ކުރީގެ އަދަދާއިގުޅޭ،

ރުޝްދީގެ ޖުމްލަތައް އަޑުއަހަން އިނދެ ރީނާ ބޯ ޖަހާލިއެވެ. ކޮންމެ ޙާލެއްގައިވެސް މާހިލް ޙާޞިލްކުރަން އެވަގުތު، އޭނާ ހިތުގައި ޢަޒުމް ކަނޑައެޅިއެވެ.

Ad
rt

" ބޭބެ ކިހިނެއް ހަދަން ތިއުޅެނީ؟ "

ރުޝްދީގެ ސިކުނޑީގައި ރާވަމުންދާ ރޭވުންތައް ވަރުގަދަވާނެކަން ރީނާއަށް އެނގޭ ޙާލު އޭނާ ސުވާލު ކުރިއެވެ.

" ބޭބެ ކޮންމެ ކަމެއްވެސް ކުރާނީ ކޮއްކޮއަށް ފައިދާވާގޮތަށް! އެހެންވީމަ މިރޭ 8 ޖަހާއިރަށް ތައްޔާރުވެލާ ބޭބެއާއެކު ބޭރަށް ދާން! އޯކޭ؟ "

ހަރުކަށި އަޑަކުން ރުޝްދީ އެހެން ބުނުމާއެކު ރީނާ އަނެއްކާވެސް ބޯ ޖަހާލިއެވެ. އިތުރަށް މަޑުކުރުމެއްނެތި ރުޝްދީ ބާރު ފިޔަވަޅުތަކެއްގައި އޭނާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ. އޭރުވެސް ރީނާ ހުރީ ސިޓިންގރޫމްގައެވެ.

***

މަޣްރިބް ނަމާދުކޮށް ނިމިގެން ޒާރާ އެނދުގައި އިށީނދެލީ މުއާޒްގެ އިންތިޒާރުގައެވެ. ނަމަވެސް އޭނާ ގެއަށް އައުން ލަސްވަމުންދާތީ ޒާރާގެ ހިތަށް ތަފާތު އުނދަގޫތަކެއް ވެރިވާން ފެށިއެވެ. އެހެންކަމުން އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޒާރާ މުއާޒްއަށް ގުޅާލިއެވެ.

" ނެގަޓިވް ވީމަ ގެއަށް ނާންނަން ވެގެން ދޯ ތިހުރީ؟ "

" ސައިކަލް މަތީ އިނީމަ ފޯނު ނުނެގުނީ! މިހާރު މި ވަންނަނީ ގެއަށް!"

މުއާޒްގެ އަޑާއި ރާގުގައި އެއްވެސް އުފާވެރިކަމެއް ނެތްކަން ޒާރާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާގެ އަތަށް ލިބެން އުޅޭ ރިޕޯޓަކީ އެއްވެސް އުފަލެއް ނެތް އެއްޗެއްކަން ޒާރާ ޔަޤީންކުރިއެވެ.

" އަހަންނަށް އެނގޭ ނެގަޓިވްކަން..."

މުއާޒް ކޮޓަރިއަށް ވަނުމާއެކު މާޔޫސްވެ ހުރެ ޒާރާ ބުންޏެވެ. ޒާރާއަށް ބަލައިލުމަށްފަހު އެނދު ކައިރީގައި ހުރި ސައިޑް ކަބަޑުމަތީ އަތުގައި އޮތް ސިޓީއުރަ މުއާޒް ބޭއްވިއެވެ.

" އެނގެންޏާ ދެން ކޮންމެހެން ބަލާނެ ކަމެއްވެސް ނެތް"

އާދައިގެ ގޮތަކަށް މުއާޒް އެހެން ބުނެ އެނދުގައި އިށީނދެ ހެޑްބޯޑުގައި ބޯ ޖައްސާލިއެވެ. ފުންވިސްނުމެއްގައި މުއާޒް އިނުމުން ޒާރާއަށް މާބޮޑަށް އުނދަގޫވާން ފެށިއެވެ. އެހެންކަމުން އޭނާ މުއާޒާ ދިމާލަށް އެނބުރިލުމަށްފަހު ކޮނޑުގައި ބޯ ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ވަރަށް އުއްމީދުކުރިން! އެކަމަކު ނުވީމަ ވަރަށް ދެރަވެސްވެއްޖެ! މުއާ ދެރައެއް ނުވޭތަ؟ "

ޒާރާ އެހެން ބުނުމާއެކު ކަބަޑުމަތީ އޮތް ސިޓީއުރަ ނަގައި ޒާރާއަށް މުއާޒް ދިއްކޮށްލިއެވެ.

" އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭ ހެން ހީވަނީ! ޒާ ބަލައިލާ"

މުއާޒްގެ ޖުމްލައިން ޒާރާގެ ހިތަށް ބިރުވެރިކަން ވެރިވުމާއެކު އޭނާ އަވަސް އަވަހަށް ބޯ ހިއްލާލުމަށްފަހު ހަމަޖެހިލިއެވެ.

" އަނެއްކާ އަހަރެންގެ މައްސަލައެއް ހުންނަނީބާ؟"

ހާސްކަމާއެކު ޒާރާ ސިޓީ އުރަ ތެރޭގައި އޮތް ކަރުދާސް ނެގިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ކަރުދާހަށް ބަލަމުން ދިޔައެވެ.

" އޭނ؟! މީގަ އެބައޮތް ޕޮޒިޓިވް ކަމަށް! "

ހައިރާންކަމާއެކު މުއާޒްގެ މޫނަށް ބަލައިލަމުން ޒާރާ ބުންޏެވެ. އެއާއެކު މުއާޒްގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ.

" މުއާއަށް އެނގޭދޯ ކުރިންވެސް"

ކަރުދާހުން މުއާޒްގެ ގައިގައި ޖަހާލަމުން ޒާރާ އެހިއެވެ. އެއާއެކު މުއާޒް ބޯ ޖަހާލީ ހެމުންނެވެ.

" އަލްޙަމްދުﷲ! އަޅެ.. މިއީ ހަމަ އަސްލުތަ؟"

ލަދުރަކި ގޮތަކަށް ޒާރާ އަނެއްކާވެސް މުއާޒް ގާތު އެހިއެވެ. އެއާއެކު މުއާޒް ޒާރާގެ ގައިގައި ބައްދާލަމުން ބޯ ޖަހާލިއެވެ.

" ހޫމް... މިއީ ހަމަ އަސްލޭ މަގޭ ދޫންޏާ... އަހަރެން ހިތަށް އެރި ޒާ ދެރަކޮށްލާފައޭ ހެއްވާލާނީ! އަހަރެންވެސް ހާދަ އުފާވިޔޭ.."

ދެމީހުން އެކަކު އަނެކަކުގެ އިޙްސާސްތައް ހާމަކުރުގައި އެތައް އިރެއް ހޭދަ ކުރިއެވެ. ދަރިފުޅާމެދު އެތައް އުއްމީދުތަކެއް ކުރެވި، ހުވަފެންތަކެއް ދެކެން ފެށިއެވެ. އަދި ކިޔާނެ ނަމާ ބެހޭގޮތުންވެސް ހަމަ އެވަގުތު ވާހަކަ ދެކެވުން ވެގެން ދިޔައީ ދެމީހުންނަށްވެސް ވީ ވަރަށް މަޖާ ކަމަކަށެވެ.

" ދެން ދޭ މިސްކިތަށް! ޢިޝާ ނަމާދަށް ބަންގި ގޮވާނެ މިހާރު.. "

މުއާޒްގެ މޭމަތީގައި ބޯ އަޅާލައިގެން އޮވެ ޒާރާ ބުނެލިއެވެ.

" މިރޭ ވާނެ ދޯ މަންމަމެންގާތު ބުނަން"

މުއާޒް ތެދުވުމާއެކު ޒާރާ ބުނެލިއެވެ. އެއާއެކު މުއާޒް ލަދުގަންނަ ކަހަލަ ގޮތަކަށް ދެލޯ ބޮޑުކޮށްލިއެވެ.

" އޭ! ޒާ ދޯ ބުނާނީ! އަހަރެން ހުއްޓާ ނުބުނާތި.. މާދަމާ އަހަރެން ފިހާރައަށް ދިޔައީމަ ބުނާނީ"

އެއާއެކު ޒާރާއަށް ބާރުބާރަށް ހެވުނެވެ.

