ކަަައުންޓަރު ކައިރީގައި ހުރި ސޭޓު ސިހުނީ މުއާޒްގެ އަޑަށެވެ. އޭނާ އަވަސް އަވަހަށް ބޯ ޖަހާލަމުން ފޯނު ނެގިއެވެ. އޭރު ސޭޓުގެ މޫނުމަތީގައިވެސްވަނީ ސުވާލު އުފެދިފައި ހުރި ކަމުގެ އަސަރުތަކެވެ.
" މިހާރުތޯ؟ "
" އާނ! ހަމަ މިހާރު"
މުއާޒް އެހެން ބުނުމަށްފަހު ފިހާރައިން ނިކުމެގެން ދިޔައެވެ.
***
" ކީއްކުރަން އުލިގަމަށް ދަނީ ؟ "
ނަޖީބުގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން އިރުކޮޅެއް ވަންދެން މުއާޒަށް ހުންނަން ޖެހުނެވެ.
" އަދި އިހަށް ދުވަހެއްނު އެދިޔައީ ހއ އަތޮޅަށް ޑެލިވެރީ ދަތުރު! ދެން ކުއްލިއަކަށް ދަރިފުޅު އެރަށަށް ދާން ޖެހުނު ސަބަބެއް ބައްޕައަކަށް ނުވިސްނުނު"
ނަޖީބާއެކު މުއާޒް ހުރީ އެގޭ ގޯތި ތެރޭގައެވެ. ބައްޕަގާތު ތެދަށް ބުނަން ނުކެރުނު ނަމަވެސް ކޮންމެވެސް ވަރަކަށް ބުނެލަން އޭނާ ބޭނުންވިއެވެ.
" އެއީ.. އެއީ ރައްޓެއްސެއް ކައިރިއަށް "
" ދަރިފުޅުގެ ރައްޓެއްސެއްތަ؟ މިއަދު އަންނަންތަ ތިދަނީ؟ "
މުއާޒްގެ ވާހަކައިން ނަޖީބު ހިނިތުންވެލަމުން އަހާލިއެވެ. އެއާއިއެކު އަތުގައި އޮތް ދަބަސް ކޮނޑުގައި އަޅުވާލަމުން މުއާޒް ބޯ ޖަހާލިއެވެ.
" އަޅުގަނޑު ދެން ދަނީ! "
ސުވާލަކަށް ފަހު ސުވާލެއް މުއާޒާ ކުރި ނަމަވެސް އޭނާގެ އަމިއްލަ ވާހަކަތައް އެއްވެސް މީހަކާ ހިއްސާ ނުކުރާނެކަން ނަޖީބަށް ޔަޤީން ކުރެވެއެވެ. މުއާޒް ލޯމަތިން ގެއްލެން ދެން ލުއި ހިނިތުންވުމެއްގައި ނަޖީބު ބަލަހައްޓައިގެން ހުއްޓެވެ.
" އަހަރެން ނަމާދަށް އިންދާ ކޮޓަރި ދޮރު ހުޅުވާފައި ބަލައިލި! ކޮންތާކަށްތަ އެދިޔައީ؟ "
ކަފީލާ އައިސް ނަޖީބުގާތު ހުއްޓެމުން އަހާލިއެވެ. އެއާއިއެކު އަތުގައި އޮތް އަވި އަނު ލޮލުގައި އަޅާލަމުން ނަޖީބު ބަލައިލިއެވެ.
" ރައްޓެއްސަކާ ބައްދަލްކޮށްލަން އުލިގަމަށޯ! މިއަދު އަންނަ ވާހަކަ ބުނި"
ނަޖީބު އެހެން ބުނުމުން ކަފީލާ ބޯޖަހާލިއެވެ. އަދި ކާން ދިޔުމަށް އެދެމުން އޭނާ ގެއާ ދިމާލަށް އެނބުރުނެވެ.
