" ދޮންތާ! "

ދަތްވިކާލުމަށްފަހު ޖުމާ ޒާރާއަށް ގޮވާލުމުން އޭނާ ނަންބަރު ކިޔާލިއެވެ. އެއާއިއެކު މުއާޒް އެ ނަންބަރު ފޯނުގައި ސޭވްކޮށްލީ " ޕަރީ " ގެ ނަމުންނެވެ.

Ad
rt

" މި އަތޮޅަކަށް އުލިގަމު ފެރީއެއްވެސް ނޯންނާނެ! ދެން ކިހިނެއްތޯ ޑެލިވަރ ކުރަނީ؟ "

ހިނގައިގަންނަން އުޅެފައި ޖުމާ ހުއްޓުނީ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށެވެ. އެއާއިއެކު މުއާޒް ހިނިތުންވެލަމުން އަނެއްކާވެސް ޒާރާގެ މޫނަށް ބަލައިލިއެވެ.

" ދެން ލޯންޗެއްގައިވިޔަސް ފޮނުވައިދޭނަން.. "

މުއާޒްގެ ޖުމްލަ ނިމުމާއިއެކު ޒާރާ އަވަސް އަވަހަށް ޖުމާގެ އަތުގައި ހިފައިގެން ފިހާރައިން ނިކުތެވެ. އޭރުވެސް މުއާޒް ހުރީ ދޮރާއިދިމާލަށް ބަލަހައްޓައިގެންނެވެ. އޭރު މުއާޒްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި ސޭޓުގެ މޫނުމަތިން އަދިވެސް ފެންނަމުންދަނީ ހައިރާންކަމެވެ.

" ދެން ޖުމާ! ހާދަ އަނގަ ގަދަ ވެގެން ތިއުޅެނީ! އެއީ އެފިހާރައިގެ ބޮޑުމީހާ ކަންނޭނގެ.. މަތިންވިޔަސް ކަނޑުން ވިޔަސް އޭނަ އެ ފޮނުވައިދީފިއްޔާ ހެވެއްނު"

މަގުމައްޗަށް ނިކުމެވުމާއެކު ޒާރާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

" އާނ ދެން މިހާ ގަދަ އަވީގައި ހިނގާފައި ދަމުން ތަޤްރީރް ނުދެއްޗޭ! އޭ ދޮންތާ! އޭނަ ހާދަ ވަރަކަށޭ ދޮންތައަށް ބެލީ.. ކުރިމަތީގައި ހުރެގެން އަހަރެން އެހާ ވަރަށް ވާހަކަ ދެއްކި އިރުގައިވެސް އޭނަގެ ދެލޯ އަމާޒުވެފައި ހުރީ ދޮންތައަށް! އަނެއްކާ ހައިދަރަށް ދޮންތަ ރީތިވީ ގޮތަށް އޭނައަށްވެސް ދޮންތަ ރީތިވީތަ؟ "

ޖުމާގެ ވާހަކަތައް އަޑުއަހަމުން ދިޔަ ޒާރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ހައިދަރުގެ ނަން އަޑު އިވުނު ހިސާބުންނެވެ.

" ހައިދަރުގެ ވާހަކަ ދައްކާނެ ކަމެއްނެތް.. ޖުމާދެން މިހާރު މާ އަނގަގަދަ ވެއްޖެ! ދެން އެއްވެސް ކަމެއް ދޮންތަ ޝެއަރ އެއް ނުކުރާނަން! "

ޒާރާ މޫނު އުދާސްކޮށްލުމާއެކު ޖުމާ އަވަސް އަވަހަށް ޒާރާގެ އަތުގެ މުލައްދަނޑީގައ ހިފަމުން ގާތްވެލިއެވެ.

" ސޮރީއޭ! ދެން އެމީހާގަނޑުގެ ވާހަކައެއް ނުދައްކާނަން.."

