ޖަނާޒާގެ ކަންކަން ނިމުމާއެކު އާއިޒާއެކު މާޔާ އެ ގެއަށް ދިޔައެވެ. ގެއަށް ވަނުމާއެކު އާއިޒްގެ ލޮލުގައި އަޅައިގަތީ މަންމަ ތާއަބަދު އިންނަ ސޯފާއެވެ. އަނެއްކާ ވެސް އޭނާއަށް ރޮވުނެވެ.

އެ މަންޒަރު ފެނި، އާއިޒްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުރި މާޔާގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. އާއިޒްގެ ބުރަކަށީގައި ފަހަތުން ހިފަހައްޓާލަމުން މާޔާ އޭނާ ގޮވައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތް އިރު ވެސް، އާއިޒަށް ބަލަހައްޓައިގެން ހުރެވުނީ ސޯފާއާ ދިމާލަށެވެ.

Ad
d

ކޮޓަރިއަށް ވަދެވުމާއެކު އެތެރެއަށް ހިފަހައްޓައިގެން ހުރި އާއިޒްގެ އުދާސްތައް ބޭރުކޮއްލިއެވެ. މާޔާގެ ގައިގައި ބާރަށް ބައްދައިގަންނަމުން، ރޯން ފެށި އިރު މުޅި ކޮޓަރި ގުގުމަމުން ދިޔައީ އެ ހިތާމައިގެ އަޑުންނެވެ. އޭރު އާއިޒްގެ މުޅި ހަށިގަނޑު ތުރުތުރުލަމުން ދެއެވެ. އެ ވަގުތު އާއިޒް ހަމައަކަށް އަޅުވަން ދައްކާނެ ވާހަކައެއް މާޔާއަކަށް ނޭނގުނެވެ. އޭނާ މަޑުމަޑުން އާއިޒްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެތައް އިރެއް ވަންދެން ރުއިމަށްފަހު، އާއިޒް އެނދުގައި އޮށޯތީ ވެސް މާޔާގެ އެހީގައެވެ.

" އަހަރެން އެބަ އަންނަން ޖޫސްތައްޓެއް ހިފައިގެން." މާޔާ ބުންޏެވެ.

" ނޫން. ނުދޭ. އަހަރެން އެއްވެސް އެއްޗެއް ނުބޯނަން." އާއިޒް މާޔާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ބުންޏެވެ.

" އެކަމަކު... ކޮން އިރެއް ފެންފޮދެއް ވެސް ނުބޮނީ. އާއިޒް ބަލިވީމަ އަހަރެން ކިހާ ދެރަވާނެ." އޭރު މާޔާއަށް ވެސް ރޮވެން ފެށިއެވެ.

" އެކަމަކު ވެސް މިރޭ އެއްވެސް އެއްޗެއް ނުކެވޭނެ. އަހަރެން ބޭނުމީ ނިދޭތޯ ބަލަން. އަހަރެން ވަރަށް ވަރުބަލިވެއްޖެ." އާއިޒް ބުންޏެވެ.

އާއިޒާ ދެ ކޮޅަށް އެ ވަގުތު އެއްވެސް ކަމެއް ނުކުރެވޭނެކަން މާޔާއަށް އެނގެއެވެ. އެހެންވެ، އާއިޒަށް ނިދެން ދެން މާޔާ އޭނާގެ ކައިރީ މަޑުކުރިއެވެ. އާއިޒްގެ ބޯ އިސްތަށިގަނޑުގައި ފިރުމާލަފިރުމާލަ އޭނާ އިނީ އާއިޒްގެ މޫނަށް ނަޒަރު ހުއްޓައިގެންނެވެ.

އާއިޒް ދޫކޮށްފައި ގެއަށް ދާކަށް މާޔާއަކަށް ނުކެރުނެވެ. އެހެންކަމުން އާއިޒަށް ނިދުމާއެކު އޭނާ ޒިމްނާއަށް ގުޅިއެވެ.

" ގަދަކަމުން އެއްޗެއް ނުދެވޭނެއެއްނު. އެއްވެސް އެއްޗެއް ނުކައި. އަހަންނަކަށް ނުކެރޭނެ މިރޭ އާއިޒް އެކަނިކޮށްފައި ދާކަށް." މާޔާ ބުންޏެވެ.

" ދެން ކައިވެނި ކުރަން ވެސް އޮތީ ދެ ތިން ދުވަހެއްނު. މާޔާ ޗޭންޖު ވާންވީނު ތި ގެއަށް. އާއިޒް ވެސް އެކަންޏެއް ނުވާނެ އޭރުން." ޒިމްނާ ބުނެލިއެވެ.

