" ދެން ކިހިނެއް ހަދާނީ؟ މަށަކަށް ނޫޅެވޭނެ އޭނައާއެކު!"
" އެކަމަކުވެސް... އަދި މަޑުކުރޭ! ކުއްލިއަކަށް ދުރަށް ދިޔައީމަ ބޮނޑިއެއް ލިބިދާނެ"
ހާނިމް ބުނެލިއެވެ.
" މަޑުކުރެވިދާނެ! އެކަމަކު... އޭރުން ރީނާ ތަތްވާވަރު ބޮޑެއްނު ވާނީ! އަހަންނަށް ހީވަނީ މިހާރުދެން ނިންމާލަން ވީހެން"
އަނެއްކާވެސް މާހިލް ބުންޏެވެ. ނަމަވެސް ހާނިމް އެކަމާ އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ.
" އޭރުން އެ ރުޝްދީ ކަލޭ ބޭޒާރު ކޮށްލާނީ ކިހިނެއް ކަމެއްވެސް ނޭނގެ! ރީނާއާ ވައި އެޅެންވެސް މީހަކަށް ނުކެރެނީ އެ ބޭބެއަކާ ހެދި! ރީނާގެ ކޮންމެވެސް ކުށެއް ދައްކާފައި ދުރަށް ދާންވާނީ.. އޭނަ ރޮއްވާފައި ރުޅި ވިއްޔާ އަހަންނަށް އެނގޭ ކަންތައްތައް ވަރަށް ގޯސްވާނެކަން.."
ކުޑައިރުއްސުރެ މާހިލްގެ އެންމެ ގާތް އެކުވެރިޔާއަކީ ހާނިމެވެ. އެހެންކަމުން މާހިލް ހާނިމަށް ވަރަށް އިތުބާރު ކުރެއެވެ. ހާނިމް ދޭ ހިޔާލުތަކަށް މާހިލަށް އަބަދުވެސް ތާއީދު ކުރެއެވެ.
" ހޫމް.. ދެން މަޑުކޮށްލާނީ! "
ފޯނަށް ނަޒަރު ހިންގާލަމުން ފޫހި ގޮތަކަށް މާހިލަށް ބުނެލެވުނެވެ.
***
ފެންވަރާ ތާޒާ ވެލައިގެން ޖުމާ ގޯތިތެރެއަށް ނިކުމެލީ އޭނާގެ ދިގު އިސްތަށިގަނޑު ހިއްކާށެވެ. ޖޯލިފަތި ކައިރީގައި ހުރި ބޮޑު އަނބު ގަހުގައި އެލުވާފައިވާ އުނދޯލީގައި އޭނާ އިށީނެވެ. އެއަށްފަހު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލައި އުނދޯލި ހެއްލާލިއެވެ. ވަގުތަކީ ދޮރާށި ހުޅުވާފައި މާހިލް އެތެރެއަށް ވަތް ވަގުތެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ އުނދޯލީގައި އިން ޖުމާއެވެ. ރަތްކުލައިގެ ދޫ ހެދުމެއް ލައިގެން އިން ޖުމާ ފެނި، މާހިލް އެތެރެއަށް ވަންނަ ހިތެއް ނުވިއެވެ. ގެއާ ދިމާލަށް ބަލައިލުމަށްފަހު މީހަކު ފެންނަން ނެތުމުން އޭނާ ހިނގައިގަތީ ޖުމާއާ ދިމާލަށެވެ. އެއާއެކު ޖުމާއަށް އިސްއުފުލައިލެވުނީ މާހިލްގެ ފިޔަވަޅުގެ އަޑަށެވެ. ހިނިތުންވެލަމުން މާހިލް އައިސް ޖޯލިފަތީގައި އިށީނުމާއެކު ޖުމާއަށް ބޭއިޙްތިޔާރުގައި ހެއްލަމުން ދިޔަ އުނދޯލި ހުއްޓާލެވުނެވެ.