***

ގަޑިން ފަތިހު ހަތަރެއް ޖަހައިފިއެވެ. މިރޭ މުއާޒްގެ ދެލޮލުގައި ނިދީގެ އަސަރެއް ނެތެވެ. މޫނުމަތީގައި ފޫހިކަމެއްވެސް ނެތެވެ. އަދި އޭނާގެ އެކަނިވެރި ހިތުގައި ފަޅުކަމެއްވެސް ހަމަ ނެތެވެ. އެ ހިތުގައި އާ ވިންދުތަކެއް ޖަހަމުންދާހެން އޭނާއަށް ހީވާން ފެށިއެވެ. އުފާވެރިކަމުގެ އަސަރުތަކެއް ވެރިވަމުންދާކަން ޔަޤީން ކުރެވެން ފެށިއެވެ. އަރާމު ނިދި އޭނާ ދޫކޮށް ގޮސް ވީ ހިސާބެއްވެސް ނޭނގެއެވެ. މޫނުމަތީގައި ކުރެހެމުންދިޔަ އަންހެންކުއްޖާގެ ސޫރައަށް ބަލަހައްޓައިގެން އޮވެވުނީ ކިހާ އިރެއްވަންދެންކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ކުއްލިއަކަށް ކަންފަތުގައި ޖެހުނީ ފަތިސް ނަމާދު ބަންގީގެ އަޑެވެ. އެއަޑަށް އިންކާރު ކުރެވެން ނެތުމުން ކަންނެތްކަމާއެކު އޭނާ ތެދުވިއެވެ.

" ޕަރީ! "

މޯޅި އަކަށް ދެމިލަމުން މުއާޒްއަށް ބުނެލެވުނެވެ. ފުރަތަމަ ނަޒަރުންވެސް އޭނާއަށް ޒާރާދެކެ ލޯބިވެވުނުކަން އޭނާއަށް ޔަޤީން ކުރެވުނެވެ. ޒާރާގެ ސޫރަ ދުށުމަށް ތާއަބަދު ހިތް އެދެވެން ފެށިއެވެ. އަދި އޭނާ ޙާޞިލްކުރުމަށްޓަކައި ހިތުގައި ޢަޒުމް ކަނޑައެޅުނެވެ.

***

ނުނިދާ ހުރެ، ފިހާރައަށް ދާން ޖެހުމުގެ ސަބަބުން މުއާޒް ހުރީ ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސާފައެވެ. އެކަން އެންމެ ފުރަތަމަވެސް ފާހަގަ ކުރެވުނީ ބައްޕަ ނަޖީބަށެވެ.

" ދަރިފުޅު މިއަދު ބަލީތަ؟"

ތަށިން ރޮއްޓެއް ނަގަމުން ނަޖީބު ބުނެލިއެވެ. އެއާއިއެކު ކަފީލާއަށްވެސް ފަރުވާތެރިކަމާއެކު ބަލައިލެވުނީ މުއާޒްގެ މޫނަށެވެ.

" ކުޑަކޮށް ވަރުބަލި! "

މުއާޒް ދިނީ ކުރު ޖަވާބެކެވެ.

" ބަލިއްޔާ މިއަދު ގޭގައި މަޑުކޮށްލަންވީނު! "

އޯގާތެރިކަމާއެކު ނަޖީބު ބުނެލިއެވެ. ނަމަވެސް އެޖުމްލައާއިއެކު މުއާޒް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ.

" ނޫނޭ! މިއަދު ބުކްޝޮޕަށް އާ ސްޓޮކެއް ލިބޭނެ.. އަޅުގަނޑު އެތަނަށް ގޮސްގެން އެއެއްޗެހި ނެގޭނީވެސް"

ކައިރީގައި ހުރި ފެންތަށި ބޯލަމުން މުއާޒް ބުނެލިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ފެންނަމުންދަނީ ނިދީގެ އަސަރުތަކެވެ. އޭނާގެ ވަރުބަލިވެފައިވާ ދެލޮލަށް ބަލައިލަމުން މިފަހަރުވެސް ނަޖީބު އެކަމާ އިންކާރު ކުރިއެވެ.

