ކުރީގެ އަދަދާއިގުޅޭ،

" އެއީ ދެން އެހާވަރުގެ ކަމެއް ނޫނޭ! މުއާގެ މަންމަ އެއްޗެކޭ ހީކޮށްފާނެތީދޯ ތި ބިރުގަތީ! މަންމަ އެކަހަލަ ކަންކަމަކާ ނުބެހޭނެޔޭ! "

Ad
rt

ޒާރާ މަސައްކަތަށް އެނބުރެމުން ބުންޏެވެ. ނަމަވެސް ޖުމާއާމެދު ދެކޭ ގޮތް ބަދަލު ވެދާނެތީ ޖުމާ ހުރީ ވަރަށް ލަދުގަނެ ބިރުގަނެފައެވެ.

" އަނެއްކާ އެ ކައުންސިލަރެއްވެސް އަހަރެންގެ ފަހަތަކުން ނުނެއްޓުނެއްނު! ދޮންތަ ހަނދާންވޭތަ އެއްކަލަ ރޭ ޖޫގޯ ބޯން ތިއްބާވެސް އެމީހާއެއްނޫންތަ މާ ވަރަކަށް އަހަންނާ ދިމާލަށް ބެލީ؟ "

ފޫހި ރާގަކަށް ޖުމާ ބުންޏެވެ. އެއާއެކު ޒާރާގެ ސިކުނޑިއަށްވެސް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. ޖުމާ ދެއްކި ވާހަކަތަކާމެދު ކޮންމެވެސް ވަރަކަށް އޭނާއަށްވެސް ވިސްނާލެވުނެވެ. އަތުގައި އޮތް ފިޔާ، ކޮށާ ނިންމާލަމުން ޒާރާ ޖުމާއަށް ބަލައިލީ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމަކާ އެކުގައެވެ.

" އާނ އެއީ އޭނަ ދޯ! ބުނަންތަ ޖުމާ! ދޮންތަ ބޭނުމެއް ނޫން މިރަށުތެރޭގައި ޖުމާއޭ ކިޔައިގެން އެއްވެސް އަޑެއް އަރުވާކަށް.. ތިކަހަލަ މަންޒަރުތައް މީހުންނަށް ފެންނަން ފެށިއްޔާ ފާޑުފާޑުގެ ވާހަކަ ދައްކަން ފަށާނެ.. އަބަދުވެސް ނަންވެފައި އޮންނާނީ ދެރަ ނިކަމެތި މީހާ! ޖުމާ ދެން ބޭރަށް ދާންވާނީ ދޮންތައާއެކު"

ޒާރާ ތަންކޮޅެއް ހަރުކަށިކޮށް ވާހަކަ ދެއްކުމުން ޖުމާއަށް މޫނުމައްޗަށް ވައްތަރެއް ޖައްސާލެވުނެވެ.

" އަޅެ ދޮންތައެއް ނޫންތަ އަހަރެން ތި ފޮނުވީ! އަހަރެން އެކަނި އެއްވެސް ތަނަކަށް ނުދަން.. ދާހިތެެއްވެސް ނުވެ! ގޭގައި ހުންނަން މާ ހިތްހަމަޖެހޭ! "

ހިނިތުންވެލަމުން ފަހު ޖުމްލަ ބުނެވުނު އިރު ޖުމާގެ މޫނުމައްޗަށް ޖަންބުކުލަ އަރައިގެން ދިޔައީ ރޭގައި ކަންތައްތައް ވެ ދިޔަގޮތް ހަނދާންވުމާއެކުގައެވެ. އެއާއެކު އޭނާގެ ހިތްވެސް އަވަސްވެގެން ދިޔައެވެ.

" ދޮންތަވެސް ދެނެއް ނުފޮނުވާނަމޭ! އުޅެބަލަ ސައިހަދާލަން އަވަހަށް"

ޒާރާގެ ޖުމްލަ ނުނިމެނީސް ކަފީލާ އައިސް ގެއަށް ވަދެއްޖެއެވެ. އެއާއެކު ނުތަނަވަސްވެފައި ހުރެ ޖުމާއަށް ކަފީލާގެ މޫނަށް ބަލައިލެވުނެވެ. އެތެރެއަށް ވަދެގެން އައިސް ކާމޭޒު ކައިރީ ހުރި ގޮނޑި ދަމާލުމަށްފަހު އޭނާ އިށީނދެލީ ލަސްލަހުންނެވެ.

