ފޯނުން ކަލަންޑަރު ބަލައިލުމަށްފަހު ޖުމާއަށް ބުނެވުނެވެ. އެއާއެކު އޭނާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ކުރިއަށްވުރެ ބޮޑަށް ބޮލަށް އެނބުރުން އަރާހެން ހީވިއެވެ.
" އަނެއްކާ އަހަރެން.....؟ ބަނޑުބޮޑީބާ؟ އަދި އަލަށް ޕީރިއަޑް ނުވެ މިދިޔައީ!"
ޖުމާއަށް އެހެން ބުނެލެވުމާއެކު އަތުން ފޯނު ދޫވެގެން ދިޔައެވެ. އޭރު އޭނާގެ ހިތް އޮތީ ޝައްކުން ފުނިޖެހިފައެވެ.
" އަހަރެން މިކަން ޔަޤީން ކުރާނީވެސް ކިހިނެއް؟ "
ނިތްމަތީގައި އަތް އަޅާލުމަށްފަހު، ޖުމާއަށް ފާރުގަައި ލެނގިލެވުނެވެ. އެއާއެކު ނޭވާ އަވަސްވެ މީހާ ދާހިއްލަން ފެށިއެވެ. ބިރުން ގޮސް ހިތް އަވަސް ވާން ފެށިއެވެ. ހާސްހިތަކައިގެން އެނދާ ދިމާލަށް ހިނގައިގަތް ނަމަވެސް އިށީންނާނެ ހިތްވަރެއްވެސް އޭނާގެ ކިބަޔަކު ނެތެވެ. ކުއްލިއަކަށް ޖުމާގެ ހިތަށް ސިފަވީ ޒާރާގެ ޑްރެސިންގޓޭބަލް ވަތްގަނޑުގައި އޮތް ޓެސްޓް ކިޓެވެ. ނުކަނޑާ އޮތް އިތުރު ކިޓެއް އޭނާއަށް ފެނުނު ހަނދާން ވުމާއެކު އިތުރަށް ޖުމާގެ ހިތް އަވަސްވެ ގަތެވެ.
" ނޫން ނޫން ނޫން! ދޮންތަގާތު އަހަރެން ކީކޭ ބުނާނީ؟ ދޮންތައަށް ކޮން މޫނެއް ދައްކާނީ؟ ނޫން ނޫން"
ޖުމާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެތައް އިރެއް ވަންދެން ރޯން ހުރުމަށްފަހު އޭނާ ދެއަތުން މޫނު ސާފުކޮށްލިއެވެ.
" މާހިލްއާ މިވާހަކަ ދައްކާނީ ޔަޤީން ކޮށްފައި! އަހަރެން ބޭނުން ޔަޤީން ކުރަން! "
ހިންދިރުވާލުމަށްފަހު ޖުމާއަށް ބުނެވުނެވެ. އެއަށްފަހު އަތުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު އޭނާ މަޑުމަޑުން ދޮރާ ދިމާލަށް ދިޔައެވެ. ނަމަވެސް ބޭރަށް ނިކުންނާނެ ހިތްވަރެއް ނުލިބުނެވެ. ޒާރާއާ ކުރިމަތިލާނެ ހިތްވަރެއްވެސް އޭނާގެ ކިބަޔަކު ނެތެވެ. އެހެންކަމުން ދޮރުގެ ތަޅުން އަތް ދޫކޮށްލުމަށްފަހު އަނެއްކާވެސް އެނދާ ދިމާލަށް މިސްރާބުޖެހި އިރު ދެލޯ ކަރުނައިން ތެމިއްޖެއެވެ.
***
މުއާޒް ކޮޓަރިއަށް ވަތް އިރު ޒާރާ ހުރީ މުއާޒްގެ އެއްޗެހި އިސްތިރި ކުރާށެވެ. ކޮޓަރި ދޮރު ލައްޕާލި އިރުގައިވެސް މުއާޒްގެ ނަޒަރު ހުއްޓިފައި ހުރީ ޒާރާއަށެވެ.