" ކޮންމެހެން މިއަދު އެ އެއްޗެހި ނުނެގިޔަސް ރަނގަޅުވާނެ! މާހިލް ކޮއްކޮ ގޮވައިގެން ގޮސް ބައްޕަވެސް ކޮންމެވެސް ވަރެއް ކޮށްލާނަން!"

" މާހިލްއޭ؟ މާހިލަކަށް އަދި އެކަހަލަ ކަންތައްތަކެއް ނޭނގޭނެ! އެސޮރު އަދިކިރިޔާ ކިޔަވާ ނިމުނީ! އަނެއްކާ ނިދާފައި އޮއްވާ ހޭލައްވާކަށް ނުވާނެއެއްނު.."

މޫނަށް ފޫހިކަން ވެރިކުރުވަމުން ކަފީލާ ބުނެލީ ތަންކޮޅެއް ބާރަށެވެ. ކަފީލާގެ ބަހަށް އެއްބައިވެލަމުން މުއާޒް ތެދުވިއެވެ.

" މަންމަ އެބުނުއްވީ ތެދެއް! ކޮއްކޮ އަދި އެކަހަލަ ކަންކަމަށް އާ ވާނެ! ރޭގަ ވަރަށް ލަސްވަންދެން އިވޭ ގޭމް ކުޅޭ އަޑު..އެހެންވީމަ ކޮއްކޮ ނިދާލަން ބާއްވާ! "

ޓިޝޫއެއް ނަގައި އަތް ހިއްކަމުން، ދޮރާއި ދިމާލަށް މުއާޒް ހިނގައިގަތެވެ. އޭނާ ބޭރަށް ނިކުތުމާއެކު، ކަފީލާއާ ދިމާލަށް ނަޖީބަށް ބަލައިލެވުނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

" ކަފީލާ ހަމަ ހައްދާގޮތުން އެސޮރު އެހާ ޅަކޮށް އެއުޅެނީ! ބަލަ މުއާޒްވެސް ހަރުދަނާ މީހަކަށްވެ، އަމިއްލަ ފައިމައްޗަށް ތެދުވެ އެހުރީ ހަމަ އަހަންނާ ކަފީލާގެ މަސައްކަތުންދޯ! ވީއިރު މާހިލް ތިހާ ޅަކޮށްގެން ތި ގެންގުޅެނީ ކީއްވެތަ؟ އަހަރެން ހާދަ ހިތްހަމަ ނުޖެހެޔޭ! ކިޔަވާ ނިންމައިގެން އަވަހަށް މުޖުތަމަޢަށް ނިކުންނަން މަސައްކަތް ފަށަންވީއޭ! "

ނަޖީބު ބާރަށް ވާހަކަ ދައްކަން ފެށުމުން ކަފީލާ ދެފަރާތަށް ބޯ ހޫރާލިއެވެ.

" ނަޖީބޫ! އެއީ އަހަރެމެންގެ އެންމެ ހަގު ދަރިފުޅު.. އެއީ ވަރަށް މިނިވަންކޮށް އުޅެން ބޭނުންވާ ކުއްޖެއް..މާހިލް މަސައްކަތެއް ނުކުރިޔަސް އަދި އަހަރެމެންނަށް މާހިލް ބެލޭނެއެއްނު. އިރާދަކުރެއްވިއްޔާ ގޯސް މަގަކުން ނުދެއެއްނު.. "

ކަފީލާ ކައިރިން ކުރިއެއް ނުލިބޭނެކަން އެނގޭތީ، އާދައިގެ މަތިން މިފަހަރުވެސް އަމާންދިނީ ނަޖީބެވެ.

