ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ނިންމާލައި، އެކި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި އެވޯޑު ދީފިއެވެ.

ބާސެލޯ ނަސަންދުރައިގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑު ވަނީ ހަވާލުކޮށްފައެވެ.

Ad
d

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" ހާސިލުކުރި އުފެއްދުންތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. ރަންވަނަ ހާސިލުކުރި ފަސް އުފެއްދުމުގެ ތެރޭގައި ހިމެނެނީ އަމިއްލަ ފަރުދުންގެ ތިން އުފެއްދުމަކާއި ވިޔަފާރި ދާއިރާގެ ދެ އުފެއްދުމެކެވެ.

މުޅި މައުރަޒުން ރަންވަނަ ހޯދި އުފެއްދުންތަކަކީ ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓަގަރީން މަރިޔަމް ޝަހުމާގެ "މެމޮރީ އޮފް ދަ ޓައިޑްސް"، ލަކުޑީގެ އުފެއްދުންތަކުގެ ކެޓަގަރީން ޢަބްދުއްރަޝީދު ޙަސަންގެ "ދޯނި"، ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓަގަރީން އުޝާ އާދަމްގެ "ތުނޑު ކުނާ"، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކެޓަގަރީން މުޙައްމަދު ޔާނިއު ރަމީޒުގެ "އަވަސް އެޕް" އަދި އިމާރާތްކުރުމުގެ ދާއިރާއިން އާދަމް މަންޞޫރުގެ "ކަޅުވަކަރު މިސްކިތް" އެވެ.

މި ފަހަރުގެ މައުރަޒުގައި ދިން 298 އެވޯޑުގެ ތެރޭގައި އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ދިޔަ 95 ފަރާތް އަދި ތިންވަނައަށް ދިޔަ 82 ފަރާތް ހިމެނެއެވެ. އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާތީ ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ހާސިލުކުރި 76 އެވޯޑުވެސް ހިމެނެއެވެ.

މައުރަޒުގެ އެކި ދާއިރާތަކުން އެއްވަނަ ހޯދި ފަރާތްތަކަށް ބަލާއިރު، އަމިއްލަ ފަރުދުންގެ ދާއިރާއިން އެއްވަނަ ހޯދީ މާލެ ސިޓީގެ އޫޝާ ހަސަނެވެ. ވިޔަފާރި ދާއިރާއިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ އެއްވަނަ ހޯދިއިރު، ތަޢުލީމީ ދާއިރާއިން އެއްވަނަ ލިބުނީ މޯލްޑިވްސް ޕޮލިޓެކްނިކަށެވެ. މީގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން ވިމެން އެންޓްރަޕްރެނާޒް މޯލްޑިވްސް، ސަރުކާރު ކުންފުނިތަކުގެ ދާއިރާއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން އެއްވަނަ ހޯދީ ތ. ވިލިފުށީ، ރެޑިއަމްގޭ ފާތިމަތު ޝަފަޤެވެ.

މޯލްޑިވްސް އެކްސްޕޯ 2026 ގައި ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މިއީ 240 ފަރާތަކުން ގާތްގަނޑަކަށް 2,400 އުފެއްދުން ބައިވެރިކުރި 2025 ވަނަ އަހަރާ އަޅާބަލާއިރު އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނެއެވެ. މި މައުރަޒުގައި ދައްކާލި އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ މަސައްކަތްތަކެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނުނު މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނުނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން ހުށަހެޅި 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުން ގިނަ އަދަދެއްގެ އުފެއްދުންތައް ވަނީ ހިމަނާފައެވެ.

ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދީ މާކެޓުގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން މި އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ ޚާއްޞަ 7 ޑިސްޓްރިކްޓަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް، މާކެޓްޕްލޭސް ޑިސްޓްރިކްޓް، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް އަދި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް ހިމެނެއެވެ.

Ad
df

ރާއްޖޭގައި އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަތަމަ ބޭއްވީ 1944 ވަނަ އަހަރުއެވެ. އެފަހުން ތަފާތު ނަންނަމުގައި މައުރަޒު ބާއްވަމުން އައިސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވި މި މައުރަޒަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި ޒަމާނީ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކުވައިދީ، އުފެއްދުންތެރިންގެ އަގު ވަޒަންކުރުމަށް މަގުފަހިކޮށްދިން މުހިންމު ހަރަކާތެކެވެ.