ދަރިޔަކު، ރަށުގެ ޢިއްޒަތްތެރިޔަކާ އެބީދައިން ވާހަކަ ދައްކަން ފެށުމުން އޭނާ ލަދުގަތެވެ. އެހެންކަމުން ނަޖީބު ބޭނުންވީ މާހިލް ހުއްޓުވާށެވެ.

" މާހިލް! ކިހިނެއްތި ވާހަކަ ދައްކަނީ؟ "

" ޕްލީޒް ބައްޕާ! މިއީ އަހަރެންގެ ދިރިއުޅުމާ މުސްތަޤްބަލްގެ ވާހަކަ! އަހަރެން ބޭނުންވަނީ މިވާހަކަ ދައްކަން... އެއްޗެއް ނުބުނެ މަޑުމަޑުން ހުރީމުސް ރީނާވެސް އަހަންނާމެދު ރަނގަޅަށް ކަންތައް ކުރާނަމަ!"

ނަޖީބާ ދިމާލަށް އެނބުރި ހުރެ މާހިލަށް ބުންޏެވެ. އޭރު އޭނާ ހުރީ ދާހިއްލާފޯވެ ވަރުބަލިވެސް ވެފައެވެ. އަނެއްކާވެސް މާހިލަށް ބަލައިލެވުނީ ރުޝްދީގެ ފުސްވެފައިވާ މޫނަށެވެ.

" އަހަރެން މިއައީ ރީނާ ފޮނުވައިގެންނެއް ނޫން! ރީނާ އޮތީ އަނގައިން ބުނެވޭ ޙާލަތެއްގައެއްވެސް ނޫން! އެހެންވެ އަހަރެން މިއައީ ކަންތައްވީގޮތް އޮޅުން ފިލުވަން"

ހަރުކަށި ރާގަކަށް ރުޝްދީ އެހެން ބުނުމާއެކު މާހިލަށް ދެއަތް ފުޅާކޮށް ހިނިގަނޑެއް ޖަހާލެވުނެވެ.

" އަހަރެން ރީނާއަށް އަނިޔާ ކުރާނަމަ ރުޝްދީއަށް މަޑުން ހުރެވިދާނެތަ؟ ނުހުރެވޭނެދޯ! ހަމަ އެގޮތަށް އޭނަ އަހަންނަށް އަނިޔާދޭން އުޅެންޏާ އަހަރެންގެ އާއިލާއަކަށްވެސް މަޑަކުން ނުހުރެވޭނެ.. އެންމެ މިނެޓެއް ލަސްވީމަ އަހަރެންގެ ލޮލާ ދިމާލަށް ސަމްސާ ހޫރާލީ! އަދި މިއުޅެނީ ނީނދެ! ދެން އަހަރެން މަޑުނުކޮށް އަންނަން ފެށީމަ ތަށިިތައް އުކީ! އެތާ އަހަރެން ހުރި ނަމަ މިއަދު އަހަރެން ޒަޚަމްވީސް! އެއީ ބަލިކުއްޖެކޭ ބުނީމަ އަހަރެން ހުރީ އެކުގައި އުޅެން.. އެކަމަކު މިހާ މައްޗަށް ކަންތައްތައް ދިޔައީމަ އަހަރެން ފޫހިވެއްޖެ! ރުޝްދީ އޭނައަށް ވިސްނައިދީ.. "

އަވަސް އަވަހަށް ވާހަކަތައް އަމުނާލުމަށްފަހު މާހިލް ރުޝްދީއަށް ފުރަގަސްދިނެވެ.

" މާހިލްގެ ވިސްނުން ބަދަލެއް ނުކުރާނަންތަ؟ "

އަނެއްކާވެސް ރުޝްދީ ސުވާލު ކުރިއެވެ. އެއާއެކު މާހިލް ބޯ ޖަހާލީ ރުޝްދީއަށް ބަލައިލަމުންނެވެ.

" އަހަންނަށް މަޢާފްކުރޭ! ކައިވެންޏަކާ ހަމައަށް ދިޔަސް މިގޮތަށް ކަންތައްތައް ދަންޏާ އަހަންނަށް ރީނާއާއެކު ނޫޅެވޭނެ.. ވަރިއަކާ ހަމައަށް ދިޔައީމަ މާ ހުތުރު ވާނެ ދެފަރާތު އާއިލާއަށްވެސް! އެހެންވެ އަހަންނަށް ފެންނަ އެންމެ ރަނގަޅުގޮތަކީ މިއީ"

މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކި ނަމަވެސް ރުޝްދީގެ މޫނުމަތީގައިވަނީ ނުރުހުންތެރިކަމެވެ. އަދި ރުޅިވެރި ލޮލަކުން އޭނާ ނަޖީބަށް ބަލައިލަމުން ވާހަކަ ދައްކަންފެށިއެވެ.