" ހޫނު ފެންތައްޓެއް އަޅަންވީތަ މަންމާ؟"

އުނދުން ކައިރީގައި ހުރެ ޒާރާ ފަހަތް ބަލައިލަމުން އަހާލިއެވެ. އާދައިގެ މަތިން ކަފީލާ ކަސްރަތަށް ގޮސް އައިސް ހޫނުފެން ބޯން ބޭނުންވެއެވެ. ޒާރާގެ ސުވާލާއެކު ކަފީލާ ބޯ ޖަހާލިއެވެ. އެއާއެކު އެކަން ކޮށްދިނުމަށް އެދި ލޮލުން، ޒާރާ އިޝާރާތްކޮށްލީ ޖުމާއަށެވެ. އަވަސް އަވަހަށް ޖުމާ ގޮސް ފެން ހޫނު ކުރާ ކަރަންޓު ޖަގު ޖައްސާލުމާއެކު ކަފީލާގެ ވާހަކަ ފަށައިފިއެވެ.

" ޖުމާ ކޮންއިރަކުތަ އެ ރުޝްދީއާ ވާހަކަ ދައްކަން ފެށީ؟ އެއީ ވިޔާދާ މީހެއް ނޫނޭ.. ތިންވަނަ ކައިވެނިވެސް ރޫޅިއްޖެ! އެހާ ގިނަ މީހުންނާ އިނދެފަ، ނޫޅެވޭނީ ރުޝްދީގެ މައްސަލައެއް އުޅޭތީ! "

ނުރުހުންތެރިކަމާއެކު ކަފީލާ އެހެން ބުނި އިރު މާހިލް އެހިސާބަށް އަރާ ހަމަވަނީއެވެ. ވާހަކަ އެންމެ ހޫނުވި ވަގުތު އެތަނަށް މާހިލް އައުމުން ޖުމާގެ ދެފައިވެސް ތުރުތުރު އަޅަން ފެށިއެވެ. މާހިލްގެ ހާޟިރުގައި ކަފީލާއާ ބަހުސް ކުރުމަކީ އޭނާއަށް ފަސޭހަ ކަމަކަށްވެސް ނުވިއެވެ. އަވަސް ޚަރަކާތްތަކާއެކު ހޫނު ފެންތަށި ގެންގޮސް ކަފީލާގެ ކުރިމަތީގައި ބަހައްޓަމުން ޖުމާއަށް ވަގުލޮލަކުން މާހިލަށް ބަލައިލެވުނެވެ.

" ކައުންސިލަރަކަށްވެސް ހޮވިފައި އެހުރީ އާއިލާ މީހުން ގިނަ ކަމުން! "

ކަފީލާ ހުރީ އެމައުޟޫ ބަދަލު ކުރާ ގޮތަކަށް ނޫނެވެ. ކަފީލާ ދައްކާ ވާހަކަތައް އަޑުއަހަމުން، ހިތް ނުތަނަވަސްވީ ނަމަވެސް އޭރުވެސް ޒާރާ އުޅުނީ އަވަދި ނެތި ކައްކާށެވެ. މާހިލް އައިސް މޭޒު ކައިރީ އިށީންނަމުން ސުވާލުގެ ނަޒަރަކުން މަންމައަށް ބަލައިލިތަން ޖުމާއަށް ފެނުނެވެ. އޭރު މާހިލްގެ ހިތަށްވެސް ހާސްކަން ވެރިވެއްޖެއެވެ. ރުޝްދީގެ ވާހަކަ މަންމަ ދައްކަން ޖެހުނު ސަބަބެއް މާހިލަކަށްވެސް ނުވިސްނުނެވެ. ރީނާއާއި އޭނާގެ ސިއްރު ގުޅުމުގެ ވާހަކަ މަންމައަށް އެނގުނީ ކަމަށް ހީކޮށް އޭނާއަށް ލިބެމުންދިޔަ ހާސްކަން ދެގުނައަށް އިތުރުވީ ކަހަލައެވެ.

" އަދި ސައެއް ނެހެދޭ ދޯ! ދައްތާ! ސައި ހެދުނީމަ ގޮވާލައްޗޭ! "

މަންމަގެ ސުވާލެއް އަމާޒު ވުމުގެ ކުރިން މާހިލް ބޭނުމީ އެތަނުން ދާށެވެ.

