މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި އެވެ.

ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެރަށުގައި ކުރިޔަށް ގެންދާ ހަރަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު އެވެ.

Ad
rt

ރައީސްގެ މި ދަތުރުފުޅުގައި މިއަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެރަށުގައި ކުރިޔަށްދާ އެކިއެކި ހަރަކާތްތައް ބައްލަވައިލައްވާނެ އެވެ. މިގޮތުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއް ވެސް ޝަރަފްވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އެރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީއާއި މަސްވެރިންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފަ އެވެ. އަދި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ޝަރަފުވެރިކޮށްދެއްވާނީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވެ އެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.