***

އަލަށް ގެނައި ސްޓޮކްގެ މުދާތައް ސިސްޓަމަށް އެންޓަރ ކުރުމަށްފަހު މުއާޒް ހަމަޖެހިލިއެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ ލުއި ހިނިތުންވުމެކެވެ. ދެލޯ އަމާޒުވެފައިވަނީ މޭޒުމަތީގައި އޮތް ކުޑަ ކޮތަޅަށެވެ. އޭނާއަށް ހާއްސަކޮށްފައިވާ ބޮޑު ގޮނޑީގައި ލެނގިލުމަށްފަހު ފޯނު ނަގައި އަނެއްކާވެސް އޭނާގެ ޕަރީގެ ނަންބަރަށް ބަލައިލިއެވެ. ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންދިޔަ ވަގުތު ކުޑަތަންވުމާއެކުވެސް ހިތުގެ ތެޅުމަކަށް ބަދަލެއް ނައެވެ. ބާރުބާރަށް ހިތް ތެޅެނީއެވެ. ވިންދު އަވަސްވަނީއެވެ. ނޭވާ ކުރުވެ މީހާ ދާހިއްލަންފެށީ ފޯނުން އިވުނު ހިތްގައިމު ރީތި އަޑުގެ ސަބަބުންނެވެ.

" ކާކުތަ؟ "

ދެތިން ފަހަރު ހަލޯއޭ ބުނެލުމަށްފަހު ޒާރާ ތަންކޮޅެއް ބާރަށް ބުނި އަޑު އިވުނެވެ. އެއާއިއެކު މުއާޒް ކުޑަކޮށް ކަރުކެހިލިއެވެ.

" މީ.. މީ.. ކަލްކިޔުލައިޓަރ ފޮނުވާލަން ވެގެން.."

މަޑުމައިތިރިކަމާއެކު މުއާޒް އެހެން ބުނުމާއެކު ޒާރާގެ ހީލުމުގެ އަޑު އިވުނެވެ.

" އުލިގަމު ނޫރަތްމާގެ ޖަހާލީމަ، ކޮންމެ މީހަކަށްވެސް އެނގޭނެ"

ޒާރާވެސް ވާހަކަ ދެއްކީ ނުހަނު މަޑުމަޑުންނެވެ.

" ދެން.. އެއްވެސް ކުއްޖެއްގެ ނަން ޖަހާނެ ކަމެއް ނެއްތަ؟ "

ކޮޅަށް ތެދުވެލަމުން މުއާޒް ބުނެލިއެވެ. އެއާއިއެކު އަނެއްކާވެސް އޭނާގެ ކަންފަތުގައި ޖެހުނީ ޒާރާގެ ހީލުމުގެ އަޑެވެ. އެއަޑު އިވޭ ކޮންމެ ފަހަރަކު މުއާޒްގެ ހިތްދަނީ ފިނިވެގެންނެވެ.

" ގޭގެ ނަން ޖަހާލީމަ ރަނގަޅުވާނެ! ދެން އަޅުގަނޑުމެން ފައިސާ ޖަމާކުރަންވީ އެކައުންޓް ނަންބަރެއްވެސް ބޭނުން"

ޒާރާ ބުންޏެވެ.

" ތިހާ ދުރު ރަށަކަށް އެއްޗެއް ޑެލިވަރ ކޮށްދޭ މިއީ ފުރަތަމަ ފަހަރު! މިދަތުރަށްފަހު މި ކޮމްޕެނީގެ ވިޔަފާރި ދަތުރުތައް ހއ އަށް މި ފެށުނީ! އެހެންވެ މި ކަލްކިޔުލައިޓަރަކީ އަހަރެންގެ ފަރާތުންދޭ ހަދިޔާއެކޭ ބުނިއްޔާ ޤަބޫލު ކުރާނަންތަ؟ "

މުއާޒްގެ ޖުމްލައިން ޒާރާއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ.

" ޒާރާ! ކަލޭނޭ! އަހަރެން ކިހާވަރަކަށް އެބަ ގޮވަން؟ ބޮޑު އުނދަގުލެކޭ!"