" އެހާ ގިނައިރު ކޮޅަށް ނުހުންނައްޗޭ! "
އޯގާތެރިކަމާއެކު މުއާޒް ބުންޏެވެ. އެއާއިއެކު ޒާރާ ލުއިގޮތަކަށް ހިނިތުންވެލިއެވެ.
" ކީއްވެ ތި ހެނީ؟ ސީރިއަސްކޮށޭ މިބުނީ! މިދުވަސްކޮޅު ޒާ ޖެހޭނީ ވަރަށް ބަލައިގެން އުޅެން"
ސޯފާގައި އިށީނދެލަމުން މުއާޒް ބުންޏެވެ. އިސްތިރިން ކަރަންޓް ކަނޑާލުމަށްފަހު ޒާރާ މިފަހަރު މުއާޒަށް ބަލައިލީ މާޔޫސްވެރި ބެލުމަކުންނެވެ. އޭނާގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނަން މުއާޒަށް ކުޑަކޮށް އުނދަގޫވިއެވެ. ނަމަވެސް ސުވާލެއް ކުރުމުގެ ކުރިން ޒާރާ އައިސް ސޯފާގައި އިށީނދެލިއެވެ.
" މުއާއަށް ތި ފެނުނީ އަހަރެން އެ ގަމީސް އިސްތިރިކުރިތަން އެކަނިތަ؟ "
ޒާރާ ދައްކަން އުޅޭ ވާހަކައެއް ނޭނގި އިނދެ މުއާޒް ދިޔައީ ޒާރާގެ މޫނަށް ނުތަނަވަސްކަމާއެކު ބަލަމުންނެވެ.
" ގޭތެރޭގެ ގިނަ މަސައްކަތްތައް އަދިވެސް މިކުރަނީ އަހަރެންދޯ! އަހަންނަށް އެނގޭ މުއާގެ މަންމައަށް އަހަރެން އިން ޙާލަތު ނޭނގޭތީކަން އެގޮތަށް އެކަން އެވަނީ! އަހަންނާމެދު މުއާ ކުޑަކޮށްވެސް ވިސްނާނަމަ މަންމަގާތު މިހާރު މިވާހަކަ ބުނާނެދޯ! ގޭތެރޭގެ ކަންތައްގަނޑުވެސް މިހާރު ހަމައަކަށް އެޅިއްޖެ! އަދިވެސް މުއާ ބޭނުންވަނީ މިކަންތައް ސިއްރު ކުރަންތަ؟ އަހަންނަށް ހީވަނީ އަހަރެން މިހެން އިނދެ ވިހާއިރުގައިވެސް މުއާ ހަމަ ތިހެން ހުންނާނީހެން.. "
ޒާރާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ނަމަވެސް އެއަޑުގައި އެކުލެވިގެންވާ ރިހުން ކިތަންމެ ރަނގަޅަކަށްވެސް މުއާޒަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން ހިނިތުންވެލަމުން މުއާޒް ޒާރާގެ އަތްތިލައިގައި ހިފާ ބާރަށް ފިތާލަމުން ބުންޏެވެ.
" އަސްލު އަހަރެން ލަދުގަންނަނީ...."
މުއާޒްގެ ޖުމްލަ އަޑު އިވުމާއެކު އޭނާގެ އަތުތެރެއިން ޒާރާ އަތް ދަމައިގަނެ ކޮޅަށް ތެދުވިއެވެ.
" އަހަރެން ހޮޑުނުލާތީ މުއާއަށް ހީވަނީތަ ބައްޔެއް ނޫނޭ! ވަރުބަލިކުރުމާ، ކާހިތް ނުވުމާ، މޫޑު އޮފްވުމަކީވެސް މާބަނޑު މީހުންނަށް ދިމާވާ ކަންތައްތަކޭ! ދުނިޔޭގެ ކެތައް އަހަރެން މިއުޅެނީ...މުއާގެ ބިޒީ ޝެޑިޔުލްއިން އަހަންނަށް ލިބެނީ ނިދަން އެނދުމައްޗަށް އަރާ ވަގުތުކޮޅު އެކަނި! ބަނޑުބޮޑުވިޔޭ ކިޔާފަ މުއާ އަހަންނަށް ދެނީ ކޮން ވަގުތެއް؟ "
ފުރަތަމަ ފަހަރަށް ޒާރާ ޝަކުވާގެ ބަސްތައް އިއްވާލުމުން މުއާޒްގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ ކުރިމަތީގައި ހުރި ޒާރާގެ ގައިގައި ފުރަގަހުން ބައްދާލަމުން މުއާޒް ވާހަކަ ދައްކަން ފެށިއެވެ.
