" މީ އަހަރެން... އެނގިއްޖެތަ؟ "
ފަށާނެ ގޮތެއް ނުވިސްނިގެން މުއާޒަށް ބުނެވުނެވެ.
" ލައްބަ! އެނގިިއްޖެ! ކަލްކިޔުލައިޓަރ ލިބުމުން ބައްޕަ އުޅުނު ފައިސާދޭން.. އެކަމަކު ހިފައިގެން އައި މީހާ ބުނީ ބޮސް ބުނެފައޭ އޮތީ ނުހިފާށޭ! އެހެންވެ އަޅުގަނޑުމެން މިތިބީ ނުހަނު ކަންބޮޑުވެފައި.. އެކަމަކު ގުޅާލަންވެސް ނުކެރިފަ މިހުރީ"
ޒާރާ ވާހަކަ ދެއްކީ ނުހަނު އިޙްތިރާމާއިއެކުގައެވެ. އޭނާގެ ވާހަކަތައް އަޑުއަހަން ހުރި މުއާޒް ކުރު ހިނިގަނޑެއް ޖަހާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" ޒާރާ ގާތު އިއްޔެވެސް ބުނިން އެއީ ހަދިޔާއެކޭ! އަހަރެން ވަރަށް އުފާވެއްޖެ ހަދިޔާ ޤަބޫލުކުރީމަ! "
މުއާޒް ފުން ނޭވާއެއް ދޫކޮށްލިއެވެ.
" ކިހިނެއް އަޅުގަނޑުގެ ނަން އެނގުނީ؟ "
އަވަސް އަވަހަށް ޒާރާ އެހެން ބުނެލި ވަގުތު މުއާޒަށް ތަންކޮޅެއް ބާރަށް ހެވިއްޖެއެވެ.
" އެއީ ޒާރާއަށް އަހަރެން ގުޅި އިރު ކޮންމެވެސް މީހަކު ޒާރާގެ ނަމުން ގޮވާއަޑު އިވިގެން.... "
" އެއީ ދޮންމަންމަ! "
ނުދަންނަ މީހަކަށް އާރިފާގެ ހަރުކަށި އަޑު އިވުމުން ޒާރާ ނުހަނު ލަދުގަތެވެ. ނަމަވެސް އާރިފާއާ ބެހޭ ގޮތުން އިތުރަށް އެއްޗެއް ބުނާކަށް އޭނާއަކަށް ނުކެރުނެވެ.
އޭރު މުއާޒްގެ ހިތަށް ވަނީ ނުތަނަވަސްކަން ވެރިވާން ފަށައިފައެވެ. ޒާރާއަކީ ދޮންމަންމައެއްގެ އަނިޔާވެރިކަމުގައި އުޅޭ ކުއްޖެއްބާވައޭ ހިތަށް އެރުމާއެކު އިތުރަށް ސުާލުތައްވެސް އޭނާގެ ހިތަށް ޖަމާވާން ފެށިއެވެ.
" ކޮއްކޮއަށް އޭތި ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ! "
ފޯނު ބާއްވަން ބޭނުން ވެފައި ހުރިވަރުން ޒާރާ އަވަސް އަވަހަށް ބުނެލިއެވެ. ނަމަވެސް އެގޮތް މުއާޒަކަށް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ ޒާރާއާ ބެހޭގޮތުން އިތުރަށް އޮޅުން ފިލުވާށެވެ.
" އެކަމާ ދެން އަޅާނުލާ! "
އަވަސް އަވަހަށް މުއާޒް ބުނެލިއެވެ.
" ދެން ފޯނު ބާއްވަނީ! "
މުއާޒްގެ ދީލަތި އެހީތެރިކަން ހަނދާން ވުމާއެކު، އެއްވެސް އިޝާރާތަކާ ނުލައި ފޯނު ކަނޑާލަން ޒާރާ ޖެހިލުންވީ މުއާޒަށް އިޙްތިރާމް ކުރެވެން ފެށުމުންނެވެ.
