ކުރީގެ ޢަދަދާއި ގުޅޭ،

ރޯން ބޭނުންނުވި ނަމަވެސް މުނާއަށް ހަމަ ރޮވެނީއެވެ.އެއާއިއެކު އޭނާގެ ބޮލަށް ފާޑެއްގެ އެނބުރުމެއްވެސް އަރަންފަށައިފިއެވެ. ތެދުވަން ބޭނުންވި ނަމަވެސް ބޮލަށް އެނބުރުން އަރާވަރުން ތެދުވާކަށް ނުކެރުނެވެ.މަޑުމަޑުން އެނދުގައި މުނާ އޮށޯތެވެ. އޭރު އާދަތާ ޚިލާފް އުނދަގޫތަކެއް އޭނާގެ މުޅި ހަށިގަނޑަށް ކުރަމުންދެއެވެ.

Ad
rt

ދަތުރުމަތީގައިވެސް ޝާމިން، މުނާއަށް އެތައް މެސެޖްތަކެއްކުރިއެވެ. އެހެނަސް އެއްވެސް މެސެޖަކަށް ރިޕްލައިއެއް ނާދެއެވެ. ނުތަނަވެސް ވެފައިވާ ހިތަކައިގެން އޭނާ ދެތިން ފަހަރު ގުޅާވެސްލިއެވެ. އެހެނަސް މުނާގެ ޚަބަރެއް އެއްވެސް ގޮތަކުން އޭނާއަކަށް ނުލިބުނެވެ.

" ހަލޯ! ސޮފާ! ދައްތަ ކޮބައިތޯ ބަލައިލާފަ ބޭބެއަށް ޚަބަރެއް ވެބަލަ! "

" ބޭބެ ދިޔަފަހުން ނުނިކުމޭ! ނިދިފައިވެސް އޮވެދާނެ. އެބަ ބަލާލަން "

ޝާމިން އޭނާގެ ކޮއްކޮއަށް ގުޅާލިއެވެ. މުނާގެ ޚަބަރެއް ލިބުމުން ނޫނީ އޭނާއަކަށް ހަމަޖެހުމެއްނުލިބޭނެކަން އޭނާއަށް އެނގެއެވެ.

މުނާގެ ކޮޓަރި ދޮރުގައި ދެތިންފަހަރު ޓަކި ޖަހާލުމަށްފަހު ޚަބަރެއް ނުވުމުން، މަޑުމަޑުން އޭނާ ދޮރު ހުޅުވާލާ އެތެރެއަށް ބޯ ދިއްކޮށްލިއެވެ. އެއާއިއެކު ފެނުނީ މުށިތައްމައްޗަށް މުނާ ވެއްޓިފައިއޮއްވައެވެ. މަންމާއޭ ކިޔާ ސޮފާ ބާރުބާރަށް ހަޅޭއްލަވައިގަތީ މުނާގެ ބޮލުން ކޮންމެވެސް ވަރަކަށް ލޭ އައިސްފައި ހުރުމުން ބިރުންނެވެ. އިސާހިތަކު އެގޭގައި ތިބި މީހުން އެކޮޓަރިއަށް އަތުވެއްޖެއެވެ.

ގެއަށް އައުމަށްފަހު، އެންމެ ފުރަތަމަ ކަމަކަށް ޝާމިން ފޯން ޗާޖަށް ޖެހިއެވެ. ދަތުރުމަތީގައި އޭނާގެ ފޯނު އޮތީ ނިވިފައެވެ. ޗާޖަށް ޖަހައިގެން ހުރެ ފޯނު ހުޅުވާލުމާއެކު ސޮފާގެ ކޯލް އަތުވެއްޖެއެވެ.

" ދެން؟ ކީކޭ ޑޮކްޓަރ ބުނީ؟ ކީކޭތަ ޑޮކްޓަރ ބުނީ؟ "

ސޮފާގެ ވާހަކަ ރަނގަޅަށް އަޑުވެސް ނާހާ ހުރެ، ޝާމިން ބާރު ބާރަށް ސުވާލުކުރިއެވެ.

" ބޭބޭ! ފުރަތަމަ އަޑުއަހާބަލަ! ޓެސްޓްތަކެއް ހަދައިފި އަނބުރައިގަނެފަ އޮތީމަ.. ނަތީޖާ ލިބުނީމަ ދެން ވަކި އެއްޗެއް ބުނަން އެނގޭނީ.. ބޮލުގަ ހަލާކުވެފަ ހުރިތަންކޮޅުގައިވެސް މިހާރު ބޭސްއަޅައިފި.. ދައްތައަށް މިހާރު އޮތީ ނިދިފަ! "

ސޮފާގެ ވާހަކައިން ޝާމިންއަށް ވަރަށް އަސަރުކުރުވިއެވެ. މިވަގުތު މުނާއަށް އެންމެ ބޭނުންވާނީ ޝާމިންކަން އޭނާއަށް ހަމަރަނގަޅަށް އެނގެއެވެ. އަނބުރާ ރަށަށް ދާންވެސް އޭނާ ހިތަށް އެރިއެވެ. އެހެނަސް އެއީވެސް ވާނެކަމެއް ނޫންކަން ހިތަށް އެރުމާއެކު އޭނާ މާޔޫސްވިއެވެ. މުނާއަށް ހޭލެވުނީމަ ގުޅާލާށޭ ބުނެ ޝާމިން ފޯން ބޭއްވިއެވެ.

ފަޔާޒް އާއި މޯޑް ގޮވައިގެން ރީހާން ރެސްޓޯރެންޓަކަށް ވަނީ ކޮފީއެއް ބޯލުމުގެ މަޤްޞަދްގައެވެ. އެއީ އެންމެ ގިނައިން ދިވެހިން ގޮސްއުޅޭ ރެސްޓޯރެންޓެވެ. ކޮފީގެ އިތުރުން ދިވެހިންނަށް ޚާއްސަ ކެއުންތައްވެސް އެ ރެސްޓޯރެންޓުން ލިބެއެވެ.

" މީ ވަރަށް ފަހުން ހުޅުވި ތަނެއްކަންނޭނގެ.. ގޮނޑިތައްވެސް ވަރަށް އާކޮށްހުރީ "

އަބަދުވެސް މަޖާއެއްޗެހި ކިޔަން ފޯރި ހުންނަ މޯޑު މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު ފަޔާޒް ޗޮކެއްކަނޑާލިއެވެ.