" ނަޖީބުމެންނަށް ރަށުގެ ރައްޔިތުންގެ ޤަދަރާ އިއްޒަތް ލިބިފައި އޮންނަނީ ބޮޑެތި ވިޔަފާރިތައް ހިންގައިގެންދޯ! މުއްސަނދިންނަށްވީތީ މަހުޖަނުންނަށްވީތީ! އެއީ ދުނިޔޭގެ އާދަ.. މުއްސަނދިންގެ ގައިގައި ހުންނަ ލައްގަނޑެއް ނުފެންނާނެ.. އެކަން އެނގެއެއްނު ދަރިންނަށް ދީފައި ތިވާ ތަރުބިއްޔަތުން.. އަހަންނަކަށް އަނގަމަޑުންލައިގެންނެއް ނުހުރެވޭނެ... އަހަންނަށް މިވާހަކަ ދެއްކޭނެ.. އަހަރެންގެ ކޮއްކޮއާ އިންނަން ހުރިހާ ކަމެއް ނިންމާފައި ތިބެ، މިއަދު ނީންނާނަމޭ ބުނީމަ އެފަކީރު އެއޮތީ ބަލިވެފައި! ކީއްކުރާނީ؟ ކަލޭމެންނަށް މުޙިއްމުވަނީ މީހުންގެ ފުރާނައެއް ނޫން.. ފައިސާ! "

މަލާމާތުގެ ރާގަކަށް ރުޝްދީ ވާހަކަ ދައްކަން ފެށުމުން މާހިލަކަށް މަޑަކުން ނުހުރެވުނެވެ. ދެފިޔަވަޅެއްވަރު ކުރިއަށް ޖެހިލަމުން އޭނާ ރުޝްދީގެ މޫނާދިމާލަށް އިނގިލި ދިއްކޮށްލީ ތުރުތުރުއަޅާ ޙާލުގައި ހުރެއެވެ.

" ރުޝްދީ! މިކަމުގައި އަހަރެންގެ ބައްޕައާ ދިމާލަށް އެއްޗެހި ކިޔާކަށް ނުޖެހޭނެ އިނގޭ! އަދި ބުނަންތަ؟ ޙަޤީޤަތް އޮޅުވާލަން މަސައްކަތް ނުކުރައްޗޭ! ރުޝްދީ އަހަރެންގެ އާއިލާ ފަޟީޙަތް ކުރަމުން ދުވަންޏާ އަހަންނަށްވެސް ދެއްކޭނެ ވާހަކަ ބައިވަރު އެބަހުރި! "

މާހިލް އެހެން ބުނުމާއެކު ރުޝްދީ ތެޅިގަތެވެ. އޭނަވެސް މާހިލާ ދިމާލަށް އަންނަން ފެށިއެވެ.

" ކޮން ވާހަކައެއް؟ ބުނެބަލަ! ކޮން ވާހަކައެއް ދެއްކޭނީ؟ ކިޔާބަލަ އަހަންނޭ ކިޔައިގެން އިވުނީ ކޮން ވާހަކަތަކެއް؟ އަހަރެން ވަރިކުރި މީހުން އަހަންނޭ ކިޔައިގެން ވާހަކަތަކެއް ދައްކަނީތަ؟ ބުނޭ! އެމީހުން އެއްޗެކޭ ބުނީތަ؟ "

ރުޝްދީގެ މޫނުމަތީގައިވާ ހާސްކަންފެނި، މާހިލަށް ލިބުނީ ހައިރާންކަމެކެވެ. ނަމަވެސް ރުޝްދީގެ މޫނުމައްޗަށް އަރަމުންދާ ގޮތްނޭނގޭ ކުލަވަރުން މާހިލްގެ ހިތްވެސް ނުތަނަވަސްވާން ފެށިއެވެ.

" ދެން މިކަންތައް ހުއްޓާލާފަ މާހިލް އެތެރެއަށް ވަދޭ! "

ނަޖީބު މާހިލާ ދިމާލަށް އެނބުރެމުން ބުންޏެވެ. އެއާއެކު ރުޝްދީއާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮތަކަށް މާހިލްވެސް ރުޝްދީއަށް ފުރަގަސްދިނެވެ. އޭރުވެސް ބިރުން ހުރެ ކަފީލާ ދިޔައީ މަންޒަރު ބަލަމުންނެވެ.