" ދެވަނަ ފަހަރަށް ގުޅާލިޔަސް އެންމެ ރަނގަޅުތަ؟ "
މަޑުމަޑުން މުއާޒް އަހާލިއެވެ. އެއާއިއެކު ބޭއިޙްތިޔާރުގައި ޒާރާގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިކުރުވިއެވެ. މުއާޒްގެ އަޑަކީ އަންހެންކުދިންގެ ހިތް ދަމައިގަންނަ ފަދަ ޖާދުވީ އަޑެކެވެ. މުއާޒް ފެނުނު ފުރަތަމަ ދުވަހުވެސް އެ ސޫރައަކީ ހައިބަތުހުރި ރީތި ސޫރައެއްކަން ޒާރާގެ ހިތް ވަނީ އެއްބަސް ވެފައެވެ.
" ހިތްހަމަ ނުޖެހުނީތަ؟"
މުއާޒް ވާހަކަ ދައްކަމުންދާ ރާގުން ޒާރާއަށް އުނދަގޫ ވަމުން ދިޔައެވެ. ދެވަނަ ފަހަރަށް އޭނާ ގުޅަން ބޭނުންވާ ސަބަބަކީ ކޮބައިތޯ އަހާލަން ބޭނުންވި ނަމަވެސް އެވަގުތު ޒާރާގެ ޟަމީރު އޭނާއަށް ވިސްނައިދޭން ފެށިއެވެ. އެ ޒުވާނާއަކީ ބޮޑު މުއްސަންޖެކެވެ. އަދި އޭނާއަށް ލިބިފައިވަނީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ފިރެހެންވަންތަ ކަމެކެވެ. ތިއީ ދެވަނަ ފަހަރަށް އޭނާ ގުޅައިގެން ވާހަކަ ދައްކަން އެކަށީގެންވާ ކުއްޖެއް ނޫނެވެ. ތިމާގެ ފެންވަރާއިމެދު ވިސްނާލާށެވެ.
" ކިހިނެއްވީ؟ ހާދަ ވަރަކަށް ތި ވިސްނަނީ؟ އަނެއްކާ ތިއުޅެނީ ގުޅައިގެން ނުވާނެޔޭ ބުނަންތަ؟"
ސަމާސާ ރާގަކަށް މުއާޒް ބުންޏެވެ. އޭރު ޒާރާގެ މޫޑު ހުރީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އޭނާއަށް ވިސްނުނު ގޮތްވެސް ތަފާތުވީއެވެ.
" ލައްބަ! އަޅުގަނޑަކީ ތިބޭފުޅާއާ އެންމެ ފަހަރަކު ބައްދަލުވީ މީހެއް! ދެވަނަ ފަހަރަށް ގުޅަން ޖެހޭނެ ސަބަބެއް ނުވިސްނުނު"
ޒާރާގެ ގޮދަނޑިއާއި ޖެހިގެން އަޅާފައިވާ ގޮދަނޑީގައި ނިދާފައި އޮތް ޖުމާއަށް ބަލައިލަމުން ޒާރާ ތެދުވިއެވެ.
" އަހަންނަކީ މީގެ ކުރިން ދުވަހަކުވެސް އެއްވެސް އަންހެން ކުއްޖަކަށް ގުޅައިގެން ވާހަކަ ދެއްކި މީހެއް ނޫން! އެއީ އަހަރެންގެ އާދަ އެއް ނޫން.. އަދި އަހަންނަކީ ދޮގު ހަދާ މީހެއްވެސް ނޫން"
ޒާރާއަށް ޔަޤީންކަން ދިނުމުގެ ގޮތުން މުއާޒް ބުންޏެވެ. މުއާޒްގެ ވާހަކަތައް އަޑުއަހަމުން ގޮސް ޒާރާ އިށީދެލީ ކޮޓަރީގައި ހުރި މޭޒު ކައިރީގައެވެ.