" ޕިސް ކޮންތާކު.. މީ އަހަރެން މީގެ ހައެއްކަ އަހަރު ކުރިން އައި އިރުގައިވެސް ހަމަ ހުރި ގޮނޑިތައް. މީނައަށް އަލަށް ތާކަށް އާދެވުނިއްޔާ އެވީ ދެން މުޅިން އާތަނަކަށް.."

މޯޑުގެ ބޮލުގެ ފުށްކިބައިގައި ފަޔާޒް ޖަހާލީ މަޖާވެގެންނެވެ. އޭރުވެސް ރީހާންގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ. ވެއިޓަރ އައިސް މޭޒުމަތީގައި ބެހެއްޓި ތިން ބިއްލޫރިތައްޓަށް ފެން އެޅުމަށްޓަކައި ރީހާން އަވަސްވެގަތެވެ. އެއާއެކު އެއްލިކަޅިއަކުންފެނުނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްކައިރި ފައިހާ އިންތަނެވެ. އޭނާ އިނީ ކޮންމެވެސް ފިރެހެނަކާ އެކުގައި ކަމުން ރީހާންއަށް ވަރަށް އުނދަގޫވެއްޖެއެވެ. އެހެނަސް އޭނާ އެމަންޒަރު ފެންނަ ކަމަށް ނަހަދާ ފަޔާޒްގެ ވާހަކައިގެ ތެރެއަށް އިތުރުކޮށްލިއެވެ.

" ތީ މޯޑުގެ ފާޑެއްނު! މަލާމާތްކުރަންވިއްޔާ ހެޔޮވާނެ ކޮންމެ ކަމެއްވެސް.."

ރީހާންއަށް އަނެއްކާވެސް ފައިހާ އާއި ދިމާލަށް ބަލާލެވުނެވެ. ފައިހާގެ މޫނު ރީހާންއަށް ރީއްޗަށް ފެނެއެވެ.އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަނުޖެހުމެވެ. ރުޅިވެރިކަމެވެ. ފެންނަ ފެނުމަށް އެދެމީހުން ކޮންމެވެސް ކަމަކާ ދެބަސްވަނީއެވެ. ފައިހާ އޭނާގެ ބޮލުގައި އެއްއަތް ޖައްސާލަމުން އިސްޖަހާލުމާއެކު ކުރިމަތީގައި އިން ޒުވާނާ ފައިހާގެ އަތުގައި އަތްޖައްސާލިއެވެ. އެއާއިއެކު ފައިހާ އަތްފޮޅުވާލާ އޭނާ އާއި ދިމާލަށް އިނގިލިދިއްކޮލިވަގުތު، ފައިހާގެ ލޮލުގައި ރީހާން އަޅައިގަތެވެ. އެހިނދު ފައިހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ރުޅިއައިސް ރަތްވެފައިވާ އޭނާގެ މޫނުމަތީގެ ކުލަވަރު އިސާހިތަކު ހިތާމައަށް ބަދަލުވެއްޖެއެވެ. އަވަސް އަވަހަށް އޭނާ އުނގުގައި އޮތް ދަބަސްގަނޑު ކޮނޑުގައި އެޅުވުމަށްފަހު ބާރުބާރަށް ތެދުވިއެވެ. އޭރުވެސް އޭނާގެ ކުރިމަތީގައި އިން މީހާ ކޮންމެވެސް ވާހަކަތަކެއްދައްކައެވެ. ރީހާންއަށް ބަލަހައްޓައިގެން ހުރުމަށްފަހު ފައިހާ އިސްޖަހައިގެން ހުރެ އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ.

އެމަންޒަރު ފެނި ރީހާންވެސް ބޭނުންވީ ފައިހާގެ ފަހަތުން ދާށެވެ. އެހެނަސް ރީހާންއަށް ވުރެ ކުރިން އެތާއިން މީހާ ފައިހާގެ ފަހަތުން ހިނގައިގަތެވެ.

" މީދޯ މި ވާގޮތަކީ .. ރީހާން ކަލޭ ހާދަ ވަރަކަށް އެމަންޖެއަށް ތިބަލަނީ؟ ތިދެމީހުން އަނެއްކާ ކަމެއްތަ؟ "

ފަޔާޒްގެ ޖުމްލައިން ރީހާން ތެޅިގަތެވެ.

" އަހާނެކަމެއްނެތް. އަހަރެމެންނަށް ފެނިއްޖެއެއްނު މީނައަށާ އޭނައަށްވީގޮތްވެސް.."

ދިމާކުރާ ރާގަކަށް މޯޑު ބުނެލިއެވެ. ރީހާން އެއްކޯވަރަކަށް ކޮފީތަށި ދަމާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ޙަޤީޤަތުގައި އޭނާވެސް މިހާރު ބޭނުންވަނީ އޭނާގެ ދެ އެކުވެރިންގެ ލަފާ ހޯދާށެވެ. އެހެންކަމުން ފައިހާއާއި އޭނާ ދިމާވިގޮތުގެ ވާހަކަ އެމީހުންނަށް ކިޔައިދީފިއެވެ.

" ވެދާނެއެއްނު ޑިވޯސްކޮށްފައިކަމަށްވެސް..." މޯޑުއަށް ހީވާގޮތް އޭނާ ބުނެލިއެވެ. އެއީ ރީހާންއަށްވެސް ހީވާގޮތެވެ. އެހެންކަމުން އޭނާ މަޑުމަޑުން ބޯޖަހާލިއެވެ.

" މަށަށް ފެންނަނީ ފައިހާ ކައިރި ހުރިހާ އެއްޗެއް އަހަން.. ދިވެހި މަންޖެއެއްވީމަ ފަސޭހަވާނެއެއްނު ވާހަކަ ދައްކަންވެސް.. ތިބުނީ ވިއްޔަ މިތާ މީހަކާއޭ މެރީކޮށްގެން އުޅެނީ.. ތި ފައިހާގެ އޮންނާނެ ބޮޑު ސްޓޯރީއެއް. "

މޯޑު އިތުރުކޮށްލިއެވެ. އެހެނަސް ފަޔާޒް ހުރީ މޯޑުގެ ވާހަކައަށް ތާޢީދުކުރާގޮތަކަށް ނޫނެވެ.