***
ލޯންޗުން ފޭބުމަށްފަހު މުއާޒް ނަޒަރު ހިންގާލީ ބަނދަރުމައްޗަށެވެ. ދުރުން ފެންނަ ހިރުނދު ގަހެއްދޮށުގައި ހުރި ޖޯއްޔެއްގައި އުމުރުން ދުވަސްވީ ދެތިން ފިރެހެނުން ތިއްބެވެ. އެމީހުން ފިޔަވާ އިތުރު ބަޔަކު އެސަރަޙައްދަކު ނެތެވެ. ދާނެ މިސްރާބެއް ނޭނގި އޭނާއަށް އިރުކޮޅަކު ފާލަންމަތީގައި ހުރެވުނެވެ. ނަމަވެސް އިރުގެ ދިލަ ހޫނުން މާގިނަ އިރަކު އެތަނުގައި ކެތެއްވެސް ނުކުރެވުނެވެ. ހިތްވަރު އެލިފައި ހުރި މީހެއް ފަދައިން އޭނާ ހިނގައިގަތެވެ. އޭރުވެސް މުއާޒްގެ ނަޒަރު ހުއްޓިފައި ހުރީ ޖޯލީގައި ތިބި މީހުންނާ ދިމާލަށެވެ. ޒާރާ ހޯދުމަށް އެމީހުންގެ އެހީތެރިކަމަށް އެދެންވީތޯ އެތައް ފަހަރަކު ހިތާހިތާ ބުނެވުނެވެ. ޖޯލިފައްޗާ އަހަރާ ހަމަވުމުން ފަސްޖެހެވުނީއެވެ. އިސްވެ އެމީހުންނާ ވާހަކަ ދައްކަން ނުކެރުނީއެވެ. އެހެންކަމުން މަޑުކުރުމެއްނެތި އޭނާ ކުރިއަށް ހިނގައިގަތެވެ. ޒާރާގެ ފޯނަށް ގުޅޭތޯ، އޭނާ އޭރުވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.
ލަސް ފިޔަވަޅުތަކެއްގައި މުއާޒް ކުރިއަށް ހިނގަމުން ދިޔައެވެ. އެއާއިއެކު އޭނާގެ ނަޒަރު ހުއްޓުނީ ދުރުގައި ހުރި ގެއެއްގެ އަސްކަނި ދަށުގައި ކުޅެން އިން ނުވަ ވަރަކަށް އަހަރުގެ ކުއްޖަކާއި ދިމާލަށެވެ. އެކުއްޖާ ފެނުމާއެކު އޭނާ އަވަސް އަވަހަށް އެދިމާލަށް ހިނގައިގަތެވެ. މުއާޒް ގޮސް އެކުއްޖާ ގާތު ހުއްޓުމާއެކު އޭނާ ތެދުވެއްޖެއެވެ.
" ކޮއްކޮ! ކިހިނެއްތަ؟ "
މުއާޒް އެހެން އަހާލުމާއެކު އެކުއްޖާ ހިނިތުންވެލިއެވެ. އެ މައުސޫމް ހިނިތުންވުންފެނި، މުއާޒްގެ ހިތަށް ފަސޭހަވެގެން ދިޔައެވެ.
" ކޮއްކޮއަށް އެނގޭތަ ޒާރާ!؟ "
ވަގުތު ބޭކާރު ކުރަން ބޭނުން ނުވާތީ މުއާޒް އަވަސް އަވަހަށް އަހާލިއެވެ. އެއާއިއެކު އެ ކުޑަ ފިރެހެން ކުއްޖާ އެއްވެސް ޖަވާބެއް ނުދީ އަވަސް އަވަހަށް އޭނާގެ ގެއަށް ވަދެއްޖެއެވެ. އެކުއްޖާ އެދިޔައީ ލަދުންކަމެއް ނޫނީ ބިރުންކަމެއް ނޭނގެއެވެ. އެކުއްޖާ އެނބުރި އަންނާނެކަމުގެ އިންތިޒާރުގައި އިރުގަނޑެއް ވަންދެން މުއާޒް އެގޭ ދޮރުމަތީގައި މަޑުކުރިއެވެ. ނަމަވެސް އޭނާ އެނބުރި ނައުމުން މުއާޒް އަނެއްކާވެސް ކުރިއަށް ހިނގައިގަތީއެވެ. އެއާއިއެކު އޭނާގެ ކަންފަތުގައި ޖެހުނީ އަޞްރު ނަމާދު ބަންގީގެ އަޑެވެ. އަޑު އައި ދިމާލުން މިސްކިތް ހުރީ މާ ދުރަކު ނޫންކަން މުއާޒަށް އެނގުނެވެ. އެހެންކަމުން ހިނގަމުން ގޮސް ގޯޅިއެއް އަޅާލުމާއެކު މިސްކިތް ފެނުނެވެ. އެކި ދިމަދިމާލަށް ބަލަމުން އޭނާ ގޮސް މިސްކިތުގެ ވަށާފާރު ކައިރީ ހުއްޓިލިއެވެ. އެއާއިއެކު އޭނާގެ ނަޒަރު ހުއްޓުނީ އެމަގުން އަންނަ ސްކޫލް ދެކުދިންނާ ދިމާލަށެވެ. އެތަނުން އެއް ކުއްޖަކީ ޒާރާގެ ކޮއްކޮކަން މުއާޒަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލައިގެންދާހެން އޭނާއަށް އިޙްސާސް ކުރެވުނެވެ. ޖުމާ ފެނުމުން މުއާޒަށް ހިނިތުންވެލެވުނެވެ. ކުރަމުން ދިޔަ ވޭނީ އިންތިޒާރުގެ ނިމުން އައީކަމުގައި ބެލެވުނެވެ. އޮލަ ވާހަކައިގައި އައި ޖުމާއަށް ހުއްޓެވުނީ މުއާޒް އަތުން ހަނާ އަޅާލުމުންނެވެ. އެއާއިއެކު ޖުމާގެ ދެލޯ ބޮޑުވެގެން ދިޔައީ ހިނިތުންވުމާއެކުގައެވެ. ކައިރީގައި ހުރި ކުއްޖާގާތު އެއްޗެއް ބުނެލުމަށްފަހު އޭނާ ތަންކޮޅެއް ބާރަށް އައިސް މުއާޒްގެ ކުރިމަތީގައި ހުއްޓުނެވެ.