އެއީ އެންމެ ރަނގަޅު ގޮތްކަމުގައި އެ ވަގުތު މާޔާއަށް ވެސް ވިސްނުނެވެ.

ޒިމްނާ އޮފީހަށް ވަންނަ މަންޒަރަކީ ނަޖާހު އެންމެ ދެކެން ބޭނުންވާ މަންޒަރެވެ. އެއީ އޭނާގެ ފަހަތުން ކޮންމެ ދުވަހަކު ވެސް މާޔާ އަންނާތީއެވެ. މާޔާ ފެެންނާނީ ވެސް އޭނާގެ ރީތި ހިނިތުންވުމާއެކީއެވެ. ނަމަވެސް މިއަދު ޒިމްނާ އެކަނި އައުމުން ނަޖާހު ކަންބޮޑުވެއްޖެއެވެ.

" އޭ! މިއަދު އެކަނިތަ؟" ނާހާ ނުހުރެވިގެން ނަޖާހު އެހިއެވެ.

" ނޭނގޭތަ؟ އާއިޒް މަންމައަށް ހާޓްއެޓޭކެއް ޖެހިގެން ނިޔާވިކަމެއް." ޒިމްނާ އިށީންނަމުން ބުންޏެވެ.

" ވަޓް؟ ނޭނގެ އަހަންނަކަށް. " ނަޖާހަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

" އެހެންވެ މާޔާ މަޑުކުރީ އާއިޒް ކައިރީ. އެ މީހުން ކައިވެނި ކުރާނެ މި ހަފްތާ ނިމޭއިރަށް." ޒިމްނާ އަވަސް އަވަހަށް ބުނެލިއެވެ.

" ވަޓް؟ " މި ފަހަރު ނަޖާހަށް ލިބުނީ މާ ބޮޑު ސިހުމެކެވެ.

" ކޮން ވަޓެއްތަ ތި ކިޔަނީ؟ ކަލޭ ތި އުޅެނީ ދުނިޔޭގައިތަ؟ އެ މީހުން ކައިވެނި ކުރާކަމެއް ވެސް ނޭނގެ؟" ޒިމްނާ ސަމާސާ ރާގަކަށް ބުންޏެވެ.

" އެނގޭ ކުރާކަން. އެކަމަކު މިހާ އަވަހަށް ކައިވެނި ކުރާކަމެއް ނޭނގެ." ނަޖާހުގެ އަޑުގައި ހުރި އަސަރުތައް ޒިމްނާއަށް ދެނެގަނެވުނެވެ.

" ތެޔޮނާށި ކާޅު ޖަހައިގަތީތަ؟" ޒިމްނާ އަހައިލީ ދިމާކޮއްލުމުގެ ގޮތުންނެވެ.

" ސެޓު ވޭތޯ ހުއްޓާ އެހެން މީހަކު ގެންދިޔައިމަ ތިހެން ވެސް ބުނެވިދާނެ." ނަޖާހު ބުންޏެވެ.

އެއާއެކު ޒިމްނާ ދެ ފަރާތަށް ބޯ ހޫރާލަމުން ހިނިގަނޑެއް ޖަހާލިއެވެ.

" ނަޖާއާ މާޔާ މަށަށް ވަރަށް ގުޅޭ. މިޒާޖު ވަރަށް އެއް ގޮތް. ތި ދެ މީހުން ކައިރީ މަ ހުންނަނީ ހީހީ އަވަދިވެފަ އަބަދުވެސް." ޒިމްނާ ބުންޏެވެ.

ހިތުގައި އަޅަމުން ދިޔަ ވޭނުގެ އަސަރުތައް މޫނުމަތިން ފެނި ދާނެތީ ނަޖާހު ހުރީ ވަރަށް ވިސްނައިގެންނެވެ. އޭރު އޭނާގެ ހިތަަށް އުނދަގޫ ވެގެން ހިތް ތެޅިފޮޅެމުންދެއެވެ. މާޔާ އެހެން މީހަކަށް ލިބޭކަށް އޭނާ ފަހަރެއްގައި ވެސް ބޭނުމެއް ނޫނެވެ.

" އާއިޒް ކަހަލަ ލޮނު މަޑު މީހަކަށް އަހަރެންގެ މާޔާ ނުބެލެހެއްޓޭނެ." ނަޖާހުއަށް ހިތާހިތާ ބުނެލެވުނެވެ.