" ޝްޝްޝް... ދެން ނުކިޔާ! ސޮރީ! އަހަންނަށް މަޢާފްކުރޭ ޒާ! ތިބުނީ ހަމަ ރަނގަޅަށޭ.. އަހަރެން ހީކުރީ ޒާ ވަރަށް ނޯމަލް ކަމަށް.. މިރޭ އަހަރެން ވަރަށް ދެރަވެއްޖެ.. ޒާއަށް އިޙްމާލް ވެވުނުކަން އިޙްސާސް ކުރެވިއްޖެ.. އެކަަމަކުދެން އެހެންނެއް ނުވާނެ! ޒާ އަހަންނާމެދު ޝަކުވާ ކުރާނެ ހަނި ފުރުޞަތެއްވެސް ދޭކަށް އަހަރެން ބޭނުމެއް ނޫން.. ޕާފެކްޓް ފިރިއަކަށް ވާން ބޭނުންވަނީ.. އެކަމަކު ޒާ މިރޭ ތި ދެއްކި ވާހަކަތަކުން އަހަންނަށް ހީވަނީ އަހަންނަކީ މިދުނިޔޭގައި ހުރި އެންމެ ނާޤާބިލް ފިރިމީހާއޭ.. އެންމެ ފަރުވާކުޑަ މީހާއޭ.. "
ތުރުތުރުއަޅާ އަޑަކުން މުއާޒް ޒާރާގެ ކަންފަތް ބުޑުގައި ދައްކަމުންދާ ވާހަކަތައް އަޑުއަހަން ޒާރާއަކަށްވެސް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އޭނާ ކުޑަކޮށް ތެޅިގަނެ، ދުރަށް ޖެހިލިއެވެ. އަދި މުއާޒަށް ކުރިމަތިލުމަށްފަހު ފަރުވާތެރިކަމާއެކު މުއާޒްގެ މޫނަށް ބަލަން ފެށިއެވެ..
" އަހަރެން ބޭނުން މިރޭ މަންމަގާތު އެވާހަކަ ދައްކަން.. އަދި ޒާއަށް މިގޭތެރެއިން ހިތްހަމަޖެހުން އޭގެ އެންމެ ފުރިހަމަގޮތުގައި ލިބެން ބޭނުން.."
ޒާރާގެ ދެއަތުގައި ހިފާލަމުން އަނެއްކާވެސް މުއާޒް ވާހަކަ ދެއްކިއެވެ. ދެންވެސް ޒާރާއަށް ހުރެވުނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން މުއާޒް ޒާރާގެ މޫނަށް ބަލައިލިއެވެ.
" އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން ޒާގެ ދުލުން ތިކަހަލަ ވާހަކަތަކެއް ބޭރުވާކަށް.. އަހަރެން ޒާދެކެ ވަރަށް ލޯބިވޭ.. ޒާ އާ ނުލައި އަހަރެންގެ ދުނިޔެ ނިމޭނެ.. އަހަންނަކަށް ހަމަޖެހުމެއް ނުލިބޭނެ.. ޒާ އަހަރެންދެކެ ފޫހިވެގެން ދުވަހަކުވެސް އަހަންނާ ދުރަށް ދާނަންތަ؟ "
މުއާޒްގެ ދެލޮލުން ކަރުނަ ވިދަން ފެށުމާއެކު ޒާރާ މުއާޒްގެ ދެއަތުގައި އަތް ޖައްސާލާ، ތިރިކޮށްލިއެވެ.