***

ނަމާދުން އައި ގޮތަށް ސޯފާގައި އިށީނުމަށްފަހު ނަޖީބް ޓީވީ އަޅުވާލީ އަށެއްގެ ޚަބަރު ބެލުމަށެވެ. ޓީވީގެ އަަޑަށް ކޮޓަރީގައި ހުރި ކަފީލާވެސް ނިކުމެ ނަޖީބާ ދާދި ގާތުގައި އިށީނދެލިއެވެ.

" އައްސަލާމް ޢަލައިކުމް..."

ސަލާމްގޮވާލި އަޑަށް ނަޖީބުގެ އިތުރުން ކަފީލާއަށްވެސް ބަލައިލެވުނީ ދޮރާ ދިމާލަށެވެ. އެއާއިއެކު ދޮރުމަތީގައި ހުރި ރުޝްދީއާއި ރީނާ ފެނި އެދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ.

" ވަޢަލައިކުމް ސަލާމް! "

ކޮޅަށް ތެދުވަމުން ނަޖީބު ސަލާމް ބަލައިގަތުމާއެކު ރުޝްދީއާއި ރީނާ އެތެރެއަށް ވަނެވެ.

" ދުރުވޭ! އިށީންނަވާ... "

ރުޝްދީއަކީ ރަށުގައި ޤަދަރު އުފުލިގެންވާ މީހެއްކަމުން ނަޖީބު ވާހަކަ ދެއްކީ އިޙްތިރާމާއެކުގައެވެ.

" ރުޝްދީ މިވަގުތު މިގެއިން ފެނުނީމަ އަޅުގަނޑު ކުޑަކޮށް ހައިރާންވެއްޖެ!"

ޓީވީ ނިއްވާލުމަށްފަހު ހިނިތުންވެލަމުން ނަޖީބު ބުނެލިއެވެ. އެއާއެކު ރުޝްދީ ހިނިތުންވެލަމުން ރީނާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ލަދުރަކި ގޮތަކަށް ރީނާއަށް އިސްޖަހާލެވުނެވެ. ރުޝްދީ ފެނުމާއެކު ކަފީލާގެ ހަނދާނަށް އައީ ޖުމާގެ އަތުގައި ހިފައިގެން އޭނާ ހުރި ދުވަހުގެ ހަނދާނެވެ. އެހެންކަމުން ރުޝްދީ އެގެއަށް އެއައީ ކޮންމެވެސް އަމިއްލަ އެދުމެއް އޮވެގެން ކަމުގައި ކަފީލާ ނިންމިއެވެ.

" މިއީ ރީނާ ދޯ؟ ހާދަ ދުވަހެއް ވެއްޖެޔޭ ނުފެންނަނީވެސް.. ރަށަކު ނޫންދޯ އުޅެނީ؟"

އެމީހުންނާ ބައިވެރިވުމުގެ ގޮތުން ކަފީލާ ރީނާއާ ވާހަކަ ދެއްކިއެވެ.

" ނޫން.. ރަށުގައި އުޅެނީ. އެކަމަކު ގެއިން ވަރަށް ނުނިކުންނަން"

ލަދުން އިނދެ ރީނާ ޖަވާބު ދިނީ ހިނިތުންވުމާއެކުގައެވެ. ރީނާގެ ޖަވާބާއެކު ކަފީލާވެސް ފުޅާ ހިނިތުންވުމެއްގައި އިނދެ ބޯ ޖަހާލިއެވެ. ވަށައިގެން ނަޒަރު ހިންގާލަމުން ރުޝްދީ ނަޖީބަށް ބަލައިލިއެވެ.

" މާހިލް ގޭގައި ނޫޅެނީތަ؟ "

ރުޝްދީގެ ދުލުން މާހިލްގެ ނަން ބޭރުވުމާއެކު ކަފީލާ ކުޑަކޮށް ޖެހިލުންވިއެވެ.