ކޮފީތައްޓެއް ހިފައިގެން މާޔާ އައިސް އާއިޒްގެ ކޮޓަރިއަށް ވަތް އިރު އާއިޒް އިނީ އެނދުމަތީގައެވެ. އާއިޒާ ދާދި ގާތުގައި އިށީންނަމުން މާޔާ، ކޮފީތަށި ދިއްކޮށްލުމާއެކު އާއިޒް މާޔާގެ މޫނަށް ފުންނަޒަރަކުން ބަލައިލިއެވެ. މާޔާ ހިނިތުންވެލީ އާއިޒަށް އުފާވެރިކަމެއް ގެނެސްދެވޭތޯއެވެ.

" އަހަރެންގެ މަންމަދެކެ މާޔާ ރުޅި އާދޭ ދޯ؟ " އުއްމީދުވެސް ނުކުރާ ސުވާލެއް ކުރިމަތި ވުމުން މާޔާއަށް ލިބުނީ ހައިރާންކަމެވެ.

އެ ވަގުތު އަތުގައި ހުރި ކޮފީތަށި ތުރުތުރު އަޅައިގެން ދިޔައެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ދުރުގައި ހުރި މޭޒުމަތީ ކޮފީތަށި ބެހެއްޓުމަށްފަހު އެނބުރި އައިސް އާއިޒާ ދާދި ގާތުގައި އިށީނެވެ. އެއަށްފަހު އާއިޒްގެ ފިނިވެފައިވާ އަތުގައި ބާރުބާރަށް ހިފަަހައްޓާލިއެވެ.

" ތިހެން ނުބުނޭ އާއިޒް. އެ ރޭ ކަންތައްވީ ގޮތުން އަހަންނަށް އެ ގޮތަށް ވާހަކަ ދެއްކުނީ. " މާޔާއަށް ރޮވެން ފެށިއެވެ.

" މާޔާ އެހެން ހެދީމަ އަހަންނަށް ވެސް މަންމައާ ވާހަކަ ދެއްކުނީ ވަރަށް ރޫޑްކޮށް. އެކަމާ އަހަރެން ވަރަށް ދެރަވޭ." ބެދިފައިވާ އަޑަކުން އާއިޒް ވާހަކަ ދެއްކިއެވެ.

" އަހަންނަށް މަޢާފްކުރޭ އާއިޒް. އަހަރެންގެ ނިޔަތް ގޯހެއް ނުވާނެ. " މާޔާ ބުންޏެވެ.

"އަހަރެންގެ ހިތަށްއެރި، ކައިވެންޏަށްފަހު މި ގޭގައި އުޅޭއިރު މަންމަ ހުރި ނަމަ، މާޔާއާ ދެމީހުންގެ ދެމެދުގައި ހާދަ ހަމަނުޖެހުމެއް ހިނގާނޭ. މާޔާގެ ދުލުން މަންމަގެ ޝަކުވާތައް އިވޭނެޔޭ، އަދި އެ ދެމެދުގައި ހިފަހައްޓަން ވެގެން އަހަރެން ޖެހޭނީ މަންމައާ ދެކޮޅަށް ތެދުވާށޭ. ކާކަށް އެނގެނީ.. މަންމައާ މެދު އަހަރެންގެ ހިތުގައި އޮތް އެ ޝަކުވާތަކާ އެ ނުބައި ވަސްވާސްތަކުގެ ސަބަބުން، އެ ކަލާނގެ މަންމަގެ ފުރާނަ ގެންދެވީ ކަމަށް ވެސް ވެދާނެ އެއްނު" އާއިޒްގެ ތުުރުތުރުއަޅާ އަޑުން ދެއްކި ވާހަކަތަކުން މާޔާއަށް ރޮވިއްޖެއެވެ.

" ނޫން އާއިޒް!" މާޔާއަށް ކޮޅަށް ތެދުވެވުނެވެ.

" އަހަންނާ މެދު ތިހާ ނުބައިކޮށް ނުވިސްނާ. " މާޔާ އަނެއްކާ ވެސް ބުންޏެވެ.