" އެކަމަކުވެސް... އަޅުގަނޑަކީ ފިރެހެނުންނާ ވާހަކަ ދައްކާ މީހެއް ނޫން! އަދި އަމުދުން ތިކަހަލަ މުއްސަނދި، ރީތި މީހުން އަބަދުވެސް އުޅޭނީ ތިހެން..އަންހެން ކުދިން މަޅީގައި ޖައްސައިގެން ފާޑުފާޑުގެ ވާހަކަ ދެއްކުމަކީ ތިކަހަލަ މީހުންނަށް އާދައިގެ ކަމެއް. ބައެއް އަންހެން ކުދިންނަކީ ވަރަށް ފަސޭހައިން ތިހެން ޖަހާލާ މަޅީގައި ޖެހޭނެ ކުދިން.. އަޅުގަނޑު ކިތަންމެ ނިކަމެތިވެފައި ފަޤީރުވިޔަސް ދުވަހަކުވެސް ތިކަހަލަ އަވަޔަކުއެއް ނުޖެހޭނަން"
ޖުމާއަށް ހޭލެވިދާނެތީ ޒާރާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ޖުމްލަތައް ފަތިވަރަކަށް އަމުނާލުމާއެކު މުއާޒްގެ ބަރު އަޑުން ތަންކޮޅެއް ބާރަށް ހީގަތް އަޑު ޒާރާއަށް އިވުނެވެ.
" އެހެންވީމަ... ތިކުއްޖާއަށް އަހަރެން ރީތި ވެއްޖެތާދޯ؟ އަދި އަލަށް އަންހެން ކުއްޖަކު އަހަންނާ ދިމާލަށް ރީއްޗޭ ބުނީ! އަހަންނަށްވެސް ޒާރާ ވަރަށް ލޯބި. ވަރަށް ރީތި"
މުއާޒް ވައި އަޑުން އެހެން ބުނެލުމުން ބޭއިޙްތިޔާރުގައި ޒާރާގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިކުރުވިއެވެ. އެއާއިއެކު އޭނާގެ ހިތް ލަދުންގޮސް މޯޅިވީ ފަދައެވެ.
" ޤަބޫލެއް ނުކުރާނަންތަ؟ އަޅެ އަމިއްލައަށް ލޯގަނޑުން ބަލައިލަބަލަ! "
މުއާޒްގެ އަސަރުގަދަ އަޑުން މިފަަހަރު ޒާރާގެ ހިތް އޭނާއަށް ކިޔަމަނެއް ނުވިއެވެ. މޭޒުމަތީގައި ބަހައްޓާފައިހުރި ލޯގަނޑު ނަގައި އޭނާއަށް މޫނު ބަލައިލެވުނެވެ.
" ލޮލުގެ ބުރުސޫރަ އެހާ ރީތި! މޫނުމަތީގައިވާ ސާފުކަމާއިއެކު ހަންގަނޑުގެ ތުނިކަމުން އަދިވެސް އެއްފަހަރު ދެކޭ ހިތްވޭ! ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތް ދޫވެގެން ގޮއްސި! "
މުއާޒްގެ ކޮންމެ ޖުމްލައެއް އަޑުއަހަމުން ގޮސް ޒާރާއަށް އޭނާގެ މޫނުގައި ފިރުމާލެވުނެވެ. ތިމާގެ ރީތިކަން ފުރަތަމަ ފަހަރަށް ޤަބޫލު ކުރެވުމުން ޚުދު ޒާރާއަށްވެސް އުފަލެއް ލިބުނު ކަހަލައެވެ. އެހެންކަމުން މޫނުމަތީގައިވާ ނުތަނަވަސްކަން، ލުއި ހިނިތުން ވުމަކަށް ބަދަލުވާކަށް މާގިނަ ވަގުތު ތަކެއް ނުނެގިއެވެ.
" އަހަންނަށް ހީވޭ ޒާރާވެސް އަހަންނާ ވާހަކަ ދައްކާ ހިތްވާހެން.. މިއީ ދޮގެއްތަ؟ "
މުއާޒް އެހެން އަހާލުމާއެކު ޒާރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއާއިއެކު އޭނާގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި، ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާންފެށިއެވެ.