" އެއީ ޖުމާ އެއްގޮތަކަށްވެސް ވާހަކަ ދައްކަން ހެޔޮވާވަރުގެ މީހެއް ނޫން! ދައްތަގެ ބަހެއް އަހަނީ ވިއްޔާ އަވަހަށް އެކަން ހުއްޓާލާ! "

މަންމަގެ ޖުމްލައިން ހައިރާންވެފައި މާހިލަށް ފަހަތް ބަލައިލެވުނެވެ. އައިސް އަލަމާރީގައި ލެނގިލައިގެން ހުރި ޖުމާއަށްވެސް ބަލައިލެވުނީ މާހިލްގެ މޫނަށެވެ. ނަމަވެސް އޭރު ޖުމާގެ ތުންފަތްމަތީގައިވަނީ ލާނެތް ޒާތެއްގެ ހިނިތުންވުމެކެވެ.

" މަންމާ އެއީ ޖުމާގެ ރައްޓެއްސެެއް ނޫނޭ! އޭނަ އައިސް މިރަށު ކުއްޖެއްތޯ އަހާފަ ސަލާމްކޮށްލިއްޔޯ! ދެން އެއްޗެކޭ ނުބުނެ ނުކެރިގެން ސަލާމްކުރީމޯ ޖުމާވެސް ދޯ! ދެންމެ އައިސް އަހަރެން ގާތުވެސް އެވާހަކަ އެ ދައްކަނީ.."

މޭޒުމަތީގައި ރޮށިކަހަނބު ބަހައްޓަމުން ޒާރާ ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. ޖުމާ އެއްވެސް ރައްދެއް ނުދިނުމުން ޒާރާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަވެސް ނުޖެހިފައެވެ.

" ކާކު؟ "

ބޭއިޙްތިޔާރުގައި މާހިލް އެހެން އަހާލުމާއެކު ޖުމާއަށް އިސްޖަހާލެވުނެވެ. އޭނާއާމެދު މާހިލް ވިސްނާކަން އެނގުމުން ޖުމާގެ ހިތަށް އުފާވެރިކަން ގެނުވި ފަދައެވެ.

" އެއުޅޭ ރުޝްދީ...."

ފޫހިގޮތަކަށް ކަފީލާ މާހިލަށް ކަންވީގޮތް އޮޅުން ފިލުވައިދޭން ފެށުމުން ޖުމާ އަވަސް އަވަހަށް ހިނގައިގަތީ ބޭރަށް ނިކުންނާށެވެ.

" ކޮއްކޮ ހުރީ އެކަމާ ވަރަށް ލަދުން.. މަންމައަށް ފެނުނީމަވެސް ވަރަށް ސަކަރާތްވެފައި ހުރީ"

ހީލަމުން ޒާރާ ބުންޏެވެ. އެއާއެކު ކަފީލާ މަޑުމަޑުން ތެދުވެ ޒާރާއަށް ބަލައިލިއެވެ.

" މިހާރު މިއުޅޭ ކުދިން އުޅޭ ގޮތެއް ނޭނގޭނެ! މަންމަ މިދަނީ ފެންވަރާލަން.. ބައްޕަވެސް މިހާރު ފިހާރައަށްދާން ނިކުންނަން އުޅޭނެ ކަންނޭނގެ! "

ބަލި ގޮތަކަށް ހިނގަމުން ކަފީލާ ހިނގައިގަތެވެ. މަންމަގެ ފަހަތުން ގޮސް މާހިލް ނިކުތީ ބޭރަށެވެ. އޭރު ޖޯލިފަތީގައި އިށީނދެލައިގެން ޖުމާ އިނީ ގޭ ދޮރަށް ބަލަހައްޓައިގެންނެވެ.

" މާ ނޫންކަމަށް ހެދިގެން ބޭރަށް ނިކުތީ އަހަރެން މިތަނަށް ގެންނަން ވެގެން ދޯ! "

އެއްޖޯލި ދޫކޮށްލަމުން މާހިލް އިށީނެވެ.