" ހާދަ އެކަނިވެފަ؟ "
ޖުމާގެ މޫނަށް ޝައުޤުވެރިކަމާއެކު ބަލައިލަމުން މާހިލް ބުނެލިއެވެ. އެއާއެކު ލުއިގޮތަކަށް ހިނިތުންވެލަމުން ޖުމާ އިސްޖަހާލިއެވެ.
" މީ.. މިއަދު ވައިޖެހޭވަރުން... ހިތަށް އެރި ނިކުމެލަން! "
ލަދުން އިނދެ ޖުމާ ވާހަކަ ދެއްކިއެވެ.
" ޖުމާ އުޅެނީ އަބަދު ކޮޓަރީގައިތަ؟ ގޭތެރެއިންވެސް ނުވެއް ފެނޭ"
ދެއަތުގެ އިނގިލިތައް ގުޅުވައިލަމުން މާހިލް ދަތްދޮޅީގައި އަތް ޖައްސާލަމުން އަހާލިއެވެ. އަނެއްކާވެސް ޖުމާ ހީލީއެވެ. އޭރު އޭނާގެ ފަންފަން އިސްތަށިގަނޑުގެ ތެރެއިން ދޫވެގެން ބައެއް މޫނުމަތީގައި ވިހުރެމުން ދެއެވެ. މަޑުމަޑުން އިސްތަށިތައް އެއްފަރާތް ކޮށްލަމުން ޖުމާ އަވަސް އަވަހަށް ތެދުވިއެވެ.
" ނޫން.. ދޮންތަ ކައިރީގައި އުޅެނީ ގިނައިން.. މާހިލްވެސް ނުފެނެއެއްނު"
އުނދޯލީގެ ވާފަށުގައި ހިފަހައްޓާލަމުން ޖުމާ ބުންޏެވެ. އެއާއެކު މާހިލަށްވެސް ހިނިގަނޑެއް ޖަހާލެވުނެވެ.
" އަހަރެން މަދުފަހަރަކު ބޭރަށް ދަނީ! އެހެން ނޫނީ ކޮޓަރީގައި އުޅޭނެ.. އަހަރެން ހޯދާ ނަމަތާ ފެންނާނީ! "
ގާތް ގޮތަކަށް މާހިލް އަހާލީ އެއްބުމަ ހިއްލާލަމުންނެވެ. އޭނާގެ ދެލޮލުގައިވެސްވަނީ ތަފާތު ބެލުމެއްކަން ޖުމާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ޖުމާގެ ތުންފަތް މައްޗަށް ވެރިވި ރަކި ހިނިތުންވުމުގެ ކުލަވަރު މުޅި މޫނުމައްޗަށް ފެތުރިގެން ދިޔައެވެ. މިފަހަރުވެސް އޭނާއަށް އިސްޖަހާލެވުނީއެވެ.
" ދެން ދަނީ! "
ރައްދުގައި ބުނާނެ އެއްޗެއް ނޭނގިގެން ޖުމާ ބޭނުންވީ އަވަހަށް މާހިލްގެ ކުރިމަތިން ދާށެވެ. މާހިލަށް ފުރަގަސްދިނުމަށްފަހު އޭނާ ހިނގައިގަތް ވަގުތު އަނެއްކާވެސް މާހިލްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.
" ހަވީރު ސައިބޯން ހުރީ ކޯއްޗެއްތަ؟ "
މާހިލްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭ ޙާލު، ޖުމާއަށް އަވަސް އަވަހަށް ކަޅި ހިންގާލެވުނެވެ. ފަސްއެނބުރި ބަލައިލަމުން އޭނާ ހިނިތުންވެލީ ނޭނގެއޭ ބުނާ ކަހަލަ ގޮތަކަށް ދެކޮނޑު ހިއްލާލަމުންނެވެ.