" ނޫން! މާހިލް އަބަދުވެސް އުޅޭނީ ކޮޓަރީގައި! ދެން ބޭރުގައި މިހެން އިންނަން އެވަރުގެ ކުދިން ފޫހިވެސް ވާނެއެއްނު! ކިހިނެއްތޯވީ މާހިލްގެ ވާހަކަ ތިޔަ ނަންގަތީ؟"

މިފަހަރުވެސް ވާހަކަ ދެއްކީ ކަފީލާއެވެ. ވަގުތަކީ ކޮޓަރި ތެރެއިން ޖުމާވެސް ނިކުތް ވަގުތެވެ. ކޮޓަރީގެ ދޮރު ލައްޕާލި އަޑަށް އެންމެންނަށްވެސް އެއްފަހަރާ ޖުމާއާ ދިމާލަށް ބަލައިލެވުނެވެ. އެހެންކަމުން ޖުމާ ކުޑަކޮށް ލަދުގަތް ނަމަވެސް ސިޓިންގރޫމްގައި މަޑުކުރުމެއްނެތި އޭނާ ހިނގައިގަތީ ޒާރާގެ ކޮޓަރިއާ ދިމާލަށެވެ. އެގޭތެރެއިން ޖުމާ ފެނުމުން، ރުޝްދީއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ޖުމާ އުޅެނީ އެގޭގައިކަމެއް އޭނާއަކަށް ކުރިއަކުން ނޭނގެއެވެ. ޖުމާ ފެނުމުން ހިތަށް ލިބުނު ހަމަޖެހުމުގެ ބޮޑުކަމުން އޭނާ އެގެއަށް އައި ބޭނުންވެސް ކުޑަ ވަގުތު ކޮޅަކަށް ހަނދާން ނެތުނު ކަހަލައެވެ. އަދި ހިތުގައިވާ ރުޅިގަނޑު ފެނަށްވެ، ފިނިވެގެން ދިޔަ ފަދައެވެ.

" މާހިލްއަށް ގޮވާލަންވީތޯ؟"

އިސްޖަހާލައިގެން އިރުކޮޅަކު އިނުމަށްފަހު ރުޝްދީ ނަޖީބަށް ބަލައިލުމާއެކު ނަޖީބު އެހިއެވެ. އެއާއެކު ރުޝްދީ ބޯ ޖަހާލިއެވެ. އެހެންކަމުން ކަފީލާ އަވަސް އަވަހަށް ތެދުވެގެން ގޮސް މާހިލްގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ.

" ކިހިނެއްވީ މަންމާ؟ "

އެހާމެ އަވަހަށް ދޮރު ހުޅުވާލުމަށްފަހު މާހިލް އަހާލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ސޯފާއާ ދިމާލަށް މޫނު އަނބުރާލަމުން ކަފީލާ އަތުގެ އިޝާރާތުން ރުޝްދީމެން ދައްކާލިއެވެ. ހައިރާންވެ ހުރެ މާހިލް ބޭރަށް ބޯދިއްކޮށްލުމާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެ، މޫނުމަތީގައިވާ ހަމަޖެހުންވެސް ވަގުތުން ގެއްލުނެވެ. އޭރު ރީނާގެ އިތުރުން ރުޝްދީވެސް މާހިލަށް ބަލަމުން ދިޔައެވެ.

" މާހިލް! އާދެބަލަ މިކޮޅަށް.."

ލޯތްބާއެކު ރުޝްދީ ގޮވާލިއެވެ. ވަގުތަކީ ނަމާދުން އައިސް މުއާޒްވެސް އެތެރެއަށް ވަތް ވަގުތެވެ.

" ދޮންތާ! އެއްކަލަ މީހާ ގަނޑު އެބައިން މިގެއަށް އައިސް.. ނުލާހިކު ރީތި އަންހެން ކުއްޖަކުވެސް ގޮވައިގެން އައިސް އިނީ... ކީއްކުރަންތަ އޭނަ އެއައީ މިގެއަށް"

ނަމާދު ކުރަން އިން ޒާރާ ސަލާމް ދިނުމާއެކު އަވަސް އަވަހަށް ޖުމާ އެހިއެވެ.