" ބުނެބަލަ ރުޝްދީ ކީއްތަ ކުރީ؟ "

ތަންކޮޅެއް ހަރުކަށި ގޮތަކަށް މާހިލް ސުވާލު ކުރިއެވެ. އެއާއެކު ޖުމާ އެއްމިޔަކަނުން ހީލިއެވެ.

" ރުޝްދީ އަހަންނާ ސަލާމްކޮށްލީ! މާބޮޑު ކަމެއް ނުކުރެ"

މާހިލް ކަންބޮޑުވެފައި ހުރިވަރު ފެނި ޖުމާގެ ހިތަށް ލިބެނީ އުފާވެރިކަމެވެ. އޭނާއަށްޓަކައި މާހިލްގެ ހިތުގައިވާ ލޯބި ކޮންމެވެސް ވަރަކަށް ޖުމާއަށް އިޙްސާސްވެސް ކުރެވުނު ކަހަލައެވެ.

" ފްލަރޓް ކުރީތަ؟ "

އަނެއްކާވެސް މާހިލް ސުވާލު ކުރިއެވެ. އެއާއެކު ޖުމާ ހީލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.

" ފެނުނީމަ ވާހަކަ ދައްކާކަށް ނުކެރެއެއްނު....ދެން ކީއްކުރަން އެހެން މީހަކު ވާހަކަ ދެއްކީމަ ތިހާވަރު ތިވަނީ؟ "

ޖުމާ ބޭނުންވީ އިތުރަށް މާހިލްގެ ހިތް ތަޅުވާލާށެވެ.

" އަހަރެން މި ދައްކަނީ ތި ވާހަކައެއް ނޫނޭ! ރުޝްދީ ޖުމާއާ ފްލަރޓް ކުރިހޭ؟ އޭނަ ދެއްކި ވާހަކަތައް ކިޔައިދީ މަށަށް"

މާހިލްގެ ރާގު ބަދަލުވާން ފެށުމުން ޖުމާއަށްވެސް ޖެހުނީ ސަމާސާ ނުކޮށް ކިޔައިދޭށެވެ.

" ދެން ހަމަ އިތުރަށް އެއްވެސް އެއްޗެއް ނުކިޔާތަ؟ "

މާހިލް ރުޅިވެރި ރާގަކަށް އަނެއްކާވެސް އެހިއެވެ. އެއާއެކު ޖުމާ ބޯ ޖަހާލަމުން ކޮޅަށް ތެދުވިއެވެ.

" ހޫމް... އަހަރެން މާހިލްއަކަށް ދޮގެއް ނަހަދާނަން! މިއަދު އަހަރެން ވަރަށް އުފާވެއްޖެ އަސްލު.. އަހަރެންގެ ހިމާޔަތުގައި މީހަކު ހުރިކަން އިޙްސާސް ކުރެވިއްޖެ! "

އެހެން ބުނެލުމަށްފަހު ޖުމާ އެނބުރި މާހިލަށް ބަލައިލިއެވެ. އޭރު މާހިލްވެސް އިނީ ޝައުޤުވެރިކަމާއެކު ޖުމާއަށް ބަލާށެވެ.

" ޖުމާދެކެ ލޯބިވެވުނުކަން އަހަންނަށް އިޙްސާސް ކުރެވުނީ ރޭގަ! "

މާހިލްގެ ޖުމްލައިން ޖުމާގެ މޫނު ލަދުން ރަތް ވެގެން ދިޔައެވެ. އެހެންކަމުން ތުންފަތުގައި ދަަތްއަޅާލަމުން އޭނާ ތަންކޮޅެއް ބާރަށް ގެއާ ދިމާލަށް ހިނގައިގަތީ މާހިލްގެ ކުރިމަތީގައި ހުންނަން ލަދުންނެވެ. ވަގުތުގެ ގޮތުން ޖުމާ ހުއްޓުވާކަށް މާހިލް ނޫޅުނެވެ. ލޯމަތިން ޖުމާ ގެއްލެން ހެވިފައި އޭނާއަށްވެސް އިނދެވުނީއެވެ.

***

ކޮމްޕިޔުޓަރ ކައިރީގައި މުއާޒް އިނީ މީރާއަށް ފޮނުވަން ޖެހޭ ވިޔަފާރީގެ ރިޕޯޓްތައް ނިންމާށެވެ. މާގިނައިރު ސްކްރީނަށް ބަލަން އިންނަން ޖެހުމުން ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސާކަންވެސް އޭނާއަށް އިޙްސާސް ކުރެވެއެވެ. އެހެންކަމުން ދެއަތުން މޫނު ފުހެލުމަށްފަހު ހަށިގަނޑު ތެދުކޮށްލިއެވެ.