ދުރުން އައި ރުޅިވެރިކަމުން ފުރިގެންވާ އަޑުން މުއާޒްގެ ކަންފަތަށް ބަރުވެގެން ދިޔައެވެ. އެއާއިއެކު މުއާޒްގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ޒާރާ ފޯނު ކަނޑާލިއެވެ. އެހިނދު މުއާޒްގެ ހިތް ކިލަނބުވެގެން ދިޔައީ ނުތަނަވަސްކަމާއެކުއެވެ. ގައިމުވެސް މަޔަކަށް އެހާ ރުޅިވެރިކަމާއެކު ގޮވާކަށް ނުކެރޭނެއެވެ. ޒާރާ ފޯނު ކަނޑާލީ ބިރުންކަންވެސް މުއާޒަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން ޒާރާއާ ވާހަކަ ދައްކަން އޭނާގެ ހިތް އިތުރަށް އެދެން ފެށިއެވެ.

ހއ އަށް ދަތުރު ފެށި، ލޯންޗް ފުރުމާއިއެކު މުއާޒް އެނބުރި އައީ ގެއަށެވެ. ނުތަނަވަސްކަމާއެކު ގެއަށް އައިސް ވަތްއިރު ކަފީލާއާއި މާހިލް ސިޓިންގރޫމްގައި ތިއްބެވެ.

" ދެން ބުނެބަލަ ދޮންބެގާތު! "

ހިނިތުންވެފައި އިނދެ ކަފީލާ ބުނެލީ މާހިލަށް ބަލައިލަމުންނެވެ. އޭރު މާހިލްގެ މޫނުމަތިންވެސް ފެންނަމުން ދަނީ ހިނިތުންވުމެވެ. ނަމަވެސް މާހިލް އެއްވެސް އެއްޗެއް ނުބުމުން މުއާޒް އިތުރަށް މަޑެއް ނުކުރިއެވެ.

" އޭ! އޭ! ދޮންބޭ! ދޮންބޭ! "

މާހިލް ގޮވާލުމާއިއެކު މުއާޒް ހުއްޓުނެވެ.

" އައިޕެޑެއް ބޭނުން ވެގެން! ފޯނުން ގޭމް ކުޅެން ވަރަށް އުނދަގޫ"

ކުޑަކުއްޖަކު ފަދައިން މާހިލް ބުނެލިއެވެ. އެއާއިއެކު މުއާޒް ހިނިތުންވެލިއެވެ.

" ދަރިފުޅާ މާހިލް.. މިހާރު ދަރިފުޅަށްވެސް އަށާރަ އަހަރު ވެއްޖެ! ކޮންމެ ދިމާލަކުންވެސް ވަޒީފާ ލިބިދާނެ.. އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން އަމިއްލަ އެއްޗެހި ގަތީމަ ކިހާ އުފާވެރި! ދޮންބެ އަލަށް ފޯނެއް ގަތީވެސް އަމިއްލައަށް މަސައްކަތްކޮށްގެން.. ދަރިފުޅުގެވެސް އެހިތްވަރު ހުންނަންވާނެ"

ކޮޓަރިން ނިކުތް ނަޖީބުގެ ވާހަކަ އަޑުއަހަން އެންމެން ތިބީ ނުހަނު ހިމޭނުންނެވެ. ނަމަވެސް މާހިލްގެ މޫނުމަތީގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރުތައްފެނި ކަފީލާއަށް ނުރުހުމުގެ ނަޒަރަކުން ނަޖީބަށް ބަލައިލެވުނެވެ. އެކި މީހުންގެ މޫނަށް ވަކިވަކިން ބަލަމުންދިޔަ މުއާޒް އިސްޖަހާލަމުން ބުނެލިއެވެ.