" ތީ... ތީ.. އަހަންނަށް ކަލްކިޔު...."
" އާނ! މުއާޒް! "
ޖުމާގެ ޖުމްލަ މެދުކަނޑާލުމަށްފަހު މުއާޒް ބުނެލިއެވެ. އެއާއިއެކު ޖުމާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ފުޅާ ހިނިތުންވުމެއްގައި ހުރެ އޭނާ ދެކޮނޑު އަރުވާލިއެވެ.
" ކީއްކުރަނީ މިރަށުގައި؟ "
މިޒާޖުގައި ހިތްހެޔޮކަން އެކުލެވިގެންވާ ޖުމާ މިފަހަރު މުއާޒާ ވާހަކަ ދެއްކީ ވަރަށް ގާތް ގޮތަކަށެވެ. ހީވާގޮތުން އެއީ މުއާޒް ވެދިން އެހީތެރިކަމުގެ ސަބަބުންނެވެ.
" މީ.. ޒާރާ އާ ބައްދަލް ވެދާނެތަ؟ "
ލަދުން ހުރެ މުއާޒް ބުނެލިއެވެ. އެއާއިއެކު ދެބުމަ ހިއްލާލަމުން ޖުމާ ދެލޯ ބޮޑުކޮށްލިއެވެ.
" އުމްމްމް؟ ދޮންތަ؟ "
ހެވިފައި ހުރެ ޖުމާ އެހެން އަހާލުމުން މުއާޒަށްވެސް ރަކި ގޮތަކަށް ހީލެވުނެވެ. އެއަށްފަހު އޭނާ އަވަސް އަވަހަށް އިސްޖަހާލިއެވެ.
" ހިނގާ ގޭދޮށަށް ދާން.. ދޮންތަ އުޅޭނެ ގޭގެ"
ޖުމާ ލާނެތް ގޮތަކަށް އެހެން ބުނެލުމާއިއެކު މުއާޒަށް ތެޅި ގަނެވުނެވެ.
" ކީއްކުރަން ދޮންތަ؟ "
އަނެއްކާވެސް ހައިރާންވެފައި ޖުމާ އަހާލިއެވެ. ބުނަން ބޭނުން ނުވި ނަމަވެސް މުއާޒަށް ޒާރާއާ ބައްދަލް ކުރެވެން އޮތީ ޖުމާ މެދުވެރިކޮށްކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު މުއާޒް ވާހަކަ ދައްކަން ފެށިއެވެ.
" އެއީ.. އެއީ.. ހަމަ ބައްދަލްކޮށްލަން ބޭނުން ވެގެން.."
" އޯހް... އެހެންތަ؟ އެހެންވިއްޔާ ހިނގާބަލަ ދާން"
ޖުމާ އަނެއްކާވެސް ބުނެލިއެވެ. މިފަހަރު މުއާޒް އެނބުރިލީ މިސްކިތާ ދިމާލަށެވެ.
" ނަމާދުކޮށްލައިގެން އަހަރެން ނިކުންނާނަން.. "
" އޭރުން މާ ލަސްވާނެ! އަދި މިއަދު އެއް ޓެސްޓް އެބައޮތް! ނަމާދުކޮށްގެން ސްކޫލަށް ދާން ޖެހޭނެ! "
ޖުމާގެ ޖުމްލައިން މުއާޒަށް އިތުރަށް ވިސްނާލަން ޖެހުނެވެ.
