ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތަކާއި އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރައްވާފައެވެ.

Ad
d

އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި މުނާސަބަތަކީ ތުރުކީވިލާތުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް ދައްކުވައިދޭ މުނާސަބަތެކެވެ. އަދި މިއީ އެ ޤައުމުގެ ސިޔާދަތާއި، ތަރައްޤީ އާއި ޤައުމު ބިނާކުރުމުގެ އަސާސްތައް ދެމެހެއްޓުމުގައި ޤަރުނެއް ކަޑައްތުކޮށްފައިވާކަން ރަމްޒުކޮށްދޭ ދުވަހެއް ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޙުތިރާމާއި، ދެމުންދާ އެއްބާރުލުމާއި، އެކުވެރިކަމަށް ދޭ އަހަންމިއްޔަތު ހާމަވެގެންދާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ނޮވެމްބަރު 2026 ގައި ތުރުކީގެ އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގެ ތެރެއިން ރައީސް އުރްދުޣާނާ ބައްދަލުވެވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުމުގެ ކުރިއެރުންތައް މުރާޖާކޮށް، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ކަނޑައެޅިގެންދާނެ ކަމުގެ އުއްމީދުވެސް އެމަނިކުފާނު އައުކުރެއްވިއެވެ.

ތުރުކީގެ ޖުމްހޫރިއްޔާ ރަސްމީކޮށް އިޢުލާނުކުރެއްވީ 1923 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މުޞްޠަފާ ކަމާލް އަތާތުރުކެވެ. މިއާއެކު ޤައުމީ ސިޔާދަތުގެ މައްޗަށް ބިނާވެގެންވާ އައު ސިޔާސީ ނިޒާމެއް އެ ޤައުމުގައި ޤާއިމުވެގެންދިޔައެވެ.

Ad
df

މި ޖުމްހޫރިއްޔާ އުފެދިގެން އައީ ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، ބޭރުގެ އިސްތިޢުމާރީ ބާރުތަކުން އަނަތޯލިއާ ބައިބައިކޮށްލުމަށް ކުރި މަސައްކަތްތަކާ ދެކޮޅަށް އަތާތުރުކާއި އެ ޤައުމުގެ ޤައުމީ ހަރަކާތްތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ތުރުކީގެ މިނިވަންކަމުގެ ހަނގުރާމައިގެ ތެރެއިންނެވެ.