ރުޝްދީގެ ޖުމްލައިން މާހިލަށް ފުންމައިގެން ތެދުވެވުނެވެ. ވެއްޓެން މިއުޅޭ އަނދަވަޅުގެ ފުންމިނާމެދު އޭނާއަށް ވިސްނާލެވުނީ ދެނެވެ. ދަންވަރު ވަގުތު ރީނާއާ ބައްދަލްކުރަން ހޮސްޕިޓަލަށް ގޮސްފިނަމަ، މާދަމާ އެ ޚަބަރު މަންމައަށް ލިބޭނެކަން މާހިލަށް ޔަޤީން ކުރެވުނެވެ. އެއާއެކު މާހިލަށް ހަދާނެގޮތް ހުސްވިފަދައެވެ.
" މިވަގުތު؟"
" ހޫމް.. ކިހިނެއްވީ؟ ރީނާ ހިތްހަމަ ޖައްސާލަން މާހިލް މިކޮޅަށް އައްޔާ ރަނގަޅުވާނީ!"
ރުޝްދީ ބުނެލިއެވެ. އެއާއެކު މާހިލްގެ ސިކުނޑިއަށް ނުހަނު ބަރުހެލިކަން އިޙްސާސް ކުރެވުނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ހުއްޓާ، އޭނާގެ ފޯނަށް ރީނާ ގުޅާކަން އެނގުނެވެ. އެހެންކަމުން މާހިލް ބޭނުންވީ އަވަހަށް ވަގުތުގެ ބޭނުން ހިފާށެވެ. ރީނާ ގުޅަމުންދާ ވާހަކަ ބުނުމަށްފަހު ރުޝްދީގެ ފޯނު މާހިލް ކަނޑާލީވެސް ނުހަނު އަވަހަށެވެ.
" މާހިލް! "
ބަލި އަޑަކުން ރީނާ ގޮވާލިއެވެ.
" މިހާރު ކިހިނެއްތަ؟ "
މާހިލްގެ ސުވާލާއެކު، މާހިލަށް އޭނާގެ ޙާލަތު އެނގޭކަން ރީނާއަށް އެނގުނެވެ.
" ރަނގަޅު ދެން! ދެންމެ ސިސްޓަރ އައިސް ބުނި ގެއަށް ދާށޭ.. އެހެންވެ މިއުޅެނީ ދާންވެގެން"
ރީނާގެ ޖުމްލައިން މާހިލްގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. އެހެންކަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު މާހިލް ވާހަކަ ދައްކަން ފެށިއެވެ.
" ދެން ގެއަށް ގޮސް ނިދާލާ! މާދަމާ އަހަރެން ގުޅާނަން"
" ނޫން.. އަހަރެން ބޭނުންވަނީ މުޅި ރޭ، މާހިލްއަށް ގުޅައިގެން ހުންނަން"
ރީނާ ދިން ޖަވާބުން މާހިލަށް ލިބުނީ ހައިރާންކަމެވެ. އެހެންކަމުން އިތުރަށް ބުނާނެ އެއްޗެއްވެސް އޭނާއަކަށް ނުވިސްނުނެވެ.
" ހަމަ އަސްލުވެސް! އަހަންނަށް މިރޭ ހީވީ މާހިލް އަހަންނަށް ގެއްލެން އުޅެނިއްޔޭ! މާހިލަށް ނޭނގުނަސް އަހަރެން މާހިލްދެކެ މިވާ ލޯތްބަކީ ވަރަށް ތެދުވެރި ލޯތްބެއް.. އަހަރެން މިވާ ލޯތްބަށްޓަކައިވެސް މާހިލް އަހަންނަށް ދެރަގޮތެއް ނަހަދައްޗޭ! "
ރީނާގެ އަޑުގައިވާ މާޔޫސީ ރާގުގެ ސަބަބުން އަނެއްކާވެސް މާހިލް ބިރުގަނެއްޖެއެވެ. ރީނާއަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ، ރުޝްދީ އަޅުވަނީ މާހިލްގެ ބޮލުގައިކަން މާހިލަށް މިހާރު އެނގެއެވެ. އެހެންކަމުން ރީނާގެ ހިތްހަމަ ޖެހުމަށްޓަކައި، ރީނާ ބުނާގޮތަށް ކަންތައް ކުރަން މާހިލަށް މަޖުބޫރުވެއްޖެއެވެ.