" ދޮންތަ ކައިރީ ބުނެބަލަ ބަނދަރުމައްޗަށް ނިކުމެލަން! އަހަރެން ނަމާދުކޮށްގެން އެތަނަށް ދާނަން.. އެކަމަކު އަހަރެން ބުންޏޭ ނުބުނައްޗޭ...އަހަރެން އައިސް ހުރި ވާހަކަވެސް ނުބުނާތި! ޕްލީޒް"
މުއާޒްގެ ޖުމްލަތަކުން ޖުމާ ގާތަށް ހިނިއައެވެ. ނަމަވެސް މުއާޒްގެ އާދޭހަށް ފުރަގަސް ދޭން ބޭނުން ނުވާތީ ޖުމާ ހިނގައިގަތީ އެންމެ ރަނގަޅު ކަމަށް ބުނުމަށްފަހުގައެވެ.
****
" އަޅެ ޖުމާ! އަހަރެން ވަރަށް ފޫހިވޭ ބަނދަރަށް ދާން! އެހެން ނޫނަސް އެއްވެސް މޫޑެއް ނެތް"
ކޮޓަރީގައި އޮތް ޒާރާ ހިތްހަމަ ނުޖެހިފައި ބުނެލީ ޖުމާ މާބޮޑަށް އާދޭސް ކުރާތީއެވެ.
" ޖުމާ ތިދަނީ ސްކޫލަކަށްނު.. ދެން ދޮންތަ ކީއްކުރަން ދާންވީ ބަނދަރަށް؟ "
ގޮދަނޑި ނަގާ ފާރުގައި ލައްކޮށްލަމުން ޒާރާ ބުނެލިއެވެ. އޭރު ޖުމާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ.
" ބައްޕަ ރައްޓެއްސަކު އެބަ އާދެޔޯ ފެރީގަ! އެމީހާ ބަލައި ދާށޯ ކިޔާފަ ބައްޕަ ވެއްޖެ މިސްކިތަށް ގޮސް! ދޮންތަ އެތަނަށް ދިޔައީމަ އެމީހާއަށް އެނގޭނެޔޯ ބައްޕަ ބުނީ.."
ސްކޫލަށްދާ ގަޑި ޖެހޭތީ ޖުމާ، އަވަސް އަވަހަށް ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ދޮގެއް ހަދައިގެންވެސް އޭނާ ބޭނުންވީ މުއާޒް އެދުނު ކަންތައް ކޮށްދޭށެވެ. ޖުމާ ދިޔުމާއެކު ޒާރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭރު ޒާރާގެ މޫނުމަތީގައިވަނީ ފޫހިކަމެވެ. ބައްޕަ ބުނިއްޔާ ނުގޮސް ނުވާނެކަން އޭނާއަށް އެނގެއެވެ.
" ދެން ބައްޕަވެސް..."
އިސްތަށިގަނޑުގައި ފުނާ ހާކާލަމުން ޒާރާއަށް ބުނެލެވުނެވެ.
***
ބަނދަރަށް ދެވުނު އިރު ފާލަމަށް ކައިރި ކޮށްފައި އޮތް އަތޮޅު ފެރީގައި އެއްވެސް މީހަކު ނެތެވެ. އެހެންކަމުން ޒާރާގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސް ވެއްޖެއެވެ. އޭނާއަށް އާދެވުނުވަރު މާ ލަސްވީކަން އެނގުނެވެ. އެހެންކަމުން ބަނދަރުގެ އެކި ދިމަދިމާލަށް ބަލަން ފެށިއެވެ.
" ވެދާނެ ބައްޕަ އައިސް އެމީހާ ގެންދިޔައީކަމަށް.."
ފޫހިކަމާއެކު ޒާރާއަށް ބުނެލެވުނެވެ. އިތުރަށް އެތަނުގައި މަޑުކުރަން ބޭނުން ނުވާތީ ޒާރާ އެނބުރިލީ ގެއަށް ދާށެވެ. ނަމަވެސް ފޫހިކަން ވެރިވެފައިވާ އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވާކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ. ސިހުމާއި ހައިރާންކަން ލިބި، ކުރިއަށް ނެގި ފިޔަވަޅުވެސް އޭނާއަށް ފަހަތަށް ނެގުނީ ދުރުގައި ހުރި މުއާޒް ފެނުމުންނެވެ. ދެޖީބަށް އަތް ޖަހާލައިގެން މުއާޒް ހުރީ ލުއި ހިނިތުންވުމެއްގައެވެ. އޭރުވެސް ދެލޯ ބޮޑުކޮށްގެން ހުރެ ޒާރާއަށް ބެލެނީ މުއާޒަށެވެ. ހުއްޓުން އަރާފައި އޭނާ ހުއްޓާ، މުއާޒް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއިއެކު ޒާރާ ހިންދިރުވާލުމަށްފަހު އަވަސް އަވަހަށް އިސްޖަހާލިއެވެ. އަދި ވަޔާ ވިހުރެމުންދާ އޭނާގެ އިސްތަށިގަނޑު މައިތިރި ކޮށްލަން ކޮނޑުން އެއްފަރާތް ކޮށްލިއެވެ.