" ނޫން! އަހަންނަކީ އެހާ ފަސޭހައިން ފިރެހެނުން ދައްކާ ދޮގު ވާހަކަތަކަށް ހެއްލޭ ކަހަލަ އަންހެން ކުއްޖެއް ނޫން"
ހިތްހަމަ ނުޖެހޭ ފަދަ ރާގެއްގައި ޖުމްލަ ބޭރުކޮށްލުމަށްފަހު ޒާރާ ވަގުތުން ފޯނު ކަނޑާލިއެވެ. ނަމަވެސް އޭރުވެސް އޭނާގެ ހިތުގައި އާދަޔާ ޚިލާފް އަސަރުތަކެއް އުފެދެމުން ދިޔައެވެ. އިށީނދެ އިން ގޮނޑިން ތެދުވެ، ބާރުބާރަށް ގޮސް މުށިތައްމަތީގައި އަޅާފައި އޮތް ގޮދަނޑީގައި އޮށޯވެލީ ހިތުގައިވާ ހާސްކަން ފިލުވާލުމަށެވެ. ނަމަވެސް ބާރުބާރަށް ތެޅެމުންދާ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.
***
ޖެހިގެން އައި ދުވަހެވެ. އެހެން ދުވަސްތަކާއި ޚިލާފަށް ޒާރާގެ ހަރަކާތްތައް އަވަސްވެފައި ހަލުވިކަން އާރިފާއަށް ފާހަގަ ކުރެވުނެވެ. ބަދިގެ މެދުގޭގައި ހުރި ހުނިގޮނޑިމަތީގައި އިނދެގެން އޭނާ ހުނިގާނަމުން ދިޔައީވެސް މީހަކު އަޖައިބުވާހާ އަވަހަށެވެ. ބަދިގެ ދޮރުކަނީގައި އަތް ޖައްސާލައިގެން ހުރި އާރިފާ ދެފަރާތަށް ބޯ ހޫރަމުން ޒާރާއަށް ގޮވާލިއެވެ. އެއާއިއެކު ޒާރާ ސިހުނުލެއް ބޮޑުކަމުން އަތުން ކާށިކިބަ ދޫވެ، ހުނިގޮނޑި ތިލައިގައި އަތް ޖެހުނެވެ. ވީތަދުން ޒާރާއަށް އަތުގައި ހިފަހައްޓާލެވުނެވެ. ދިލަނަގާތީ އަތް ހަލާކުވިކަން އެނގި ހުރެ އޭނާ މަޑުމަޑުން ފުންކޮށް ނޭވާލާން ފެށިއެވެ.
" މިއަދު މާ އަވަސް އަރައިގަނެގެން ތިޔަ އުޅެނީ ކީއްވެގެންތަ؟ މަސައްކަތް ބުރަވެގެން ރުޅިގަދަވާނެކަމެއްނެތް! މިތާ ތިބީ މުޅިންވެސް ކަލޭގެ މީހުން.. ކަލޭ ކެއްކީމަ މަގޭ އެކަންޏެއްވެސް ނޫން ކާނީ!"
އާރިފާގެ އެފަދަ ބަސްތަކަކީ ޒާރާއަށް އަލަށް އިވޭ އަޑުތަކެއް ނޫނެވެ. އެހެންކަމުން އެއްވެސް ރައްދެއް ދިނުމެއް ނެތި އޭނާ އަނެއްކާވެސް މަސައްކަތާއިގެން އުޅުނެވެ. އޭރުވެސް ޒާރާގެ ސިކުނޑީގައި އެނބުރެމުންދަނީ ރޭގައި މުއާޒް ދެއްކި ވާހަކަތަކެވެ. ރޭއްސުރެ އޭނާގެ ހިތަށް ވެރިވެފައިވާ ފިނިކަން އަދިވެސް ފިލައިގެން ނުދެއެވެ. މުއާޒްގެ އަޑު ކަންފަތުންވެސް ފިލައިގެން ނުދެއެވެ.
" ދެންވެސް އަވަސްކޮށްފައި ޝާމް ބަލައި ސްކޫލަށް ދޭ! އަހަރެން މިއުޅެނީ ވަރަށް ބޮލުގައި ރިއްސާތީ"
އަމުރު ހިންގުމަށްފަހު އާރިފާ އެނބުރި ދިޔައެވެ. އާރިފާއާމެދު މާބޮޑު ސަމާލުކަމެއް ނުދީ ޒާރާ އޭރުވެސް އިނީ ހުނިގާނާށެވެ. އާރިފާ ދިޔުމާއެކު ނުރުހުމުގެ ލޮލަކުން ދޮރާދިމާލަށް ބަލައިލުމަށްފަހު އޭނާ ތެދުވިއެވެ.