" ނޭނގެ...ދޮންތަ ގާތު އަހާލަންތަ؟ އިއްޔެވެސް މުއާބެ އޯޑަރު ކޮށްގެން ހެދިކާ ގެނައި"
" ނޫނޭ.. އަހާނެ ކަމެއް ނެތް.. އެއީ އެހެން ބުނި އެއްޗެއް ނޫން"
ޖޯލިފަތީގައި ބުރަކަށި ޖައްސާލަމުން މާހިލް ބުނެލީ ލާނެތް ގޮތަކަށް ހީލަމުންނެވެ. އެއާއެކު ޖުމާ އަވަސް އަވަހަށް ގެއަށް ވަންނަން ހިނގައިގަތެވެ.
" އަޅެ ދޮންތަ މިއުޅެނީ ގުޅަން ވެގެން! ކޮޓަރީގަ ޖުމާ ނެތީމަ"
ޖުމާ ގޮސް ގެއަށް ވަނުމާއެކު ސޯފާގައި އިން ޒާރާ ބުނެލިއެވެ.
" ބޯ ހިއްކާލަން ވެގެން ނިކުމެލީ! "
މާހިލާ ވާހަކަ ދައްކަމުން ދިޔަ ވަގުތު، އަވަސް ވެފައިވާ ޖުމާގެ ހިތަށް އަދިވެސް ހަމަޖެހުމެއް ނުލިބެއެވެ. އެހެންކަމުން އޭނާއަށް ދެވުނީ ކުރު ޖަވާބެކެވެ.
" ހާދަ ފާޑަކަށް ތިހުރީ؟ ނެގި މަޑުވެފައި! ކަމެއްވީތަ؟"
ޖުމާގެ މޫނުމަތީގައިވާ ކުލަވަރު ދެނެގަންނަން ޒާރާއަށް އުނދަގުލެއް ނުވިއެވެ. މާހިލާ ބައްދަލުވެ ވާހަކަ ދެކެވުނު ގޮތުން ޖުމާގެ މޫނުމައްޗަށް އަރާފައިވާ ކުލަވަރު ޒާރާއަށް ފާހަގަ ކުރެވުނުކަން އެނގުމުން ޖުމާ ބޭނުންވީ ހަމަޖެހޭގޮތް ދައްކާށެވެ. އެހެންކަމުން ތަންކޮޅެއް ބާރަށް ހީގަންނަމުން އޭނާވެސް ސޯފާގައި އިށީނދެލިއެވެ.
" ނޫން.. ކަމެއް ނުވޭ! ގަސްދޮށުގައި ހުރި އުނދޯލީގައި އިށީންތަނާ ނިދި އައީ! ވަރަށް އަރާމު އެތަން"
ޖުމްލަ ދޫކޮށްލެވުމާއެކު ޖުމާގެ ލޮލުގައި އަޅައިގަތީ ބޭރު ދޮރު ކައިރީގައި ހުއްޓި ހުރި މާހިލެވެ. އޭރު މާހިލްގެ މޫނުމަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ. އެމަންޒަރުފެނި ޖުމާ އިތުރަށް ލަދުގަތެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި އޭނާއަށް ކޮޓަރިއާ ދިމާލަށް ހިނގައިގަނެވުނެވެ.
" އޭ! ކީއްވެ ތި ދަނީ؟ މިތާ މަޑުކޮށްލަބަލަ ކޮއްކޯ"
ސޯފާމަތީގައި އަތް ޖައްސާލަމުން ޒާރާ ބުންޏެވެ.
" މި އަންނަނީ.. ފުނާ އަޅައިގެން"
މާހިލަށް ފެންނަ ހިސާބުގައި ހުންނަން ނުކެރިގެން ޖުމާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށްވަނެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެ އޭނާއަށް އަނެއްކާވެސް ހިނިތުންވެލެވުނެވެ.