"މަށަށް ބުނެވޭނީ ރީހާން ތިކަމުގެ ތެރެއަށް ނުވަންނާށޭ. ކަލޭ ހަލާކުވެދާނެ އަނެއްކާ"

ފަޔާޒް ވާހަކަ ދެއްކީ ވަރަށް ސީރިއަސްވެ ހުރެއެވެ. އެހެންކަމުން ފަޔާޒްގެ ވާހަކަތަކާއިމެދު ރީހާންއަށް ވިސްނަންޖެހުނެވެ. އޭނާ އެބުނީ ދޮގުވާހަކައެއް ނޫންކަން ރީހާންވެސް ޤަބޫލުކުރެއެވެ. އެހެނަސް ޙަޔާތުގައިވެސް އަންހެންކުއްޖަކަށް ހިތްދެވުނު މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާއަށް މިކަމާއިމެދު ގޮތް ނިންމަން ނުހަނު އުނދަގުލެވެ. ރީހާންގެ ފޯން ސްކްރީން ދިއްލުމާއެކު އޭނާ ފޯނަށް ބަލާލިއެވެ.

" އަހަރެމެން ފުރަތަމަ ބައްދަލްވި ތަނަށް މިހާރު އާދެވިދާނެތަ؟ އަހަރެން މިހުރީ އެތަނުގަ"

ފައިހާގެ މެސެޖް ރީހާން ކިޔާލީ ފަޔާޒްމެންނަށްވެސް އަޑުއިވޭ ވަރަށެވެ. މެސެޖްކިޔާލުމަށްފަހު ، ލަފަޔަކަށް އަހާފަދަ ގޮތަކަށް ރީހާން ބަލާލީ އެދެމީހުންގެ މޫނަށެވެ.

" މިހާރުން މިހާރަށް ދާން ބުނީމަ ވެދާނެ އެއްނު އެހީތެރިކަމެއް ބޭނުންވެގެން ކަމަށްވެސް..ދޭބަލަ. ދައްކާވާހަކަ އަޑުއަހާފަ ކަލޭ އާދޭ! "

މޯޑު ބުނެލިއެވެ. އެއާއި އެކު ފަޔާޒްވެސް ވާހަކަ ދައްކަންފެށިއެވެ.

" ބުނަންތަ؟ އަންހެންކުދިން ވަރަށް ޑްރާމާބައި ބޮޑުވާނެ! އެކްޓްކުރާނެ ނިކަން މޮޅަށް. ރީހާން ސަލާމަތުން އަންނާތި! "

ވަގުތު ބޭކާރު ނުކޮށް ރީހާން ތެދުވެ ނިކުންނަން ހިނގައިގަތެވެ.

" މަ އެހެންވެ ބިޓެއް ނުނަގަން މިހުރީ.. ބޯގޮވުން ނޫން ކަމެއް ނުވާނެ! " ރީހާން ދިޔުމާއެކު ފަޔާޒް ބުނެލިއެވެ. އޭނާގެ ޖުމުލައިން މޯޑުގާތަށް ވަރަށް ހިނިއައެވެ.

" ތިއެއް ނޫން ވާގޮތަކީ! ކަލެއަށް ނުވަނީ ރައްޓެހިވާނެ މީހަކު. " މޯޑު އެހެން ބުނުމުން ފަޔާޒްގާތަށްވެސް ހިނިއައެވެ.

ޕާކުތެރެއަށް ވަދެ ރީހާން ފައިހާ ހޯދަމުން ދިޔައެވެ. ވަގުތުގެ ގޮތުން ޕާކުގައި ތިބީ މަދުބައެކެވެ. އެކި ދިމަދިމާލަށް ލޯހިންގަމުންދަނިކޮށް ކުއްލިއަކަށް ފައިހާ އައިސް ރީހާންގެ ފަހަތުން ބައްދައިގަތެވެ. ފައިހާގެ އެ ޢަމަލުން ރީހާންއަށް ލިބުނީ ކުއްލިޝޮކެކެވެ. ގުޑިލާންވެސް ނޭނގޭ ޙާލު ރީހާންއަށް ހުރެވުނީ އަނގައިންވެސް ނުބުނެވިފައެވެ. ރީހާންގެ ބުރަކަށީގައި ތަތްވެގެން ހުރި ފައިހާ ގިސްލާ ރޮމުންދިޔައެވެ. އެހެނަސް ރީހާންއަށް ހުރީ އެނބުރިލާންވެސް ނުކެރިފައެވެ.

ގިނައިރުތަކެއްވަންދެން ނިދިފައި އޮތުމުގެ ސަބަބުން މުނާގެ މޫނުމަތިވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އަދި އޭނާވަނީ ވަރަށް ބޮޑަށް ވަރުބަލިވެސް ވެފައެވެ.އެކަނި ޙާލަތަށް ތެދުވާނެ ހިތްވަރެއްނެތި އޭނާ އޮތީ ހިތްދަތިވެފައެވެ.

" މިއޮތީ ރިޕޯޓްސް.. ދެންމެ ހަމަ ލިބުނީ. ބޭބެ ވެސް ވަރަށް ގުޅި "

މުނާއަތަށް ސިޓީއުރައެއް ދިއްކޮށްލަމުން ސޮފާ އިށީނދެލީ އެނދު ކައިރީގައި ހުރި ދޮނޑީގައެވެ.

" ބޭބެ ވަރަށް ގުޅާ.. ބުނި ދައްތަ ހޭލީމަ ގުޅައިދޭށޭ! "

" ނޫން.. އަދި ވާހަކަ ދައްކާހިތެއް ނެތް އެއްވެސް މީހަކާ.. ރިޕޯޓްސް ޑޮކްޓަރަށް ދައްކާލަންވާނެއެއްނު. " ވަރުބަލިވެފައިވާ އަޑަކުން މުނާ ވާހަކަ ދެއްކިއެވެ.