" ދޮންތައަށް ކިހިނެއް އެނގޭނީ! ހިނގާބަލަ ދާން ބޭރަށް... މިހާރު މުއާބެވެސް އަންނާނެ ކާން"

މުސައްލަ އޮޅާލަމުން ޒާރާ ބުންޏެވެ. އެއާއެކު ޖުމާ ޗޮކެއް ކަނޑާލަމުން މޫނު އަނބުރާލިއެވެ.

" ދޮންތަ ދޭ! އަހަންނެއް ނުދާނަން.."

ޖުމާ އެހެން ބުނުމާއެކު ޒާރާ ދެފަރާތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އާނ! އެމީހާ އިނިއްޔާ ނިކުންނާނެ ކަމެއް ނެތް.. ދޮންތަ މިދަނީ"

ބޮލުގައި ހުޅިއެއް ޖަހާލުމަށްފަހު ޒާރާ ދޮރާ ދިމާލަށް ހިނގައިގަތެވެ.

" އަޅުގަނޑުމެން މިގެއަށް މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން.."

ފުރަތަމަވެސް ޒާރާގެ ކަންފަތުގައި ޖެހުނީ ރުޝްދީގެ ޖުމްލައެވެ. އޭރު އެންމެންވެސް ތިބީ ސޯފާގައި އިށީނދެއެވެ. އެހެންކަމުން ޒާރާ ދޮރުގައި ލެނގިލައިގެން ދުރުގައި މަޑުކޮށްލީ ރުޝްދީގެ ވާހަކަ އަޑުއަހާލާ ހިތުންނެވެ.

ރީނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިނދެ މާހިލް ވަގުލޮލުން ރީނާއަށް ބަލައިލީ ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށެވެ. ރީނާ އެގޮތަށް ކަންތައް ކޮށްފާނެކަމަކަށް މާހިލް ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. އޭރު މާހިލްގެ އެތެރެހަށި ރުޅިވެރިކަމުގެ ގިނިން ފިހެވެމުންދާހެން އޭނާއަށް ހީވެއެވެ.

" މާހިލްއާއި އަޅުގަނޑުގެ ކޮއްކޮ ރީނާ ގުޅިގެން އުޅޭތާ މަސްދުވަސް ވަރު ވެދާނެ.. އަޅުގަނޑު ބޭނުމެއްނުވޭ އެގޮތަށް ވާހަކަ ދައްކާލަ ދައްކާލަ ތިބޭކަށެއް... އަޅުގަނޑު ބޭނުންވަނީ މާހިލް އަވަހަށް ރީނާއާ ކައިވެނީގެ ގުޅުމުން ގުޅެން! "

ހިނިތުންވެލަމުން ރުޝްދީ އެހެން ބުނެލީ ރީނާގެ ބޮލުގައި ފިރުމާލަމުންނެވެ. އޭރުވެސް ރީނާ އިނީ އިސްޖަހާލައިގެން ހެވިފައެވެ. ރުޝްދީ އިއްވާލި ޚަބަރުން އާއިލާގެ އެންމެންނަށްވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ހައިރާންވެ ތިބެ އެކަކު އަނެކަކުގެ މޫނަށް ބަލައިލުން ފިޔަވައި އެމީހުންނަށް އެވަގުތު އިތުރު އެއްޗެއް ނުބުނެވުނެވެ.

" ފަހަރެއްގައި ޤަބޫލު ކުރަން އުނދަގޫވެސް ވެދާނެ.. އެއީ މާހިލް އޮތީ މިދެކުދިންގެ ގުޅުން ސިއްރު ކޮށްދޭން އެދިފައި.. އެކަމަކު އަޅުގަނޑު މިހާރު ބޭނުމެއްނޫން ކައިވެނި ނުކޮށް ތިބޭކަށެއް.. އެހެންވީމަ މާހިލްގެ މަންމަމެން މިކަމާމެދު ދެކިލައްވާގޮތެއް އޮޅުން ފިލުވާލަން ބޭނުންވަނީ! "

މާހިލްގެ މޫނުމަތީގައިވާ ހިތްހަމަ ނުޖެހުންތައް މުއާޒް ކިތަންމެ ރަނގަޅަކަށްވެސް ދެނެގަނެފިއެވެ. ނަމަވެސް އޭނާ އެއްޗެއް ނުބުނެ މަޑުކުރީ މަންމައާއި ބައްޕަ ދައްކާ ވާހަކައެއް އަޑުއަހަން ބޭނުންވާތީއެވެ.