" ހަމަޖެހިލައިގެން ރަނގަޅު އައިޕެޑެއް ބަލައިލާނަން! އޮންލައިންކޮށްވެސް މިހާރު ގަނެވޭނެ "

ބައްޕައާ ދެކޮޅަށް އެއްޗެއް ބުނަން ޖެހުނު ނަމަވެސް މުއާޒަށްވެސް މުޙިއްމުވީ އޭނާގެ ހުރި ހަމައެކަނި ކޮއްކޮއެވެ. ކޮއްކޮގެ އުފަލަށްޓަކައި އޭނާ ކޮންމެ ކަމެއްވެސް ކުރަން ބޭނުންވެއެވެ. މާހިލަށް ބަލައިލުމަށްފަހު ހީލަމުން މުއާޒް ކޮޓަރިއަށް ވަނެވެ. ކަންތައްވާނީ އެފަދަ ގޮތަކަށް މާކުރިންވެސް ނަޖީބަށް އެނގެއެވެ. އެހެންކަމުން ދެފަރާތަށް ބޯ ހޫރާލަމުން ނަޖީބުވެސް ބޭރަށް ނިކުންނަން ހިނގައިގަތެވެ.

***

" އެހެންތަ؟ ޖުމާ ހާދަ ނަސީބުގަދައޭދޯ! އެހާ އަގުބޮޑު އެއްޗެއް ހިލޭ ލިބުނީތާ!"

ޖުމާގެ އަތުގައި އޮތް ކަލްކިޔުލައިޓަރަށް ބަލައިލަމުން ވާހިދު ބުނެލިއެވެ. އޭރު ޖުމާ ހުރީ ނުހަނު އުފަލުންނެވެ. އޭނާއާ ޖެހިގެން ހުރި ޖޯލީގައި ޒާރާވެސް އޮތެވެ.

" ތިޔަ ބުނާ ފިހާރައަކީ ވަރަށް ކުރިއްސުރެ ނަޖީބު ހިންގަމުން ދިޔަ ފިހާރައެއް! ބައްޕަވެސް އަޑުއެހިން އޭނާގެ ދަރިފުޅު ކިޔަވައި ނިންމައިގެން އެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަށް ޖައްސާލި ވާހަކަ..ދެން މިހާރު އެކުދިންނެއް ނޭނގެ! ބައްޕަ މިރަށުގައި ދިރިއުޅޭތާ މިހާރު އަށާރަ އަހަރުތާ މިވަނީ!"

ވާހިދު އެހެން ބުނެލުމާއެކު ޒާރާއަށް މޫނު އަނބުރާލެވުނެވެ.

" އަހަރެންގެ މަންމަ ދުނިޔޭގައި ހުރި ނަމަ..."

ޒާރާ އެހެން ބުނާ ކޮންމެ ފަހަރަކު ވާހިދުގެ ދެލޮލުން ކަރުނަ ހިލެއެވެ. ނަމަވެސް އޭނާ އެގޮތުގައި ކެތްތެރިވާތާ މިހާރު ކިތަންމެ އަހަރެކެވެ.

" ފުނަދޫގައި އޮތް ބައްޕަގެ ގޯތި ވިއްކައި ނުލިނަމަ މިއަދު އެރަށުގައިވެސް އަހަރެމެންނަށް ދިރިއުޅެވުނީސް"

އަނެއްކާވެސް ޒާރާއަށް ބުނެވުނެވެ. އޭނާ އެބުނީ ތެދެއްކަން ވާހިދަށް ޤަބޫލު ކުރެވުނެވެ. ޖުމާ ދުނިޔެއަށް ލީ ފުރަތަމަ ނޭވާއާއިއެކު ވާހިދުގެ އަންހެނުން ޖޫލީ ދޫކުރީ އޭނާގެ ފަހު ނޭވާއެވެ. އޭރު ޒާރާގެ އުމުރުން އެންމެ ފަސްއަހަރެވެ. ވާހިދަށް އިތުރު ކައިވެންޏެއް ކުރަން ޖެހުނީ ކީއްވެގެންކަން ޒާރާއަށް މިހާރު އެނގެއެވެ. އެއީ ބައްޕަ އެކަނިމާއެކަނި ތުއްތު ދެކުދިން ބަލަން ނުކުޅެދުމުންކަން ވާހިދު އަބަދުވެސް އައީ ކިޔައިދެމުންނެވެ. ދޮންމަންމައާ ކައިވެނި ކުރުމަށްފަހު ރަށުގައި އޮތް ގޯތި ވިއްކާލަން ވާހިދަށް މަޖުބޫރުވީ އުލިގަމަށް ބަދަލުވެ، އާރިފާގެ ގެ ކޮޅަށް ޖަހަން ޖެހުމުންނެވެ. އެކަން ވެގެން ދިޔައީ ޒާރާއާއި ޖުމާގެ އެކަނިވެރި ޙަޔާތަށް ލިބުނު އިތުރު އަނިޔާއަކަށެވެ.