***
ޒާރާ ބަދިގެއަށްވަނީ ސައިކައްކާށެވެ. އޭރު ކަފީލާވެސް ބަދިގެ ތެރޭގައި އަވަދިނެތި އުޅެމުން ދެއެވެ. އޭނާގެ މޫނުމަތީގައި ދައުރުވަމުންދާ އަސަރުތައް ދެނެގަންނާކަށް ޒާރާއަކަށް ނޭނގުނެވެ. އެހެންކަމުން އޭނާ އާދައިގެ ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ.
" މިއަދު ކޯއްޗެއް ސައިބޯން ހަދާނީ؟"
ކޮފީ ޕެކެޓެއް ނަގައިގެން އައިސް ޒާރާ އެހިއެވެ. އެއާއެކު ކަފީލާ ވާހަކަ ދައްކަން ފަށައިފިއެވެ.
" އެމީހުން ކާހިތްވާ އެއްޗެއް ހެދީމަ ހުންނާނީ ރަނގަޅަށް! "
ކަފީލާގެ ޖަވާބުގައި ރުންކުރު ގޮތެއް ހުރުމުން ޒާރާ އިތުރަށް އެއްޗެއް ނުބުނެއެވެ. ކޮފީތަށި ގިރަން ހުއްޓާ އަނެއްކާވެސް އޭނާގެ ކަންފަތުގައި ޖެހުނީ ކަފީލާގެ އަޑެވެ.
" ބައްޕަ ހިތްހަމަ ނުޖެހެނީ މާހިލް ވަޒީފާއަކަށް ނުދާތީވެ! ދެން އޭނަ ދާން ބޭނުންވީމަ ދާނެ އެއްނު! އިރުއިރުކޮޅުން ކޮންމެވެސް މީހަކު އޭނަ ލާރި ނުހޯދައިގެން އެކަމާ ޝަކުވާ އެބަ ކުރޭ!"
ފުށްމޮޑެން ހުރެ ކަފީލާ ކުދި ކިޔަމުން ދިޔައެވެ. މާހިލަކީ އާއިލާގެ އެންމެ ކުޑަ މީހާއަށް ވާތީ މަންމައަށް އަދިވެސް އޭނާ ބޮޑު ނުވާކަން ޒާރާއަށް އެނގެއެވެ. ނަމަވެސް މަންމަ ބޭނުންވާ ގޮތަށް މާހިލް ކަމެއް ނުކޮށް ގޭގައި ހުރުމަކީ ޒާރާވެސް ބޭނުންވާ ގޮތެއް ނޫނެވެ.
" މާހިލަށް ކާންދޭނެ ޚަރަދު ކުރާނެ ލާރި އަހަރެމެންނަށް ލިބެޔޭ! ދެން އޭނަ ތާކަށް ނުގޮސްގެން ކޮންހާ އެއްޗެއް ކިޔާކަށްތަ؟ "
ކަފީލާގެ ވާހަކަތައް އަޑުއަހާފައި އޭނާއަށް ވިސްނައިދޭން ޒާރާ ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެވަގުތު ޒާރާ ހުރީ އިސްއުފުލައި ބަލައިލަންވެސް ނުކެރިފައެވެ.
" ޒާރާ ބުނޭ މުއާޒްގާތުވެސް މާހިލް ވަޒީފާއަކަށް ދާނެޔޭ އޭނަ ދާން ބޭނުންވީމަ"
" މަންމާ! މުއާޒް އަނެއްކާ އެއްޗެއް ބުނީތަ؟ "
މުއާޒްގެ ވާހަކަ ކަފީލާ ބުނުމާއެކު ޒާރާގެ ހިތް ގުޑުވާލިއެވެ. އެހެންކަމުން ނުތަނަވަސްވެ ހުރެ އޭނާއަށް އަވަސް އަވަހަށް އަހާލެވުނެވެ.
" އުނހު! އެއީ އަނގައެއް ބަހެއް އޮންނަ މީހެއްތަ؟ އޭނަ އެއްޗެކޭ ނުބުނެ! އެކަމަކު މުއާޒްވެސް ހިތްހަމަ ނުޖެހޭނެތާ "
މާހިލް ވަޒީފާއަކަށް ފޮނުވަން ޚުދު ކަފީލާ ބޭނުން ނުވާކަން ޒާރާއަށް އެނގެއެވެ. ނަމަވެސް މަންމައަށް ވިސްނައިދޭން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއްކަންވެސް އޭނާއަށް ޔަޤީން ކުރެވެއެވެ. އެހެންކަމުން އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކަން ޒާރާ ބޭނުމެއް ނުވިއެވެ.
