2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ފޫބައްދައި، ދައުލަތުގެ ދަރަނި ދަށްކުރުމަށް މުހިންމު އަމާޒުތަކެއް ކަނޑައަޅާފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުންނެވެ.
ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ އެކު ޤައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުން ކަށަވަރުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ބަޖެޓުގެ އެންމެ މުހިންމު ބަޔަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ އަމާޒުތައް ކަމަށެވެ. އެގޮތުން، ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 32 އިންސައްތައަށް ވުރެ ދަށަށް ނުދާނެ މިންވަރެއްގައި ހިފެހެއްޓުމަކީ އަންނަ އަހަރުގެ ބަޖެޓުގެ އެއް އަމާޒު ކަމުގައި ވިދާޅުވިއެވެ.
ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ފޫބެއްދުމަކީވެސް އަންނަ އަހަރުގެ ބަޖެޓުގައި ހާސިލުކުރަން ކަނޑައަޅާފައިވާ މުހިންމު އަމާޒެކެވެ. ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 2027 ވަނަ އަހަރު ދައުލަތަށް 43.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވިފައިވާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް އަންދާޒާކުރެވެނީ 42.7 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން މިނިސްޓަރު ޒަރީރު ވިދާޅުވީ، 2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 117 އިންސައްތައިގައެވެ. އަދި 2028 ވަނަ އަހަރު އެ އަދަދު 116.3 އިންސައްތައަށް ތިރިވާނެ ކަމަށް ލަފާކުރެވޭއިރު، 2029 ވަނަ އަހަރަށް ދަރަނި 107.9 އިންސައްތައަށް ތިރިކުރުމުގެ އަމާޒުވެސް ބަޖެޓުގައި ވަނީ ކަނޑައަޅައިފައެވެ.
ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު، ޕީއެސްއައިޕީގެ ޚަރަދުގެ ޖުމްލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު ހަތްދިހަ އިންސައްތައަށް ވުރެ ބޮޑު ނުވާނެ މިންވަރެއްގައި ހިފެހެއްޓުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެއިތުރުން، ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓްގެ ޚަރަދު ޤައުމަށް ލިބޭ ޖުމްލަ އާމްދަނީގެ ނިސްބަތުން ބާރަ އިންސައްތައިގައި ހިފެހެއްޓުމަށްވެސް ވަނީ އަމާޒު ކަނޑައަޅައިފައެވެ.
މި ހުރިހާ މަސައްކަތްތަކެއްގެ މައިގަނޑު މަޤްޞަދަކީ 2028 ވަނަ އަހަރު ނިމެންވާ އިރަށް ދައުލަތުގެ އޯވަރއޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށް ދަށްކުރުމެވެ. ހަމައެއާއެކު، 2028 ވަނަ އަހަރު ޕީއެސްއައިޕީގެ ޚަރަދުވެސް ޖީޑީޕީގެ ނިސްބަތުން ހަތެއް އިންސައްތައަށް ދަށްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!