އޭރު ވެސް އާއިޒް ހުރީ ހިތާމައިން ފުރިގެންވާ ނަޒަރަކުން މާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. އާއިޒްގެ މޫނުމަތިން ފެންނަމުން ދާ ފުން ރިހުމުން ކެތް ނުވެގެން މާޔާއަށް ބާރުބާރަށް އާއިޒްގެ މެދުހަށީގައި ބައްދައިގައިގަނެވުނެވެ. ނަމަވެސް އާއިޒްގެ އަތް ދޫކޮށްލެވިފައި އޮތީ ތިރިއަށެވެ. މާޔާގެ ހަށިގަނޑުގައި ބީހިލުމުގެ ހިތްވަރެއް ނެތް ފަދައިން އޭނާ ހުރީ ގަނޑުވެފައެވެ.
" އަހަންނަށް އެނގެޔޭ އާއިޒް މި ގަޑީގައި ވަރަށް ދެރަވެފައިކަން ތި ހުރީ. ޕްލީޒް ތިހެން ނަހަދާ." މާޔާ ބުންޏެވެ.
މަޑުމަޑުން އާއިޒް ދެ އަތް އުފުލައިލުމަށްފަހު މާޔާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އަދި އޭނާއާ މާޔާ ދުރުކޮށްލަމުން އަސަރާއެކު ވާހަކަ ދައްކަން ފެށިއެވެ.
" ކައިވެނި ކުރަން ލީ ފޯމު މާދަމާ އަހަރެން ކެންސަލް ކުރާނަން. މި ވަގުތު ދޭ." އާއިޒް މަޑުމަޑުން ބުންޏެވެ.
އެއާއެކު މާޔާ ދެ ފަރާތަށް ބޯ ހޫރަން ފެށިއެވެ.
" ނޫން ނޫން އާއިޒް. ތިހެން ނަހަދާ! އާއިޒް ތިހެން ހެދީމަ އަހަންނަށް ހީވަނީ، މަންމަގެ ޤާތިލަކީ އަހަންނޭ." މާޔާ ބުނެލިއެވެ.
" މާޔާއާ އިންނަން އަހަރެންގެ މަންމަ ނުޤަބޫލު ވާހަކަ ބުނީ މަންމަގެ އެންމެ ފަހުގެ ޖުމްލައަކަށް ވެސް. އެހެންވެ އަހަރެން، މާޔާއާ އިންނާކަށް ބޭނުމެއް ނޫން." އާއިޒް ބުންޏެވެ.
" އާއިޒް ހެޔޮނުވާނެ. އަހަރެން ހާދަ ލޯބިވެޔޭ އާއިޒްދެކެ. މަންމަ އެހެން އެ ބުނީ އެ ރޭ ކަންތައް ވީ ގޮތުން. އެކަމަކު މަންމަ އަހަރެންދެކެ ރުޅި އެއް ނާންނާނެ." މާޔާ އުޅުނީ އާއިޒަށް ވިސްނައިދޭށެވެ.
ރޮއިރޮއި ހުރި މާޔާގެ އަތުގައި ހިފުމަށްފަހު އާއިޒް މާޔާއާ ހަތަރުކަޅި ހަމަކޮށްލީ ވޭނުން ފުރިގެންވާ ބަލައިލުމަކުންނެވެ. އެއާއެކު އޭނާ ބޭރަށް ނިކުންނަން ހިނގައިގަތެވެ. އާއިޒްގެ ޢަމަލުތައް ހުރި ގޮތުން ލިބުނު ހައިރާންކަމާއެކު، ގަނޑުވެފައި ހުރި މީހެއް ފަދައިން މާޔާ މަޑުމަޑުން އާއިޒާއެކު ހިނގަމުންދިޔައެވެ.
ދޮރުން ބޭރުވުމަށްފަހު އާއިޒް މާޔާގެ މޫނަށް ބަލައިލި އިރު ވެސް މާޔާ ހުރީ އަނގައިން ބަހެއް ނުބުނެވިފައެވެ.
" ގެއަށް ދޭ ދެން." ބެދިފައިވާ އަޑަކުން އާއިޒް ބުނެލީ މަޑުމަޑުންނެވެ.
ނަމަވެސް ހުރިތަނުން ގުޑުވައިލަން ވެސް މާޔާ ބޭނުމެއް ނުވިއެވެ. ހައިރާންވެފައިވާ ބެލުމަކުން މާޔާ އާއިޒަށް ބަލަހައްޓައިގެން ހުއްޓާ، އާއިޒް އޭނާއަށް ފުރަގަސްދީފިއެވެ.
