ސެޕްޓެމްބަރު 30 އަދަދާއި ގުޅޭ:

އާއިޒް މާޔާއަށް ގޮވަމުން ބާރަށް ހިނގައިގަތް ނަމަވެސް، އޭނާއަށް އެ ހިސާބަށް ދެވުމުގެ ކުރިން މާޔާ ކާރަށް އަރައި ދޮރު ޖަހައިފިއެވެ. ކާރު ދުއްވާލި ވަގުތު، ކާރުގެ ބިއްލޫރިގަނޑުން މާޔާގެ ރޮވިފައިވާ މޫނު ފެނި، އާއިޒް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ.

Ad
d

ދެން އާއިޒް އަވަސްވެގަތީ މާޔާއަށް ގުޅައިގެން ވާހަކަ ދެއްކުމަށެވެ. ބާރުދުވެލީގައި ދިޔަ ކާރާ ދިމާލަށް ބަލަހައްޓައިގެން ހުރެ، އޭނާ މާޔާއަށް ގުޅަމުން ދިޔައީ ހާސްހިތަކައިގެންނެވެ. ނަމަވެސް މާޔާ ފޯނެއް ނުނެގިއެވެ. އެންމެފަހުން އާއިޒަށް ޖެހުނީ، މާޔާއާ ވާހަކަ ދައްކަން އޭނާ ކުރި މަސައްކަތް ހުއްޓާލާށެވެ.

އާއިޒް އެނބުރި ގެއަށް ވަނުމާއެކު ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ މަންމަގެ އަޑެވެ. މަންމަ އޭނާއާ އެ ވާހަކަ ދައްކާނެކަން އޭނާއަށް މާކުރިން ވެސް އެނގެއެވެ.

" އާއިޒް އިންނަން ތި އުޅެނީ ރަނގަޅު ކުއްޖަކާތަ؟" ޖަމީލާ އެހިއެވެ.

އާއިޒަށް ހިންދިރުވައިލެވުނެވެ. ކަމަކާމެދު، މަންމަ ގޮތެއް ކަނޑައެޅުމަށްފަހު، އެ ގޮތް ބަދަލު ކޮށްލުމަކީ ނުވާނެކަމެއްކަން އާއިޒަށް އެނގެއެވެ.

" އަދި ތި އުޅެނީ ކައިވެނި ނުކޮށް. އެކަމަކު މިހާރު ވެސް، އާއިޒްގެ މަންމައާ ދެ ބަސްވާން އެ ކުއްޖާއަށް ކެރިއްޖެ. އެހެން ކުއްޖެއްނަމަ، ނުކެރޭނެ އެ ގޮތަށް ވާހަކަ ދައްކާކަށް. މަށަށް ޔަޤީން." ޖަމީލާ ބުންޏެވެ.

" މަންމަ ބޭނުންވީ މާޔާގެ ގޮތް ބަލަންތަ؟ " އާއިޒަށް ބުނެލެވުނެވެ.

" ގޮތް ބަލާކަށް ނޫން އެހެން ބުނީ. އެކަމަކު މިހާރު އަހަންނަށް އެ ކުއްޖާގެ ގޮތް އެނގިއްޖެ." ޖަމީލާ ބުންޏެވެ.

" މަންމާ ޕްލީޒް. މާޔާއަކީ ހިތަށް އަރާ އެއްޗެހި ނުބުނެ ހުންނަ ކުއްޖެއް ނޫނޭ. މަންމަ ދައްކާ ވާހަކައަށް ހިތްބަރުކޮށްގެން އޭނަ ނުހުންނާނެ. އޭނަ ދެކޭ ގޮތް އެ ބުނީ މަންމަ ކައިރި. އެއީ އޭނަ ގޯސްވުންތަ؟ މާ ރަނގަޅެއްނު ސާފުކޮށް ބުނީމަ. " އާއިޒް، މާޔާ ދިފާޢު ކުރިއެވެ.

" އަހަންނަށް އެނގެޔޭ ކައިވެންޏަށްފަހު ހަނީމޫނަށް ދާއިރު، މަންމަ ގެންދަން އެއްވެސް މީހަކު ބޭނުން ނުވާނެކަން. އަސްލު ވެސް މަންމަ އެހެން ބުނީ މަޖަލަށް. އެކަމަކު މާ އަވަހަށް މާޔާ އޭނަގެ ކުލަ ދައްކާލައިފި." ޖަމީލާ ނުރުހުންވެފައި ހުރެ ބުންޏެވެ.

" ދެން މަންމާ! ކަމަކަށް ނަހަދަބަލަ. އެއީ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫނޭ. " އާއިޒް ބުންޏެވެ.

" ކުރަން ތިއުޅެނީ އަހަރެން އެހާ ޤަބޫލުކަމެއް ނޫން. ގޮތް ނިންމާނީ އާއިޒް." ޖަމީލާ ކޮޅަށް ތެދުވަމުން ބުންޏެވެ.