" ބައްޕަ އެހެން ބުންޏަސް އަޅާނުލާ މަންމާ! މާހިލްއަށްވެސް އަދި ކޮންމެވެސް ދުވަހަކުން ވިސްނޭނެ! އަމިއްލައަށް ދާން ބޭނުންވީމަ ދާނެ! "
ހިތާ ދެކޮޅަށް ނަމަވެސް ޒާރާ ކަފީލާއާ އެއްބައިވެލިއެވެ.
" ތިހެންނޭ މަންމަވެސް މިބުނަނީ! އަޅެ އެސޮރު ވަޒީފާއަކަށް ނުދާތީ އަހަރެމެންގެ ގައިން ތަންގަނޑެއް އުނިވަނީތަ؟ ނޫނީ މިގެއަށް ވަންނަ ފައިސާއިން ޚަރަދުތައް ފޫނުބެއްދެނީތަ؟ މީހަކު އަޅެ އަޖައިބެއް ނުވާނެތަ؟"
ރޮށި ފިހަން ތައްޔާރުވަމުން ކަފީލާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ޒާރާއަށްވެސް ކޮންމެވެސް ވަރަކަށް ހެވުނެވެ.
***
ޒާރާ ހުރީ މުއާޒްގެ އެއްޗެހި އިސްތިރި ކުރާށެވެ. އޭރު ހަވީރުވެސް ވެއްޖެއެވެ. ހެނދުނު ފިހާރައަށް ދިޔަގޮތަށް މުއާޒް މިއަދު ގެއަށް ނާންނާތީ ޒާރާ ހުރީ ވަރަށް ބޮޑަށް ފޫހިވެސް ވެފައެވެ. ނަމަވެސް ފިހާރައަށް މުދާ ލިބޭ ދުވަސް ދުވަހު އަބަދުވެސް މުއާޒްގެ ޝެޑިޔުލް ހަމަޖެހިފައިވާނީ އެގޮތަށްކަންވެސް އޭނާއަށް އެނގެއެވެ. ފޫހިކަމާއެކު ގަމީހުގައި އިސްތިރި ހާކާލަހާކާލަ ހުއްޓާ ކޮޓަރި ދޮރު ހުޅުވިއްޖެއެވެ. އެއާއެކު ޒާރާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.
" އަދި ކިރިޔާ މި ނިމުނީ! "
އެތެރެއަށް ވަތް ގޮތަށް މުއާޒް ބުނެލިއެވެ.
" ބަނޑުހައިތަ؟ "
ޒާރާގެ ސުވާލަށް މުއާޒް ދެފަރާތަށް ބޯ ހޫރާލަމުން އެނދުމަތީގައި އިށީނދެލިއެވެ.
" ބައްޕައާ ދެމީހުން ރެސްޓޯރެންޓަށް ވަދެ ކައިގެން މިއައީ! އަލަށް ގެނައި ބޭރު މީހާ ގޮވައިގެން އޭނައާ ކުޑަކޮށް ވާހަކަ ދައްކާލަން ވެގެން އެތަނަށް ގެންދިޔައީ! އެނގޭތަ އަނެއްކާވެސް އެމީހުން ބައިތިއްބަން ނަގައިގެން އުޅޭ ގޭގެ ކުލި އަގު ބޮޑުކޮށްފި! "
މުއާޒްގެ ފަހު ޖުމްލަ އޭނާ ބުނެލީ މާޔޫސްވެފައި ހުރެއެވެ. އެހެންކަމުން ޒާރާ ބޭނުންވީ މުއާޒާ ރަނގަޅަށް ވާހަކަ ދައްކާށެވެ. މަސައްކަތް ހުއްޓާލުމަށްފަހު އޭނާ އައިސް މުއާޒާ ދާދި ގާތުގައި އިށީނދެލީ ޝައުޤުވެރިކަމާއެކުގައެވެ.