" އަހަރެމެން ކިތަންމެ އުނދަގޫ ޙާލަތުގައި އުޅެން ޖެހުނަސް ބައްޕަ އަހަރެމެންދެކެ ވާ ލޯބި ހަނދާނެއް ނުނެތޭ"

ދެލޯ މަރާލަމުން ޒާރާއަށް ބުނެވުނެވެ. އޭރުވެސް ކުރީގެ ހިތްދަތި ހަނދާންތައް ލޮލުގެ ތެރެއިން އޭނާއަށް ފެންނަމުން ދިޔަ ކަހަލައެވެ.

މަސްވެރިކަމުގައި ރެޔާ ދުވާލު ބައްޕަ އުޅުނީ ކަނޑުމަތީގައެވެ. ދޮންމަންމަގެ ހަރުކަށި ޖުމްލަތަކަށް ޒާރާއަށް އަބަދުވެސް ހުރެވުނީ ސިހިސިހިއެވެ. އެކަމުގެ ސަބަބުން، އެންމެ ފަސް އަހަރުގައި އޭނާއަށް ދުނިޔެ ދެކެން ޖެހުނީ ބޮޑުމީހެއްގެ ލޮލުންނެވެ. ދޮންމަންމަދެކެ ގަންނަ ބިރަކުން އޭނާގެ ހުރިހާ އަމުރުތަކަކަށް ކިޔަމަންތެރިވެ ބޯލަނބަން ޖެހުނެވެ. އެހެންކަމުން ތުއްތު ޒާރާ ވެގެން ދިޔައީ ދޮންމަންމަގެ ނޯކަރަކަށެވެ. އެހުރިހާ ކަމަކަށްވެސް ޒާރާ ކެތްކުރީ ހަމައެކަނި ޖުމާއަށްޓަކައެވެ. އޭނާ ދެކޭ ގޮތުގައި މިދުނިޔޭގައިވާ މަންމަގެ ހަނދާނަކީވެސް ޖުމާއެވެ. ޒާރާގެ އުފަލަކީވެސް އެއީއެވެ.

" އަހަރެން މިތާ މި ކެތްކުރީ ކޮއްކޮއަށްޓަކައި! ކޮއްކޮ ނެތްނަމަ އަހަރެން މިތަނުން ދިޔައީމުސް!"

އަސަރާއެކު ޒާރާ ބުނެލިއެވެ. އެއާއިއެކު ދެރަވެލާފައި ޖުމާއަށް ބަލައިލެވުނީ ވާހިދުގެ މޫނަށެވެ. ޒާރާގެ ޖުމްލަތަކާއި ވިއްދާ ވާހިދު ދޭނެ ޖަވާބެއް އޭނާ އަޑުއަހަން ބޭނުންވާ ކަހަލައެވެ.