" ހާދަ ވަރަކަށް މުއާ ތި ވިސްނާލީ! އަހަރެން ކިރިޔާ އެއްޗެއް ބުނެލާއިރަށް މުއާ ކީއްވެ ތިހާ ފުންކޮށް ތި ވިސްނަންފެށީ؟ އެއީ އަހަރެން މުއާދެކެ ފޫހިވެގެން ދެއްކި ވާހަކަތަކެއް ނޫނޭ.. މިދުވަސްކޮޅު މުއާގެ ކެއަރ ވަރަށް ބޭނުން.. މުއާއަށް ވިސްނޭތޯ އެއްޗެއް ނުބުނެ މި މަޑުކުރީ! ފަހަރެއްގައިވެސް މުއާ ކުށްވެރިވެގެންނެއް ނޫނޭ މިއުޅެނީ! "
" އަހަރެން ދެން ވިސްނާނަން.. ޒާ ބޭނުން ނުވާ އެއްވެސް ކަމެއް އަހަރެން ނުކުރާނަން.. ބައްޕައާ ވާހަކަ ދައްކައިގެން ފިހާރައިގައި ހޭދަކުރާ ވަގުތުތައްވެސް މަދު ކުރާނަން.. އެކަމަކު ޒާ އަހަންނަށް ކަމެއް ކޮށްދޭން ޖެހޭނެ.."
ޒާރާގެ ކޮނޑުގައި ހިފާ، އަތުލަފިކޮށްގެން އެނދާ ދިމާލަށް ހިނގައިގަންނަމުން މުއާޒް ބުންޏެވެ. އެވަގުތު ޒާރާއަށް މުއާޒްގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލައިލެވުނެވެ.
" އަހަރެމެންނަށް ބޭބީއެއް ލިބެން އުޅޭ ވާހަކަ މަންމަގާތު ބުނަންވާނީ ޒާ! "
ލަދުން ހުރެ މުއާޒް އެހެން ބުނުމުން ޒާރާއަށް ބާރަށް ހީގަނެވުނެވެ. ޒާރާ ހޭވަރުން މުއާޒް އިތުރަށް ލަދުގަންނަ ގޮތް ވިއެވެ.
" އަހަރެން ހިއެއް ނުކުރަން މުއާ ތިހާ ލަދުގަންނަ ކަމަކަށް! "
ޒާރާގެ ޖުމްލައިން މިފަހަރު މުއާޒަށް ހިނިތުންވެލެވުނެވެ. އޭރުވެސް ޒާރާ ދިޔައީ ހެމުންނެވެ.
***
" އައްސަލާމް ޢަލައިކުމް"
ޓީވީ ތިބި ނަޖީބާއި ކަފީލާ ސިހިގެން ދިޔައީ ރުޝްދީގެ އަޑަށެވެ. ނަޖީބު އަވަސް އަވަހަށް ޓީވީގެ އަޑު މަޑުކޮށްލުމަށްފަހު ސަލާމް ބަލައިގަންނަމުން ކޮޅަށް ތެދުވިއެވެ. އެއާއެކު ރުޝްދީ އެތެރެއަށް ވަދެގެން އައިސް ސޯފާ ކައިރީ މަޑުކޮށްލިއެވެ.
" ކޮބާ ކޮން ދަތުރެއްތޯ؟"
އިށީނުމަށް އިޝާރާތް ކުރަމުން ނަޖީބު އަހާލީ ހިނިތުންވެލަމުންނެވެ. އެއާއެކު ގޭތެރޭގެ އެކި ދިމަދިމާލަށް ނަޒަރު ހިންގާލަމުން ރުޝްދީވެސް ހިނިތުންވެލިއެވެ.
" މިހެން ދަމުން ހިތަށް އެރީ ވަދެލަން.. ދެން މިހާރު މިއީ އަޅުގަނޑުގެވެސް ގެ އެއް ނޫންތޯ؟"
ގަޔާނުވާފަދަ ގޮތަކަށް ރުޝްދީއަށް ބަލަހައްޓައިގެން އިނދެ ކަފީލާ ގަދަކަމުން ހީލީ ރުޝްދީ އޭނާއަށް ނިތް އެއްލީމައެވެ.