" މާހިލް އަހަންނާ ފްލާރޓްކުރަނީ ކަންނޭނގެ! އަނެއްކާ ދޮންތަ ރުޅިއެއް ނާންނާނެބާ! އުނހު! ނުބުނާނަން ދޮންތަގާތަކު.. އެކަމަކު.. މާހިލް އަހަންނަށް ބަލަނީ ހާދަ އެހެންކަހަލަ ގޮތަކަށޭ.. އެހާ ރީތި ލޮލަކުން އެގޮތަށް ބަލަންޏާ އަހަރެން ވަރަށް ލަދުގަނޭ.. ދުވަހަކުވެސް އެއްވެސް މީހަކު އެހެންނެއް ނުބަލާ ވިއްޔަ"
އަމިއްލައަށް ވާހަކަ ދައްކަމުން ގޮސް ޖުމާއަށް ހުއްޓެވުނީ އަލަމާރީގައި ހަރުކޮށްފައިވާ ދިގު ލޯގަނޑު ކުރިމަތީގައެވެ. އެއާއެކު އޭނާއަށް ލަދުން މޫނުގައި އަތް އެޅުނެވެ.
" ފިރެހެނަކު އަދި އެގޮތަށް ބަލައިލައިގެން މި ޖުމާގެ ހިތެއް ނުގުޑާނެ! ހުއް"
މޫނުމަތިން އަތް ނެގުމަށްފަހު ދެލޯ އަޅާލަމުން ޖުމާ ބުނެލީ ލޯގަނޑުން ފެންނަން ހުރި އޭނާގެ ތަސްވީރަށް އަމާޒުކޮށްފައެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް ބާރަށް ހީގަނެވުނެވެ.
***
" އަހަރެން މިހާވަރަށް ގުޅާއިރުގައިވެސް މާހިލަށް ނޭނގޭތަ ގުޅާކަމެއް"
ފޯން ނެގުމާއެކު މާހިލްގެ ކަންފަތުގައި ޖެހުނީ ރީނާގެ ރުއިމުގެ އަޑެވެ. އެއާއެކު މާހިލަށް ނިތްކުރިމަތީގައި އަތް ޖައްސާލެވުނެވެ.
" އަހަރެން އިނީ ގޭމްގަ! އެޓޭކަށް އަރައިގެން އުޅޭއިރު ފޯނެއް ނުނެގޭނެޔޭ ކިތަންމެ ފަހަރަކު ރީނާ ކައިރީ ބުނީމެއްނު.. "
މާހިލަށް ބުނެވުނީ ނުހަނު ފޫހިވެ ހުރެއެވެ. އޭރުވެސް ރީނާގެ ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމަމުންދެއެވެ. އެއަޑު ވެގެން ދިޔައީ މާހިލަށް އުނދަގޫ ކުރުނިވި އަޑަކަށެވެ.
" ޕްލީޒް ރީނާ! ދެން ތިގޮތަށް ނުރޮއިބަލަ! މީހަކު މަރުވީއެއް ނޫން ވިއްޔަ!"
ރުޅި އައިސް ހުރެ މާހިލް އެހެން ބުނުމާއެކު ރީނާ ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން މާހިލްދެކެ ލޯބިވާވަރު އެނގޭނަމަ ތިހެން އަހަންނަކަށް މަލާމާތެއް ނުކުރާނެ.."
" ލޯބިވާވަރު އެނގެޔޭ! އަބަަދު ނުގުޅިޔަސް އަހަންނަށް އެނގެޔޭ ރީނާ މިހާރު އަހަރެންދެކެ ވަރަށް ލޯބިވާކަން.. "
މާހިލް ވާހަކަ ދެއްކީ މަޑުންނެވެ. އޭނާ މީހަކާ ރައްޓެހިވީކަމެއް ގޭ އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ރީނާގެ ގުޅުން އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ.