" ވިސްނާކަށް ބޭނުމެއް ނޫން. އެކަމަކު އަހަރެންގެ ހިތަށް އެ ނޫން އެއްޗެއް ނާރަ. މާޔާ ފެނުނަސް އަހަރެންގެ ހިތް އަހަރެން ކުށްވެރިކުރޭ. މާޔާއަށް އެނގޭތަ އަހަންނާ މަންމައާ އެންމެ ފަހުން ދެކެވުނު ވާހަކަ؟ މާޔާއަށް އެނގޭޔަ މަންމަ ދުނިޔޭގައި ހުރި އިރު، އަހަރެން ގާތު އެންމެ ފަހުން ބުނި ޖުމްލަ؟ އަޑުއަހަން ބޭނުންތަ؟" އާއިޒްގެ ކޮންމެ ޖުމްލައަކުން މާޔާގެ ހިތް ކެފެމުން ފޮތިވަމުން ދާ ކަހަލައެވެ.

ގިސްލަގިސްލާފައި ރޮމުން ދިޔަ މާޔާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

"އަހަރެން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަންމަގެ ކުރިމަތީގައި މާޔާ ދިފާޢު ކުރިން. މަންމަ ބުނީ، އަހަރެން ކުރަން މިއުޅެނީ މަންމަ ޤަބޫލުކަމެއް ނޫނޭ. ގޮތް ނިންމާނީ އަހަންނޭ. މަންމަ ޤަބޫލެއް ނޫނޭ މާޔާ އާ އިންނާކަށް. " އާއިޒް ގޮސް މާޔާގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ.

އެއާއެކު އާދޭހުގެ ނަޒަރަކުން މާޔާ އާއިޒްގެ ދެ ލޮލަށް ބަލައިލީ ރޮމުންނެވެ.

" އަހަރެން ބުނި އެތި އެނގޭތަ؟ މަންމަ ނުޤަބޫލަސް އަހަރެން މިކަން ކުރާނަމޭ. މާޔާއަށް މަންމަ ހިތްބަރު ނުކުރާށޭ. މިއީ އަހަރެންގެ އެންމެ ފަހު ޖުމްލަ. މަންމަ އެންމެ ލޯބިވާ ދަރި މަންމަ ދުނިޔޭގައި ހުއްޓާ އިއްވާލި އެންމެ ފަހުގެ ބަސްތައް. މާޔާ! އަހަރެން މި ހުރީ މަންމަ ހިތުގައި ޖައްސާފަ. ކިހިނެއް އެނގެނީ އެ ހިތާމައިގައި ނޫންކަމެއް މަންމަގެ ހިތް ފަޅައިގެންދިޔައީ. މާޔާ! މަންމަގެ މަރުގެ ޒިންމާ އަހަރެން ނަގަންޖެހޭނެ." އާއިޒް ބުންޏެވެ.

އެއާއެކު މާޔާ ދެ ލޯ ބޮޑުކޮށްގެން ހުރެ އާއިޒްގެ ގައިގައި ބާރަށް ބައްދައިގަތެވެ.

" ތިހެން ނުބުނޭ އާއިޒް. ތިކަހަލަ ވާހަކަ ނުދައްކާ. ކަންތައް ވާނެ ގޮތެއް އެއްވެސް އިންސާނަކަށް ނޭނގޭނެ. ތިއީ އާއިޒަށް ވެސް އަދި އަހަންނަށް ވެސް ބާރުފޯރުވޭނެ ކަންކަމެއް ނޫން." މާޔާ އެހެން ބުނުމާއެކު އާއިޒް މަޑުމަޑުން މުށިތައްމަތީ އިށީނެވެ.

" އެކަމަކު މުޅި އުމުރު ދުވަހު އަހަރެން މި ހިތާމަ ކުރާނެ. މަންމަ ދެރަކޮށް، ރޮއްވީ އަހަރެން. މާޔާއަށްޓަކައި. " އާއިޒް ބުނެލިއެވެ.

މާޔާ އާއިޒްގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި އިށީނެވެ. އަދި އާއިޒްގެ މޫނުގައި ދެ އަތުން ހިފައްޓާލިއެވެ. އޭރު ކަރުނައިން އާއިޒްގެ މުޅި މޫނު ފޯވަމުންދެއެވެ.

" މަންމައަށް ހެޔޮ ދުޢާ ކުރާނީއޭ ދެން. އާއިޒް ތިހެން ނުވިސްނާ. ހެޔޮނުވާނެ." މާޔާ ބުންޏެވެ.

އެ ވަގުތު އާއިޒް ދުރަށް ޖެހިލިއެވެ. އަދި މަޑުމަޑުން ތެދުވެ މާޔާއަށް ފުރަގަސްދިނެވެ.

