ކުރީގެ އަދަދާއިގުޅޭ:

" އަހަރެން.. ބަނޑުބޮޑުހެން ހީވަނީ.."

Ad
rt

" އޭނ؟ "

ޒާރާއަށްވެސް ކޮޅަށް ތެދުވެވުނީ ޤަބޫލުކުރަން ބޭނުން ނުވާ ފަދަ ގޮތަކަށެވެ. އެއާއެކު ހަރަކާތްތައް ހުއްޓިފައި އޭނާއަށް ހުރެވުނީއެވެ. އޭރު ޖުމާ ހުރީ ޒާރާއަށް ފުރަގަސްދީގެން ކޮޓަރީގެ ފާރުގައި ބޯ ޖައްސާލައިގެންނެވެ.

" ކީއްވެ ބަނޑުބޮޑު ވާންވީ؟ "

ޒާރާގެ ދެތުންފަތް ތުރުތުރުއަޅާ ޙާލު އޭނާއަށް ސުވާލު ކޮށްލެވުނީ އަމިއްލަ ނަފްސާއެވެ. ލޯބިވާ ކޮއްކޮ އެފަދަ މުޑުދާރު ޢަމަލެއް ހިންގަފާނެކަމަށް ފަހަރެއްގައިވެސް ޒާރާ ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ޒާރާގެ ސިކުނޑީގައި އުފެދެމުންދާ ޚިޔާލުތައް ބާރުބާރަށް އެނބުރެން ފެށުމާއެކު ޒާރާއަށް ދެލޯ މަރާލެވުނެވެ. އަދި ހިންދިރުވާލުމަށްފަހު ފަޔަށް ބާރުލައިފައި ޖުމާއާ ދިމާލަށް ހިނގައިގަތެވެ. ޖުމާގެ އަތުގެ މުލައްދަނޑީގައި ހިފުމަށްފަހު ޒާރާއާ ދިމާލަށް ޖުމާ އަނބުރާލި އިރުގައިވެސް ޖުމާ ގިސްލަމުންދެއެވެ.

" ތެދަށް ބުނޭ! ޖުމާ... ޖުމާ ބަނޑުބޮޑު ވެދާނެތަ؟ "

ދެލޯމަރައިގެން ދިޔަ ޖުމާއަށް ބޯ ޖަހާލެވުނީވެސް ކުޑަ އިރުކޮޅެއް ފަހުންނެވެ. އެއާއެކު ޒާރާ ޖުމާގެ އަތުން ދޫކޮށްލުމަށްފަހު ފަހަތަށް ޖެހިލިއެވެ. އަދި ދެއަތުން އަނގަމަތީގައި އަތްއަޅާ ފިއްތާލުމަށްފަހު ރޯންފެށިއެވެ.

" ދޮ..ދޮން...ތާ! "

ޒާރާ ރޮމުންދާ މަންޒަރު ބަލަން ޖުމާއަށް އުނދަގޫވި ކަހަލައެވެ. ނަމަވެސް ޖުމާ އޭނާއާ ދިމާލަށް އަންނަން ފެށުމުން ޒާރާ އަތުގެ އިޝާރާތުން އެދުނީ އިތުރަށް ކުރިއަށް ނައުމަށެވެ. ރުޅިވެރިކަމާއެކު ޖުމާއަށް ބަލައިލަމުން ޒާރާ ދެއަތުން މޫނު ސާފުކޮށްލުމަށްފަހު ނިކުންނަން ހިނގައިގަތެވެ. އެއާއެކު ޖުމާ ހުރިތަނަށް ތެދުވެ ކުރިއަށްވުރެ ގަދަޔަށް ރޯން ފެށިއެވެ.

ނިކުމެގެން ދިޔަ ޒާރާ ގޮސް ކޮޓަރިއަށް ވަތްއިރު މުއާޒް އުޅެނީ ފާޚާނާގައެވެ. ލަސްކުރުމެއްނެތި އޭނާ ގޮސް ޑްރެސިންގޓޭބަލްގައި އޮތް ޕްރެގްނެންސީ ޓެސްޓް ކިޓް ނަގައި އަނެއްކާވެސް އެނބުރި ޖުމާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.