" ދެން... އަހަރެމެންގެ ގުޅުން މި ނިމުނީ މާޔާ." އާއިޒް ބުންޏެވެ.
ހިތުގައި ޝަކުވާތައް އުތުރިއަރަމުން ދިޔަ ނަަމަވެސް، މާޔާގެ ދޫ އޮތީ ހިމޭންވެފައެވެ. އެއްޗެއް ބުނެލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެ ހުރި ފިޔަވަޅުމަތީ މާޔާ ހުއްޓާ، އާއިޒް އެތެރެއަށް ވަދެ ދޮރު ލައްޕައިލީ މާޔާގެ ހިތް ޒަޚަމްކޮށްލާފައެވެ.
ޒިމްނާގެ އުނގުމަތީ ބޯ އަޅާލައިގެން އޮތް މާޔާގެ ލޮލުގެ ހިމަކޮޅުން ކަރުނަތައް ފޫދެމުން ދިޔައެވެ. ޒިމްނާ އިނީ މާޔާގެ ބޮލުގައި ފިރުމާށެވެ.
" އާއިޒް ހާދަ ރަހުމެއް ނެތޭ. މަންމަ ދުނިޔޭގައި ހުރި އިރު މަންމައާ ދިމާލަށް މާޔާއާ އިންނާނަމޭ ބުނަން ކެރިއްޖެ އޭނައަށް. އެކަމަކު މަރުވީމަ ހިޔާލު ބަދަލުވީ މި." ޒިމްނާ ބުނެލީ އާއިޒްދެކެ ރުޅި އައިސްގެންނެވެ.
" އާއިޒް ވިސްނާ ގޮތެއް އެނގޭނީ އާއިޒަށް. އަހަރެމެންގެ ގުޅުން އޭނަ އެ ނިންމާލީ. " މާޔާ ބުންޏެވެ.
" މާޔާ އަވަހަށް އެހެން މީހަކާ އިންނަންވީ. ތި ހިޔާލުތަކާ ދުރުވާނީ ވެސް، އާއިޒް މަތިން ހަނދާން ނެތޭނީ ވެސް އެހެން މީހަކާ ވާހަކަ ދައްކަން ފެށީމަ." ޒިމްނާ ބުންޏެވެ.
" އެކަމަކު އަހަރެންގެ ހިތުގައި އަބަދުވެސް އާއިޒް ދިރިއުޅޭނެ." މާޔާ ބުނެލިއެވެ.
" ތި މިހާރު ބުނާއެއްޗެއް. ފަހުން ތިކަން ބަދަލުވާނެ މާޔާ. އާއިޒަށް އަސަރު ކުރާނެ މާޔާ އެހެން މީހަކާ އިނީމަ." ޒިމްނާ ބުންޏެވެ.
ނަމަވެސް ޒިމްނާގެ ހިޔާލަށް މާޔާ ތާއީދެއް ނުކުރިއެވެ.
ޖެހިގެން އައި ދުވަހު ވެސް ޒިމްނާ އޮފީހަށް ދިޔައިރު ނަޖާހު އިނީ އޭނާގެ އިންތިޒާރުގައެވެ. މިއަދު ވެސް މާޔާ ނުފެނުމުން، ނަޖާހުއަކަށް މަޑަކުން ނުހުރެވުނެވެ.
"މާޔާ އޮފީހުން ކެނޑުނީތަ؟" ނަޖާހު އަހާލިއެވެ.
އެއާއެކު ޒިމްނާ ނަޖާހުއަށް ބަލައިލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" އޭ! ކަލޭ ކީއްކުރަންތަ އަބަދު މާޔާ ހޯދަނީ؟ ހިތާވީ ދޯ؟" ޒިމްނާ ބުންޏެވެ.
" ނޫނޭ! އަބަދުވެސް ޒިމްއާއެކު އަންނަ ކުއްޖެއްވީމަ އަހާލީ މިހާރު ނުފެންނާތީ. " ނަޖާހު ބުންޏެވެ.
" އެކަމަކު ތި ވަރަކަށް ނާހާނެ ދޯ! ބުނެބަލަ! ލައިކްވަނީތަ؟ ތެދަށް ބުނެފިއްޔާ މަ ވެސް ދޭނަން ހަބަރެއް." ޒިމްނާ ބުންޏެވެ.
" ކޮން ހަބަރެއް؟ ކައިވެނި ޕާޓީއަށް ދާން ދައުވަތު ދެނީތަ މަށަށް؟" ނަޖާހު މަޖާވެލާފައި ބުންޏެވެ.
