މާހިލްގެ މޫނުމަތީގައިވެސް އޭރުވަނީ ނުތަނަވަސްކަމެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި މާހިލް ސިހިގެން ދިޔައީ އަނެއްކާވެސް އެކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. މިފަހަރު ޖުމާގެ މޫނުމަތީގައިވާ ހާސްކަން އެތައް ގުނަ އަކަށް އިތުރުވެގެން ދިޔަ ކަހަލައެވެ.
" ޖުމާ! "
ޓަކީގެ އަޑާއެކު ޒާރާގެ އަޑު އައެވެ. އެހިނދު މާހިލްއާ ދިމާލަށް ޖުމާއަށް ބަލައިލެވުނީ ބިރުގަނެފައި ހުރެއެވެ.
" ޖުމާ! "
އަނެއްކާވެސް ތަންކޮޅެއް ބާރަށް ޒާރާ ގޮވާލި އަޑު އިވުނެވެ. ހަދާނެގޮތް ހުސްވެ ހުރެ ޖުމާ ފަހަތަށް ޖެހެމުން ގޮސް ފާޚާނާއަށް ވަނެވެ.
" ކާކުތަ؟ ފާޚާނާގައޭ މިއިނީ"
ފާޚާނާގޭތެރޭގައި ހުރެ ޖުމާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
" ޖުމާގެ ތުވާލި ބޭރުގައި ހުރީމަ! ތަޅުގައި އަޅުވާފަ އިނގޭ މިހުރީ"
ޒާރާގެ ޖުމްލައިން މާހިލްގެ އިތުރުން ޖުމާއަށްވެސް ފިނިކަން ލިބިގެން ދިޔައެވެ. އެހާމެ އަވަހަށް ފާޚާނާއިން ނިކުމެގެން ގޮސް ޖުމާ ދޮރު ހުޅުވާލުމަށްފަހު ތުވާލި ނެގިއިރުގައިވެސް އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. އޭރުވެސް މާހިލް ހުރީ ކޮޅަށެވެ.
" ކީއްކުރަން މިތަނަށް ތިވަނީ؟ "
ދޮރު ތަޅުލަމުން ޖުމާ ސުވާލު ކުރީ އަތްދަނޑިމަތީގައި ތުވާލި ބާއްވާލަމުންނެވެ. އެއާއެކު މާހިލް ފުންނޭވާއެއް ދޫކޮށްލަމުން ދެޖީބަށް އަތް ޖަހާލިއެވެ. މިހާރު އޭނާގެ މޫނުމަތިން ހަމަޖެހުމުގެ އަސަރުތައް ފެންނަން ފަށައިފިއެވެ.
" ޖުމާ ފިލައިގެން އުޅޭތީއެއްނު"
މާހިލް ދިނީ ފިނި ޖަވާބެކެވެ.
" އަހަރެން މާހިލްއަކަށް ނުފިލަން! އެހެން ނޫނަސް އަހަރެން ފިލައިގެން އުޅެންޖެހޭ އެއްވެސް ސަބަބެއް ނެތް"
ލަސް ހިނގުމެއްގައި ގޮސް ތުވާލި އަޅުވާ ހަރުކައިރީ ހުއްޓި ޖުމާ އަނެއްކާވެސް މާހިލްއަށް ބަލައިލިއެވެ.
" އަހަންނަށްޓަކައި ޖުމާގެ ހިތުގައި ހަމަ އެއްވެސް އެއްޗެއް ނެތްތަ؟ "
މާހިލް އަހާލިއެވެ. އެއާއެކު ޖުމާ ދެއަތް އުރާލުމަށްފަހު އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
" ހޫމް! ހަމަ އެއްވެސް އެއްޗެއް ނެތް! އަހަރެންގެ ހިތުގައި މާހިލްއާމެދު އެއްޗެއް އޮންނަން ޖެހޭތަ؟ "
" އަހަރެން އެކި ގޮތްގޮތުން ޖުމާއަށް އިޝާރާތް ކުރާއިރުގައިވެސް ޖުމާއަކަށް ނޭނގޭތަ؟ "
މަޑުމަޑުން މާހިލް ޖުމާއާ ދިމާލަށް ހިނގައިގަތެވެ. ފުންބެލުމަކުން ޖުމާއާ ނަޒަރު ސީދާކޮށްގެން ހުރެ، މާހިލް އަންނަން ފެށުމުން ޖުމާއަށްވެސް ފަހަތަށް ޖެހެވެން ފެށުނެވެ.