" އަނ! މިހިފައިގެން ވަދެފަ ހަމަ މިހާރު ޓެސްޓު ކުރޭ! "

މީގެ ކުރިން ދުވަހަކުވެސް ޒާރާގެ އަނގައިން ބޭރުނުވާހާ ހަރުކަށި ރާގަކަށް ޒާރާ ބުންޏެވެ. އެއާއެކު އިސްއުފުލައިލަމުން ޖުމާ ތެދުވަން މަސައްކަތް ކުރިއެވެ. ކިތަންމެ އުނދަގުލުން އޭނާ ތެދުވި ނަމަވެސް ޒާރާ ހުރީ ޖުމާގެ ގައިގައި އަތްޖައްސާލަންވެސް ބޭނުން ނުވެފައެވެ.

" އަވަސް ކުރާތި! "

ތެޅިތެޅި އޮތް ހިތަކައިގެން ޖުމާ ކިޓުގައި ހިފުމާއެކު ޒާރާ ރުޅިއައިސްހުރެ ބުންޏެވެ. އެއަށްފަހު އޭނާ ޖުމާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ފާހާނާ ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. އޭރު އޭނާ ހުރީ ދާހިއްލާ ފޯވެ، ނޭވާ އަވަސްވާން ފަށާފައެވެ. ފާޚާނާ ދޮރު ހުޅުވުމާއެކު، ޖުމާގެ އަތުގައި އޮތް ކިޓް ޒާރާ ޖަހައިގަތެވެ.

" ޖުމާ؟"

ޕޮޒިޓިވް ކިޓް ފެނުމާއެކު އެއް އަތުން ނިތްމަތީގައި އަތް ޖައްސާލަމުން ޒާރާއަށް ބުނެވުނެވެ.

" ކީއްތިކުރީ ޖުމާ؟ "

އަނެއްކާވެސް ޒާރާއަށް ބުނެވުނެވެ. އޭރުވެސް އޭނާގެ އެތެރެހަށި ރުޅި އައިސްގެން ފިހެމުންދެއެވެ. ޖުމާއަށް ފުރަގަސް ދިނުމަށްފަހު ޚަރަކާތެއްނެތި ޒާރާ ހިނގައިގަތެވެ. އަދި މަޑުމަޑުން ގޮސް މުށިތައްމަތީގައި އިށީނދެ އެނދުގައި ބޯ ޖައްސާލިއެވެ. އެއާއެކު ޖުމާވެސް މަޑުމަޑުން ގިސްލަމުން ތިރީގައި އިށީނދެ ފާރުގައި ލެނގިލިއެވެ. އޭރު އޭނާ ހުރީ ރޮއިރޮއި ދެލޮލުން ކަރުނަ ހުސްވާވަރު ވެފައެވެ.

" އެއީ ކާކު؟ "

ދުރަށް ބަލަހައްޓައިގެން އިނދެ ޒާރާ އެހިއެވެ. އެއާއެކު ސިހިފައި ޖުމާއަށް ޒާރާގެ މޫނަށް ބަލައިލެވުނެވެ. ނަމަވެސް ޒާރާ އިނީ ޖުމާއަށް ބަލައިލަންވެސް ބޭނުން ނުވެފައެވެ.

" ކާކު؟ "

އަނެއްކާވެސް ޒާރާ އެހިއެވެ. އެއާއެކު ޖުމާ ދެކަކުލުގައި ބޯ ޖައްސާލިއެވެ. މާހިލްގެ ނަން ބުނާނެ ހިތްވަރުވެސް އޭނާގެ ކިބައިގައި ނެތް ކަހަލައެވެ.

" އެއީ... އެއީ.. މާހިލް! "

ކަކުލުގައި ބޯ ޖަހައިގެން އިނދެ ޖުމާ އެހެން ބުނުމާއެކު ޒާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ސިހިފައި ޖުމާއަށް ބަލައިލެވުނީ ނޭވާ ހިފަހައްޓާލައިގެން އިނދެއެވެ. އަވަސް އަވަހަށް ތެދުވެ އޭނާ ގޮސް ޖުމާގެ ކުރިމަތީގައި ކުޑަކަކޫ ޖެހިއެވެ. އަދި ޖުމާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތީ ބިރުގަނެފައި އިނދެއެވެ.

" ޖުމާއަށް އެނގޭތަ ތިބުނެވުނީ ކާކުގެ ނަމެއްކަން؟ ދޮގު ނަހަދާ ބުނޭ! މާހިލްތަ ހަމަ؟ "

ދެލޯ ބޮޑުކޮށްގެން އިނދެ ޒާރާ އަހަމުންދާ ވަރަކަށް ޖުމާގެ ދެތުންފަތް ފިތެމުންދެއެވެ. އަނގައިން ނުބުނެވިގެން އޭނާ އަވަސް އަވަހަށް ބޯ ޖަހަމުން ދިޔައެވެ.

