ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ހާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ ރައްކާތެރި އިޖުތިމާއީ މާހައުލެއް ބިނާކުރުމުގެ މަގުސަދުގައި، އެ ސިޓީ ކައުންސިލުން އިސްނަގައިގެން ގާއިމުކުރި "މަނަސް ހަބް" ރަސްމީކޮށް ހުޅުވައިފިއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހުޅުވި މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ.

Ad
rt

މި މަރުކަޒަކީ މުޖުތަމައުގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި، ފުރާވަރު ކުދިންނަށާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ. މި ހިދުމަތް ފަރުމާކުރުމުގައި އޮސްޓްރޭލިއާގެ މަޝްހޫރު "ހެޑްސްޕޭސް" މޮޑެލްގެ އެހީތެރިކަން ހޯދާފައިވާއިރު، އެ ގައުމުގެ "އޮރިޖެން" ޖަމިއްޔާއާއެކު ފަންނީ މަޝްވަރާތައް ބާއްވައި، އެ މޮޑެލްގެ މައިގަނޑު އުސޫލުތައް ވަނީ ރާއްޖެއާއި ކުޅުދުއްފުށީގެ އިޖުތިމާއީ މާހައުލާ ގުޅޭގޮތަށް ބައްޓަންކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މަނަސް ހަބަކީ އާންމު ކްލިނިކަލް ނުވަތަ ހޮސްޕިޓަލް މާހައުލަކާ ތަފާތުކޮށް، ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ ހާއްސަ ތަނެއް ކަމަށެވެ. އަދި މި ހަބުގެ މޮޑެލް ބިނާވެފައިވަނީ ނަފްސާނީ އެހީތެރިކަމަކީ ހަމައެކަނި ހާލަތު ނުރައްކާވުމުން ހޯދާ ހިދުމަތަކަށް ނުހަދައި، ދުރާލައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހައްމިއްޔަތުކަން ދިނުމުގެ މައްޗަށް ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މި މަރުކަޒުގެ ޚިދުމަތްތައް ކުރިއަށްދާނީ ސިޓީ ކައުންސިލްގެ ނޮލެޖް، ކަލްޗަރ އެންޑް ވެލްބީއިންގް ޔުނިޓުގެ ބެލުމުގެ ދަށުން، ނޮލެޖް ސެންޓަރުގައެވެ. މި ހަބް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ދިޔައީ 2024 ވަނަ އަހަރު އޮސްޓްރޭލިއާގެ އޮރިޖެން ޓީމާއި ޕްރޮފެސަރ ޕެޓް މެކްގޮރީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ކުޅުދުއްފުށީގައި ބޭއްވި މެންޓަލް ހެލްތު ކޭމްޕާއި "މައިންޑްފެސްޓް" އަދި މާލޭގައި ބޭއްވި ގައުމީ ޕޮލިސީ ފޯރަމަށްފަހު، މުޖުތަމައަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަން ދެނެގަތުމަށް ފަހުގައެވެ.

މަނަސް ހަބުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، މިހާރު ފެށިގެން ކުރިއަށްދާ ފުރަތަމަ މަރުހަލާގައި، ސްޓްރެސް މެނޭޖްކުރުމާއި ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމުގެ හުނަރުތައް ދަސްކޮށްދޭ ހޭލުންތެރިކަމުގެ ސެޝަންތަކާއި، ކެރިއަރ ގައިޑެންސް ދިނުމުގެ އިތުރުން، އެކުވެރި މާހައުލެއްގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ ބޯޑް ގޭމްސް ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެއެވެ.

ޑިސެމްބަރު މަހުގެ ފަހުން ފެށުމަށް ހަމަޖެހިފައިވާ ދެވަނަ މަރުހަލާގައި، ކްލިނިކަލް ސައިކޮލޮޖިސްޓްގެ ހިދުމަތާއި، އިނިޝިއަލް ސްކްރީނިންގް އަދި ރިފަރަލް ހަމަޖެއްސުމުގެ އިތުރުން ޑިޖިޓަލް މެންޓަލް ހެލްތު ސްކްރީނިންގް ތައާރަފްކުރާނެއެވެ. މީގެއިތުރުން، އާސަންދައިގެ ތެރެއިން މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށާއި، އެމެރިކާގެ "ފުލްބްރައިޓް ސްޕެޝަލިސްޓް ޕްރޮގްރާމް" އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަދި ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު (އެންސީއެމްއެޗް) ގުޅިގެން ކުރިމަގުގައި ހިދުމަތް އިތުރަށް ފުޅާކުރުމަށްވެސް ވަނީ ރޭވިފައެވެ.