" ކޯ..އް..ޗެއް ނޭނގޭހޭ..ތި..ތި އެހީ ؟ "
މާހިލްގެ މިސްރާބު ބަދަލު ނުކޮށް، އޭނާގޮސް ޖުމާގެ ކުރިމަތީ ހުއްޓުމާއެކު ޖުމާގޮސް ޖެހުނީ ފަހަތުގައި ހުރި ތުވާލި ހަރުގައެވެ. އެއާއެކު މާހިލް މާބޮޑަށް ގާތްވާން އުޅުމުގެ ސަބަބުން ޖުމާ އަވަސް އަވަހަށް މޫނު އަނބުރާލިއެވެ.
" އަހަންނަށް ޖުމާ ވަރަށް ކަމުދޭ! ވަރަށް ރީތި.. އަދި އަހަރެން ޖުމާ ބޭނުން...."
ޖުމާގެ ކަންފަތް ދަށުގައި ވައި އަޑުން މާހިލް ބުނަމުން ދިޔަ ޖުމްލަތަކާއެކު ޖުމާގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅެން ފެށިއެވެ. މީގެ ކުރިން ދުވަހަކުވެސް މީހަކު އޭނާއާ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި ޖުމާއަށް ހިނިތުންވެލެވުނެވެ.
" ދެން ބުނެބަލަ! ޖުމާއަށް އަހަރެން ހުތުރީތަ؟ ނޫނީ ގަޔާ ނުވަނީތަ؟ "
މާހިލް ދެވަނަ ފަަހަރަށް ސުވާލު ކުރީ ޖުމާގެ ދެކޮނޑުގައި ހިފަހައްޓާލަމުންނެވެ. އެހިނދު އެހާމެ އަވަހަށް ޖުމާއަށް އިސްޖަހާލެވިއްޖެއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ތުރުތުރުއަޅަމުންދާހެން އޭނާއަށް ހީވިއެވެ.
" އަހަންނަށްޓަކައި ޖުމާގެ ހިތުގައި ކޮންމެވެސް މަޤާމެއް އުފެދިއްޖެހެން އަހަންނަށް ހީވޭ! އަހަންނަށް އިޙްސާސްކުރެވެޔޭ ޖުމާ! އެހެން ނޫން ނަމަ... މިދަންވަރު މިގޮތަށް އަހަރެން މިކޮޓަރިއަކަށް ނުވަންނާނެ.. "
ޖުމާގެ ދަތްދޮޅީގައި ހިފާލަމުން މާހިލް ބުނެލިއެވެ. ލަދުން ބަލައިލަން ނުކެރޭ ޙާލު ޖުމާ ދެލޯ މަރާލި އިރު އޭނާގެ ދެތުންފަތުގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ.
" ދެން ބުނެބަލަ އަހަރެންގާތު މިތަނުން ދާށޭ.. ޖުމާގެ ހިތުގައި އަހަންނާމެދު އެއްވެސް ލޯތްބެއް ނެތިއްޔާ އެހެން ބުނެބަލަ! އޭރުން އަހަރެން މި ކޮޓަރިން ނިކުމެގެން ދާނަން.. އެއަށްފަހު ދުވަހަކުވެސް ފަސްއެނބުރި ޖުމާއާ ދިމާލަކަށް ނުބަލާނަން.. ބުނެބަލަ ދާށޭ! ބުނެބަލަ ޖުމާ.."