" ތީގެ ކޮޕީއެއް ނަރުހުން ނަގައިފި.. ބުނި ޑޮކަށް ދައްކާފަ އަންނާނަމޯ "

ސޮފާ އެހެން ބުނި އިރު ނަރުސްކުއްޖެއް އައިސް މުނާގެ އެނދުކައިރީ ހުއްޓެނީއެވެ. އޭނާގެ މޫނުމަތީގައިވަނީ ހިތްހެޔޮކަމާއި އުފާވެރިކަމެވެ. މުނާގެ ފައިގައި އަތްޖައްސާލަމުން އޭނާ ވާހަކަ ދައްކަންފެށިއެވެ.

" ހުރިހާ ރިޕޯޓެއްވެސް ރަނގަޅު.. ދެން .. ވަރަށް އުފާވެރި ޚަބަރެއް އޮތީ! އަލްޙަމްދުލިﷲ މުނާ ބަނޑުބޮޑު! "

ސޮފާ އާއި ދިމާއަށް ބަލާލަމުން ނަރުސްކުއްޖާ އެހެން ބުނުމާއެކު ސޮފާ ފުންމައިގެން އެރިއެވެ. އުފަލުން ގޮސް ފަހަރިގެ ބޮލުގައި ފިރުމާލަމުން އަވަސް އަވަހަށް ދަބަހުން ފޯނުނަގަމުން ބުންޏެވެ.

" ހިނގާ ބޭބެއަށް ގުޅަން.... އަޅޭ! މުޅިގައިން ހީބިހި ނައިފި.. ވަރަށް އުފާވެއްޖެ! "

ސޮފާ އުފަލުން ހުރެ ވާހަކަ ދެއްކިއެވެ.އޭނާގެ ހަރަކާތްތައްވެސް އެހާމެ އަވަހެވެ.

" ދެން ޑޮކްޓަރ ބޭސް ސިޓީ ރެޑީކުރެއްވީމަ ދޫކޮށްލާނެ! މާބަނޑުމީހުންގެ ޔުނިޓަށް ވަދެ، މަޢުލޫމާތު ހޯދާލައިގެން ގެއަށް ދާންވާނީ.."

އޯގާތެރިކަމާއެކު އޭނާ ވާހަކަ ދެއްކިއެވެ. އެއަށްފަހު އެނބުރި ކައުންޓަރަށް ދިޔުމަށްޓަކައި ހިނގައިގަތެވެ.

" ބޭބޭ ! ދައްތަ ހޭލައިފި.. ވާހަކަ ދައްކާލަން މިދެނީ "

ސޮފާ ބޭނުންވީ އެ އުފާވެރި ޚަބަރު މުނާގެ ދުލުން އޭނާގެ ބޭބެ ކައިރި ބުނާށެވެ. މުނާއަށް ވަގުތުކޮޅެއް ދިނުމަށްފަހު ސޮފާ ބޭރަށް ނުކުތެވެ.

" ދޫނި..ކިހިނެތް މިހާރު؟ އަހަރެން ހާދަ ކަންބޮޑު ވެއްޖޭ! "

ޝާމިންގެ އަޑު ޖެހުމާއެކު މުނާއަށް ރޮވުނެވެ. އެހެނަސް އޭނާ އެކަން ސިއްރުކުރީ ، މިހާރުވެސް އޭނާގެ ކަންފަތަށް އިވެމުންދާ ޝާމިންގެ ކަންބޮޑުވުމުގެ އަޑުންނެވެ.

" މިހާރު އޯކޭތަ؟ " އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް ޝާމިން އަހާލިއެވެ.

" އަލްޙަމްދުލިﷲ މިހާރު ރަނގަޅު... ހުރިހާ ކަމެއްވެސް.. " މުނާ މަޑުމަޑުން ބުނެލިއެވެ. އެހިނދު ޝާމިންގެ ހިތަށް އުފާވެރިކަން ވެރިވެގަތެވެ.

" އަހަރެން އަދިކިރިޔާ މި ހިތްހަމަ ޖެހުނީ.. ލޯބިގެ އަޑު އިވުނީމަ.. ހުވާ މިއަދު ހިތަށް އެރި އަނބުރާ ދާންވެއްޖޭވެސް.. އެހާ ދެރަވި "

" ދެން.. އާދެބަލަ ޕްލީޒް.. " ދެރަވެފައި އޮވެ މުނާ އެހެން ބުނުމުން ޝާމިންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޮފީހުގެ ކަންތައްތައް ހުރިގޮތުގެ ވާހަކަ މި ދަނޑިވަޅުގައި ދައްކާކަށް ބޭނުމެއް ނޫނެވެ.

" އަދި ދާނަން އިންޝާﷲ.. އެހާ ދުވަހެއް ނުވާނެ! "

ޝާމިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ޖުމްލައަށްފަހު އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ދެމީހުން ތިބުމަށްފަހު އަނެއްކާވެސް ޝާމިން ވާހަކަ ފެށިއެވެ.

" ކޮންއިރަކުން ދޫކޮށްލަނީ ؟ ސޮފާއާއި އެކު ދޯ ގެއަށް ދާނީ.. "

" އިރުކޮޅަކުން ދޫކޮށްލާނެ ވާހަކަ ބުނި.. ދެން... ދެން މާބަނޑުމީހުންގެ ޔުނިޓަށް ވަދެލާފަ ދެވޭނީ އެކަމު.. " މުނާ އާދައިގެ ގޮތަކަށް ބުނެލީ ޝާމިންއަށް ވާގޮތް ބަލާލުމަށެވެ.

" އެހެންތަ؟ މާބަނޑުމީހުންގެ ޔުނިޓަށޭ.. އަނެއްކާ ސޮފާއްކޮ ޕްރެގްތަ؟ "

ޝާމިންގެ ޖުމްލައިން މުނާ ގާތަށް ވަރަށް ހިނިއައެވެ. އޭނާ ހީލިއަޑު އިވުމުން ޝާމިންއަށް ތެޅިގަނެވުނެވެ.

" އޭ... އަނެއްކާ.... މުނާތަ؟ ބުނެބަލަ ބުނެބަލަ " ޝާމިންއަށް މިފަހަރު ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. ވަރަށް މަޑުމަޑުން ހޫމް އޭ ބުނާ ބުނެލިއަޑަށް، އިށީނދެ އިން ސޯފާއިން ފުންމައިގެން ތެދުވެ ޝާމިންއަށް ހަޅޭއްލަވައިގަނެވުނެވެ.