" ކިޔައިދީ! ހުރިހާ އެއްޗެއް ކިޔައިދީ! "

ޒާރާގެ ބާރު ޖުމްލައާއެކު ޖުމާ އަނެއްކާވެސް ބޯ ޖަހާލިއެވެ. އަދި ހަމަޖެހެން ކުޑަ ވަގުތުކޮޅެއް ނެގުމަށްފަހު މާހިލްއާ ދެމެދު އުފެދުނު ލޯބީގެ ގުޅުމުގެ ވާހަކަ ޒާރާއަށް ކިޔައިދިނެވެ.

" ކީއްވެ އަހަރެންގާތު ނުބުނީ؟ މިގޭތެރޭގައި ތިވަރުގެ ބޮޑުކަމެއް ހިނގައިގެންދާއިރު ޖުމާ އަހަންނަށް ތި ސިއްރުކުރީ؟"

ރުޅި އައިސް އިނދެ ޒާރާ ބުންޏެވެ. އެއާއެކު އާދޭހުގެ ނަޒަރަކުން ޖުމާ ޒާރާއަށް ބަލައިލިއެވެ.

" ތިގުޅުމުގެ ވާހަކަ އަހަރެންގާތު ބުނިނަމަ ތިކަން ހުއްޓުވީމުސް.. މާހިލަކީ މީހަކާ އިނދެގެންވެސް އުޅެވޭ ވަރުގެ މީހެއް ނޫނޭ.. ޖުމާއާ މާހިލް ގުޅެން އަހަރެން ދެކޮޅުވެސް ހެދީމުސް.. އެކަމަކު... އެކަމަކު... ޖުމާ! އަހަރެން ދުނިޔެއަށް ދައްކާނީ ކޮން މޫނެއް؟ ބައްޕަ...."

ބައްޕަމަތިން ހަނދާންވުމާއެކު ޒާރާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހާލި އަޑަށް ދެމީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ޒާރާއަށްވުރެ ބޮޑަށް ޖުމާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ.

" ޒާ! "

ބޭރުން އިވުނީ މުއާޒްގެ އަޑެވެ. އެއަޑު އިވުމާއެކު ޒާރާ ފުންމައިގެން ތެދުވެ ބާރުބާރަށް ދުވެފައި ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ދޮރުމަތީގައި ހުރި މުއާޒަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ޒާރާ ހުރި ޙާލަތު ފެނި މުއާޒަށް އެތެރެއަށް ނަޒަރު ހިންގާލެވުނީ ކަމެއް ވެގެން އުޅޭކަން ޔަޤީން ކުރެވޭ ޙާލުގައެވެ. ދޮރުމަތީގައި ހުރި މުއާޒްގެ މޭގައި ޒާރާ ބޯ ޖައްސާލުމަށްފަހު ގިސްލާން ފެށިއެވެ. އެއާއެކު މުއާޒް އަވަސް އަވަހަށް ޒާރާ ގޮވައިގެން ޖުމާގެ ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އޭރުވެސް ޖުމާ އިނީ މުށިތައްމަތީގައި ޖެހި ބުދެއް ފަދައިންނެވެ.

" ކިހިނެއްވީ؟ "

ލޯތްބާއެކު މުއާޒް ސުވާލުކޮށްލީ ޒާރާގެ މޫނުމަައްޗަށް ފައިބައިފައިހުރި އިސްތަށިތައް ރީތިކޮށްލަމުންނެވެ.

" މުއާ! މުއާ! ޖުމާ...."

އިސްއުފުލައިގެން ހުރެ ޒާރާ މަސައްކަތްކުރަމުން ދިޔައީ އެވާހަކަ އޭނާއަށް ބުނެވޭތޯއެވެ. ނަމަވެސް މުއާޒްގާތު ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެއަށްވުރެ ޒާރާވަނީ މާ ބޮޑަށް ހިތުގައި ޖެހިފައެވެ.

" ޖުމާއަށް ކިހިނެއްވީ؟ "

މުއާޒް ޖުމާއަށް ބަލައިލަމުން ސުވާލު ކުރީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގައި ހުރެއެވެ. ލަދުން އިސްއުފުލާލަން ނުކެރި އިން ޖުމާއަކަށްވެސް އެއްޗެއް ނުބުނެވުނެވެ.