***
އޮފީހުން ގެއަށް އައިސް ވަނުމާއެކު ސޯފާގައި އޮތް މާހިލް ތެދުވިއެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ.
" ދޮންބެ! އައިޕެޑެއް ބެލިންތަ؟ "
މާހިލް އުއްމީދާއެކު އަހާލުމުން މުއާޒަށް ކޮންމެވެސް ވަރަކަށް އަސަރު ކުރުވިއެވެ. ސަބަބަކީ އޭނާއަށް އަދި އެކަމާ އުޅެވިފައި ނެތުމުންނެވެ. އެހެންކަމުން މޫނުމަތީގައިވާ އުދާސްކަން ފިލުވާލުމަށްފަހު އޭނާ ގޮސް މާހިލްއާ ދާދި ގާތުގައި އިށީނެވެ.
" މިހުރީ ހަމަ ރަނގަޅު ފިހާރަތަކެއްގެ ޕޭޖުތަކެއް.. ކޮއްކޮ ބޭނުންވާ އައިޕެޑެއް ބަލާފަ ބުނެލާ! "
މުއާޒްގެ ފޯނު ދިއްކޮށްލަމުން އޭނާ ބުންޏެވެ. ފުޅާ ހިނިތުންވުމެއްގައި އިނދެ މާހިލް އަވަސް އަވަހަށް ފޯނުގައި ހިފިލިއެވެ. އެއަށްފަހު އޭނާ ބޭނުންވާ އައިޕެޑް މުއާޒަށް ދައްކާލިއެވެ.
" ތެންކްސް ދޮންބެ! އަހަރެންގެ ހުރިހާވެސް މީހަކީ ދޮންބެ!"
އުފާވެރި ރާގެއްގައި މާހިލް ބުންޏެވެ. އެއާއިއެކު ލުއި ގޮތަކަށް ހިނިތުންވެލަމުން މުއާޒް ތެދުވިއެވެ. އެއަށްފަހު ފޯނަށް ނަޒަރު ހިންގައިގެން ހުރެ އޭނާގެ ކޮޓަރިއާ ދިމާލަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއެކު މުއާޒް އަވަސްވެގަތީ އޭނާގެ ޕަރީގެ ޚަބަރެއް ބަލައިލާށެވެ. މިހާރަކަށް އައިސް އޭނާގެ ކުރިމަތީގައި އަބަދުވެސް ޒާރާގެ ތަސްވީރު ކުރެހިފައި ހުންނަ ކަހަލައެވެ. އެހެންކަމުން އޭނާ ހުންނަނީ ހުސްވަގުތެއް ނުލިބިގެންނެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނދެލީ ޒާރާގެ ނަންބަރަށް ބަލަހައްޓައިގެން ހުރެއެވެ. ފޯނު ރިންގް ވަމުންދާ އަޑު އިވެން ފެށުމާއެކު މުއާޒްގެ ހިތް ނުހަނު ބާރަށް ތެޅެން ފެށިއެވެ.
" ކީއްކުރަންތަ ތި ގުޅަނީ؟ "
ސްޕީކަރަށް ލައިފައި ހުރި ފޯނުން އިވުނު ޒާރާގެ ނުތަނަވަސް އަޑުން މުއާޒަށް ތެޅިގަނެވުނެވެ. ޒާރާގެ އަޑުގައިވާ ނުރުހުންތެރިކަން މުއާޒަށް ދެނެގަނެވުމާއެކު އޭނާއަށް އެނދުން ތެދުވެވުނެވެ.
" ޒާރާ! އަހަރެން... އަހަރެން.. އަހަރެން މިގުޅަނީ ޒާރާއަށް އުނދަގޫ ކުރާކަށް ނޫން! ޕްލީޒް އަހަންނާ ވާހަކަ ދައްކަބަލަ! "
ވަރަށް އުނދަގޫ ގޮތަކަށް މުއާޒް ވާހަކަ ދައްކަމުން ދިޔައެވެ.
