އިންޓަޕޯލްއިން ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކެއްގައި 200 އަށް ވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، މިއީ އިންޓަޕޯލްއިން މި އޮކްޓޫބަރު މަހު ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ "އޮޕަރޭޝަން ސްޓޯމް މޭކަރ 4" ގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތްތަކެއް ކަމަށެވެ. މި އޮޕަރޭޝަނަކީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
އިންޓަޕޯލްގެ މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް، ގުޅިގެން މަސައްކަތްކުރުމަށް ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ދަށުން، ހާއްސަ އިންސްޕެކްޝަނަކާއި ރެއިޑް އޮޕަރޭޝަނެއް ރާއްޖޭގައި ހިންގާފައިވަނީ އިއްޔެއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެންނެވެ.
މި އޮޕަރޭޝަންގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އިއްޔެ ވަނީ މާލޭގެ ބާޒާރު ސަރަހައްދާއި ނޯތު ހާބަރު ބަލައި ފާސްކޮށްފައެވެ. އެގޮތުން އެ ސަރަހައްދުތަކުން 160 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
ބާޒާރު ސަރަހައްދާއި ނޯތު ހާބަރުން ބަލައި ފާސްކުރި މީހުންގެ ތެރެއިން ނުވަ މީހަކަށް ވަނީ ނޯޓިސް ދީފައެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، މި އޮޕަރޭޝަންގެ ތެރެއިން ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ތަނުން 79 މީހަކު ޗެކްކުރުމަށްފަހު، ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!