" ޒާ ފުރަތަމަ ހަމަޖެހިލަބަލަ! އަހަރެން ވަރަށް ކަންބޮޑުވޭއެބަ! "

މުއާޒްގެ ޖުމްލައާއެކު ޒާރާ ކުޑަކޮށް މައިތިރިވިއެވެ. އަދި މުއާޒްގެ އަތުގައި ހިފަމުން އިސްއުފުލާލިއެވެ.

" ޖުމާ... ޖުމާ... ބަނޑުބޮޑު!"

ދެލޯމަރާލަމުން ޒާރާ އެހެން ބުނުމާއެކު މުއާޒަށް ބަލައިލެވުނީ ޖުމާއަށެވެ. އިތުރަށް އެއްޗެއް ބުނަން ނުކެރިފައި ހައިރާންވެ އޭނާއަށްވެސް ހުރެވުނީއެވެ.

" އެނގޭތަ ކާކުގެ ދަރިއެއްކަން؟ "

ވަރުދެރަވެހުރެ ޒާރާ ސުވާލުކޮށްލުމުން މުއާޒް ދެފަރާތަށް ބޯ ހޫރާލިއެވެ. މާހިލްގެ ނަން މުއާޒްގާތު ބުނަން ޖެހިލުންވަނީ މުއާޒް މާހިލްދެކެ ވާ ލޯބި ޖުމާއަށް އެނގޭތީއެވެ. މުއާޒްގެ ދެއަތްތިލައިގައި ކުރިއަށްވުރެ ބާރަށް ހިފަހައްޓާލުމަށްފަހު ޒާރާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" އެއީ.. އެއީ މާހިލްގެ "

މާހިލްގެ ނަން އިވުމާއެކު މުއާޒަށް ޒާރާގެ އަތުގެ ތެރެއިން އޭނާގެ ދެއަތް ދަމައިގަނެ ފަހަތަށް ޖެހެވުނެވެ. އޭރު މުއާޒްގެ މޫނުމަތީގައި ކުރިއަށްވުރެން ބޮޑަށް އުދާސްކަން ވެރިވެފައިވާތަން ޒާރާއަށް ފެނުނެވެ. ޖުމާ އޭރުވެސް އިނީ ނުހަނު މަޑުންނެވެ. މުއާޒްގެ އަމަލުތަކުން ޒާރާގެ ހިތަށް ވަރަށް ތަދުވިއެވެ. ހައިރާންވެފައި ހުރެ މުއާޒް ދިޔައީ ޖުމާއަށް ބަލަމުންނެވެ.

" މާހިލް؟ "

މުއާޒްގެ އަޑު ނުނިކުތް ނަމަވެސް އޭނާގެ ދެތުންފަތް ހަރަކާތްކޮށްލިތަން ޒާރާއަށް ފެނުނެވެ. އެހެންކަމުން ޒާރާ ބޯ ޖަހާލިއެވެ.

" ނުވާނެ އެހެންނެއް! ނުވާނެ... އަހަރެން ޤަބޫލެއް ނުކުރާނަން.."

ހަރުކަށިކަމާއެކު މުއާޒް އެހެން ބުނުމުން ޒާރާއަށް ލިބުނީ ބޮޑު ސިހުމެކެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ޒާރާ މުއާޒަށް ބަލަމުން ދިޔައީ ހާސްކަމާއެކުގައެވެ.

" މާހިލަކީ އެކަހަލަ ކުއްޖެއް ނޫން.. ޖުމާ ތެދަށް ބުނޭ! މާހިލްތަ ހަމަ؟ "

މުއާޒް ޖުމާއަށް ބަލައިލަމުން އެހެން ބުނުމާއެކު ޖުމާ ބޯ ޖަހާލިއެވެ. ނަމަވެސް އަދިވެސް މުއާޒް ހުރީ އެވާހަކަ ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ. ތެޅިގަނެފައި އޭނާ އަވަސް އަވަހަށް ޖީބުން ފޯނު ނަގާ މާހިލްގެ ފޯނަށް ގުޅިއެވެ. އެ އަވަސް ޚަރަކާތްތަކަށް ބަލަން ހައިރާންވެފައި ޒާރާއަށް ހުރެވުނީ ބަސްހުއްޓި ހަރަކާތްވެސް ހުއްޓިފައެވެ.

" ޖުމާގެ ކޮޓަރިއަށް އައިސް ވަދެބަލަ! "

މާހިލް ފޯނު ނެގުމާއެކު މުއާޒް ތަންކޮޅެއް ބާރަށް ބުންޏެވެ.