" މިވަރުންވެސް ޤަބޫލެއް ނުކުރެވޭނެތަ؟ އަހަރެން... އަހަރެން.. ޒާރާދެކެ ލޯބިވާ ކަމަކަށް! "
ފިނިވެފައި ހުރެ، މުއާޒް މަޑުމަޑުން ބުނެލީ ޒާރާގެ ފުރަގަހުގައި ހުއްޓެމުންނެވެ. އެއާއިއެކު މުއާޒްގެ ގައިން ދުވި މީރު ވަހުން، މުއާޒް ހުރީ އޭނާއާ ނުހަނު ގާތުގައިކަން އިޙްސާސް ކުރެވުނެވެ. އެހެންކަމުން ޒާރާ އަވަސް އަވަހަށް ތަންކޮޅެއް ދުރަށް ހިނގައިގަތެވެ.
" ކީއްކުރަން ތިއައީ؟ ކީއްކުރަން މިރަށަށް ތިއައީ؟ "
މުއާޒާއެކު އެތަނުގައި ހުންނަން ޖެހުމުން ޒާރާގެ ހިތް ވަަރަށް ބޮޑަށް ބިރުގަނެ، ހާސްވެއްޖެއެވެ. އެހެންކަމުން އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް މުއާޒް އެތަނުން ފޮނުވާލާށެވެ. ޒާރާގެ ސުވާލާއެކު މުއާޒް އައިސް ޒާރާގެ ކުރިމަތީގައި ހުއްޓުނެވެ.
" އަދިވެސް ނޭނގޭތަ އަހަރެން މިރަށަށް މިއައީ ކީއްކުރަންކަމެއް؟ އަޅެ ޒާރާގެ ހިތާ ސުވާލުކޮށްލަބަލަ! "
ވަރުދެރަވެފައިވާ އަޑަކުން މުއާޒް ވާހަކަ ދެއްކިއިރު އޭނާގެ ގައިންވެސް ހަކަތަ ހުސްވެފައިވާ ކަހަލައެވެ. ނަމަވެސް އޭނާގެ ކޮންމެ ޖުމްލަ އަކުން ޒާރާގެ މޫނުމަތީގައި އުފެދެނީ ނުތަނަވަސްކަމެވެ. ދެލޯ މަރާލުމަށްފަހު ޒާރާ އަނެއްކާޥެސް ދުރަށް ބަލައިލިއެވެ. އެއާއިއެކު އޭނާގެ މޫނުމަތި ކުރިއަށްވުރެ ބަނަވެގެން ދިޔައެވެ. ޒާރާގެ މޫނުމަތީގެ ޝުއޫރުތަކަށް އައި ބަދަލުތައް ފެނި، މުއާޒްވެސް ޖެހިލުންވިއެވެ. އެހިނދު މުއާޒަށް ބަލައިލެވުނީ ޒާރާގެ ނަޒަރު ހުއްޓިފައި ހުރި ދިމާލަށެވެ. އެއާއެކު ފުންނޭވާތަކެއް ދޫކުރަމުން ދިޔަ ޒާރާ، ފަޔަށް ބާރުލައިފައި ކުރިމަތީގައި އޮތް ބޮޑު މަގުން ދުއްވައިގަތެވެ. އޭރުވެސް މުއާޒަށް ހުރެވުނީ ދުރުގައި ބަލަން ހުރި ޒުވާނާއަށް ބަލާށެވެ. ގަހެއްގައި ލެނގިލައިގެން ހުރި، މީހާއަކީ އިސްކޮޅުން ދިގު، ބިޔަ މީހެކެވެ. ކޮނޑާހަމައަށް އިސްތަށިގަނޑު ދިގުކޮށްފައި ހުރި އިރު އޭނާ ލައިގެން ހުރީ ގޮޅިޖެހި އަތްދިގު ބޮޑު ގަމީހަކާއި ޖިންސެކެވެ. މުއާޒް އިތުރަށް ހާސްވީ، މުއާޒާ ދިމާލަށް އޭނާ ހިނގައިގަތުމުންނެވެ. އޭނާ ވަކި ހަމައަކަށް އައިސް، ލޮލުގައި އޮތް ކަޅު އައިނު ނެގިއެވެ. އެހިނދު އޭނާގެ މޫނުމަތީގައި ހުރި ރުޅިވެރިކަން މުއާޒަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. ބާރު ހިނގުމުގައި އައިސް އޭނާ ހުއްޓުނީ މުއާޒާ ދާދި ކައިރީގައެވެ. އެހެންކަމުން މުއާޒަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހެވުނީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިތުގައި އުފެދުމުންނެވެ،