މާހިލް ދުރަށް ޖެހިލަމުން ބުންޏެވެ. އެއާއެކު ޖުމާ ދެލޯ ހުޅުވާލުމަށްފަހު މާހިލަށް ބަލަން ފެށިއެވެ. އޭރު ލަސްލަހުން މާހިލް ފަހަތަށް ޖެހެމުން ދެއެވެ. ނަމަވެސް މާހިލް ދުރަށް ދާތަން ބަލަން ޖުމާގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި ގޮސް ޖުމާއަށް މާހިލްގެ ގައިގައި ޖެހިގަނެވުނެވެ. އެއާއެކު މާހިލްގެ ދެއަތުން ޖުމާގެ މުޅި ހަށިގަނޑު ވަށާލައިފިއެވެ.
" އައި ލަވް ޔޫ! "
މާހިލްގެ މޭމަތީގައި މޫނު ޖައްސައިގެން ހުރެ ޖުމާއަށް ބުނެވުނެވެ.އެއާއެކު މާހިލް ޖުމާ އަތުލަފިކޮށްގެން އެނދާ ދިމާލަށް ހިނގައިގަތެވެ. އެއަށްފަހު އެނދުގައި އިށީނދެލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" މިރޭ އަހަރެން ވަރަށް އުފާވެއްޖެ! ޙަޔާތުގައިވެސް މީހަކުދެކެ އަހަންނަށް ލޯބިވެވުނީ އަދި އަލަށް! ނަސީބު ރަނގަޅުކަމުން އަހަރެންގެ ލޯބި އެހާމެ އަވަހަށް ކާމިޔާބުވެސް ވެއްޖެ"
ޖުމާގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު އޭނާ ޖުމާގެ ނިތްކުރިއަށް ބޮސް ދިނެވެ.
" އަހަރެން ހަމަ މާހިލްއަށް އިތުބާރު ކުރަންވީތަ؟ "
ޖުމާގެ އެ ޖުމްލައިން މާހިލް ޖުމާގެ ދެކޮނޑުގައި ހިފާލުމަށްފަހު ޖުމާ ގެނެސް އޭނާގެ މޭގައި ލައްކޮށްލިއެވެ.
" މުޅި އުމުރަށްވެސް އިތުބާރު ކުރެވިދާނެ.. އަހަންނަކީ ހަމައެކަނި ޖުމާގެ މީހެއް! އަހަރެން ދިރިއުޅުމެއްފަށައިގެން ދަރިން ހޯދާނީވެސް ޖުމާއަށް.. އެކުގައި މުޅި ޢުމުރު ހޭދަކުރާނީވެސް ޖުމާއާއެކު "
މާހިލްގެ ވާހަކަތައް އަޑުއަހަމުން ދިޔަ ވަރަކަށް ޖުމާއަށް ލިބެނީ އުފާވެރި ކަމެވެ.
" އަޅެ އަހަރެންވެސް މެރީ ކުރާ ހިތް ވެއްޖެ! ދެން ބުނެބަލަ އަހަރެންދެކެ ތިހާ ވަރަށް ލޯބި ތިވެވުނީ ކީއްވެތަ؟ "
އިސްއުފުލާލަމުން ޖުމާ ސުވާލު ކުރިއެވެ. އެއާއެކު ޖުމާގެ މޫނުގައި އިނގިލިތައް ޖައްސާލަމުން މާހިލް ޖަވާބުދިނެވެ.
" ނޭނގެ! އަހަރެން ހިތް އެދޭ ހުރިހާ ސިފަތަކެއްވެސް ޖުމާގެ ކިބައިން ފެނުނީމަ ކަންނޭގެ.."
މާހިލްގެ ފިރުމުންތަކުން ޖުމާއަށް ދެލޯ މަރާލެވުނެވެ. ޖުމާގެ ކޯތާފަތުން ފެށިގެން ކަނދުރާއާ ހަމައަށް މާހިލް އިނގިލި ހިންގާލުމާއެކު ޖުމާއަށް މާހިލްގެ އަތުގައި ހިފަހައްޓާލެވުނެވެ.