" އާހް! ޒާ؟ "

ވަގުތަކީ ޒާރާ އައިސް އޮފީހަށް ވަތް ވަގުތެވެ. ސިކުނޑިއަށް ބާރު ބޮޑުވެފައި ހުރި ވަގުތެއްގައި ޒާރާ ފެނުމުން މުއާޒްގެ ތުންފަތްމައްޗަށް ވެރިކުރުވީ ފުޅާ ހިނިތުންވުމެކެވެ.

" މިގަޑީގައި؟ ކީއްކުރަނީ މިތާ؟'

ކޮޅަށް ތެދުވަމުން މުއާޒް އަހާލިއެވެ. އެއާއެކު ހެވިފައި ހުރެ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް މޭޒުމަތީގައި ބާއްވަމުން ޒާރާ ބުނެލިއެވެ.

" މުއާ ދެކިލަން މިއައީ! "

ދަބަހުގެ އެތެރެއަށް އަތް ކޮއްޕާލަމުން ޒާރާ މުއާޒްގެ މޫނަށް ބަލައިލީ ކަތި ނަޒަރަކުންނެވެ.

" ނުވާނެ އެހެންނެއް! ބުނެބަލަ! ގަދަ އަވީގައި މިހާ ދުރަށް ތިއައީ ކީއްކުރަންތަ؟"

ޒާރާއާ ގާތްވެލަމުން މުއާޒް ބުންޏެވެ. އެއާއެކު ޒާރާ މުއާޒްގެ މޫނާ ދިމާލަށް ކުޑަ ތައްޓެއް ދިއްކޮށްލިއެވެ. ހިނިތުންވެފައި ހުރެ މުއާޒް ތަށީގައި ހިފަމުން ވާހަކަ ދައްކަން ފެށިއެވެ.

" ކޯއްޗެއްތަ؟ "

ތަށީގެ މަތި ނަގަމުން މުއާޒް އެހެން ބުނެލި އިރުވެސް ޒާރާ ހުރީ މުއާޒްގެ މޫނަށް ބަލަހައްޓައިގެން ހެވިފައެވެ.

" އޯހް... ތެލުލި ބަނބުކެޔޮ؟ ކޮންތާކުން؟"

ބަނބުކެޔޮ ފޮއްޗެއް ނަގައި ހަފާލަމުން މުއާޒް ބުންޏެވެ.

" މިއަދު ބައްޕަ ފޮނުވި ކެޔޮ ޑަބިޔަލެއް.. އަޅެ މުއާ ގެއަށް އަންނަންދެންވެސް ކެތް ނުވެގެން މިއައީ ހިފައިގެން.. ހިތަށް އެރި ވަރަށް އުފާވާނެޔޭ.."

ޒާރާގެ ވާހަކަތައް އަޑުއަހަން މުއާޒް ހުރީ ވަރަށް އުފާވެފައެވެ.

" ކެޔޮ ލިބުމަށްވުރެ އުފާވެއްޖެ މިހާ ބޯ ގޮވާފައި އިންދާ މަގޭ ލޯބި އަންހެނުން މިތަނުން ފެނުނީމަ! މާދަމާ ހެނދުނު އަންނަމުން ޒާ ގޮވައިގެން އަންނާނީ!"

ސަމާސާ ރާގަކަށް މުއާޒް ބުނެލިއެވެ. އެއާއެކު ޒާރާއަށްވެސް ބާރުބާރަށް ހިނިގަނޑެއް ޖަހާލެވުނެވެ.

" މުއާ! އަދި އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި..."

ޒާރާގެ ރާގުގައި ސީރިއަސްކަމެއް އެކުލެވިފައި ހުރުމުން މުއާޒް އަވަސް އަވަހަށް އަތުގައި ހުރި ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ޓިޝޫއެއް ނަގައި ދެއަތް ފުހެލަމުން ޒާރާއަށް ބަލައިލިއެވެ.