" އެކަން ކުރަން ހިތަށް އެރުވިޔަސް...... "
ދަތްކުނޑި ވިކާފައި އޭނާ ބުނެލިއެވެ. އެއަށްފަހު އަތުގެ އިނގިލިތަކުން ކަރުގައި އަތް ހުރަސްކޮށްލިއެވެ. ރުޅިވެރި ލޮލަކުން މުއާޒަށް ބަލަމުން އޭނާވެސް ގޮސް ޒާރާ ދިޔަ މަގަށް އެރިއެވެ. އެހިނދު އެމަންޒަރު ބަލަން ހުރި މުއާޒަށް ހިންދިރުވާލެވުނެވެ. ޔަޤީނެވެ. އޭނާ އެދިޔައީ މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ. ޒާރާގެ ލޯބި ޙާޞިލް ކުރުމަށްޓަކައި އިތުރު ހުރަހެއް އެޅުނީއެވެ. މުއާޒަށް ހަދާނެ ގޮތް ހުސްވިއެވެ. ދުވަހަކުވެސް އެފަދަ ކަމެއް މީގެ ކުރިން އޭނާއަށް ދިމާވެފައި ނުވާތީ ދެން ކަންތައް ކުރަންވީގޮތެއްވެސް އޭނާއަކަށް ނުވިސްނުނެވެ. ތަކުރާރުކޮށް ހިތުގައި އާވަމުންދާ ސުވާލަކީ އެއީ ޒާރާގެ ކާކުބާވައެވެ؟. އޭރު އުދަރެސްމައްޗަށް ރަތްވިލާގެ ދަޅަ އެޅެން ފަށައިފިއެވެ. އެހެންކަމުން ދުނިޔެ މަތީގައިވާ އަލިކަން ފަނޑުވަމުން ދިޔައެވެ. އިތުރަށް ހަދާނެގޮތެއް ނޭނގި، ދާނެ މަންޒިލެއް ނެތި މުއާޒަށް ހިނގައިގެވުނީ ލޯންޗާ ދިމާލަށެވެ.
***
" ދައްތާ! ދައްތާ! "
ބޭރުން އިވުނު ހައިދަރުގެ އަޑަށް ކޮޓަރީގައި އިން ޒާރާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާގެ ހިތާއި މޭވެސް ކުރިއަށްވުރެ ބާރަށް ތެޅެން ފެށިއެވެ. ހާސްވެފައި ހުރި ވަރުން ނޭވާ އަވަސް ވަމުން ދިޔަކަން އޭނާއަށް އެނގުނެވެ. އެއާއިއެކު އޭނާއަށް ބަލައިލެވުނީ ނިދިފައި އޮތް ޖުމާއަށެވެ. އޭރުވެސް ޒާރާއަށް ހުރެވުނީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ.
" އޭނަވީ ކޮންތާކުބާ؟ އަނެއްކާ ހައިދަރު އެއައީ އޭނައަށް ގޮތެއް ހަދާފައިބާ؟"
ޒާރާއަށް ހިތާހިތާ ކިޔާލެވުނެވެ.
" ޒާރާ! "
ހޮނު ގުގުރިއެއް ފަދައިން ކުއްލިއަކަށް ޒާރާގެ ކަންފަތަށް ވިރިގެން ދިޔައީ ދޮންމަންމަ، އާރިފާގެ އަޑެވެ. އެއާއިއެކު ގަތް ބިރުން އޭނާ އަވަސް އަވަހަށް ސިޓިންގ ރޫމަަށް ނިކުމެއްޖެއެވެ. އޭރު އާރިފާގެ އިތުރުން ހައިދަރުވެސް އެތަނުގައި ހުއްޓެވެ. ފުރަތަމަވެސް ޒާރާއަށް ބަލައިލެވުނީ ލާނެތް ގޮތަކަށް ހެވިފައި ހުރި ހައިދަރާ ދިމާލަށެވެ. ލައިގެން ހުރި ޖީންސްގެ ދެޖީބަށް އަތް ޖަހާލައިގެން މޫނު އުފުލާލައިގެން ހައިދަރު ހުރީ މޮޅެއް ލިބިގެން އުފަލުން ހުރި ކަހަލަ ގޮތަކަށެވެ.