" ކޮންމެ ގޮތެއް ވިޔަސް ދެކުދިން އެކުގައި ރައްޓެހިވެގެން އުޅޭނީ އެކަކު އަނެކަކަށް ކަމުދާތީދޯ!"

މާހިލަށް ބަލައިލަމުން ރުޝްދީ ބުންޏެވެ. އެއާއެކު މާހިލް އަވަސް އަވަހަށް އިސްޖަހާލިއެވެ. ރުޅިއާއި އެއްވަރަށް އޭނާ އިނީ އިންތިހާއަށް ލަދުވެސް ގަނެފައެވެ. އޭގެ އިތުރުން ޖުމާ އެތަނަށް އަތުވެދާނެތީ އޭރުވެސް އޭނާގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ޖުމާ އަންނަން ވާއިރަށް ރުޝްދީމެން ދޭތޯ ހިތުގެ އަޑިން އޭނާ ދިޔައީ ދުޢާ ކުރަމުންނެވެ.

" އަޅުގަނޑުމެންނަށް ތިކަހަލަ އެއްވެސް އިޝާރާތެއްވެސް ނުލިބެ.. ދެން ތިކަމާ ގޮތް ނިންމާނީ މާހިލްދޯ! އެކަމަކު ބައްޕައެއްގެ ޙައިސިއްޔަތުން އެއްޗެއް ބުނަންޏާ އަޅުގަނޑު ދައްކަންހުރި ބައިވަރު ވާހަކަ އެބަހުރި.."

ފުންނޭވާއެއް ދޫކޮށްލަމުން ނަޖީބު ބުންޏެވެ. އެއާއެކު ގަޔާވެލާފައި ރުޝްދީ ބޯޖަހާލިއެވެ.

" މާހިލަކީ އަޅުގަނޑުމެންގެ އެންމެ ހަގު ދަރިފުޅު.. އަދި ކިރިޔާ އަށާރަ އަހަރުވީ! ދެން އަދި މާހިލްގެ ކިޔެވުން އޮތީ ކުރިއަށް.. އެހެންވެ ވަޒީފާއަކަށްވެސް ނުގޮސް އެހުރީ އަދި ކިޔަވަން ވެގެން.. ދެން މާހިލްގެ އުޅުމަށް ބަލާފައި ބައްޕަ ބުނެލާނީ އަނތްބަކު ގެންގުޅެވޭ ވަރުގެ ހަރުދަނާ ކަމެއް އަދި އޭނާގެ ކިބަޔަކު ނުހުންނާނެޔޭ.. ކައިވެންޏަކީ ވަރަށް މާތް މަތިވެރި ގުޅުމެއް! ކައިވެންޏަށްފަހު އަނބިމީހާއަށް ހުރިހާ ޚަރަދެއްކޮށް، ދިރިއުޅުމުގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީވެސް ފިރިމީހާ! އެހެންވީމަ އަދި ކައިވެންޏެއް ކުރަން މާހިލް މާ ކުޑަ!"

ނަޖީބުގެ ޖަވާބުގެ ސަބަބުން މާހިލްގެ ހިތަށް ހަމަޖެހުން ލިބުނު ފަދައެވެ. ނަމަވެސް އޭރު ރުޝްދީ އިނީ ވަރަށް ބޮޑަށް މާޔޫސްވެ، ނުތަނަވަސް ވެފައެވެ. ދާދި ގާތުގައި އިން ރީނާގެ މޫނަށް އޭނާ ބަލައިލިއިރު ރީނާ ތުރުތުރުއަޅާކަން ރުޝްދީއަށް އެނގުނެވެ. އޭނާ ރުޅި އައިސް އިން ވަރު ރުޝްދީއަށް އިޙްސާސްވެސް ކުރެވުނެވެ. އެހެންކަމުން ހަމައެކަނި ނަޖީބުގެ ޖަވާބު އަޑުއަހާފައި އެގެއިން ދާކަށް ރުޝްދީ ބޭނުމެއް ނުވިއެވެ.