" މިބުނީ މިކޮޓަރިއަށް ވަންނާށޭ އައިސް"

ކުރިއަށްވުރެ ބާރަށް މުއާޒް ބުނެލި އަޑަށް ޒާރާވެސް ދިޔައީ ސިހިގެންނެވެ. އޭރުވެސް ނުރުހުންވެ ހުރެ މުއާޒް ދިޔައީ ޒާރާގެ މޫނަށް ބަލަމުންނެވެ. އިސާހިތަކު މާހިލް އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. އެތެރެއަށް ވަދެގެން އައި މާހިލަށް އެންމެންގެ މޫނުތައް ފެނި ހައިރާންކަން ލިބުނެވެ. ބިއްޖެހިފައި އިން ޖުމާ ފެނި އޭނާގެ ހިތަށް ތަދުވި ނަމަވެސް ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށްޓަކައި އޭނާ ފުރަތަމަވެސް ހުއްޓުނީ މުއާޒްގެ ކުރިމަތީގައެވެ. މާހިލް އައިސް ވަނުމުންވެސް ޖުމާ އިސް އުފުލައި ބަލައެއް ނުލިއެވެ.

" ދޮންބޭ؟ ކީއްވީ؟"

" ޖުމާ ބަނޑުބޮޑު! "

ފަރުވާތެރިކަމާއެކު މާހިލްގެ މޫނަށް ބަލަހައްޓައިގެން ހުރެ މުއާޒް ބުންޏެވެ. އެއާއެކު ހައިރާންވެފައި ހުރެ މާހިލަށް ޖުމާގެ މޫނަށް ބަލައިލެވުނެވެ. ނަމަވެސް ދުރަށް މޫނު އަނބުރާލައިގެން އިން ޖުމާގެ އެއްވެސް ޚަރަކާތެއް ނެތް ކަހަލައެވެ.

" ޖުމާ؟ "

ސުވާލުގެ ނަޒަރަކުން މާހިލަށް ބަލައިލެވުނީ ޒާރާގެ މޫނަށެވެ.

" ހޫމް! ޖުމާ ބުނަނީ މާހިލްގެ ދަރިއެކޭ! "

ދެވަނަ ފަހަރަށް މުއާޒް ވާހަކަ ދެއްކިއެވެ. އެއާއެކު މާހިލްގެ ހިތް ގުޑައިގެން ދިޔަ ނަމަވެސް މުއާޒްގެ މޫނުމަތީގައިވާ ރުޅިވެރިކަމާއި ހާސްކަންފެނި އޭނާއަށް އެއްބަސްވާކަށް ނުކެރުނެވެ.

" ވަޓް؟ އަހަރެން؟ އަހަންނޭ؟ "

ހައިރާންކަމާއި ރުޅިވެރިކަން އެކުލެވިގެންވާ ރާގަކަށް އެހެން ބުނުމަށްފަހު މާހިލް ބޯ އަރިކޮށްފައި ޖުމާއަށް ބަލައިލިއެވެ. އެއާއެކު ސިހިފައި ޖުމާއަށްވެސް ބަލައިލެވުނެވެ. ރަތްވެފައިވާ ޖުމާގެ ދެލޯ ފެނި މާހިލްގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރުވިއެވެ. ނަމަވެސް އިޙްސާސްތައް އެތެރެއަށް ހިންދާލުމަށްފަހު މާހިލް އިސްކުރީ ރުޅިވެރިކަމެވެ.

" އަހަރެން ނޫން އެހެން މީހެއްގެ ނަން ބުނެލިނަމަ! މިގޭ އެއްވެސް މީހަކު ދުށިންތަ އަހަރެން ޖުމާއާ ވާހަކަ ދައްކާތަންވެސް.. ދައްތަގެ ކޮއްކޮވީމަ އަހަރެން ޖުމާއަށްވެސް ވަރަށް ޤަދަރުކުރިން... އެކަމަކު... "

މާހިލް ދެރަވެފައި ހުރެ މުއާޒްގެ މޫނަށް ބަލައިލިއެވެ. އެއާއެކު މަޑުމަޑުން ޖުމާ ތެދުވެގެން އަންނަތަން އޭނާއަށް ފެނުނެވެ. ޖުމާ އައިސް މާހިލްގެ އަތުގައި ހިފަން އަތް އުފުލާލުމާއެކު މާހިލް ދުރަށް ޖެހިލިއެވެ.