" ބުނާނެ އެއްޗެއްވެސް ނޭނގެ.. އަހަރެން ބޭނުންދާން.. އަހަރެން ހަމަ މާދަމާ ދާނަން.. ގޮއްސަ ދޫނި މާލެ ގެންނާނީ. ދެން ދުރަކު ނުބެހެއްޓޭނެ. ތިހަށިގަނޑުތެރޭގައިވާ ކުޑަކުޑަ ފުރާނައަކީ އަހަރެންގެ ލޭ! މުނާ! އަހަރެން ވަރަށް އުފާވެއްޖެ! "

ޝާމިންގެ ދެލޮލުން ކަރުނަ އަންނަކަން މުނާއަށް އެނގުނީ ، އިރުއިރުކޮޅުން ޝާމިން ނޭފަތް ދަމާލާތީއެވެ.

" ތި ނިންމުން ބަދަލު ނުކުރައްޗޭ! އަހަރެން ވަރަށް ބޭނުން ޝާމިން އާއެކުގައި ދާން.. އަހަރެން ބޭނުންވަނީ ޝާމިންގެ އެހީތެރިކަން.. ޝާމިންގެ އަޅާލުމާއި ލޯބި.. ޕްލީޒް އަހަރެން ބަލާ އާދޭ!"

މުނާއަށް ވެސް ރޮވުނެވެ. ދަރިޔަކު ލިބޭކަމުގެ ޚަބަރުން އެދެމީހުންގެ ހިތަށްވަނީ އުފާވެރިކަން ގެނުވާފައެވެ. ޝާމިން އަންނާނެ ވާހަކަ ބުނުމުން މުނާ މިހާރު ހުރީ ވަރަށް އުފަލުންނެވެ.

ރީހާންގެ މޭގައި ހިފަހައްޓައިގެން ހުރި ފައިހާގެ ދެއަތުގައި އޭނާއަށް އަތްޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. ފައިހާގެ ދެއަތްތިލައިގައި ހިފާ ބާރުކޮށްލަމުން ރީހާން އެ ދެއަތް އޭނާގެ ގައިން ނައްޓުވާލިއެވެ. އަދި މަޑުމަޑުން އެނބުރި ފަހަތް ބަލާލުމާއެކު ފައިހާ އިސްޖެހިއެވެ.

" ކިހިނެތްވީ؟" ރީހާން ކޮށްލީ ކުރު ސުވާލެކެވެ. ފައިހާ ވަގުތުން ރީހާންއަށް ފުރަގަސް ދިނުމަށްފަހު ކުރިއަށް މަޑުމަޑުން ހިނގައިގަތެވެ. ތަންކޮޅަކަށް ގޮސް ހުއްޓުމުން ރީހާން ގޮސް އޭނާގެ ކުރިމައްޗަށް އެރިއެވެ.

" ކީއްވެ މަށަށް މެސެޖްކުރީ މިތަނަށް އަންނަން؟ "

ހިތްވަރާއެކު ވާހަކަ ދެއްކި ނަމަވެސް ރީހާންގެ ހިތް ވަރަށް ފިނޑިއެވެ.

" އަހަރެން.... އަހަރެން.. ހަދާނެގޮތް ހުސްވެއްޖެ! "

ފައިހާ އާދޭހުގެ ނަޒަރަކުން ރީހާންގެ މޫނަށް ބަލާލިއެވެ. ފައިހާ ދައްކަންއުޅޭ ވާހަކަ އަޑުއަހާ ހިތުން ރީހާން ހުރީ ކެތްމަދުވެފައެވެ.

" ވެގެން އުޅޭގޮތެއް ބުނީމައެއްނު އިނގޭނީ ތީގަ އަހަންނަށް ކޮށްދެވޭނެ ކަމެއްވެސް... "

ރީހާން ފައިހާ އާއި ތަންކޮޅެއް ކައިރިއަށް ޖެހިލަމުން ބުންޏެވެ. ފައިހާ އަނެއްކާވެސް ރީހާންއަށް ފުރަގަސްދިނެވެ.

" އަހަރެންގެ ވާހަކަ އެހާ ދިގެއް ނުވާނެ! އެކަމަކު އަހަންނަކީ މަޖުބޫރުވެފައިވާ މީހެއް... " ފައިހާގެ ވާހަކައިން އެއްވެސް އެއްޗެއް ރީހާންއަކަށް ނުވިސްނުނެވެ.

" އަހަރެން އާއިލާ އާއިއެކު މިކޮޅަށް ބަދަލުވީ.. ހައިދަރާ ދިމާވެގެން އަހަރެން މެރީކުރީ އާއިލާ އާ ދެކޮޅަށް. އެހެންވެ ފެމިލީ އެންމެން ރާއްޖެ ބަދަލުވީ އަހަންނާ ގުޅުން ކަނޑާފައި.. އަހަރެން މީ ނެތްމީހަކަށް ހަދާފަ. އޭގެ ފަހުން ފަސްއަހަރުވެއްޖެ..ފެމެލީ އެއްވެސް މީހެއް އަހަރެން މަރުވީތޯވެސް ބަލާނުލާ! "

ފައިހާ ވާހަކަ ދައްކަމުން ދިޔައެވެ. ބަހެއް ބުނުމެއްނެތި ރީހާން ހުރީ އަޑުއަހާށެވެ.

" ކައިވެނިކޮށްގެން ދުވަސްތަކެއް ނުވަނީސް އަހަންނަށް ހައިދަރްގެ ގޮތް އެނގިއްޖެ! އެއީ ވަރަށް ނުބައި ވަރަށް އަނިޔާވެރި މީހެއް! އެހެންވެ އަހަރެން ވަރިވާން އުޅުނީ.. އެކަމަކު... އެކަމަކު އޭރު އަހަރެން ޕްރެގްކަން އެނގިގެން ހައިދަރް އަހަރެން ވަރިއެއް ނުކުރި... އޭނަ ކޮންމެ ރެޔަކުވެސް ގެއަށް އަންނަނީ ބޮއިގެން ހުރެ މަސްތުގެ ޙާލަތުގަ. އެގޮތަށް އުޅެނިކޮށް އެއްރޭ އޭނަ އަހަރެން ވަރިކޮށްލީ ޚުދު އޭނައަށްވެސް ނޭނގި. އެކަމަކު އަހަރެން.. އަހަރެން، ހަމަ އެރޭ ސިޓިންގރޫމްގައި ހުރި ސީސީ ކެމެރާގެ ފްޓޭޖް ނެގިން.. އެއީ އަހަންނަށް ކުރެވުނު އެންމެ ރަނގަޅު ކަންތައް "

ރީހާންއަށް ބަލާލަމުން ފައިހާ ބުނެލިއެވެ. ބުނާނީ ވަކި ކީކޭކަމެއް ނޭނގިފައި ރީހާން ހުރީއެވެ.