" ޚަރަދާއި ޒިންމާގެ ވާހަކަ ބާއްވަމާ! ފައިސާގެ ތަނަވަސްކަން ރީނާގެ ހުންނާނެ.. ރީނާއަކީ ރަނގަޅު އަނތްބަކަށް ވާނެ ކުއްޖެއްކަމާމެދު އަޅުގަނޑު ޝައްކެތް ނުކުރަން.. މިވީހާ ތަނަށްވެސް ރީނާއަށް މި ދުނިޔެއިންވެސް މީހަކު ކަމުގޮސްގެން އަޅުގަނޑަށް ދެއްކި ހަމައެކަނި މީހަކީ ހަމަ މާހިލް! އެންމެ ކުޑައިރުއްސުރެ ރީނާގެ ހުރިހާ ކަމެއް މި ބަލަހައްޓަނީ އަޅުގަނޑު. އެހެންވީމަ މާހިލަށް ރީނާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ.. އަދި އެއްވާހަކަ! ކައިވެނީގެ ސަބަބުން މާހިލަށް ކިޔަވަން ދިޔުން ހުރަހަކަށް ނުވާނެޔޭ! މާހިލް ބޭނުން ދާއިރާއަކުން ކިޔެވުމަށް އަޅުގަނޑު މިހުރީ ޚަރަދު ކުރަން ހަމަ ތައްޔާރަށް.. އަދިވެސް ބުނަންތޯ؟ ކޮޓަރި ތެރޭގައި އޮވެގެން ޒިންމާ ނަގާކަށް އެެއްވެސް މީހަކަށް ދަހެއް ނުވާނެ.. ކަންކަން ދަސްވާނީވެސް ކުރަން އުޅުނީމަ.. "

ވާހަކަ ދައްކާ ނިންމާލަމުން ރުޝްދީ، ރީނާގެ ބޮލުގައި އަނެއްކާވެސް ފިރުމާލިއެވެ.

" އެހެންވީމަ.. މިހާރުން މިހާރަަށް ކައިވެނި އަދި ނުކުރިޔަސް މިއަހަރު ނިމުނީމަވެސް ކުރެވިދާނެތާ މާހިލް ބޭނުން ވަންޏާ!"

ނަޖީބުގެ ވިސްނުން ހުރީ އަދިވެސް ލަސްކުރާ ގޮތަކަށެވެ. ކަތި ނަޒަރަކުން ނަޖީބު މާހިލަށް ބަލަމުން ދިޔައީ ވާހަކަ ދެއްކުމަށް ލޮލުން އިޝާރާތް ކުރަމުންނެވެ.

" އަދި ކައިވެންޏަކާ ހަމައަށް ދާން ގާތްވެސް ނުވެއެއްނު.. އެހާ އަވަހަށް ކައިވެނި ކުރާކަށް އަހަރެން ބޭނުމެއް ނޫން"

މާހިލްގެ ޖުމްލައިން ރުޝްދީގެ އިތުރުން ރީނާއަށްވެސް ސިހުން ލިބުނު ފަދައެވެ. އޭނާ އިންކާރު ކުރާނެކަމަކަށް ރުޝްދީވެސް ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. އެހެންކަމުން ރުޝްދީ ގާތަށް އިތުރަށް ރުޅިއަތުވެއްޖެއެވެ.

" މައްސަލައެއްނެތް! މާހިލް މި ކައިވެންޏަށް ނޫނެކޭ ބުނީތާދޯ! އަހަރެންގެ ކޮއްކޮއަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ މިއަދު އުފުލަން ޖެހޭނީ މާހިލް! ކޮއްކޮއަކީ ހިތުގެ ބަލި ހުންނަ ކުއްޖަކަށް ވެފައި އޭނަ ދެރަކޮށް ރުޅި ނޭރުވުމަށް އަހަރެން މާހިލަށް އަބަދުވެސް ނަޞޭޙަތްތެރިވިން.."

ރުޝްދީގެ ޖުމްލައާއެކު މާހިލަށް ކޮޅަށް ތެދުވެވުނެވެ.