" އެ ދަޢުވަތެއް ދެން ދުވަހަކު ވެސް ނުލިބޭނެ." ޒިމްނާ ބުންޏެވެ.
އެއާއެކު ނަޖާހުގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމުގެ ކުލަވަރެވެ.
" ހަމައަސްލުވެސް. އެ ކަންތައް ނިމިއްޖެ. " ޒިމްނާ އެހެން ބުނެ، ކަންތައް ވީ ގޮތް ނަޖާހުއަށް ކިޔައިދިނެވެ.
" އާއިޒް ހާދަ ކަޑައޭ ދޯ." ނަޖާހު ބުނެލިއެވެ.
" މަ މި އުޅެނީ މާޔާއަށް ބިޓެއް ސެޓުކޮށްދޭން. އޭނަ ކައިރި މި ކިޔަނީ އަވަހަށް މީހަކާ އިންނަން އުޅޭށޭ." ނަޖާހުއަށް ވާ ގޮތް ބެލުމުގެ ޝައުޤުގައި، ޒިމްނާ ބުނެލީ ވަގުވަގަށް ނަޖާހުގެ މޫނަށް ބަލަމުންނެވެ.
" އެހާ އަވަހަށް މީހަކާ އިންނަންވީ ކީއްކުރަން؟" ނަޖާހު ނޫން ގޮތަކަށް ބުންޏެވެ.
" އައްދޭ! ހާދަ ގަޔާނުވީ. ކަލޭ ވެސް ކުރިމަތިލާންވީ އެއްނު. ބުނޭ ދެން ތެދަށް. ޔޫ ލައިކް ވޭތަ؟" ޒިމްނާ އެހިއެވެ.
އެއާއެކު ނަޖާހު ހޭންފެށިއެވެ.
" ސެޓު ވެދާނެތަ؟" ނަޖާހު އެހިއެވެ.
" ސެޓު ކުރަން ބޭނުމިއްޔާ ކުޑަކޮށް އެކަމާ އުޅެލާ! ކަލޭ ވަރަށް ފްރެންޑެއްނު އޭނައާ ވެސް." ޒިމްނާ ބުންޏެވެ.
އެއާއެކު ނަޖާހުގެ މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ.
ދުވަހުގެ ހަވީރުގެ ވަގުތެވެ.
މާޔާ ތުރުތުރުއަޅަމުންދިޔަ އަތަކުން ފޯނު ނަގައި، ފުން ނޭވާއެއް ލުމަށްފަހު އޭނާގެ ދޮންބެއަށް ގުޅައިލިއެވެ. ދެތިން ރިންގާއެކު މާޒިން ފޯނު ނެގިއެވެ.
"ދޮންބޭ..." މާޔާގެ އަޑު ބެދި، ރޮވޭގޮތްވިއެވެ.
"ކިހިނެއްވީ މާޔާ؟ ކީއްވެ ތި ރޮނީ؟" މާޒިން ކަންބޮޑުވެފައި އަހައިލިއެވެ.
"އަހަންނަކަށް މި ކައިވެންޏެއް ނުކުރެވޭނެ ދޮންބޭ... ދެން މިކަމެއް ކުރިއަކަށް ނުގެންދެވޭނެ،" މާޔާ ހިތްވަރުކޮށްފައި ބުނެލިއެވެ.
އެއަށްފަހު އޭނާ ކަންވީ ހުރިހާ ގޮތެއް މާޒިންއަށް ކިޔައިދިނެވެ.
މާޒިން އިރުކޮޅަކު ހިމޭނުން އިނުމަށްފަހު، ވަރަށް އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ.
"ހިތްވަރުކުރޭ ކޮއްކޯ. ތީ އެންމެ ރަނގަޅު ނިންމުން ކަމަށް ވެދާނެ. ދެރަނުވޭ، ދިރިއުޅުން އަދި ކުރިއަށް މިއޮތީއެއްނު؟ އަވަސްއަރުވާނުލައި، މާޔާގެ އަގު ވަޒަންކުރާނެ ރަނގަޅު މީހަކު ހޯދައިގެން އިނދޭ." މާޒިން ބުންޏެވެ.
ދޮންބެގެ ބަސްތަކުން މާޔާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ޖެހިގެން އައި ސުވާލާއެކު އަނެއްކާވެސް އޭނާގެ ހިތް ތެޅިގަތެވެ.
