ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ރޭ ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ނައިބު ރައީސް ހުސެންގެ މި ދަތުރުފުޅުގައި، އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އިންސާނީ ޙައްޤުތަކުގެ މުސްތަޤްބަލު، ތިމާވެށި އަދި މޫސުން" މި މައުޟޫތަކަށް ޚާއްޞަކޮށް ކުރިއަށްގެންދާ ވަށް މޭޒު ބައްދަލުވުމުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާގޮތައް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި އ.ދ.ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި ވެސް ނައިބު ރައީސްގެ މި ދަތުރުފުޅުގައި ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
"ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މި ހަރަކާތްތައް ކުރިއަށް ދާނީ ހިނގާ ޑިސެންބަރު މަހުގެ 11-12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!