" ނޫން.. މާހިލް! "
ދެފަރާތަށް ބޯ ހޫރާލަމުން ޖުމާ ބުންޏެވެ. އެއާއެކު މާހިލް ޖުމާގެ އުނަގަނޑުގައި ހިފާ އޭނާއާ އިތުރަށް ގާތް ކޮށްލިއެވެ.
" ރަނގަޅުވާނެޔޭ! އެއީ އެހާވަރުގެ ކަމެއް ނޫނެއްނު.."
ޖުމާގެ ފަންފަން އިސްތަށިގަނޑު ފުރަގަހަށް ޖައްސާލަމުން މާހިލް ޖުމާގެ ކަނދުރާގައި މޫނު ޖައްސާލީ ނުހަނު ލޯތްބާއެކުގައެވެ. އެއާއެކު އަނެއްކާވެސް ޖުމާ ކުޑަކޮށް ދުރަށް ޖެހިލިއެވެ.
" މާހިލް.. މިއީ އެހާ ރަނގަޅު ކަމެއް ނޫން.. ޕްލީޒް"
ޖުމާ އިންކާރު ކުރަން ފެށުމުން މާހިލް އޭނާގެ ދެއަތުން ޖުމާގެ މޫނުގައި ހިފަހައްޓާލިއެވެ. އޭރުވެސް ޖުމާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.
" ކޮންމެ ރެޔަކު މިހެން މިތަނަށް ވަންނާކަށްވެސް ނުކެރޭނެ.. އެގޮތަށް ވަންނަން އަހަރެން ބޭނުމެއްވެސް ނޫން! އެކަމަކު މިރޭ...މިހާ ގާތުން ޖުމާ ފެނުނީމަ އަހަންނަށް ކެތްކުރަން ވަރަށް އުނދަގޫ.. އަހަންނަށް އިތުބާރު ކޮށްބަލަ! ކަމެއް ނުވާނެޔޭ"
އަނެއްކާވެސް މާހިލް ބުނެލިއެވެ. އެއަށްފަހު އޭނާ ޖުމާގެ ދެކޮނޑުގައި ހިފައި އެނދަށް ތިރިކޮށްލިއެވެ.
" އަހަރެން އެކަމަކު ވަރަށް ބިރުގަނޭ... ލަދުވެސް ގަނޭ! އަހަންނަކަށް ނުކެރޭނެ މާހިލް"
ތެދުވަން މަސައްކަތްކުރަމުން ޖުމާ ބުންޏެވެ. ނަމަވެސް ޖުމާގެ ހިމަތޮޅި ހަށިގަނޑުގައި ބައްދާލަމުން މާހިލް އޭނާ ހިފެހެއްޓިއެވެ.
" ޖުމާ! ޝްޝްޝް..."
މާހިލްގެ ބޮޑު އަތްތިލައިން ޖުމާގެ މުޅި މޫނު ފޮރުވާލިއެވެ. އެއާއެކު ޖުމާ ހަމަހިމޭންވެލުމަށްފަހު، އޭނާގެ ހަށިގަނޑު މާހިލާ ޙަވާލް ކުރިއެވެ.
***
ރޮށި ފިހަން ހުރެ ޒާރާއަށް އިރުއިރުކޮޅުން ގަޑި ބަލައިލެވެނީ މިއަދު ޖުމާ ބަދިގެއަށް ނާންނާތީއެވެ. އެންމެފަހުން އުނދުން ނިއްވާލުމަށްފަހު އޭނާ ޖުމާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ވަގުތަކީ ދޮރު ހުޅުވާލުމަށްފަހު ޖުމާ ނިކުތް ވަގުތެވެ.
" އަދި މިދަނީ ގޮވަން ވެގެން.. އާދޭ އަވަހަށް"
ޖުމާ ފެނުމާއެކު ޒާރާ މިސްރާބު ބަދަލުކޮށްލިއެވެ. ބަދިގެއާ ދިމާލަށް ހިނގައިގަންނަމުން ޖުމާއަށް ފަރާތްފަރާތް ބަލައިލެވުނީ މާހިލް ނިކުމެ އުޅޭތޯއެވެ.