" ދޮގު ނުބުނޭ! "

މާހިލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުން ޖުމާ އެދުނެވެ. އެއާއެކު މާހިލް ބަލައިލީ މުއާޒަށެވެ.

" ދޮންބެ އަހަރެން ބުނީމަ ޤަބޫލުކޮށްބަލަ! އަހަންނާ ޖުމާއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ! "

މާހިލް އިންކާރު ކުރުން ވެގެން ދިޔައީ ޖުމާއަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމަކަށެވެ. ދެރަވެފައި ހުރެ އޭނާ ޒާރާގެ މޫނަށް ބަލައިލުމާއެކު ޒާރާ އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލައިލިއެވެ. ޖުމާއާ ހަތަރުކަޅި ބައްދަލްކުރާނެ ހިތްވަރެއް އޭނާގެވެސް ނެތެވެ. އޭރު ދެއަތް އުރާލައިގެން ހުރި މުއާޒް ދިޔައީ ފުންކޮށް ވިސްނަމުންނެވެ.

" ރީނާއާ މާހިލްގެ ކައިވެނި ހަމަޖެހުމާއެކު އަހަރެންގެ ފޯނުގައި ހުރި ހުރިހާ މެސެޖްތަކެއްވެސް ޑިލީޓް ކުރިން.. އެހެން ނޫން ނަމަ އަހަންނާ މާހިލްގެ ދެމެދު އޮތް ގުޅުން އިނގުނީސް"

މުއާޒްގެ ކުރިމަތީގައި ހުއްޓުމަށްފަހު ޖުމާ ބުނެލިއެވެ.

" ސްޓޮޕް އިޓް ޖުމާ! ޖުމާއަށް އަހަރެން ކަމުދިޔުން އެއީ އަހަރެންގެ މައްސަލައެއް ނޫނެއްނު.. އަހަރެން ޖުމާއާ ހެދި ނޫޅެމޭ.. އަހަންނަކީ މޮޔައެއް ނޫނޭ.. "

ފޫހި ރާގަކަށް މާހިލް ވާހަކަދެއްކިއެވެ.

" އަހަރެންގެ ބޮލުގައި ތިވަރުގެ ބޮޑު އިލްޒާމެއް އެޅުވީތީވެސް އަހަރެން ލަދުގަނެއްޖެ! "

އަނެއްކާވެސް މާހިލް ބުނެލިއެވެ. މާހިލް އެއްބަސް ނުވުމުން އިތުރަށް ކުރެވޭނެ ކަމެއް ނެތްކަން ޖުމާއަށް ޔަޤީންކުރެވުނެވެ. އެހެންކަމުން އޭނާ ފަހަތަށް ޖެހިލުމަށްފަހު ޒާރާއަށް ބަލައިލިއެވެ.

" އަހަރެން ދޮގެއް ނަހަދަން.."

ޖުމާގެ ޖުމްލައަށް ރައްދު ދިނުމެއްނެތި ޒާރާއަށް ބަލައިލެވުނީ މުއާޒާ ދިމާލަށެވެ.

" ދައްތާ! އެއީ އަހަރެންގެ ދަރިއެއް ނޫނޭ! "

މާހިލް ބޭނުންވީ ޒާރާއަށްވެސް ޔަޤީންކަން ދޭށެވެ. ނަމަވެސް ޒާރާ ހުރީ މާހިލްގެ ވާހަކަ ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ.

" ކުރީ ކިތަންމެ ބޮޑު ކުށަކަށްވީ ނަމަވެސް އަހަރެންގެ ކޮއްކޮ ދޮގެއް ނަހަދާނެ! "

ހިންދިރުވާލަމުން ޒާރާ ބުންޏެވެ. އެއާއެކު ލޮލުގެ ހިމަކޮޅުން މުއާޒް ޒާރާއަށް ބަލައިލިއެވެ.

" އަހަރެންގެ ކޮއްކޮވެސް އަހަންނަށް ދޮގެއް ނަހަދާނެ!"

އެހެން ބުނެލުމަށްފަހު މުއާޒް އިތުރަށް މަޑުނުކޮށް ދޮރާ ދިމާލަށް ހިނގައިގަތެވެ. މުއާޒްގެ ޖުމްލައިން ޒާރާއަށް ލިބުނީ ވޭނީ ސިހުމެކެވެ.ހިތްހަމަ ނުޖެހިފައި ހުރެ މާހިލްވެސް މުއާޒާއެކު ދިޔައެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)