" އަސްލުތަ؟ ކީއްވެތަ އެމީހުން އެހެން އެ ކަންތައް ކުރަނީ؟ މިހާރު ކިތައް ރުފިޔާ ދައްކަނީ؟"
" ހަތްހާހަށް އެ ހެދީ! "
ދެއަތުން މޫނު ފުހެލަމުން މުއާޒް ބުނެލިއެވެ. އެއާއެކު ޒާރާއަށްވެސް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" އެހެންތަ؟ އެމީހުންނަށް އެނގޭނެ ކިތަންމެ ބޮޑު ކުރިޔަސް ބައިތިއްބަންކަން ޖެހޭނީ! މުއާމެން ދެން އިތުރު ގޮތެއް ނުވިސްނަންތަ؟ މަންމަ މިއަދު ބުނި މާހިލް ވަޒީފާ އަކަށް ނުގޮސްގެން ބައްޕަ ވަރަށް ރުޅި އައިސްގެން އުޅޭ ވާހަކަ"
ޒާރާގެ ޖުމްލަ އަޑު އިވުމާއެކު މުއާޒްގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.
" އަހަރެން އެވަރުން ބައްޕަގާތު ބުނިން އެވާހަކަ ނުދައްކާށޭ މަންމަކައިރީ! ކޮއްކޮއަށް ރަނގަޅު ވަޒީފާއެއް ލިބިގެންދޯ ދެވޭނީ! ދެން ކޮއްކޮ ގޭގައި ހުއްޓަސް އޯކޭއެއްނު"
މުއާޒްގެ ވިސްނުންވެސް ހުރީ ކަފީލާގެ ވިސްނުމާ ދާދި އެއްގޮތަކަށެވެ. ބޯ އަރިކޮށްގެން މުއާޒްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ޒާރާއަށް އިނދެވުނީ ފުން ވިސްނުމެއްގައެވެ. ވަރުބަލިކަމާއެކު މުއާޒްއަށް ޒާރާއަށް ބަލައިލެވުމާއެކު އަވަސް އަވަހަށް ޒާރާ ދުރަށް ނަޒަރު ހިންގާލިއެވެ.
" އޯކޭއެއް ނުވާނެއެއްނު މުއާ! ފެމެލީ ބިޒްނަސްއެއް ކުރާއިރު މާހިލްވެސް އިތުރަށް މަސައްކަތްކުރީމަ ތިގޮތަށް ހިނގާ ޚަރަދުތައް ފޫބެއްދޭނެ! "
ޒާރާ ވާހަކަ ދައްކަން ފެށުމާއެކު ފުންނޭވާއެއް ދޫކޮށްލަމުން މުއާޒް އިންގޮތަށް އެނދުގައި ދިގަށް އޮށޯވެލިއެވެ.
" ތިކަން ތިހެން އޮތަސް ކޮއްކޮ ބޭނުން ނުވަނީސް އަހަރެމެންނަށް އޭނަ ގަދަކަމުން ނުފޮނުވޭނެ! "
މުއާޒް ދިނީ ފިނި ޖަވާބެކެވެ. އެހެންކަމުން މުއާޒަށް ދުވަހަކުވެސް މާހިލް ބޮޑު ނުވާނެކަން ޒާރާއަށް ވިސްނުނެވެ. އިރުކޮޅަކު އެކަމާ ވިސްނަން އިނދެފައި ޒާރާ ތެދުވި ވަގުތު އަނެއްކާވެސް މުއާޒްގެ އަޑު އައެވެ.
" އުމްރާއަށް ދާން އެއްކުރި ފައިސާއިން ބައެއް ނަގަން ޖެހިއްޖެ! "
އެޖުމްލައާއެކު ޒާރާއަށް ފަހަތް ބަލައިލެވުނީ ދެބުމަ ކައިރިކޮށްލަމުންނެވެ.އެފައިސާ ނަގަން ޖެހެންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. ނުވިސްނޭފަދަ ގޮތަކަށް މުއާޒަށް ބަލަހައްޓައިގެން ހުރި އިރު އޭނާގެ މޫނުމަތީގައި އެނބުރެމުންދާ ސުވާލުތައް މުއާޒަށް ފެންނަ ފަދައެވެ. އެނދުން ތެދުވެގެން އައިސް މުއާޒް ޒާރާގެ ކުރިމަތީގައި ހުއްޓުނެވެ.
" އަހަންނަށް މާބޮޑު އެއްޗެއް ސޭވް ވެފައެއް ނެތް! އެކަމަކުވެސް... މި ދެމަހު ސޭވްކުރި ލާރިކޮޅު ނަގަން ޖެހިގެން"
މަޑުމައިތިރިކަމާއެކު މުއާޒް ބުނެލި ޖުމްލައަށް މިފަހަރުވެސް ޒާރާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
" ކޮއްކޮއަށް ސައިކަލެއް ނަގައިދޭން ވެގެން..."