" މިހާރު އަހަރެން ހިތަށް އެބަ އަރާ އެ ކަލްކިޔުލައިޓަރގައި ނުހިފުނު ނަމައޭ! "
ޒާރާ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގޭ ޙާލު މުއާޒަށް ކަންފަތުގައި ފޯނު ޖައްސާލެވުނެވެ.
" ކުރިން އަހަރެން ތިބޭފުޅާއަށް ވަރަށް އިޙްތިރާމްކުރިން! އެކަމަކު ދެން ނުކުރެވޭނެ! ދެން އަހަންނަށް ނުގުޅައްޗޭ! "
ޒާރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
" ނޫން! އިހަށް މަޑުކޮށްލަދީބަލަ! ޕްލީޒް..."
ޒާރާއަށްވުރެ ބާރަށް މުއާޒް ބުނެލިއެވެ. އެހެންކަމުން ޒާރާ މުއާޒަށް ވަގުތު ދިނުމުގެ ގޮތުން އިރުކޮޅަކު މަޑުކޮށްލިއެވެ.
" އަހަރެން މިގުޅަނީ ޒާރާއަށް އުނދަގޫ ކުރާކަށް ނޫނޭ! "
އަވަސް އަވަހަށް މުއާޒް ބުންޏެވެ. ޒާރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނު ނަމަވެސް އޭނާ ހުރީ އަދިވެސް ފޯނުގައެވެ. އެހެންކަމުން ހިތްވަރުކޮށްފައި މުއާޒް އޭނާ، ޒާރާދެކެ ވާ ލޯބި އިޒްހާރު ކުރަން ފެށިއެވެ.
" އަހަންނަށް... އަހަންނަށް ޒާރާދެކެ ލޯބި ވެވިއްޖެ! އުނދަގޫވާ ވަރަށް ލޯބި ވެވިއްޖެ! "
ދެލޯމަރައިގެން ހުރެ އެ ޖުމްލަ މުއާޒް ދޫކޮށްލީ ފިނިވެފައިވާ ހިތަކައިގެންނެވެ. އިތުރަށް މަޑުކުރުމެއްނެތި އަނެއްކާވެސް މުއާޒް ވާހަކަ ދައްކަން ފެށިއެެވެ.
" ޒާރާއަށް ޤަބޫލު ނުކުރެވުނަސް، ޒާރާ ފެނުނު ފުރަތަމަ ވަގުތުން ފެށިގެން އަހަންނަށް ޒާރާ ކަމުދިޔަ! ޒާރާއާމެދު ޚިޔާލް ކުރެވެން ފެށި.. ޒާރާއާ ވާހަކަ ދައްކަން ބޭނުންވި...މީގެ ކުރިން އަހަންނަށް މިކަހަލަ ގޮތެއް ނުވޭ"
މުއާޒްގެ އަސަރުގަދަ އަޑު ޒާރާއަށް އިއްވަމުން ދިޔަ ވަރަކަށް ޒާރާގެ ދެލޯ ފެންކަޅި ވަމުން ދިޔައެވެ. އޭނާގެ ނިކަމެތިކަން އިޙްސާސްކުރެވުނެވެ. އޭނާއަކީ މުއާޒާ އެކަށީގެންވާ މީހެއް ނޫންކަން މުއާޒަށް އެނގުމުން އޭނާ ދޫކޮށްލާނެކަން ޒާރާއަށް ޔަޤީން ކުރެވެއެވެ.
" އަހަރެން ކިހިނެއް ތި ވާހަކަތައް ޤަބޫލު ކުރާނީ؟ އެންމެ ކުޑަމިނުން އަހަންނަކަށް ނޭނގެ މި ވާހަކަދެއްކެނީ ކާކާ ކަމެއްވެސް.. ނަމެއްވެސް ނޭނގެ! ދެން؟ "
މާޔޫސްވެރި ރާގެއްގައި ޒާރާ ބުނެލިއެވެ.
"އަހަންނަށް ރަނގަޅީ އިތުރަށް ދެން ތި މައުޟޫއަށް ވާހަކަ ނުދެއްކިޔާ! "
ޒާރާ ވާހަކަ ދައްކާ ނިމުމާއެކު މުއާޒް ވާހަކަ ދައްކަން ފެށީ އެހާމެ އަވަހަށެވެ.