" ރީނާއާ ވާހަކަ ދެއްކި ފަހުން ބުނީ! އެހެން ނޫނަސް ރީނާއަށް އެނގޭނެ ރީނާއާ އަހަރެން ވާހަކަ ދައްކަން ފެށުނީ ކިހިނެއްކަން! އެއީ މީހަކު ދިން ލަނޑެއް.. ރީނާ ބުނީ ދެމީހުން އެކުގައި އުޅެވޭތޯ ބަލައިލަންވީއޭ! އެހިސާބުން އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރިން! އެކަމަކު އަހަންނަށް ރީނާ ކަމުނުދަންޏާ އަހަރެން ކިހިނެއް ރީނާއާ ގުޅޭނީ؟ އެހެންވެ އަހަރެން މަސައްކަތްކުރީ ދުރުވާން"

މާހިލްގެ ވާހަކަ ނިމުމާއެކު ބާރުބާރަށް ރީނާ ރޮއިގަތެވެ. އޭރު އޭނާގެ ނޭވާވެސް ވަނީ އިންތިހާއަށް އަވަސްވެފައެވެ.

" ޕްލީޒް އެމްބިޔުލާންސަށް ގުޅައިދީ! "

ހާސްވެފައި ހުރި މުއާޒްގެ މޫނަށް ބަލައިލަމުން ތަންކޮޅެއް ބާރަށް ރުޝްދީ ބުނެލީ ރީނާ ސޯފާމަތީގައި ބާއްވާލަމުންނެވެ. އޭރު ދުރުގައި ހުރި ޒާރާވެސް ބާރުބާރަށް އެތަނަށް އަތުވެއްޖެއެވެ. އެންމެންގެ މޫނުމައްޗަށްވެސް ވެރިވެފައިވަނީ ހާސްކަމާއި ބިރުވެރިކަމެވެ. ޙަޤީޤަތުގައިވެސް ރީނާއަށް ވަމުންދާގޮތް ފެންނަ މީހަކުވެސް ދެރަވެ، ބިރުގަންނާނެއެވެ.

ސިޓިންގރޫމްގައި ތަންކޮޅެއް އަޑު ގަދަވާހެން ހީވުމުން ޒާރާގެ ކޮޓަރީގައި އޮތް ޖުމާ އެނދުން ފުންމާލައިގެން ގޮސް ކުޑަކޮށް ދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. އެއާއިއެކު ސޯފާކައިރީގައި އެންމެން އެއްވެ ތިބުމުގެ ސަބަބުން ޖުމާއަކަށްވެސް އެތެރެއަކު ނުހުރެވުނެވެ. އަވަސް އަވަހަށް އޭނާ ނިކުމެ ސޯފާއާ ދިމާލަށް ދިޔައެވެ. އޭރު ބަލިމީހުން އުފުލާ އަށިގަނޑު ހިފައިގެން ދެމީހަކު އެތެރެއަށް ވަދެއްޖެއެވެ.

" ބައްޕަ އާދޭ އަޅުގަނޑާއެކު ސައިކަލްގައި ދާން! މާހިލް ދޭ އެމްބިޔުލާންސްގައި ރުޝްދީއާއިއެކު! "

މުއާޒް ބާރުބާރަށް އެހެން ބުނުމުން މާހިލަކަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. މުއާޒްގެ ފަހަތުން އޭނާ ހިނގައިގަތް ވަގުތު ޒާރާގެ ފަހަތުގައި ހުރި ޖުމާ ފެނި މާހިލްގެ ހިތަށް ހާސްކަން ވެރިވެގަތެވެ. ނަމަވެސް ޖުމާގެ މޫނުމަތީގެ ހަރަކާތްތަކުން އޭނާއަށް އަދި އެއްޗެއް ސާފުނުވާކަން މާހިލަށް އެނގުނެވެ.

" ކިހިނެއްތަ ވީ؟ "

ދޮރުން ނިކުމެ ނިކުމެ ހުއްޓާ، ޖުމާ ޒާރާގާތު ކޮށްލި ސުވާލުގެ އަޑު މާހިލްގެ ކަންފަތުގައި ޖެހުމާއެކު މާހިލްއަށް ދަތްތައް ފިއްތާލެވުނެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)