ޒާރާއަށް އަޑު އިވުނީ އޭނާ އުއްމީދުވެސް ނުކުރާފަދަ ޖަވާބެކެވެ.
" އުން؟ މާހިލްއަށް ސައިކަލެއް ނަގައިދޭންވެގެން ؟ އަަހަރެން ދެން ތިކަމާ ކީކޭ ބުނަންވީ؟ ނޫނެކޭ ބުނިއްޔާ ތި ފައިސާ އެކަމަށް ޚަރަދު ނުކުރާނަންތަ؟ "
ރުޅިއައިސްގެން މޭގެ ތެރޭގައި ފުމެފުމެ އޮތް ހިތް މައިތިރިކޮށްލަމުން ޒާރާއަށް ސުވާލު ކުރެވުނީ ނުހަނު ބާރަށެވެ. އެއާއެކު މުއާޒް ދެފަރާތަށް ބޯހޫރާލިއެވެ.
" ބައްޕަ އުޅުނީ ގަނެދޭން! އެކަމަކު.. އަަހަރެން ބޭނުމެއްނޫން ބައްޕަ އެކަނި އެ ޚަރަދު ކުރާކަށް! އެހެންވެ އަހަރެން ބުނިން ވިހި ހާސް ދޭނަމޭ"
މަޑުމައިތިރިކަމާއެކު މުއާޒް ބުންޏެވެ. އެހެންކަމުން އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެކަން ޒާރާއަށް އެނގޭތީ އޭނާ އަނެއްކާވެސް އެނބުރިގަތީ އިސްތިރިކުރަން ދާށެވެ.
" ޒާ! މިއަހަރު ނިމުމުގެ ކުރިން އިރާދަ ކުރެއްވިއްޔާ އަހަރެން އެފައިސާ ހަމަ ކުރާނަން! އަހަންނަށް އެނގޭ އެ ފައިސާއިން ނެގީމަ ޒާ ރުޅި އަންނާނެކަން.."
މިފަހަރު މުއާޒް ދެއްކި އެއްވެސް ވާހަކައެއް ޒާރާ އިވޭ ކަމަކަށް ނެހެދިއެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފެންނަން ހުރުމުން މުއާޒްގެ ހިތްވެސްވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ނަމަވެސް އޭނާގެ ނިންމުން ބަދަލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.
***
އިޝާނަމާދުކޮށްގެން ޖުމާ އައިސް ޒާރާގެ ކޮޓަރިއަށްވަނީ މުއާޒް ފިހާރައަށް ދިޔަތަން ފެނިގެންނެވެ. ޖުމާ ވަނުމާއެކު އެނދުމަތީގައި އޮތް ޒާރާ ކުޑަކޮށް ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ. ޖުމާ އައިސް އެނދުގައި އިށީނދެލުމަށްފަހު ޒާރާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.
" ދޮންތަ ހާދަ ވައިވެފަ؟ ދޮންތަބޭއާއެކު ފިހާރައިގައި އިންނަން ދޭބަލަ ދެން"
މަޖާ ރާގަކަށް ޖުމާ އެހެން ބުނެލި ނަމަވެސް ހިނިތުންވެލަންވެސް ޒާރާ ބޭނުމެއް ނުވިއެވެ. ކަންތައްވީގޮތް ޖުމާއަށް ކިޔައިދޭން ބޭނުންވި ނަމަވެސް އޭނާ އިނީ އެވާހަކަތައް އަލުން ދައްކަންވެސް ބޭނުން ނުވެފައެވެ. މުއާޒްގެ އާއިލީތެރޭގެ މައްސަލަތައް އޭނާ ދުވަހަކުވެސް ޖުމާއާ ހިއްސާއެއް ނުކުރެއެވެ. އެހެންކަމުން މާހިލާ ބެހޭގޮތުންވެސް އެއްވެސް ވާހަކައެއް ނުދައްކާނަމޭ ޒާރާގެ ހިތަށް އެރިއެވެ.
