އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފިއެވެ.

މި ތަފްސީލުތައް ހާމަކުރެއްވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.

Ad
d

މަޖިލީހުގައި ބަޖެޓް ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދިނުމަށްޓަކައި ކޮންމެ ކުއްޖަކަށް ވެސް ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އެ މަގުސަދު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މި ބަޖެޓުގައި ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ސްކޫލުތަކުގެ ކްލާސްރޫމްތަކާއި މަލްޓި-ޕާޕަސް ހޯލްތައް އެޅުމުގެ އިތުރުން، ލެބޯޓްރީތަކާއި މަތީ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

މީގެއިތުރުން، ކޮންމެ ކުއްޖަކީ ވެސް ތަފާތު ގޮތްގޮތަށް އުނގެނޭނެ ކުއްޖެއް ކަމަށާއި އެ ކުއްޖެއްގެ ފުރިހަމަ ގާބިލުޔަތަށް ވާސިލުވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށް ވެސް ލިބެންޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ސްކޫލް އިންފްރާސްޓްރަކްޗާ އިންކްލޫސިވް އެޑިއުކޭޝަންގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، އިތުރަށް ހަރުދަނާކުރުމަށް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

Ad
df

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އަންނަ އަހަރު ވެސް ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ލޯނު ފެސިލިޓީ ދޫކުރުމަށްޓަކައި ހަ ސަތޭކަ ފަންސާސް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.