" އާދޭ ފިހެދޭން.."
ޒާރާގެ އަޑަށް ޖުމާގޮސް އުނދުން ކައިރީ ހުއްޓުނެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ރޭގެ ޚިޔާލްތަކެވެ. ދެމީހުންގެ ގުޅުން ސިއްރު ކުރުމަށް މާހިލް ބުނެފައި އޮތުމުގެ ސަބަބުން އޭނާ ހުރީ ޒާރާ ގާތުވެސް ބުނަން ނުކެރިފައެވެ.
" ރަނގަޅު ވަގުތެއްގައި އަހަރެން ބުނާނަން މަންމަމެން ގާތު! "
މާހިލް ބުނެލި ޖުމްލަ ހަނދާންވުމާއެކު ޖުމާވެސް ބޭނުންވީ މާހިލް އެދުނު ފަދައިން މަޑުކުރާށެވެ.
" ހާދަ އުފަލުން ހުރިހެން ހީވެޔޭ! ޓެސްޓް ރަނގަޅުވާނެތަ؟ "
ޒާރާގެ ސުވާލަށް ޖުމާ ބޯޖަހާލިއެވެ. އޭނާގެ މޫނުމަތީގައިވާ އުފާވެރިކަން ދޮންތައަށް ފާހަގަ ކުރެވުނީކަން އެނގުމުން ޖުމާ ކޮންމެވެސް ވަރަކަށް ލަދުވެސް ގަތެވެ.
" މިތާ ކަންމަތީ ފިހާރައިން ޓޮމާޓޯ ދަޅެއް ގަނެދޭން ދާން ކެރޭނެތަ؟ މަންމަވެސް މިއަދު ޖޮގިންއަށް ގޮސް ނާދެ..އެހެން ނޫން ނަމަ މަންމަވެސް ދާނެ ބައެއް ފަހަރު މިތާ ކައިރި ފިހާރައަށް. މިއަދު ކުޅިމަސް ހަދަންވެގެން މިއުޅެނީ "
ރޮށި ދަމާ ނިންމާލުމަށްފަހު ޒާރާ އެހެން ބުނުމުން ޖުމާ އާނއެކޭ ބުންޏެވެ.
" ތި ކަބަޑުގައި އޮތް ވޮލެޓް ނަގާބަލަ! ފަސްރުފިޔާ ހިފައިގެން ދޭ! މިހާ ހެނދުނާ މީހުންނެއް ނުވެސް އުޅޭނެ.."
ޒާރާ ވާހަކަ ދެއްކީ އަވަސް އަވަހަށެވެ. އިތުރަށް އެއްޗެއް ނުބުނެ ވޮލެޓުން ރުފިޔާ ނަގައިގެން ޖުމާ ހިނގައިގަތީ ބޭރަށެވެ. އެއާއެކު ހެނދުގެ ފިނި ވައިން އޭނާގެ މޫނުމަތި އިތުރަށް އުޖާލާވެގެން ދިޔަ ކަހަލައެވެ. ބާރު ހިނގުމުގައި ގޮސް ފިހާރައަށް ވަދެ އޭނާ ޓޮމާޓޯ ދަޅެއް ނެގިއެވެ. ސޭޓަށް ފައިސާ ދިނުމަށްފަހު ފިހާރައިން ނިކުތެވެ. ވަގުތަކީ ރުޝްދީ އެހިސާބަށް އަރާ ހަމަވި ވަގުތެވެ. ކޮންމެވެސް ތަނަކުން ފެނުނު މީހެއްހެން ހީވާތީ ޖުމާއަށް އޭނާގެ މޫނަށް ފުން ނަޒަރަކުން ބަލައިލެވުނެވެ. އެއާއެކު ރުޝްދީ ރައްދުކުރީ އުފާވެރި ހިނިތުންވުމެކެވެ.