"ދެން... ބައްޕައާއި ސާދުނައްތަގެ އެ ވާހަކަ މަންމަ ކައިރީ ބުނަންވީދޯ؟" މާޒިން އަހައިލިއެވެ.
"ނޫން، ދޮންބޭ! އަދި މަޑުކޮށްބަލަ،" މާޔާ އަވަސްއަވަހަށް ބުންޏެވެ.
"އެންމެ ފުރަތަމަ އަހަރެން ބޭނުމީ ލީނާއަށް ގުޅައިގެން ވާހަކަދައްކައިލަން." މާޔާ އަނެއްކާވެސް ބުންޏެވެ.
" މިއީ ލަސްކުރާ ކަހަލަ ކަމެއް ވެސް ނޫން." މާޒިން ފޯނު ބާއްވަމުން ބުންޏެވެ.
ދޮންބެ ފޯނު ބޭއްވުމުން މާޔާ ކުޑަކޮށް ވިސްނާލިއެވެ. ލީނާއާ އެ ވާހަކަ ދައްކަން ފަށާނެ ގޮތެއް ވެސް އޭނާއަކަށް ނޭނގެއެވެ. ކުޑަ ހާސްކަމެއްގެ ތެރޭގައި އިނދެ މާޔާ، ލީނާއަށް ގުޅިއެވެ.
"ހަލޯ، މާޔާ؟"
މާޔާ ފުން ނޭވާއެއް އެތެރެއަށް ދަމައިލިއެވެ. ހިތުގައި އަޅަމުންދިޔަ ވޭނާއެކުވެސް އޭނާ ވާހަކަ ފެށޭތޯ ބެލިއެވެ.
"ލީނާ... އަހަރެން މި ގުޅީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން. އަހަންނަކަށް ނޭނގެ މި ވާހަކަ ފަށާނެ ގޮތެއްވެސް. އެކަމަކު... މި ވާހަކަ ނުދައްކާ ވާހަކަށް ވެސް ނެތް. ކޮންމެހެން ވެސް ލީނުއަށް އެނގެންޖެހޭ ކަމެއް ވީމަ އަހަރެން މި ގުޅީ." މާޔާ ބުންޏެވެ.
" ކޮ...ކޮންކަމެއް؟" މާޔާގެ އަޑު ހުރި ގޮތުން، ލީނާ ބިރުގެންފިއެވެ.
" އަހަރެންގެ ބައްޕައާއި މަންމަ މައްސަލަގަނޑެއްގައި އުޅޭ ވާހަކަ އަހަރެން ކިޔައިދިނީމެއްނު، އެނގޭތަ ބައްޕަ ގެންގުޅޭނީ ކާކުކަން؟" މާޔާ ބުންޏެވެ.
އެއާއެކު ލީނާ ދިޔައީ ތުރުތުރުއަޅައިގަނެގެންނެވެ.
"މާޔާ، މަޑުކޮށްބަލަ..." ލީނާއަށް އަވަސް އަވަހަށް ބުނެވުނެވެ.
"އަހަންނަށް... އަހަންނަށް ތިކަން އެނގޭ." އަނެއްކާ ވެސް ލީނާ ބުންޏެވެ.
" ކީކޭ؟ އެނގެޔޭ؟ ކޮންއިރަކު އެނގުނީ؟ އަނެއްކާ ރަށުތެރޭގައި އެ ވާހަކަ ދައްކަނީތަ؟" މާޔާ ބުންޏެވެ.
"އަހަންނަށް އެނގޭ.. ވަރަށް... ވަރަށް ކުރިން،" ލީނާ އުނދަގޫ ރާގެއްގައި ބުނެލިއެވެ.
އެ ޖަވާބާއެކު މާޔާގެ ލެޔަށް ހޫނުވެގެން ދިޔައެވެ. މޭތެރޭގައި އުފެދުނު ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ.
"ވަރަށް ކުރިންނޭ؟! މިހާ ބޮޑު ކަމެއް އެނގި ހުރެގެން އަހަންނަށް ސިއްރުކުރީ ކީއްވެގެން؟ އަހަރެމެންނަކީ ކޮންފަދަ ގާތް ދެ ރަހުމަތްތެރިން! މިހާބޮޑުކަމެއް ނޭނގޭ ކަމަށް ހަދައިގެން ހަމަ ހުރީތަ؟" މާޔާއަށް ބުނެވުނީ ނުހަނު ބާރަށެވެ.
"މާޔާ، ޕްލީޒް އަޑުއަހާބަލަ!" ލީނާ ރޮވިފައި ބުންޏެވެ.
