ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށާއި، އެކަން ކުރަނީ ސަރުކާރުން ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވަންކަމަށް އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފިއެވެ.
އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން ވަކިކުރަމުން އަންނަކަމަށެވެ. އެހެންވެ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށް އެ ޕާޓީން ބުންޏެވެ.
ރިޔާސީ ކެމްޕެއިންގައި ސަރުކާރުގެ ވަޒީފާއެއްގައި ހުރި އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކުރާނެކަމަށް މި ސަރުކާރުން ވަޢުދުވެފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އެހެންނަމަވެސް, މި ސަރުކާރަށް 60 ދުވަސް ނުވަނީސް ރައްޔިތުންނަށްވި ވައުދާ ކަނޑައެޅިގެން ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގައި ތިބ ''އެތައް ސަތޭކަ މުވައްޒަފުންނެއް'' އެމީހުންގެ ވަޒީފާތަކުން ވަކިކުރަމުން އަންނަކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
''ސަރުކާރުން މިފަދައިން ނިންމީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދެކެމެވެ. ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސްއަޅާ އެ ހައްގުން މަހުރޫމުކުރުމަށް އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫނެވެ.'' އެމްޑީޕީން ބުނެފަވެއެވެ.
ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށާއި އަދި މިހާތަނަށް ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތައް ވަޒީފާތައް އިއާދަކޮށްދިނުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!