" ތިއައީ ކާކާ ބައްދަލް ކުރަން ގޮސް؟ "
ޒާރާ ފެނުމާއެކު އާރިފާ ބާރުބާރަށް ބުނެލިއެވެ.
ކުރިމަތި ކުރުވި ކުއްލި ސުވާލަށް ދޭނެ ޖަވާބެއް ޒާރާއަކަށް ނޭނގުނެވެ. ހާސްވެފައި ހުރުމުގެ ސަބަބުން ދެއަތް ދެއަތާލައި ބާރުކުރެވެނީއެވެ. ނޭވާވެސް ލެވެނީ އެހާމެ އަވަހަށެވެ. އާރިފާގެ ރުޅިވެރި މޫނަށް ބަލަން ނުކެރިގެން ޒާރާއަށް ހުރެވުނީ އިސްޖަހާލައިގެންނެވެ.
" ކާކުހޭ އެއީ؟ "
ދެވަނަ ފަހަރަށް އާރިފާ ސުވާލު ކުރުމާއެކު ޒާރާއަށް ހީވީ ޝޮކެއް ލިބުނު ހެންނެވެ. ސިއްސައިގެން ގޮސް އޭނާއަށް ފަހަތަށް ޖެހިލެވުނެވެ.
" މަ މިއަހަނީ އެއީ ކާކުހޭ؟ ކޮންމެ ދުވަހަކު ކަލޭ ބަނދަރު މައްޗަށް ތިދަނީ ހިތާވެގެން އުޅޭ މީހާއާ ވާހަކަ ދައްކަން ދޯ؟"
މިފަހަރު އާރިފާ ވާހަކަ ދެއްކީ ޒާރާގެ އަތުގެ މުލައްދަނޑީގައި ބާރުބާރަށް ހިފައިގަންނަމުންނެވެ. އެއާއިއެކު ޒާރާއަށް ރޯން ފެށުނެވެ.
" ނޫން.. އަ..އަޅުގަނޑު އަދި އަލަށް އެތަނަށް މި ދިޔައީ"
އިންކާރު ކުރުމުގެ ގޮތުން ޒާރާ ވާހަކަ ދެއްކިއެވެ.
" ކޮން އަޅުގަނޑެއް ކިޔާކަށް! ދެން ތިބުނީ މަގޭ އެއްބަނޑު ހައިދަރު މަށަށް ދޮގު ހަދާނެޔޭތަ؟ "
ޒާރާގެ ގައިން ދޫކޮށްލަމުން އާރިފާ ބުނެލިއެވެ. އޭރުވެސް ޒާރާ ދިޔައީ ގިސްލަމުން ރޮމުންނެވެ.
" ކިހިނެއް ވެގެންތަ މިއުޅެނީ؟ "
ދެއަތުން މޫނު ފުހެމުން ޖުމާ ނިކުމެ އަހާލިއެވެ. ޖުމާ ފެނުމާއެކު ޒާރާއަށް ބަލައިލެވުނީ ހިތްހަމަ ނުޖެހޭ ގޮތަކަށެވެ.
" ވެގެން އުޅޭ ގޮތް ދޯ؟ ވެގެން މިއުޅޭ ގޮތަކީ ކަލޭގެ ހުދު ކާފޫރު ކޮޅެއް ފަދަ ތެދުވެރި ދޮންތަ، ގޭގައި ނޯވެވިގެން ފިރެހެނުން ފަހަތުން ދުވަނީ! މިއަދުވެސް މިގެނައީ ފިރެހެނަކާއެކު ބަނދަރުގައި ހުއްޓާ! "
އާރިފާގެ ބަސްމަގު ހުރިގޮތުން ޖުމާއަކަށް ކެތެއް ނުކުރެވުނެވެ. ޒާރާ މަޑުމަޑުން ހުއްޓަސް ޖުމާގެ މިޒާޖުގައި ހުންނަ ގޮތަކުން އޭނާއަކަށް ހިމޭނަކުން ނުހުރެވެއެވެ.
" ހައިދަރު ދެއްކި ވާހަކައެއް ދޯ! "
ރުޅިވެރި ލޮލަކުން ޖުމާއަށް ބަލައިލެވުނީ ނުބައިގޮތަކަށް ހީލަހީލަ ހުރި ހައިދަރާ ދިމާލަށެވެ.
" ފުއްޕަން ތިއީ ކާކުތަ؟ "
ހެމުން ހެމުން ހައިދަރު ޖުމާއާ ދިމާލަށް ބުނެލިއެވެ. އެއާއިއެކު ޖުމާގާތަށް އިންތިހާއަށް ރުޅި އަތުވެއްޖެއެވެ.