" ނޫން.. މަޑުކޮށްބަލަ! އަހަރެން ކިހިނެއް ހެދިއްޔާ ޒާރާ ޤަބޫލު ކުރާނީ؟ ބުނެބަލަ! "
މުއާޒަށް ތެޅިގަނެވުނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދެއެވެ. އޭނާގެ ހިތް އެދެނީ ޒާރާގެ ރުހުމެވެ.
" ނޭނގެ އަހަންނަކަށް! އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކާ ގުޅުން ބާއްވާކަށް!"
މިފަހަރު ޒާރާ ފޯނު ކަނޑާލީ މުއާޒަށް އެނގުމަކާ ނުލައެވެ. ފޯނު ކަނޑާލި ގޮތަށް މުއާޒްގެ ނަންބަރު ބްލޮކް ކޮށްލީ އިތުރަށް އެކަމާ ވިސްނަން ބޭނުން ނުވާތީއެވެ. ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ޒާރާ ފާޚާނާއަށްވަނީ އެކަނިވެލަން ބޭނުންވާތީއެވެ. ދޮރުފަތުގައި ލައްވެލައިގެން ހުރެ އޭނާ ދެލޯ މަރާލިއެވެ. އެހިނދު އޭނާ ސިހިގެން ދިޔައީ ލޮލުގެ އެސްފިޔަތަކުގެ ތެރެއިން މުއާޒްގެ ސޫރަ ފެނުމުންނެވެ. ހިތުގައި އެ ސޫރަ ފެވެމުން ދާކަން އޭނާއަށް އިޙްސާސް ކުރެވެއެވެ. މުއާޒް ދެއްކި ވާހަކަތައްވެސް ކަންފަތުގައި ހަރުލާފައިވެއެވެ. އެހެންކަމުން ވިސްނަން ބޭނުން ނުވިޔަސް ޒާރާގެ ހިތް އޭނާއަށް އުނދަގޫ ކުރަން ފެށިއެވެ.
***
ކޮމްޕިޔުޓަރަށް ބަލަހައްޓައިގެން އިން ނަމަވެސް މުއާޒަށް މަސައްކަތް ކުރެވޭ ގޮތެއް ނުވިއެވެ. އޭނާގެ މޫޑު ހުރީ ވަރަށް ބޮޑަށް އުދާސްވެފައެވެ. ސިކުނޑިއަށް ހަމަޖެހުމެއް ނުލިބުނެވެ. ޒާރާއަށް ގުޅަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އޭނާގެ ހިތަކަށް ތަސައްލީއެއް ނުލިބުނެވެ. ކަންތައް ދިމާވި ގޮތުނހިތަށް ލިބެމުންދާ ތުރާތަކަށް އިތުރަށް ކެތް ނުކުރެވޭނެކަންވެސް މުއާޒަށް އެނގެއެވެ. ދެއަތްތިލައިން ނޭފަތުގައި އަތްޖައްސާލުމަށްފަހު އޭނާ ދެލޯމަރާލިއެވެ. އެހެން އިނދެ ފުން ނޭވާއެއް ލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ހަމަޖެހުމުގެ ނޭވާއެއް ބޭރެއް ނުކުރެވުނެވެ. އެންމެ ފަހުން ފުންމައިގެން ތެދުވެ އޭނާ ބޭރަށް ނިކުމެއްޖެއެވެ.
" ސޭޓު! އުލިގަމަށް ދާން ލޯންޗް ހަމަޖައްސާފައި އަހަންނަށް އަންގާލަދީ! "
ކަަައުންޓަރު ކައިރީގައި ހުރި ސޭޓު ސިހުނީ މުއާޒްގެ އަޑަށެވެ. އޭނާ އަވަސް އަވަހަށް ބޯ ޖަހާލަމުން ފޯނު ނެގިއެވެ. އޭރު ސޭޓުގެ މޫނުމަތީގައިވެސްވަނީ ސުވާލު އުފެދިފައި ހުރި ކަމުގެ އަސަރުތަކެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!