" އަހަރެން ދުވަހަކުވެސް ކަލޭމެންނަށް މަޢާފެއް ނުކުރާނަން"

ބާރުބާރަށް އެހެން ބުނުމަށްފަހު ރުޝްދީ ނިކުތެވެ.

" އަހަންނަށް ހީވީ ބޮލުން ބޮޑު ބަރެއް ނެގިހެން"

މާހިލަށް ބުނެވުނެވެ. އެއާއެކު ކަފީލާވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ސޯފާގައި އިށީނެވެ.

" އެކަމަކު އަހަރެން މިރޭ ވަރަށް ދެރަވެއްޖެ! އަހަރެމެންގެ ދަރިން ތަރުބިއްޔަތު ކުރި ގޮތާމެދު އޭނަ އިނގިލި ދިއްކުރީމަ! އޭނަ ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް"

ކޮޅަށް ހުރެ ނަޖީބު ބުންޏެވެ. އެއާއެކު މާހިލަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

" އޭނަ ދައްކާނެ ވާހަކައަކަށް ބަލައިގެން އަހަރެމެން ކިހިނެއް ހަމަޖެހިގެން އުޅޭނީ؟ އެކަމާ ނުވިސްނާ ބައްޕާ! އޭނައަށް މިއަދު އަހަރެމެންދެކެ ރުޅި އާދެވޭނެދޯ! އޭނަ ވިސްނާނީ އޭނައަށް ފައިދާއަކަށް"

އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީ މާހިލް ތެދުވިއެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ.

" ކީއްވެބާ ބޭޒާރެއް ވެދާނެތީ ރުޝްދީ އެހާ ތެޅިގަތީ؟ ދެން.. އޭނަގެ ވަރިކުރި މީހުން އެއްޗެކޭ ކިޔައިގެން އުޅުނުތޯ އެބެލީ ކީއްވެތަ؟ ކޮންމެވެސް ގޯހެއް އުޅޭނެހެން ހީވަނީ! "

އެނދުގައި އިށީނދެލަމުން މާހިލަށް ހިތާހިތާ ވާހަކަ ދެއްކުނެވެ.

****

" ކަލޭ ދެން ކީއްކުރަން އެކަމާ އުޅެނީ؟ އެމީހުންނާމެދު ފިކުރު ކުރާނެކަމެއް ނެތް! ނަސީބެއްނު ކަލޭ އެކަމުން އަވަހަަށް ސަލާމަތްވީކަން! އަހަރެން މިހުރީ އެގޮތަށް އެކަން ކުރެވުނު މޮޔަ ހީވެފަ!"

ކޮޓަރީގައި ހުރި މިނީބާއިން ރެޑްބުލްއެއް ނެގުމަށްފަހު މާހިލްގެ އަތަށް އެއްލަމުން ހާނިމް ބުންޏެވެ. އެއާއެކު މާހިލް ދެފަރާތަށް ބޯ ހޫރާލިއެވެ.

" ފިކުރެއް ނުކުރަން! އެކަމަކުވެސް އަހަރެން އެހެން ބުނެގެން ރުޝްދީ އުޅުނު ގޮތުން ވިސްނެނީ.. އޭނަގެ ތިން ކައިވެނިވެސް ރޫޅުނީނު.. ރީނާ ބުނިގޮތުން ރީނާއަށް ޚަރަދުކުރާތީ ފަހަރިން ރުޅި އައިސްގެން ރުޝްދީ ކައިރިން ވަރިވަނީ! އެކަމަކު ތިން މީހުންނާ އިންނަައިރު ރަނގަޅު އެކަކު ހުންނަންވާނެދޯ! "

" ނޫނޭ ކަލޭ އެބަހުރި ފޯރިއެއް! ރުޝްދީ ކައިވެނިކުރީ މުޅިންވެސް ރަށުން ބޭރު މީހުންނާއޭ! އަހަރެމެން ކިހިނެއް އެމީހުން ހޯދާނީ! އަނެއްކާ ކޮބާ ބޭނުމަކީ؟ ދެން އެކަންތައް އޮއްބާލާ! އަޅާލާނެކަމެއްނެތް.. "

ހާނިމް އެހެން ބުނި ނަމަވެސް، މާހިލް އަދިވެސް އިނީ އެކަމާ ފިކުރު ކުރާށެވެ.