" މާތްބަހުން ވާހަކަ ދައްކާނެ ކަމެއް ނެތޭ ދެން.. މިހާރު މިއީ އެއަށްވުރެ މާ ގާތް ބައެއްނު! ކޮބާ މާހިލް ގޭގައި ނޫޅެނީތަ؟"
މިފަހަރުވެސް ވާހަކަ ދެއްކީ ރުޝްދީއެވެ. އެއާއެކު ނަޖީބު ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.
" ނިދާފައި އެބޮތް.. ކާންވެސް ނުތެދުވި އެވަރަށް ގޮވީމަވެސް "
އަވަސް އަވަހަށް ކަފީލާ ބުނެލިއެވެ. އެއާއެކު ރުޝްދީ އަނެއްކާވެސް ހީލިއެވެ.
" އެހެންތަ؟ އަހަރެމެން ގެއަށްވެސް ނުދާތީވެ މި އަހާލީ! މާހިލްއާ ބޮޑު ވާހަކައެއްވެސް ދައްކަން ވެފައޭ އޮތީ..މިހާރު އަހަރެމެން މިއުޅެނީ މިރަށުގައި ގެސްޓްހައުސްއެއް އަޅަން ވެގެން.. އެއީ ހަމައެކަނި ރީނާގެ ވިޔަފާރިއެއް! ދެން މިހާރު ރީނާގެ އެއްޗެއްސަކީ މާހިލްގެވެސް އެއްޗެހިތާ! ކައިވެންޏަށްފަހު މާހިލް އެކަމާ އުޅެންޖެހޭނީ.. އެދެކުދިންނަށް ހިއްސާވާގޮތަށް ހެދީމަ ރަނގަޅުވާނެ އެއްނު"
ރުޝްދީ ދިން ޚަބަރުން ކަފީލާގެ ހިތް ފޮޅިގެން ދިޔައެވެ. ހައިރާންކަމާއެކު އޭނާއަށް ރުޝްދީގެ މޫނަށް ބެލެންފެށުނެވެ.
" ރީނާގެ ޙާލަތުވެސް އެނގެއެއްނުދޯ! ދެން މާހިލް ވަޒީފާއަކަށް ރަށުން ބޭރަށް ދިޔުމަކީ އެހާ ރަނގަޅުކަމަކަށް ނުވާނެ! ރީނާގާތު އަބަދުވެސް ހުރެވެންޖެހޭނެ.. އެހެންވީމަ އަމިއްލަ ވިޔަފާރިއެއް ފަށައިދޭން އަހަރެން މި ގަސްތުކުރަނީ.. އެކަމަށް އިންވެސްޓްކުރަނީވެސް އަހަރެން.. އަދި މަންމައާއި ބައްޕަގެ ފައިސާއިން ރީނާއަށް ލިބެންޖެހޭބައިވެސް އޭގެތެރޭގައި ހިމަނަން ރީނާ ބޭނުންވޭ.. "
ބޯޖަހާލަޖަހާލާ ނަޖީބު އިނީ ރުޝްދީގެ ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގިފައެވެ. އޮލަ ވާހަކައިގައި ތިއްބާ، ކުއްލިއަކަށް ޖުމާގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށް އެންމެންނަށް އެއްފަހަރާ ބަލައިލެވުނީ އެދިމާލަށެވެ. ބޭރަށް ނިކުތް ޖުމާއަށް ރުޝްދީގެ ހިނިތުންވެފައިވާ މޫނު ފެނުމާއެކު އަނެއްކާވެސް އެތެރެއަށްވަދެ ދޮރު ލެއްޕިއެވެ. އެމަންޒަރު ވެގެން ދިޔައީ ކަފީލާގެ ހިތަށް އުނދަގޫ ކުރުނިވި މަންްޒަރަކަށެވެ. ކުރީ ދުވަހެއްގައި ރުޝްދީއާއި ޖުމާ އަތާ އަތްޖޯޑުކޮށްފައިތިބި ހަނދާން ވުމާއެކު ކަފީލާއަށް އެއްޗެއް ނުބުނެ އިންނަން އުނދަގޫވިއެވެ..
" ރުޝްދީ ފެނިގެންދޯ ޖުމާ އެތެރެއަށް އެވަނީ"
ކަފީލާ އެހެން ބުނުމާއެކު ލަދުން ކަހަލަ ގޮތަކަށް ރުޝްދީއަށް އިސްޖަހާލެވުނެވެ.