" މާހިލް އަހަރެންދެކެ ލޯތްބެއް ނުވޭދޯ! ލޯބި ނުވާތީއެއްނު އަހަންނާ ބައްދަލްކުރަން ބޭނުން ނުވަނީ! މިހާރު މާހިލް ނުފެންނަތާ ތިން ދުވަސް ވެއްޖެ! އެއްރަށެއްގައި އުޅޭއިރު އެވަރު ތަންކޮޅެއް ބޮޑެއްނު"
ދެރަވެފައި ހުރެ ރީނާ ބުންޏެވެ. ރީނާގެ ކޮންމެ ޖުމްލައަކުން މާހިލްގެ ސިކުނޑިއަށް ބަރު ވަމުން ދެއެވެ. އެއްވެސް ވަރަކަށް އޭނާ ރީނާއާ ބައްދަލް ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މަޖުބޫރުގެ ސާލަކުން ބަނދެވިފައިވާތީ އެކަންވެސް ކުރަންޖެހޭކަން މާހިލަށް އެނގެއެވެ.
" އަހަރެން ބުނިންދޯ ޓްރައި ކުރާނަމޭ.. ކުއްލިއަކަށް ރައްޓެހިވީ! އަހަރެމެންނަކީ މީގެ ކުރިން ދުވަހަކުވެސް ބައްދަލްނުވާ، ވާހަކަވެސް ނުދައްކާ ދެމީހުން! އެހެންވީމަ.. އެހާ އަވަހަށް ކަންކަމަށް މާބޮޑަށް އުއްމީދު ނުކުރޭ!"
މާހިލް ބުންޏެވެ. އެއާއެކު އަނެއްކާވެސް ރީނާގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ.
" ރީނާ ޕްލީޒް... ދެން ނުރޮއިބަލަ!"
ފޫހިކަމާއެކު މާހިލް ބުންޏެވެ.
" މާހިލް! މިގެއަށް އައިސްދީބަލަ! ޕްލީޒް.. އެހެން ނޫނީ މިރޭ އަހަންނަކަށް ނުވެސް ނިދޭނެ"
ރީނާ ވާހަކަ ދައްކަ ދައްކާ ހުއްޓާ މާހިލް ފޯނު ކަނޑާލިއެވެ.
" ހާދަ ޑްރާމާ ބޮޑު އަންހެނެކޭ! ބޮޑު ކަމެއްނު މި ލައިގަތީ!"
މޭމަތީގައި ފޯނު ބާއްވާލަމުން މާހިލަށް ބުނެވުނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ބޮލަށް އުނދަގޫވެފައެވެ. އެހެންކަމުން އިތުރަށް ވިސްނަން ބޭނުން ނުވާތީ ނިދޭތޯ މަސައްކަތް ކުރިއެވެ. އެތައް އިރެއް ވަންދެން ދެލޯ މަރައިގެން އޮތް ނަމަވެސް އޭނާ އަކަށް ނިދޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ފޯނު ރިންގްވާން ފެށުމުން އަވަސް އަވަހަށް ސްކްރީން ބަލައިލިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އެހެންކަމުން އޭނާ ފުރަތަމަ ބަލައިލީ ގަޑިއެވެ. އޭރު ގަޑިން ބާރަ ޖަހަނީއެވެ.
" މިގަޑީގައި ކާކު؟ "
މާހިލަށް ބުނެވުނެވެ. ދެފިކުރެއްގައި ހުރެ އޭނާ ފޯނު ނެގުމާއެކު އިވުނީ ރުޝްދީގެ އަޑެވެ.
" ވާހަކައެއް ދައްކާލަން ބޭނުން ވެގެން"
ރުޝްދީގެ އަޑު އިވުމާއެކު މާހިލްގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. ނަމަވެސް ހޫމް އޭ ބުނެ އޭނާ ހުރީ ރުޝްދީ ދައްކަން އުޅޭ ވާހަކައެއްގެ އިންތިޒާރުގައެވެ.