" އިށީނދެބަލަ! "

ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއް ދަމާ ގެނެސް މުއާޒް، ޒާރާ ބޭންދިޔައެވެ. އަދި އޭނާވެސް ގޮނޑީގައި އިށީނުމަށްފަހު ޒާރާގެ އުނގުމަތީގައި އޮތް އަތް ނަގައި ބާރަށް ހިފާލިއެވެ.

" ދެން ބުނެބަލަ! "

މުއާޒްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ޒާރާގެ މޫނުމަތިން ހައިރާންކަން ފެންނަން ފެށުމުން އަނެއްކާވެސް ވާހަކަ ދައްކަން ޖެހުނީ މުއާޒަށެވެ.

" ޒާ؟ ކީއްވެތަ ތި ބަލަނީ؟ "

" ތިއީ ހަމަ ގޭތެރެއިން އަހަންނަށް ފެންނަ މުއާތަ؟ "

ދެލޯ ކުޑަކޮށްލަމުން ޒާރާ އަހާލިއެވެ. އެއާއެކު މުއާޒް ދެއަތުން ޒާރާގެ އަތަށް ފިތާލަމުން ހީލިއެވެ.

" ކިހިނެއްވީ؟ ކޮޓަރި ތެރޭގައިވެސް އަހަރެން އުޅެނީ ހަމަ މިހެންނެއްނު "

" ނޫން! ތަފާތު.. ވަރަށް ތަފާތު... ކޮޓަރިއަށް ވަންނަގޮތަށްވެސް މުއާ ވަރުބަލިކަމުން ޖައްސާލަނީ.. މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަކު އަނެކަކަށް މިކަހަލަ އަގުބޮޑު ވަގުތު ކޮޅެއް ނުދެވެއެއްނު.. މުއާއަށް ޗުއްޓީއެއްވެސް ނުލިބެއެއްނު.."

ޒާރާ ބުނެލީ މަޑުމަޑުންނެވެ. އެއާއެކު މުއާޒް ކުޑަކޮށް ހީލިއެވެ.

" ދެން ބުނެބަލަ! އަހަންނަށް ޓައިމް ނުދެވޭ ވާހަކަ ދައްކަން ވެގެންތަ؟ "

" ނޫން! ތިއީ އަހަރެން އެހާ ޝަކުވާ ކުރާ ކަމެއްވެސް ނޫނެއްނު.. އެހެން ވާހަކައެކޭ! "

ޅަވެލާފައި ޒާރާ ބުނެލިއެވެ. އެއާއެކު މުއާޒް އަނެއްކާވެސް ހީލިއެވެ.

" ދެން ޒާ ހާދަ ދުރުދުރުން ތި ގެންދަނީ! ތަންކޮޅެއް ސާފުކޮށް ބުނެބަލަ! "

" މިމަހު ޕީރިއަޑް މިސްވީމަ! އަދިވެސް ނުވެ"

ފުޅާ ހިނިތުންވުމަކާއެކު ޒާރާ ބުންޏެވެ.

" އަދި އަލަށް އެހެން މިވީ! ހީވަނީ ބަނޑުބޮޑީހެން"

ޒާރާގެ ޖުމްލައިން މުއާޒްގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. އެއާއެކު އޭނާގެ އަތުގެ ތެރޭގައި އޮތް ޒާރާގެ ދެއަތަށް އޭނާ ބޮސްދިނެވެ.

" މިހާރު އެއީ އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަސް! އުޅޭ ޓެސްޓް ހަދަން.."

ކެތްމަދުވެފައިވާ މުއާޒްގެ މޫނު ފެނި ޒާރާއަށްވެސް ލިބުނީ އިތުރު ހިތްހަމަ ޖެހުމެކެވެ.

***

ރުޝްދީ އޮފީހުން އައި އިރު ސިޓިންގރޫމްގައި ރީނާ ހުރީ ދެކޮޅަށް ހިނގާލަހިނގާލައެވެ. ރުޝްދީ ފެނުމާއެކު ސިހިފައި ރީނާ ހުއްޓުނެވެ. އޭރު އޭނާގެ މޫނުމަތީގައިވާ ނުތަނަވަސްކަމާއި ރުޅިވެރިކަން ރުޝްދީއަށް ދެނެގަނެވި އޭނާގެ ހިތް ނުހަނު ބާރަށް ތެޅިގަތެވެ.