" ރުޝްދީ ޖުމާ ދަންނަންތަ؟ "
ނަޖީބު އަހާލިއެވެ. އެއާއެކު ރުޝްދީއަށް ޖަވާބެއް ނުދެވި އުޅެނިކޮށް ޒާރާއާއި މުއާޒްވެސް ސިޓިންގރޫމަށް ނިކުމެއްޖެއެވެ. އެއާއެކު ރުޝްދީ ކޮޅަށް ތެދުވީ އަތުގައި އޮތް ފޯނުން ގަޑި ބަލައިލަމުންނެވެ.
" އަހަރެން ދެން ދަނިއްޔޭ.."
އަތުގެ އިޝާރާތުން މުއާޒަށް ހަނާ އަޅާލަމުން ރުޝްދީ ބޭރަށް މިސްރާބު ޖެހިއެވެ. ރުޝްދީ ނިކުމެގެން ދިޔުމާއެކު ކަފީލާ ނަޖީބަށް ބަލައިލިއެވެ. އޭރު ޒާރާއާއި މުއާޒްވެސް އައިސް ސޯފާގައި އިށީނެވެ.
" ހީވޭތަ އެއީ ތެދު ވާހަކަތަކެއްހެން؟"
ކަފީލާގެ ސުވާލަށް ނަޖީބު ޖަހާލީ ހިނިގަނޑެކެވެ.
" ކީކޭ ބުނާނީ؟ ނޭނގެދޯ! ރީނާއަށްޓަކައި އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ"
ނަޖީބުގެ ޖަވާބުން ކަފީލާ ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" މާހިލްއަށް އެއްބައި ދޭނެ ވާހަކަ ބުންޏެއްނު.. "
އަޑުއަހަން ތިބި ޒާރާއާއި މުއާޒަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ. ރުޝްދީ ދެއްކި ވާހަކަތައް އޮޅުންފިލުވަން ބޭނުންވި ނަމަވެސް މުއާޒަށް އެއްވެސް ސުވާލެއް ކުރާކަށް ނުކެރުނެވެ.
" އެހެން ބުންޏަސް ނުދޭނެ.. ކާކު ދޭނީ؟ ދަރިފުޅަށް އެނގޭތަ ރުޝްދީ ދެންމެ ދެއްކި ވާހަކަތަކެއް؟ "
ނަޖީބު މުއާޒަށް ބަލައިލަމުން ބުންޏެވެ. މުއާޒް ދެފަރާތަށް ބޯ ހޫރާލުމުން ރުޝްދީއާ ދެކެވުނު ވާހަކަތައް އޭނާ ހިއްސާ ކުރިއެވެ. އެއާއެކު މުއާޒަށްވެސް ހެވުނެވެ. ނަމަވެސް ރައްދުގައި އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ.
" ދެން އެވާހަކަ ބާއްވާ! މިހާ ދަންކޮށްފައި ތަނަކަށް ދާންތަ ތި ނިކުތީ؟"
ޒާރާއަށް ބަލައިލަމުން ކަފީލާ އެހިއެވެ. އެއާއެކު ލަދުރަކި ގޮތަކަށް ހިނިތުންވެލަމުން ޒާރާ ބޯ ހޫރާލިއެވެ.
" މަންމަމެންނަށް އުފާވެރި ޚަބަރެއް ދޭންވެގެން..."
ހެވިފައި އިނދެ ޒާރާ އެހެން ބުނުމާއެކު ކަފީލާއަށް އެނގިއްޖެއެވެ. އެހިނދު އޭނާގެ މޫނުމަތީގައި އުފާވެރި ހިނިތުންވުމުގެ އަސަރުތައް ކުޅެލިއެވެ.
" މަންމައަށް އިއްޔެ ހީވެސްވެއްޖެ ޒާރާއަށް ކޮންމެވެސް ބަދަލެއް އަންނަހެން.. އަހާލަންވެސް އުޅުނިން.."
ހެވިފައި އިން ނަޖީބަށް ބަލަން އިނދެ ކަފީލާ ބުނެލިއެވެ.