" އެހެންވެ އަހަންނަށް އެހާ ފަސޭހައިން ވަރީގެ ކަންތައްތައް ނިންމާލެވުނީ! އަހަރެން ވިހަން ވަންދެން އުޅުނީ ހައިދަރުގެ ދައްތައެއްގާތު. އެއީ ހައިދަރާ މާބޮޑު ގުޅުމެއް އޮތް މީހެއްނޫން. އެހެންވެ އެގެއަށްވަދެ އަހަރެމެންނާ ބައްދަލުކުރުމަކީ ހައިދަރަށް އެހާ ފަސޭހަކަމެއް ނޫން. ހައިދަރުގެ އުޅުން ހުންނަ ގޮތުން އެ ދައްތަ ހައިދަރުދެކެ ވަރަށް ރުޅި އަންނާނެ.. ދެން އެހެން އުޅެނިކޮށް ހައިދަރު މީހަކާ އިނީ.. އެއަށްފަހު އާލްއަށް އުޅޭނެ ގެއެއް ގަނެދީ ދަރިފުޅު ނަންމަތީގަ އެގެ ރަޖިސްޓްރީވެސްކޮށްދިނީ.. ތެދެއް ހައިދަރު ހަމަ އެއްކޮށް ބަދަލުވެފަ ހުރީ.. އެކަމަކު އޭރު އޭނަދެކެ އަހަރެން ހުރީ މުޅިން ފޫހިވެފަ.. އެގޮތަށް ދުވަސްތައް ފާއިތުވެ ދަމުންގޮސް، ހައިދަރުމެންނަށް ކުދިން ނުލިބޭކަމުގެ ޚަބަރު އަހަންނަށް ލިބިއްޖެ! އޭރުވެސް އަހަރެން ފާޑަކަށް ބިރުގަތް.. އެދުވަހު އަހަރެން ގަތްބިރު، މިހާރުވަނީ ބައްޔަކަށްވެފަ! ހައިދަރަކީ މުއްސަނދިމީހެއް! އޭނަގެ ނުފޫޒުން މިތާ ކޯޓުތަކުގައި ކޮންމެ ކަމެއްވެސް ކުރެވިދާނެ! އެމީހުން މިހާރު ބޭނުންވަނީ އަހަރެންގެ ދަރިފުޅު އަހަރެންގެ އަތުން އަތުލަން. މިއަދު އޭނަ އަހަންނާ އެ ބައްދަލުކުރީ ، ކޯޓަށް އެކަން ހުށަހެޅި ވާހަކަ ބުނަން... "

އެންމެ ފަހުގެ ޖުމުލަ އާއިއެކު ފައިހާ ފެންކަޅިވިއެވެ. ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހުގައިވެސް ރީހާންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

" އަހަރެން ކިހިނެތް ދަރިފުޅާ ވަކިން އުޅޭނީ؟ އެއީ އަހަރެންގެ ފުރާނަ. އެމީހުން ދަރިފުޅު އަތުލާނެކަން އަހަންނަށް ޔަޤީން. މިދުނިޔޭގަ އަހަރެންގެ އެއްވެސް މީހެއްނެތް. މިކަމުގައި އަހަންނަށް އެހީވެދޭނެ މީހެއްވެސް ނެތް. އާލް އަތުލައިފިނަމަ އަހަރެންގެ ދުނިޔެ އަހަންނަށް ހުއްޓޭނެ. އަހަރެން މޮޔަވާނެ! "

ބޮލުގައި ދެއަތުން ހިފަހައްޓަމުން ފައިހާ މޮޔަގޮވަމުންދިޔައެވެ. އެމަންޒަރު ބަލަން ރީހާންއަށް އުނދަގޫވިއެވެ. އެހެންކަމުން އޭނާ މަޑުމަޑުން ފައިހާގެ ދެކޮނޑުގައި ހިފާ އޭނާގެ ވާހަކަތައް ހުއްޓުވިއެވެ.

" ފުރަތަމަ ތިމާ ހެއްދެވި ފަރާތްމަތިން ހަނދާންކޮށްލާ! ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވަނީ އެފަރާތުން... ފައިހާއަށް ރަނގަޅުގޮތަކަށް ނޫނީ އެއްވެސް ކަމެއް މެދުވެރިއެއް ނުކުރައްވާނެ!"

ގޮތްހުސްވެފައިވާ ފައިހާއަށް ވިސްނައިދޭން ރީހާން އިޙްތިޔާރުކުރީ ދީނުގެމަގެވެ.

" އެކަމަކު އާލްއަށްވެސް މަންމި އާ ނުލާ ނޫޅެވޭނޭ ރީހާން...."

ރީހާންގެ ހަމްދަރުދީގެ ސަބަބުން ފައިހާ އިތުރަށް ދެރަވިކަހަލައެވެ. އޭނާގެ އަތުގައި ހިފާލައިގެން ހުރެ ވާހަކަ ދައްކާލާނެ ބައިވެރިއެއް އޭނާވެސް ބޭނުންވެއެވެ. އެހެނަސް އެކަމަށްވެސް އޭނާހުރީ އުއްމީދު ގެއްލުވާލައިގެންނެވެ.