" ކިހިނެއްވީ ކޮއްކޯ؟ ހާދަ ރުޅި އައިސް؟"

ކަރުގައި އޮތް ޓައީ ދޫކޮށްލަމުން ރީނާއާ ދިމާލަށް ރުޝްދީ ހިނގައިގަތެވެ. އެއާއެކު ރީނާ ރުޝްދީއަށް ފުރަގަސްދެމުން ދެއަތް އުރާލިއެވެ.

" އަހަރެން ބޭނުންވަނީ މާހިލްއާ ކައިވެނި ކުރަން"

ރީނާގެ ޖުމްލަ އަޑު އިވުމާއެކު ރުޝްދީއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

" އޫނ؟ ކައިވެނިކުރާށޭ؟ ދެން ކައިވެނި ކުރަން ބޭނުންވާތީތަ ތިހާ ރުޅިއައިސް ތި ހުންނަނީ؟"

ރުޝްދީ ބޭނުންވީ ރީނާ ހަމައަކަށް އަޅުވާށެވެ. އެހެންކަމުން އޭނާގެ މަސައްކަތްކުރީ ރީނާއާ ނުހަނު ލޯބިން ވާހަކަ ދެއްކޭތޯއެވެ.

" އެކަމަކު މާހިލް ހިއެއް ނުވެ ކައިވެނި ކުރަން ބޭނުންވާހެންނެއް! "

ސޯފާގައި ބާރުބާރަށް އިށީންނަމުން ރީނާ ބުންޏެވެ. އެއާއެކު މިފަހަރު ރުޝްދީގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. އެހެންކަމުން އެކަމާ ބެހޭގޮތުން އިތުރަށް އޮޅުންފިލުވަންވެސް އޭނާ ބޭނުންވިއެވެ.

" މާހިލް ގާތު ކައިވެނީގެ ވާހަކަ ދައްކައިފިންތަ؟ "

" ނޫން! ދެއްކޭނީވެސް އަހަރެންގާތު ވާހަކަ ދައްކާލަން އިނދެގެންދޯ! މިގެއަށް އަންނާށޭ ބުނެބުނެ މިގެއަކަށް ނާދެވުނު! ފޯނުކުރިޔަސް އޭނަ ހިތަށް އެރިއްޔާ ފޯނު ނަގަނީ! އެއްޗެއް ނުބުނެ ވަރަށް ކެތްކޮށްފިން. އަހަންނަށް ހީވަނީ އޭނަ އަހަރެން ދޫކޮށްލާ ދުވަސް ދެން މާ ދުރަކު ނެތް ހެން"

ދަތްތައް ފިތްތައިގެން އިނދެ ރީނާ ވާހަކަ ދެއްކީ ނުހަނު ރުޅިވެރިކަމާއެކުގައެވެ. އަޑުއަހަން ހުރި ރުޝްދީ ބޯ ޖަހާލަމުން ސޯފާގެ ކޮޅުގައި އިށީނދެލީ ފުން ވިސްނުމެއްގައި ހުރެއެވެ.

" ތި ދުވަހެއް... ނާންނާނެ! ކޮއްކޮ ތިކަމާ ނުވިސްނާ! މީގެ ކުރިން ތިދެމީހުންގެ ގުޅުން ސިއްރުކޮށްގެން މިހުރީ އެގޮތް މާހިލް ބޭނުންވާތީވެ.. މާހިލާ އަހަރެން ދިމާވި ފުރަތަމަ ދުވަހުވެސް ބުނެފައި އޮންނާނީ ނުބައިވެއްޖެއްޔާ އަހަންނަކީ ވަރަށް ނުބައި މީހެކޭ.. އެހެންވީމަ ދެން އޭނައަށް އަހަރެންގެ ހުރި ނުބައިކަން ދައްކާލާނަން.. ކޮއްކޮ، ކައިވެންޏަށް ތައްޔާރުވޭ! ދެން ކަން ކުރަންވީގޮތް އެނގޭނީ ބޭބެެއަށް"

ރުޝްދީގެ ޖުމްލަތައް އަޑުއަހަން އިނދެ ރީނާ ބޯ ޖަހާލިއެވެ. ކޮންމެ ޙާލެއްގައިވެސް މާހިލް ޙާޞިލްކުރަން އެވަގުތު، އޭނާ ހިތުގައި ޢަޒުމް ކަނޑައެޅިއެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)