" މިއަދުތަ އެނގުނީ؟ "
އަނެއްކާވެސް ކަފީލާ އެހިއެވެ.
" ނޫން! މިހާރު މަހެއް ވާން ކައިރި ވެއްޖެ"
ޒާރާ އެހެން ބުނުމާއެކު ކަފީލާގެ ދެލޯ ބޮޑުވެގެން ދިަޔއެވެ.
" ކީއްވެ ދެން ނުބުނީ؟ ދަރިފުޅު ހާދަ ބުރަކޮށޭ ތި އުޅުނީވެސް.. ސުބްޙާނަﷲ! އަަހަރެންގެ މާމަ ދަރިފުޅަށް ގެއްލުމެއް ނުވިކަން ނަސީބެއްނު.. މީގެ ފަހުން ދަރިފުޅު ނުވާނެ ހެނދުނު ކޮޓަރިންވެސް ނިކުމެގެންނެއް.. އަރާމުކުރަން ޖެހޭނީ.."
އިންތަނުގައި ނީނދެވިގެން ކަފީލާ އައިސް ޒާރާއާއި ދާދި ގާތުގައި އިށީނދެއްޖެއެވެ. އޭނާއަށް ލިބިފައިވާ އުފާވެރިކަން ފެނި ނަޖީބަށްވެސް އިތުރަށް ހިނިތުންވެވުނެވެ. އޭރުވެސް މުއާޒް އިނީ ލަދުގަނެފައި އަނގައިންވެސް ބުނަން ނުކެރިފައެވެ.
" ޖުމާއަށް އެނގިއްޖެތަ؟ ދެންމެ ބޭރަށް ބޯ ދިއްކޮށްލާފައި އެތެރެއަށް ވަދެއްޖެ.. އެމަންޖެވެސް މިހާރު އެއްގޮތަކަށްވެސް ނުކައި އުޅެނީ.. އަބަދު ކިޔަވަނީތަ؟"
ކަފީލާ އެހެން ބުނެލުމާއެކު ޒާރާއަށް ކޮޅަށް ތެދުވެވުނެވެ. އަދި ހައިރާންކަމާއެކު ޖުމާގެ ކޮޓަރިއަށް ބަލައިލެވުނެވެ.
" ޖުމާ ހޭލާތަ އުޅެނީ؟ އެބަ އަންނަން ވަދެލާފައި"
އެހެން ބުނުމަށްފަހު ޒާރާ ހިނގައިގަތެވެ. ދިޔަގޮތަށް ގޮސް ދެފަހަރަކު ޓަކި ޖަހާލުމަށްފަހު އޭނާ ޖުމާއަށް ގޮވާލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޖުމާ ދޮރު ހުޅުވި އިރުގައިވެސް އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ފެން ފައިބަމުންދެއެވެ. ކަންބޮޑުވެފައި ޒާރާ އެތެރެއަށް ވަނުމާއެކު ޖުމާ ކޮޓަރީގެ ދޮރު ތަޅުލައިފިއެވެ. އަދި ބާރުބާރަށް ގޮސް ފާޚާނާ ދޮރު ލައްޕާލިއެވެ.
" ކިހިނެއްވީ؟ ހާދަ ފާޑަކަށް ތިހުރީ؟ ރޮނީތަ؟ "
ޒާރާގެ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތެއް ނޭނގި ހުރެ ޖުމާ އެނދުމަތީ އިށީނދެލީ ކަންބޮޑުވެ އިނދެއެވެ.
" ހޮޑު ލެވެނީ"
އިސްޖަހާލަމުން ޖުމާ ބުންޏެވެ. އެއާއެކު ޒާރާ ވެސް އެނދުގައި އިށީނދެލިއެވެ.