" ތި ސޫރަ ފެންނަ ކޮންމެ ފަހަރަކު އަހަންނަށް އަހަރެންގެ ނަފްސު ކުށްވެރި ކުރެވޭ. އަހަރެން މަންމައާ ދެކޮޅަށް ތެދުވަން ޖެހުނީ މާޔާއަށްޓަކައި. " އާއިޒް ބުނެލިއެވެ.

މާޔާ އަވަސް އަވަހަށް ތެދުވެގެން ގޮސް އާއިޒްގެ ކުރިމައްޗަށް އެރީ ހިތަށް ވެރިވި ބިރުވެރިކަމަކުންނެވެ.

" އާއިޒް. އަހަންނަށް އެނގޭ އާއިޒަށް އަދި ވަގުތު ބޭނުންވާނެކަން. އަހަރެން މި ތަނުން ދާންވީތަ؟ މި ވަގުތު އާއިޒަށް ކޮންމެ އެއްޗެއް ވެސް ވިސްނިދާނެ." މާޔާއަށް ބުނެލެވުނެވެ.

" މާޔާ މި ތަނުން ދިޔަޔަސް، އަހަރެންގެ ލޮލަށް ދުވަހަކު ނުފެނުނަސް މި ހިތި ޙަޤީޤަތް ބަދަލުވާނެތަ؟ " އާއިޒްގެ ސުވާލާއެކު މާޔާ ހުއްޓުން އެރިއެވެ.

މަޑުމަޑުން އޭނާ އާއިޒާ ގާތް ވެލިއެވެ. އާއިޒްގެ އަތުގައި ހިފަހައްޓާލަމުން ދެ ލޯ ބޮޑުކޮށްގެން ހުރެ މާޔާ އާއިޒަށް ބަލަމުން ދިޔައެވެ.

" ކީކޭ ބުނަން ތިއުޅެނީ؟ އާއިޒް އަހަރެން ނުތަޅުވާ! ބުނޭ! ކީކޭ ކިޔަން ތި އުޅެނީ؟" މާޔާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

" އަހަރެން މާޔާ ދެކެ ވަރަށް ލޯބިވޭ. އިންތިހާއަށް ލޯބިވޭ. ނިހާޔަތަށް ލޯބިވޭ. އެކަމަކު... އެކަމަކު... މިހާރު އަހަންނަށް އެ ލޯތްބަކީ އަނިޔާއަކަށް ވެއްޖެ." އާއިޒް ބުންޏެވެ.

"ނޫން ނޫން ނޫން.. އާއިޒް ނޫން! ތި ވިސްވަނީ ގޯސްކޮށް ދޫނީ. ފަހުން ހަމަޖެހިލައިގެން ވިސްނާލާނީ. އަހަރެން މިއީ އެހާ ގޯސް މީހެއް ނޫން. އަހަރެންގެ ހިތެއް ވެސް މީހުންނަށް ގޯހެއް ނުވާނެ. އެނގެއެއްނު އަހަރެން. އާއިޒަށް އަހަރެންގެ ގޮތް އެނގެއެއްނު." މާޔާގެ އަޑުގައި ދިޔައީ ރޫރޫ އަޅަމުންނެވެ. ހާސްވެފައިވާ ޙާލު އޭނާ އާއިޒްގެ މުޅި ހަށިގަނޑުގައި ފިރުމަމުން ދިޔައީ އާއިޒް ހަމައަަކަށް އެޅުވޭތޯއެވެ. އަދި އާދޭހާއެކު އާއިޒްގެ މޭގައި ގޮށްމުށުން ތަޅައިގަނެވުނުއިރު، އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ކޯތާފަތް ތެމި ފޯވެއްޖެއެވެ.

އޭރު ވެސް އާއިޒް ހުރީ ހިތާމައިން ފުރިގެންވާ ނަޒަރަކުން މާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. އާއިޒްގެ މޫނުމަތިން ފެންނަމުން ދާ ފުން ރިހުމުން ކެތް ނުވެގެން މާޔާއަށް ބާރުބާރަށް އާއިޒްގެ މެދުހަށީގައި ބައްދައިގަތެވެ. ނަމަވެސް އާއިޒްގެ އަތް ދޫކޮށްލެވިފައި އޮތީ ތިރިއަށެވެ. މާޔާގެ ހަށިގަނޑުގައި ބީހިލުމުގެ ހިތްވަރެއް ނެތް ފަދައިން އޭނާ ހުރީ ގަނޑުވެފައެވެ.

( ނުނިމޭ)

Ad
df

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)