" ތިއީ މިރަށު ކުއްޖެއް ނޫންދޯ"
ކުރިއަށް ހިނގައިގަންނަން އުޅެނިކޮށް ޖުމާއަށް އަމާޒުކޮށް ރުޝްދީ އަހާލިއެވެ. އެހެންކަމުން ޖުމާއަށް ހުއްޓެން މަޖުބޫރުވިއެވެ.
" ހޫމް،، އުނހުނ.. އަސްލު މިރަށް.. އެކަމަކު މިރަށަކު ނޫން އުޅެނީ.."
ހިނިތުންވެލަމުން ޖުމާ ބުންޏެވެ. އެއާއެކު ޖުމާއާ ސަލާމްކޮށްލަން އަތްދިއްކޮށްލަމުން ރުޝްދީ ބުންޏެވެ.
" އަހަންނަކީ ރުޝްދީ! މިރަށު ކައުންސިލްގެ ރައީސް! "
ރުޝްދީގެ އަތަށް ބަލައިލުމަށްފަހު އަނެއްކާވެސް ހިނިތުންވެފައިވާ މޫނަށް ޖުމާއަށް ބަލައިލެވުނެވެ. ސަލާމްނުކޮށް ދާން ނުކެރިގެން އޭނާ ރުޝްދީގެ އަތާ އަތް މަހާލިއެވެ. އެއާއެކު ދުރުގައި ހުރި ގަހެއްގެ ދޮށުގައި ކަފީލާއާއި އިތުރު އަންހެނަކު ބަލަހައްޓައިގެން ހުރި މަންޒަރު ފެނި ޖުމާއަށް އަވަސް އަވަހަށް ރުޝްދީގެ އަތުން ދޫކޮށްލެވުނެވެ. އިތުރަށް އެއްޗެއް ނުބުނެ އޭނާ އެނބުރިގަތް އިރު ހިތްވެސް އޮތީ ވަރަށް ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައިކަން ޖުމާއަށް އިޙްސާސްކުރެވުނެވެ. ލޯމަތިން ޖުމާ ގެއްލެން ދެން ރުޝްދީއަށް ހުރެވުނީ ބަލާށެވެ. އޭރުވެސް އެމަންޒަރު ބަލަން ދުރުގައި ކަފީލާމެން ތިއްބެވެ.
" އޭ ހާދަ ބާރަކަށް ތިއައީ! ބިރެއް ފެނިގެންތަ؟ "
ދުރުދުރުގައި ފިޔަވަޅު އަޅަމުން އައިސް ހުއްޓުނު ޖުމާއާ ދިމާލަށް ޒާރާ ބުންޏެވެ. އޭރުވެސް ޖުމާގެ މޫނުމަތީގައިވަނީ ހާސްކަމުގެ އަސަރުތަކެވެ.
" އާނ! ބިރެއް ފެނިގެން... އަހަރެން އެބަ މޭނުބައިވެސް ކުރޭ!"
އަތުގައި އޮތް ޓޮމާޓޯ ދަޅު މޭޒުމަތީގައި ތަންކޮޅެއް ބާރަށް ބަހައްޓަމުން ޖުމާ ބުންޏެވެ. އެއާއެކު ޒާރާގެ ހުރިހާ ސަމާލުކަމެއް ޖުމާއަށް ހުއްޓިއްޖެއެވެ. ކަންތައްވީގޮތް ޖުމާ ޒާރާއަށް ކިޔައިދިނުމާއެކު ޒާރާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" އެއީ ދެން އެހާވަރުގެ ކަމެއް ނޫނޭ! މުއާގެ މަންމަ އެއްޗެކޭ ހީކޮށްފާނެތީދޯ ތި ބިރުގަތީ! މަންމަ އެކަހަލަ ކަންކަމަކާ ނުބެހޭނެޔޭ! "
ޒާރާ މަސައްކަތަށް އެނބުރެމުން ބުންޏެވެ. ނަމަވެސް ޖުމާއާމެދު ދެކޭ ގޮތް ބަދަލު ވެދާނެތީ ޖުމާ ހުރީ ވަރަށް ލަދުގަނެ ބިރުގަނެފައެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!