" ދެންމެތަ ލެވެން ފެށީ؟ އެހެންވެ ނުގުޅާ ތި ހުންނަނީ؟ ބޭސްކާން ޖެހޭނެއެއްނު.. ދިޔާ އެއްޗެހިވެސް ބޯން ޖެހޭނެ.. އެހެން ނޫނީ ވަރަށް ވަރުދެރަވާނެ.. މިހާރު ކިތައް ފަހަރު ލައިފިން؟"
ޒާރާގެ ވާހަކަ ހުރިގޮތުން އޭނާ ވިސްނާފައި ހުރީ ރޯގާއެއްކަމުގައި ކަން ޖުމާއަށް އެނގުނެވެ. ސާފުކޮށް ބުނަން ނުކެރޭ ހާލު، ޖުމާ އިނީ ދުލުގައި ކަސްތޮޅު އެޅިފައެވެ.
" މިރޭ ލެވެން ފެށީ! ދެތިން ފަހަރު ލައިފިން.."
" އާހ؟ ދެތިން ފަހަރޭ! ހިނގާ ދާން ހޮސްޕިޓަލަށް. އޭރުން ރަނގަޅު ބޭހެއްވެސް ލިބޭނީ"
ޖުމާގެ އަތުގައި ހިފުމަށްފަހު ޒާރާ ބުންޏެވެ. އެއާއެކު ޖުމާ މޫނު އަނބުރާލަމުން ޒާރާގެ އަތް ފޮޅުވާލިއެވެ. ޖުމާގެ އެ ހަރަކާތްތަކުން ޒާރާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.
" މިއީ ތި ހީކުރާ ކަހަލަ ރޯގާއެއް ނޫނޭ"
ޖުމާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
" ދެން؟ ނުގުޅޭ އެއްޗެއް ކެވުނީތަ؟ އެލަރޖިކެއް ވިޔަސް ރަނގަޅުވާނީ ޑޮކްޓަރަށް ދިޔައީމައެއްނު"
އަދިވެސް ޒާރާއަށް ފަހުމު ނުވާކަން ޖުމާއަށް އެނގުނެވެ. ވާނީވެސް އެހެންނެވެ. ޖުމާއާމެދު އެބީދައިން ޒާރާ ދުވަހަކުވެސް ނުވިސްނާނެކަން ޖުމާއަށް ހަމަ ރަނގަޅަށް އެނގެއެވެ.
" ދޮންތާ! މިއީ އެލަރޖިކެއްވެސް ނޫނޭ.."
ތަންކޮޅެއް ބާރަށް ޖުމާ ބުނެލިއެވެ. އެއާއެކު ޒާރާއަށް ދޫ ބަންދުކުރަން މަޖުބޫރުވިއެވެ. ބަސްހުއްޓިފައި އިރުކޮޅަކު އިނދެވުނީ ޖުމާ ރޯން ފެށުމުންނެވެ. އެހިނދު ޒާރާގެ ހިތުގައި ބިރުވެރިކަމުގެ ރޮނގެއް ކުރެހުނެވެ.
" ދެން؟ ކީކޭ ބުނަން ތިއުޅެނީ؟ ކިހިނެއް ވެގެން މިއުޅެނީ؟"
ހަރަކާތެއްނެތި އިނދެ ޒާރާ އެހިއެވެ. އެއާއެކު ޖުމާ އިސްޖަހާލުމަށްފަހު ނޭފަތް ދަމާލިއެވެ. އަދި ޒާރާގެ މޫނަށް ބަލައިލީ ތުރުތުރުއަޅާ ޙާލުގައި އިނދެއެވެ.
" އަހަރެން... އަހަރެން.... އަހަރެން....."
ބުނަން އުޅުނު ޖުމްލަ ނުބުނެވިގެން ޖުމާއަށް އަނެއްކާވެސް ރޮއިގަނެވުނެވެ.
" ބުނެބަލަ! ބުނެބަލަ! "
ޒާރާ ބުނީ ކުރިއަށްވުރެ ބާރަށެވެ. އެއާއެކު ޖުމާ ފުންމައިގެން ތެދުވެ ތަންކޮޅެއް ދުރަށް ހިނގައިގަތެވެ.
" އަހަރެން.. ބަނޑުބޮޑުހެން ހީވަނީ.."
" އޭނ؟ "
ޒާރާއަށްވެސް ކޮޅަށް ތެދުވެވުނީ ޤަބޫލުކުރަން ބޭނުން ނުވާ ފަދަ ގޮތަކަށެވެ.
ނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!