" ދެން ކެތްތެރިކަން އިސްކުރޭ! ވެރިރައްބަށް ދުޢާ ކުރޭ! ރޮއިގެން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ..ބޭނުންވަނީ ހިތްވަރު.. ހިތްވަރާއެކު ކުރިމަތިލާ! ކިތަންމެ ގިނަ ފައިސާތަކެއް ޚަރަދުކޮށްގެން ވެސް އެމީހުން އާލް ހޯދަފާނެ! އެކަމަކު ދަރިޔަކަށްޓަކާ މަންމަ ބުނެލާ އެންމެ ޖުމްލައަކުން، މުޅި ކޯޓު އިސްޖެހިގެން ހިނގައިދާނެ! އެހެންވީމަ ހިތްވަރާއެކު ކުރިއަށްދޭ! ތިކަމުގައި ޢަމަލީގޮތުން އަހަންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް.. "

ރީހާންގެ ވާހަކަ އަޑުއަހަން ފައިހާއަށް ހުރެވުނީ އޭނާގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއީ ކިހާ އޯގާތެރި މީހެއްކަން ފައިހާއަށް އެވަގުތު އިޙްސާސްކުރެވުނެވެ. އޭނާގެ ނަޞޭޙަތުން ފައިހާއަށް ހަމަޖެހުން ލިބުނެވެ.

" އުމް... މް.. ސޮ...ސޮރީ "

ފައިހާ އިސްޖަހާލަމުން ބުނެލިއެވެ. އޭނާ މަޢާފަށް އެދުނީ ކީއްވެގެންކަމެއް ރީހާންއަކަށް ނުވިސްނުނެވެ.

" މީ.. މީ... އޭރު.. އަހަންނަށް ރީހާން ގައިގަ... " ފައިހާއަށް އުޅުނީ ބުނެދޭން އުނދަގޫވެގެންކަން ރީހާންއަށް އެނގުމާއެކު އެއްމިޔަކަނުން އޭނާ ހީލިއެވެ.

" ދެން އެކަމާ އަޅާނުލާ! މި ބޮޑު މެލޭޝިއާއިންވެސް ހިމާޔަތަށް އެދި ފައިހާއަށް ތިލެނގިލެވުނީ އަހަރެންގެ ބުރަކަށީގަ.. އެކަމުގައިވެސް ކޮންމެވެސް ޙިކުމަތެއް އޮންނާނެތާ! "

ދިމާކުރާ ކަހަލަ ރާގަކަށް ރީހާން އެހެން ބުނުމުން ފައިހާ ލަދުގަތެވެ. އަދި ރަކިގޮތަކަށް ހީލަމުން އޭނާ އިސްޖަހާލިއެވެ.

އޮފީހުގެ ދޮރުން ވަނުމާއެކީ ޝާމިންއަށް ލިބުނީ ޝޮކެކެވެ. އޮފީސްވަނީ އެއްކޮށް ބަދަލުވެފައެވެ. އަލުން މަރާމާތު ކުރުމަށްފަހު އޮފީހަށް އައިސްފައިވާ ބޮޑު ބަދަލުން ހައިރާންވެ ހުރެ އޭނާ ކުރިއަށްދިޔައީ ދަންނަ ގާތް މީހަކު ދިމާވޭތޯއެވެ.

" ޝާމިން! "

ފަހަތުން އިވުނީ ހުސެންގެ އަޑެވެ. އެތައް ދުވަހަކަށްފަހު ޝާމިން ފެނުމުން އޭނާ ހުރީ ވަރަށް އުފާވެފައެވެ.

" މަރުޙަބާ ޝާމިން.." ހުސެން އެހެން ބުނުމުން ޝާމިން ހައިރާންވިއެވެ. އޭނާ ބައްޕައަކަށް ވާންއުޅޭ ޚަބަރު ހުސެންއަށް ލިބުނީ ކިހިނެތްބާވައޭ ހިތަށް އެރިއެވެ.

" މަރުޙަބާ؟ "

" އާނ! ނޭނގޭތަ؟ "

އެއްޗެއް ނުބުނެ ޝާމިން ހުރިގޮތުން، އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭކަން ހުސެންއަށް އެނގުނެވެ.

" އޮފީހާއެކު ހުރިހާ މަޤާމްތަކަކާ ވެރިންވެސް ބަދަލްވެއްޖެ! އެހެންވެ ޝާންޓެގެ ނޯޕޭ އިތުރުކޮށް ނުދިނީވެސް އެ"

އެޗްއާރް ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށްވާ ހުސެން އެހެން ބުނުމުން ޝާމިން އިތުރަށް ޝައުޤުވެރިވެއްޖެއެވެ.

" އަނެއްކާ މަ ކޮންތާކަށްބާ ކޮއްޕާލާފަ އޮތީ ؟" ޝާމިން އެހެން ބުނުމުން ހުސެން ދެކޮނޑުއަރުވާލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

ރިސެޕްޝަނުން ޝާމިން ދާންވީ މިސްރާބު ދެއްކުމުން އޭނާއަށް ގޮސް ހުއްޓެވުނީ ބޮސްގެ ކޮޓަރީގެ ދޮރުމަތީގައެވެ.

" މެނޭޖިންގ ޑިރެކްޓަރ ޝެރިން "

އެމްޑީވެސް ބަދަލުވީތާއޭ ޝާމިންގެ ހިތަށް އެރިއެވެ.

ދޮރުގައި ޓަކި ޖަހާލުމާއެކު އެތެރެއަށް ވަންނާށޭ ބުނެލިއަޑު އިވުނެވެ. މަޑުމަޑުން ޝާމިން އެތެރެއަށް ވަތްއިރު މޭޒުކައިރި ހުއްޓި އެހުރީ މީގެ ކުރިން ދުވަހަކުވެސް ދެކެފައިވާ މޫނެއް ނޫނެވެ. އެއީ ނޫކަށިފުރައިގެ ޒުވާން އަންހެންކުއްޖެކެވެ. ފުރަތަމަވެސް ޝާމިންގެ ހިތާކުޅެލީ އޭނާގެ ރީތިކަމެވެ. ކަކުލާއި ހަމައަށް އަރާ ކަޅުކުލައިގެ ވިދުމެއް ހުންނަ ކަޅު ހެދުމުގައި އޭނާ ހުރި އިރު ، ފެންނަ ފެނުމަށް ވަރަށް ހިތްގައިމެވެ. ހިމަދިގު ކަނދުރާގައި އައްސާލާފައިވާ ކަޅުފޮތިކޮޅު މެޔާ ހަމައަށް ފައިބައިފާއޮތެވެ. އޭނާ ހުރީ އެފޮތިކޮޅާ ކުޅެލަކުޅެލައެވެ.

