ހދ. ނައިވާދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ގޭގޭގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެ ރަށު ކައުންސިލުން މުހުލަތެއް ކަނޑައަޅައިފިއެވެ.

ނައިވާދޫ ކައުންސިލުން ބުނީ، ކޮންމެ ގެއެއްގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ނިޒާމެއް 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޤާއިމުކުރުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

Ad
d

މިފަދަ ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ، ވިއްސާރައިގައި ފުރާޅުތަކުން ފައިބާ ފެން ސީދާ މަގުމައްޗަށް ދޫކޮށްލުމަކީ ނައިވާދޫގެ މަގުތަކުގައި ފެންބޮޑުވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމަށް ވާތީ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، ގޭގޭގެ ފުރާޅުތަކުގެ ފެންހޮޅިތައް ގޯތިތެރޭގެ ބިމަށް ނުވަތަ ފެން ހިންދާ ވަޅަކަށް ގުޅާލައިފިނަމަ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި އޭގެ ސަބަބުން ބިމުގެ ފެން ފަށަލަ މުއްސަނދިވުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ރަށުގެ މަގުތަކުގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، މި ބަދަލުތައް ގެނައުމަށް މިއަދު އިސްނެގުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

Ad
df

މީގެއިތުރުން، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މި މަސައްކަތުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ އަދާކުރުމަށް ނައިވާދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.