ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.
ފުލުހުންގެ އިދާރާއިން މިއަދު ހެނދުނު މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ މެންދަމު 2:55 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.
މި އެކްސިޑެންޓުގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާވި މީހުންނަށް މިހާރު ދަނީ ސިއްހީ އަވަސް ފަރުވާ ދެމުންނެވެ.
އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
އޭގެ އިތުރުން، މި އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންވެސް އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!