" ދެކުދިން ގޮވައިގެން މިތަނުން ދާން އުޅުނު ވަގުތު އެކަން ހުއްޓުނީ، ދޮންމަންމަ ބަލިވެއިންކަން އެނގުމުން! އާރިފާ ބުނީ ވަރިކުރިއްޔާ އެދަރިފުޅު ދުނިޔެއަށް ނާންނާނެވަރު ކުރާނަމޭ! އެހެންވީމަ ހުރިހާ މަގެއް ބައްޕައަށް ބަންދުވީ... ދަރިފުޅުމެންނާ ދުރުގައި ހޭދަކުރި ކޮންމެ ވަގުތުކޮޅަކު ބައްޕަގެ ހިތުގައި އޮތީ ބިރުވެރިކަން.. ތިއީ ކެތްތެރި ދެކުދިންކަން ބައްޕައަށް އެނގޭ! ޝަކުވާ ނުކުރިޔަސް ކޮންމެ ދުވަހަކު އޭނަގެ ރުޅިވެރި ބަސްތައް އަމާޒުވާކަން އެނގޭ! އަދިވެސް ބައްޕަ މިވަނީ މި ދިރިއުޅުމުގައި ކަސްތޮޅު އެޅިފައި.. ދަރިފުޅުމެން ވައްދާނެ ގެދޮރެއްނެތް.. އަނެއްކޮޅުން ޝާމަކީ ބައްޕަގެ ހުރި ހަމައެކަނި ފިރެހެން ދަރިފުޅު! އެދަރިވެސް ދޫކޮށްލެވޭކަށް ނެތް"

އާދައިގެ މަތިން ވާހިދު އޭނާގެ މަޖުބޫރީ ޙާލަތު އަނެއްކާވެސް ޒާރާއާއި ޖުމާއަށް ހަނދާންކޮށްދިނެވެ. އެދެދަރިން ދެކެ އޭނާ އިންތިހާއަށް ލޯބިވީނަމަވެސް އަބަދުވެސް އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. އެއީ އެކުދިން ރަނގަޅަށް ބަލާނެކަމަށް އެދެދަރިންގެ މަންމައަށް ވެފައިވީ ވައުދުތަކާއި ޚިލާފް ވެވުނީތީއެވެ. އެދެކުދިންނަށް މި ދުނިޔެއިން އުފަލެއް ހޯދައި ނުދެވުނީތީއެވެ. އެއީ ވާހިދަށް އޭނާގެ ނަފްސަށް ދުވަހަކުވެސް މަޢާފް ކުރެވޭނެ ކަމެއް ނޫނެވެ.

***

ދުވަސް ނިމިގެން ދިޔައީ ޒާރާގެ ފަރާތުން މުއާޒަށް އެއްވެސް ޚަބަރެއް ނުލިބިއެވެ. އެހެންކަމުން ޒާރާއާ ވާހަކަ ދައްކާލާނެ ދެވަނަ ފުރުޞަތެއް މުއާޒަށް ލިބުނެވެ. ރޭގަނޑުގެ ހަމަހިމޭންކަމަކީ އޭނާއަށް އެންމެ އަރާމު ވަގުތެވެ. އެނދުގައި އޮށޯވެލުމަށްފަހު އަތުގައި އޮތް ފޯނަށް ބަލައިލީ ހިނިތުންވެ އޮވެއެވެ. ނުހަނު އުއްމީދާވެސް އެކުގައެވެ. އެއަޑެއް އެހުމަށް ހިތް އެދެމުންދާ އަޑު އަހާލަން އޭރުވެސް އޭނާގެ ހިތް އެދި ގޮވަމުން ދެއެވެ. ހިތް ނުތަނަވަސްވެފައިވީ ނަމަވެސް ޒާރާއަށް ގުޅާލީ، ހިތް އޮބި ނޯވެގެންނެވެ.

" ހަލޯ! "

އެންމެ ފަހަރަކު ރިންގް ވުމާއެކު ޒާރާ ފޯނު ނެގިއެވެ. ހީވާގޮތުން އޭނާ ހުރީ މުއާޒްގެ ކޯލްގެ އިންތިޒާރުގައެވެ.

" މީ އަހަރެން... އެނގިއްޖެތަ؟ "

ފަށާނެ ގޮތެއް ނުވިސްނިގެން މުއާޒަށް ބުނެވުނެވެ.

( ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުރާސްފަތި ދުވަހުގައެވެ.

(ނިމުނީ)