" ރީނާއާ މައްސަލައެއް ޖެހުނީތަ މިރޭ؟ "
ރުޝްދީގެ އަޑުގައި މާޔޫސްވެރިކަން އެކުލެވިފައިވާކަން މާހިލަށް ފާހަގަ ކުރެވުނެވެ. ރީނާ ބުނީ ކީކޭ ކަމެއް ނޭނގޭ ޙާލު މާހިލަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
" ނޫ.. ނޫން.. އަނެއްހެން މާ ބޮޑު މައްސަލައެއް ނުޖެހޭ! ގޭމް ކުޅެން އިންދާ ގުޅީމަ ފޯނު ނުނެގުނީ"
އާގަންނަމުން މާހިލް ބުންޏެވެ. ދެންވެސް އޭނާ ހުރީ ރުޝްދީ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
" އެހެން ނަހަދައްޗޭ ދެން!"
ތަންކޮޅެއް ހަރުކަށި ރާގަކަށް އޭނާ ބުނެލިއެވެ. މާހިލްގެ ހިތުގައިވާ ބިރުވެރިކަމާއެކު ހައިރާންކަންވެސް މިފަހަރު އިތުރުވެގެން ދިޔައެވެ.
" މާހިލަށް އެނގޭތަ؟ އަހަރެންގެ ކޮއްކޮއަކީ ހާޓްޕޭޝަންޓެއް! އޭނަ ދެރަކުރިޔަސް ވަރަށް ނުރައްކާވާނެ.. މިރޭ ހޮސްޕިޓަލުން ގެއަށް މި ގެނައީ ދެންމެ.. މާބޮޑަށް ދެރަވިޔަސް ރުޅި އަޔަސް ވިސްނިޔަސް ފުރާނައަށް ނުރައްކާވާ ހިސާބަށް މިދަނީ!"
ރުޝްދީގެ ޖުމްލަތަކުން މާހިލަށް ހީވީ އޭނާގެ މުޅި ހަށިގަނޑުގައި ކަސްތޮޅު އެޅުނު ހެންނެވެ. ރީނާގެ ކައިރިން ސަލާމަތް ނުވެވޭނެކަން އޭނާއަށް ވިސްނުނީ ދެނެވެ. ރީނާގެ ދިފާޢުގައި ރުޝްދީ ހުންނާނެކަންވެސް މާހިލަށް އެނގުނެވެ. އެ ހުރިހާ ކަމަކާމެދު ވިސްނާލެވުމުން މާހިލް ގޮސް ހުސްވެގެން ދިޔައެވެ.
" މާހިލަކީ ރަނގަޅު އާއިލާއެއްގެ ކުއްޖަކަށްވީމަ އަހަރެން އެއްބަސްވީވެސް! މިހާތަނަށްވެސް ރީނާއަށް އޮންނާނީ މީހުންނާ ވާހަކަ ދެއްކުން މަނާކޮށްފައި"
އަނެއްކާވެސް ރުޝްދީ ބުންޏެވެ. އޭރުވެސް މާހިލަށް އޮވެވުނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ
" ރީނާ މިވަގުތު އޮތީ ހޮސްޕިޓަލްގައި.. މޭގައި ރިއްސާތީ ގެނައީ! އޭނަ ނުބުންޏަސް އަހަންނަށް އެނގޭ ރީނާއަށް އެގޮތަށް ދިމާވާނީ އަބަދުވެސް އޭނަ ވަރަށް ހިތްދަތިވީމަ.. މާހިލަށް މިވަގުތު މިތަނަށް އައިސްދެވޭނެތަ؟ "
ރުޝްދީގެ ޖުމްލައިން މާހިލަށް ފުންމައިގެން ތެދުވެވުނެވެ. ވެއްޓެން މިއުޅޭ އަނދަވަޅުގެ ފުންމިނާމެދު އޭނާއަށް ވިސްނާލެވުނީ ދެނެވެ. ދަންވަރު ވަގުތު ރީނާއާ ބައްދަލްކުރަން ހޮސްޕިޓަލަށް ގޮސްފިނަމަ، މާދަމާ އެ ޚަބަރު މަންމައަށް ލިބޭނެކަން މާހިލަށް ޔަޤީން ކުރެވުނެވެ. އެއާއެކު މާހިލަށް ހަދާނެގޮތް ހުސްވިފަދައެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!