" ދޮންތަ އެތަނަށް ފޮނުވީ އަހަރެން... ދޮންތަ އެދިޔައީ އަހަރެންގެ ރައްޓެއްސަކާ ބައްދަލް ކުރަން! އެބައޮތްތަ މައްސަލައެއް.."
ޖުމާ އެހެން ބުނުމާއެކު އާރިފާގެ އަތުގެ ދިލައިން ޖުމާގެ މޫނުމަތި ހޫނުވެގެން ދިޔައެވެ.
" ކަލޭ ތިއައީ ދޮންތަ ސަލާމަތް ކުރަންތަ؟ ހުރެބަލަ އޯލެވެލް ނުނިމެނީސް ސްކޫލުން ކަނޑާލާނަން.. ގެނޭ ޔުނިފޯމްތައް ރޯކޮށްލަން! "
އޭރު ޖުމާގެ ދެލޮލުންވެސް ފެންތައް ފައިބަމުން ދެއެވެ. ރުޅިގަދަވެގެން އާރިފާއަށްވެސް މާނޭވާ ލެވެމުންދެއެވެ.
" ކޯއްޗެއް ރޯ ނުވެގެންތަ ތިއުޅެނީ؟ "
ބޭރުން އައިސް ވަތް ވާހިދުގެ އަޑަށް އެންމެންނަށް ބަލައިލެވުނީ އެދިމާލަށެވެ. ލޮލުގެ ނޫރުފަދަ ލޯބިވާ ދެދަރިންގެ ދެލޮލުން ކަރުނަ އޮހޮރެމުންދާތަން ބަލަން ވާހިދަށް ކެތް ކުރަން އުނދަގޫވި ނަމަވެސް އާދައިގެ މަތިން އޭނާ އިސްކުރީ ހަމަހިމޭންކަމެވެ. އާރިފާގެ ކައިރިން ދުވަހަކުވެސް އޭނާއަށް ކުރި ނުލިބޭނެކަން ވާހިދަށް ޔަޤީންކުރެވެއެވެ.
" ކަލޭގެ މިހުރި ދެދަރިންނާހެދި އަހަރެން ލަދުން ބޯ ހަލާކުވެއްޖެ! ފިރެހެނުންނާހެދި މޮޔަ ވަނީ! ރަށަށް ބީރައްޓެއްސެއް އަޔަސް އެމީހުންގެ ފަހަތުންވެސް ދުވަނީ.. އަދި މިހުރި ކުޑަ އެތި މާ ލަދެއް ނެތް"
ޖުމާއަށް ނަޒަރު ހިންގާލަމުން އާރިފާ ބުންޏެވެ.
" އާދޭ ދެކުދިން ބައްޕައާއެކު ކޮޓަރިއަށް.. ބައްޕަ ބޭނުން ދެކުދިންނާވެސް ވާހަކަ ދައްކާލަން"
ވާހިދު އެހެން ބުނެލުމާއެކު ޖުމާ ބުންޏެވެ.
" ބައްޕަ ވާހަކަ ދައްކާ ދޮންމަންމައާ! "
ވަރުބަލިވެފައިވާ އަޑަކުން ޖުމާ ބުނެލިއެވެ. އެހާމެ ރުޅި އައިސްފައި ހުރެއެވެ. ޖުމާގެ ހޫނު ރައްދު ބައްޕައަށް އަމާޒު ވުމުން ޒާރާއަކަށް މަޑަކުން ނުހުރެވުނެވެ.
" ޖުމާ! ބައްޕައާ ދިމާލަށް އެއްޗެހި ނުކިޔާ! "
ޒާރާ އެހެން ބުނެލި ނަމަވެސް ޖުމާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
" އެންމެ ކުޑައިރުއްސުރެ ދޮންމަންމަ އަހަރެމެންނަށް ކުރަމުންދާ އަނިޔާ ބައްޕައަށް ފެންނާނެ! ބައްޕަގެ ކުރިމަތީގައިވެސް އެވަރަށް އެއްޗެހި ގޮވާ އަނިޔާވެސް ކުރޭ! އެކަމަކު އޭރުވެސް... މިހާރުވެސް... ދޮންމަންމައަށް ވިސްނައިދިނުމުގެ ބަދަލުގައި ބައްޕަ ވިސްނައިދެނީ އަހަރެމެންނަށް! މިއަދު ހިތަށް އަރާ އަހަރެމެންގެ މަންމަ އެހާ އަވަހަށް އަހަރެމެން ދޫކޮށްފައި ދިޔައީ ކީއްވެބާވައޭ؟"
ޖުމާގެ ޖުމްލައިން ވާހިދަށް ދެލޯ މަރާލެވުނެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!