***

ހޮސްޕިޓަލްގެ ޕްރައިވެޓް ކޮޓަރިއެއްގައި ނިދިފައި އޮތް ޒާރާގެ މޫނަށް ބަލަހައްޓައިގެން ޖުމާއަށް އެތައް އިރެއް ވަންދެން އިނދެވުނެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ދިރިއުޅުމުގައި އުފާވެރި ދުވަސްތަކެއް އަންނާނީ ކޮން ދުވަހަކުންބާވައޭ ހިތަށް އެރުމާއެކު އޭނާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. އަޑު ފަޅައިގެން ހިނގައިދާނެތީ ޖުމާ މަޑުމަޑުން ތެދުވެ، ކުޑަދޮރާ ދިމާލަށް ހިނގައިގަތެވެ. އަދި ދެއަތުން މޫނު ސާފުކޮށްލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް ވަރުބަލިވެފައިވާ އޭނާގެ ހަށިގަނޑަކަށް އަރާމެއް ނުލިބުނެވެ. ނުނިދާ ހުރުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އޭނާގެ ބޮލުގައިވެސް ރިއްސަައެވެ.

" ކޮއް...ކޯ! "

ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި ޖުމާއަށް ޒާރާގެ އަޑު އިވުމާއެކު އޭނާ ފަހަތް ބަލައިލިއެވެ.

" ހޭލެވުނީދޯ! އުޅޭ އެއްޗެއް ބޯލަން"

މޭޒުމަތީގައި ހުރި ޖޫސް ޕެކެޓަށް ބަލައިލަމުން ޖުމާ ބުނެލިއެވެ. އެއާއެކު ޒާރާ މަޑުމަޑުން ތެދުވެ، އެނދުގެ ބޯލާ ކޮޅުގައި ހުރި ފާރުބިތުގައި ބޯ ޖައްސާލިއެވެ.

" ވަރަށް ބަނޑުހައި! ކޮއްކޮ އެއްޗެއް ނުކަންތަ؟ ކާއެއްޗެއް ނުގެންނަންތަ؟ "

މޭޒާ ދިމާލަށް ބަލައިލަމުން ޒާރާ އެހިއެވެ. އެއާއެކު ޖުމާ އައިސް ޖޫސް ޕެކެޓް ޒާރާއަށް ދިއްކޮށްލިއެވެ.

" މިތާ ކެންޓީނަށް ގުޅަން އުޅެފައިވެސް ހަނދާން ނެތުނީ! އެކަމަކު އެއްވެސް އެއްޗެއް ކާހިތެއް ނުވެ.. ބައްޕަ މަތިން ހަމަ ހަނދާންވަނީ..."

އެހެން ބުނެވުމާއެކު ޖުމާއަށް ރޮވިއްޖެއެވެ. ރޮވެން އުޅުނު ނަމަވެސް ޒާރާ ބޭނުންވީ ހިތްވަރު އިސްކޮށް ޖުމާއަށް ވިސްނައިދޭށެވެ.

" ބައްޕަމަތިން ދޮންތަވެސް ހަނދާންވެޔޭ! އެކަމަކު... ކެތްކުރަންވާނެއެއްނު... އަހަރެމެންދެމީހުން މިތިބީ މުޅި ދުނިޔެއަށް ގިނަވެފައި.. އެކަނިވެފައި.. ދެން ހިތްވަރު ނުކޮށް އަބަދު ރޮއިރޮއި ތިބެންވީތަ؟ "

" ދޮންތަދޭ މުއާބެއާއެކު އުފަލުގައި ދިރިއުޅެން...އެރަށަށް.! އަހަންނަށްޓަކައި ދޮންތަގެ ދިރިއުޅުން ބޭކާރުކޮށްނުލާ..."

ޒާރާއަށް ބަލައިލަމުން ޖުމާ ބުންޏެވެ. އެއާއެކު ޒާރާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" ކޮއްކޮތިއީ އެކަނިވެރިއެއްނޫނޭ.. ކޮއްކޮއާއެކު އަދި އިތުރު ފުރާނައެއްވާކަން ހަނދާން ނައްތާނުލައްޗޭ.. ކިހިނެއް ދޫކޮށްފަ ދާނީ؟ "

ޒާރާ އެހެން ބުނުމާއެކު ޖުމާއަށް ރޮއިގަނެފައި ޒާރާގެ ގައިގައި ބައްދައިގަނެވުނެވެ. ޖުމާގެ ބުރަކަށީގައި ފިރުމާލަމުން ޒާރާ އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ނުހަނު ލޯބިންނެވެ.

" ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް! މާތްﷲ އަހަރެމެންނަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ..."

ޒާރާއާ ދުރަށް ޖެހިލަމުން ޖުމާ ދެއަތުން އަނެއްކާވެސް މޫނު ފުހެލިއެވެ. އެއަށްފަހު ގަދަކަމުން ހީލީ ޒާރާ ދައްކާ ވާހަކަ ޤަބޫލުކުރަމޭ ބުނާފަދަ ގޮތަކަށެވެ.

" ދެން އެ ދޮންމަންމަގެ ރަށަކަށް ނުދާނަން...."

ޅަކުއްޖަކު ފަދައިން ޖުމާ ބުންޏެވެ. އެއާއެކު ޒާރާވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

" ފުނަދޫއިން ބައްޕައަށް ލިބިފައި އޮތް ގޯތި ދޫކޮށް ނުލިނަމަ މިއަދު ހާލަކު ނުޖެހުނީހެއްނު"

އަނެއްކާވެސް ޖުމާއަށް ބުނެވުނެވެ. އެއާއެކު ޒާރާ އަވަސް އަވަހަށް ޖުމާގެ މޫނަށް ބަލައިލިއެވެ.

" ތިހެން ނުބުނޭ! ދެންމެއެއްނު މިބުނީ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ! އަހަރެމެންގެ ޙާލު އެންމެ ރަނގަޅަށް ދެނެވޮޑިގެންވާނީ މާތްﷲ! "

ޒާރާގެ ޖުމްލަ ނިމުމާއެކު ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އެއާއެކު ދެމީހުންނަށްވެސް ދޮރާ ދިމާލަށް ބަލައިލެވުނީ ސިހިގެންނެވެ.

" ދޫކޮށްލަން ކަންނޭނގެ އެއުޅެނީ! ތަޅުލައިފައިދޯ ބެހެއްޓީ! ދޭބަލަ ހުޅުވަން! "

ޒާރާގެ އެދުމަށް ޚިޔާލެއް ފިކުރެއްނެތި ޖުމާ ގޮސް ދޮރު ހުޅުވިއެވެ. އެއާއެކު ޖުމާއަށް ސިހިފައި ދުރަށްވެސް ޖެހިލެވުނެވެ. ދޮރުމަތީގައި ހުރި މުއާޒް ފެނި ޖުމާއަށް އެނބުރި ޒާރާގެ މޫނަށްވެސް ބަލައިލެވުނީ ހަމަ އެސިކުންތުގައެވެ. އޭރު ދެލޯ ބޮޑުކޮށްގެން އިނދެ ޒާރާވެސް މުއާޒަށް ބަލަން ފަށައިފިއެވެ. ދޮރުމަތީގައި އިތުރަށް މަޑުކުރުމެއްނެތި މުއާޒް ދިޔަގޮތަށް ގޮސް ޒާރާގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު މުއާޒްގެ މޫނުމަތީގައިވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. އިސްއުފުލައި މުއާޒަށް ބަލަހައްޓައިގެން އިން ޒާރާގެ ދެލޯ ކަރުނައިން ފުރެން ފެށިއެވެ. އެއާއެކު ޒާރާގެ ދެލޮލަށް މުއާޒަށް ބަލައިލެވުނީ ވޭނީ ނަޒަރަކުންނެވެ.

" އަހަރެން ހިއެއް ނުކުރަން ޒާ ތިހާ ރަހުމު ކުޑަވާނެކަމަކަށް! ޒާގެ ކިބައިގައިވާ މައުސޫމުކަމާ ނިޔަނެތިކަމުގެ ފަހަތުގައިވަނީ އަނިޔާވެރިކަން ކަމެއްވެސް ކުރިން އަހަންނަކަށް ނޭނގެ! އަހަރެންދެކެ ކިތަންމެ ރުޅި އަޔަސް އަހަރެމެންގެ ދަރިފުޅުގެ ކުށަކީ ކޮބާ؟ އަހަރެން ދެން ކިހިނެއް ޒާ ބަލައިގަންނާނީ؟"

އަސަރާއެކު މުއާޒް ދައްކަމުންދާ ވާހަކަތަކުން ޒާރާއަށް ދެލޯ ކުޑަށްކޮށްލެވުނެވެ. އަދި ދެބުމަ ކައިރިކޮށްލަމުން ސުވާލުގެ ނަޒަރަކުން މުއާޒަށް ބަލަން ފެށުނެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)