" ނޫނޭ! ކުޑަކޮށް ބޮލުގައި ރިއްސާތީވެ މިގަޑީގައި މި ޖައްސާލީ! ފޫހިވަނީތަ؟ "
" އަހަރެން ނޫޅެމޭ ފޫހިވެގެންނެއް! އެކަމަކު އިރު އޮއްސޭއިރަށް މިގޭ އެންމެން ކޮޓަރިތަކަށްވަދެ ބޮނދާތީ ދެން ކޮންމެވެސް ވަރަކަށް ފޫހިވާނެއެއްނު.. "
ބާލީހެއް ނަގާ އުނގުމަތީގައި ބާއްވަމުން ޖުމާ ބުންޏެވެ. އެއާއެކު ޒާރާ ވަރަށް ދެރަވެއްޖެއެވެ. އެގެއަށް ޖުމާ ގެނެސް އެކަނިވިޔަ ދޭކަށް އޭނާ ފަހަރެއްގައިވެސް ބޭނުމެއް ނުވެއެވެ. އެހެންކަމުން ކުޑަކޮށް ވިސްނާލުމަށްފަހު ޒާރާ ހިނިތުންވަމުން ވާހަކަ ދެއްކިއެވެ.
" ހިނގާދާން ޖޫގޯ ބޯން! ވަރަށް ފައްކާ ގާޑިޔަލެއް އެބަހުރި ބަނދަރުމަތީ"
ޒާރާ އެހެން ބުނުމާއެކު ޖުމާވެސް ވަރަށް ޝައުޤުވެރި ވެއްޖެއެވެ. އެހެންކަމުން ދެމީހުން އެކުގައި ބޭރަށް ނިކުތީ ބަނދަރާ ދިމާލަށް ދާށެވެ.
" ރޭގަނޑު މިރަށު ބަނދަރު ހާދަ ރީއްޗޭ! "
ދިއްލާފައިވާ ބޮކިތަކަށް ބަލަން އިނދެ ޖުމާ ބުނެލިއެވެ. ޖޫގޯ ލިބުމާއެކު ގާޑިޔަލާ ދިމާލުގައި ޖަހާފައިވާ ގޮނޑިތަކުގައި އެމީހުން ތިބީ ޖެހެމުންދާ ފިނި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމުކަން ލިބޭ ޙާލުގައެވެ.
" ބައެއް ރޭރޭ ދުއްވާލަން އަންނަމޭ! އެކަމަކު މިހާރު ވަރަށް ބިޒީކަމުން ނާދެވެނީ"
މުއާޒްގެ ހަނދާން އާކޮށްލަމުން ޒާރާ ބުންޏެވެ. އޭރު ޖުމާގެ ނަޒަރު ހުއްޓިފައި ހުރީ ތަންކޮޅެއް ދުރަށެވެ. އުނދަގޫވެފައި އިންކަން އެ މޫނުމަތިން ޒާރާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި ޒާރާއަށް ފަހަތް ބަލައިލެވުނީ ޖުމާ ހުއްޓުން އަރާފައި އެވަނީ ކޮން މަންޒަރެއް ފެނިގެންތޯ ބަލައިލާ ހިތުންނެވެ.
" ކާކަށް ތި ބަލަނީ؟ "
މަޑުމަޑުން ޒާރާ އަހާލިއެވެ. އެއާއެކު ޖުމާ އިސްޖަހާލަމުން ބުންޏެވެ.
" އަހަންނަށް އެނގޭނެތަ އެއީ ކާކުކަމެއް؟ އެތާ ހުދު ޓީޝާޓް ލައިގެން އެއިން މީހާ އަހަރެން މިތާ އިށީނީއްސުރެ ބަލަނީ! މި ހައިރާންވީ އަހަންނަށް ހައި ޖަހާލީމަ.."
" އޭނަ؟ އެއީ މިރަށު ކައުންސިލަރޭ!"
މަޖާގޮތަކަށް ހިނިއައިސް އިނދެ ޒާރާ ބުނެލިއެވެ. އެއާއެކު ޖުމާއަށްވެސް ހެވުނެވެ.
" އޭނަ އަދިވެސް ބަލަން އިނީ! އަހަރެން ރީތިވީ ކަންނޭނގެ! އަހަރެން ހަމަ ވަގުވަގަށް ބަލައިލިޔަސް އެބަ ހީލާ! "
ޖުމާ މިފަހަރު ވާހަކަ ދެއްކީ އަނގަމަތީގައި އަތް ޖައްސާލައިގެން ދެތުންފަތް ފޮރުވައިގެން އިނދެއެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!