" ޝާމިން؟ " ޝާމިންތޯ ޔަޤީންކުރާފަދަ ގޮތަކަށް އޭނާ ސުވާލުކޮށްލުމުން ޝާމިންގެ ހިތް ނުތަނަވަސްވިއެވެ. އަވަސް އަވަހަށް ލައްބައޭ ބުނެ އޭނާ ހިނިތުން ވެލިއެވެ.

" ޝާމިން މި ގެނެވުނީ ވަރަށް ގިނަ ވާހަކަތަކެއް ދައްކަން ހުރީމަ... މި އޮފީހުގެ މެނޭޖްމަންޓަށާއި އިމާރާތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް ، އޮފީހުގެ އެއްވެސް މަސައްކަތަކަށް ބަދަލެއް ނާންނާނެ! މަސައްކަތްތައް ދާނީ ކުރިއެކޭވެސް އެއްގޮތަށް. ދެން ޝާމިންއަށް ޕްރޮމޯޝަނެއް ލިބިފައިވަނީ.. އެއީ އަހަރެންގެ ޕާރސަނަލް ސެކެޓްރީއަކީ މީގެ ފަހުން ޝާމިން.. "

ޝެރިންގެ ވާހަކަތައް ހުރިގޮތުން ޝާމިން ހައިރާންކޮށްލައިފިއެވެ. އެމްޑީގެ ކޮޓަރީގެ އެއްކޮޅުން އަނެއް ކޮޅަށް ހިނގަމުން ޝެރިން ވާހަކަ ދައްކަމުން ދިޔައެވެ.

" މީގެ ކުރިން މިތަނުގެ އެމްޑީއަކީ އަހަރެންގެ އަންކަލް.. އަހަރެން ބޭރުން ކިޔަވައިގެން އައީމަ އަންކަލް ބޭނުންވެލެއްވީ އަހަރެން ލައްވާ ބިޒްނަސް ބަލަހައްޓަން.. އެއީ އަހަރެންގެ ދެވަނަ ބައްޕަ ހަމަ..."

ޝާމިން ޝައުޤުވެރިކަމާއެކު އަޑުއަހަން ހުއްޓެވެ.

" އޯހް.. އިށީނދެލާ.. އަވަހަށް ވާހަކަ ދައްކަން ހަދައިގެން ހަނދާން ނެތުނީ އިށީންނަން ބުނަންވެސް.."

ގޮނޑިއަށް އިޝާރާތް ކޮށްލަމުން ޝެރިން އެހެން ބުނުމުން ވެސް ރައްދުގައި ޝާމިން ހިނިތުންވެލީއެވެ.

" އޮފީހުން އެންމެ ރަނގަޅަށް ވޯރކް ކުރާ ކުއްޖަކަށް އޮފަރ އެއް ހުށަހަޅަން ވެގެން އަންކަލްގާތު އަހާލީމަ ބުނީ ޝާމިންގެ ވާހަކަ.. އެހެންވެ މާރކެޓިންގ އިން މަތީތަޢުލީމު ޙާސިލް ކުރުމުގެ ފުރުޞަތު ދޭންވެގެން އަސްލު ބޭނުންވަނީ.. " ޝާމިންގެ މޫނަށް ބަލާލަމުން ޝެރިން ބުންޏެވެ. ޝާމިންއަށް ހުރީ ޤަބޫލު ކުރަން ދަތިވެފައެވެ. އެފަދަ ފުރުސަތެއް ދޫކޮށްލާކަށް އޭނާ ބޭނުމެއްނުވެއެވެ.

" އަޅުގަނޑު ވަރަށް ބޭނުން ކިޔަވަން..." ޝާމިން ހިޔާލުފާޅުކުރިއެވެ.

" އެކަމަކު އެ ފުރުޞަތު ލިބެން އަންނަނީ އަދި އެހެން ކަމެއް ފުރިހަމަކޮށްގެން... އެއީ އިންޑޮނޭޝިޔާގައި ހުންނަ އަހަރެމެންގެ ބްރާންޗްގައި ވޯރކް ކޮށްގެން.. އެއީ އޮފަރ އެއް.. އޮފަރ ދޫކޮށްލާނަމަ ކިޔެވުމުގެ ފުރުޞަތު ގެއްލޭނެ.. "

ޝާމިން އަވަސް އަވަހަށް ވިސްނަންފެށިއެވެ. ކޮންމެހެންވެސް އޭނާ ކިޔަވަން ބޭނުމެވެ.

" ކިހާ ދުވަހަކަށްތޯ އިންޑޮނޭޝިޔާގައި މަސައްކަތް ކުރަން ޖެހެނީ ؟"

" އެއް އަހަރު... އަހަރެންވެސް ދާނަން ޝާމިންއާއި އެކު.."

ޝާމިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއް އަހަރު ދުވަސް އޭނާއަށް މާ ގިނައެވެ. މުނާ އެއިނީ ބަލިވެއެވެ. މާދަމާ އޭނާ ބަލައިދާނެ ކަމަށްބުނެ ޝާމިން ވީ ވަޢުދު ހަނދާން ވުމުން އޭނާ ދެރަވެއްޖެއެވެ. މިއަދު އޮފީހަށް އެ އަދިވެސް އެއްދުވަހުގެ ޗުއްޓީއެއް ހޯދުމަށް ވާހަކަ ދައްކަން ހިތުލައިގެންނެވެ. ޝާމިންގެ މޫނުމަތީގެ ނުތަނަވަސްކަން ފެނި، ޝެރިން ބުނެލިއެވެ

" ބައެއްފަހަރު ވަޒީފާއަކީ ދިރިއުޅުމުގެ އެއްބައި... ކުރިއެރުމާ ކާމިޔާބީ ހޯދޭނީ ވަރަށް ޖެހިގެން.."

މޭޒުކައިރީ ހުރި އެނބުރޭ ގޮނޑީގައި އިށީންނަމުން އޭނާ ޝާމިންއަށް ބަލައިލީ ކަތި ނަޒަރަކުންނެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (8)

ސިލްސިލާ ވާހަކަ: ޙައްޤުގައި (8)

(ނިމުނީ)