"އަހަންނަށް ބުނަން ނުކެރުނީއޭ! އަހަރެން ބިރުގަތީ މާޔާ ގެއްލިދާނެތީ އަހަންނަށް. އަހަރެމެންގެ މި އެކުވެރިކަން ނެތިދާނެތީވެ." ލީނާ ބުންޏެވެ.
"ބުނަން ނުކެރުނީއޭ؟" މާޔާގެ އަޑު ކުރިއަށްވުރެވެސް ބާރުވިއެވެ.
" އަހަރެންގެ މަންމަ އަހަރުތަކެއްވަންދެން އެކަމާ ހިތާމަކޮށްކޮށް މީހާ ހަލާކުވެއްޖެ. ލީނާއަށް ނުފެނޭތަ އަހަރެންގެ މަންމަ އެ އުޅޭ ހާލެއް؟ ލީނާގެ މަންމަގެ ސަބަބުން އަހަރެންގެ މައުސޫމް މަންމަ ރެޔާއި ދުވާލު ކަރުނައަޅައި، ހިތް ހަލާކުވެގެން އެ ދަނީ. މަންމަގެ ދިރިއުޅުން މުޅިން އަނދަވަޅަކަށް ވެއްޓިއްޖެ. އެކަން އެނގިހުރެ، ވެސް އަހަންނަށް ގުޅައިގެން ހީ ސަމާސާކުރަނީ. އަހަރެން ހުރިހާ ވާހަކައެއް ހިއްސާ ކުރާއިރު ވެސް ލީނާގެ ހިތަށް ރަހުމެއް ނުވަނީމަ އަހަރެން ވަރަށް ދެރަވެއްޖެ." މާޔާ ބުންޏެވެ.
ލީނާގެ ގިސްލުމުގެ އަޑު ފޯނުން އިވެމުންދިޔައެވެ. ނަމަވެސް މާޔާގެ ހިތުގައި އެވަގުތު އޮތީ ހަމައެކަނި ރުޅިވެރިކަމާއި، ލީނާއަށް އޭނާ ކުރަމުން ދިޔަ އިތުބާރު ގެއްލުމުގެ ހިތާމައެވެ.
" އަހަންނަށް މަޢާފްކުރޭ މާޔާ." ލީނާ ބުންޏެވެ.
" މައާފޭ؟ އެވަރުކަމެއް އެނގި ހުރެ، ލީނާ ތި ހުންނަނީ ހުއްޓުވަން ވެސް ނޫޅެ." މާޔާ ބުންޏެވެ.
" އަހަރެން ބުނިން މަންމަ ކައިރި އެކަން ނުކުރަން. އެކަމަކު މާޔާއަށް އެނގެއެއްނު އަހަރެންގެ މަންމަގެ ގޮތް. އަހަރެން ސައިޒްކޮށްފަ ބެހެއްޓީ." ލީނާ ބުންޏެވެ.
" އެހެންވެ، ލީނާގެ މަންމައަށް އެ ފުރުޞަތު ފަހިކޮށްދީގެން ހަމަ ތި ހުންނަނީދޯ! އަހަރެން ކައިރީ އެންމެ ކުޑަމިނުން ބުނެލިނަމަ. އަހަރެން އެންމެ ފަހުން ރަށަށް ގޮސް ހުރެ ވެސް ތި މީހުން ކައިރީ ކިހާ ވަރަކަށް އެ ވާހަކަތައް ދެއްކިން؟" މާޔާ ބުންޏެވެ.
" ސޮރީ މާޔާ! އަހަރެން ހަމަ ބިރުގަތީ. އޭރު ބުންޏަސް މާޔާ ހަމަ ތިހެން ރުޅި އަންނާނެ." ލީނާ ބުންޏެވެ.
" ސިއްރު ނުކޮށް ބުނި ނަމަ، އަހަރެމެން އެންމެން އެކުގައި އެ ކަން ހުއްޓުވުނީސް. އެކަމަކު އަހަންނަށް ހީވަނީ މިހާރު މާ ލަސްވެއްޖެހެން." މާޔާ އެހެން ބުނެ ފޯނު ކަނޑާލިއެވެ. އެއާއެކު ލީނާ އަނެއްކާ ވެސް މާޔާއަށް ގުޅަން ފެށިއެވެ. ނަމަވެސް ލީނާގެ ކޯލަށް މާޔާ ޖަވާބު ދޭ ހިތް ނުވެގެން ފޯނު އޮފްކޮއްލިއެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!