" އަހަރެންގެ ނިންމުމެއް ބަދަލެއް ނުވާނެ. އަންނަ ހަފުތާ މި ކައިވެނި ވެސް ކުރެވޭނެ. މަންމަ އަހަރެންދެކެ ލޯބިންވަންޏާ މާޔާއަށް ހިތްބަރު ނުކުރޭ." އާއިޒް އެހެން ބުނެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ވެސް ޖަމީލާ ހުރީ އާއިޒްގެ ކޮޓަރިއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނުމަށްފަހު އަނެއްކާ ވެސް އާއިޒް މާޔާއަށް ގުޅިއެވެ.

" ކީއްކުރަން ދެން ގުޅަނީ. އަހަންނަށް އެނގިއްޖެ އާއިޒަށް އަހަރެން ކަމު ނުދާކަން." މާޔާ ބުންޏެވެ.

" ދެންމެ މަންމަ ބުނެފި މަޖަލަށް ބުނި އެއްޗެކޯ އެއީ. " އާއިޒް އަވަސް އަވަހަށް މާޔާއަށް އޮޅުންފިލުވައިދިނެވެ.

" މަޖަލަކަށް ނޫން ބުނީ. އަހަރެން އެއްޗެއް ބުނީމަ، އަހަރެން ގޯސްކުރަން ވެގެން އާއިޒްގެ މަންމަ ދެން އެހެން އެ ކިޔަނީ. އަހަންނަށް އެނގިއްޖެ އާއިޒްގެ މަންމަގެ ގޮތް ވަރަށް ރަނގަޅަށް. އިނދެގެން ތި ގެއަށް ދިޔައީމަ ވެސް މަންމަ އުޅޭނީ އަހަރެން ކުށްވެރިކުރަން." މާޔާ ބުންޏެވެ.

އެއާއެކު އާއިޒަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" ތިހެން ނުބުނޭ މާޔާ. އަބަދުވެސް ވިސްނަންވާނީ ކަންތައްތައް ރަނގަޅުވާނެ ކަމަށް. އަހަރެން ބޭނުންވަނީ އަހަރެމެންގެ ދިރިއުޅުން ވަރަށް އުފާވެރިކޮށް ކުރިއަށް ގެންދަން. މަންމަ ގޭގައި އުޅުނަސް، އަހަރެމެން ދެ މީހުންގެ ކަންކަމާ ނުބެހޭނެއޭ މަންމައެއް. ޤަބޫލުކޮށްބަލަ." އާއިޒް ޔަޤީންކަމާއެކު ބުންޏެވެ.

" އާއިޒްއަށް އިތުބާރުކޮށްފައި އަހަރެން ކައިވެނި ކުރަން މި އުޅެނީ. އަހަންނަށް ދެރަގޮތެއް ނަހަދައްޗޭ." މާޔާ ބުންޏެވެ. އޭނާ އާއިޒްދެކެ އިންތިހާއަށް ލޯބިވެއެވެ. އާއިޒްއާ ދުރަށް ދާން ހިތަށް އަރުވަން ވެސް އޭނާ ބޭނުމެއް ނޫނެވެ.

" މަންމައާ މެދު ދެން ނުވިސްނައްޗޭ. " އާއިޒް ބުންޏެވެ.

އެ ދުވަހަށް ފަހު މާޔާ އާއިޒްގެ ގެއަކަށް ނުދެއެވެ. އާއިޒްގެ ބަސް އޭނާ ޤަބޫލުކުރި ނަމަވެސް، ކައިވެންޏަށްފަހު، އާއިޒްގެ ގެއަށް ދާން މާޔާ ހުންނަނީ ބިރުގަނެ، ޖެހިލުންވެފައެވެ.

" ތި ވާހަކަތަކުން އަހަންނަށް ހީވަނީ، އާއިޒްގެ މަންމަ އެހާ އޯކޭއެއް ނޫންހެން މާޔާއާ އިންނާކަށް. ބައެއް މީހުން ތިބޭނެ ދަރިން ކުރާ ކަންކަމަށް ނޫނެކޭ ނުބުންޏަސް، ހިތުން ނުރުހުންވެގެން އުޅޭ މީހުން." ޒިމްނާ ބުނެލިއެވެ.

އޭނާ އައިސް މޭޒު ކައިރީ އިން މާޔާގެ ކުރިމަތީގައި ހޫނު ކޮފީ ޖޯޑެއް ބެހެއްޓިއެވެ. މޯޅިވެފައިވާ މާޔާގެ މޫނުމަތިން ވެސް އޭނާ ވިސްނާވަރު ޒިމްނާއަށް އެނގުނެވެ.

" އަހަރެން ހަމަ ބިރު ގަންނަނީ. އަނެއްކާ ކުރަން މި އުޅެނީ ރަނގަޅު ކަމެއްބާއޭ ހިތަށް އަރަނީ؟" މާޔާ ބުންޏެވެ.

" އާއިޒް ރަނގަޅެއްނު ޔޫއަށް. އެހެންވީމަ ދެން ތިކަން ނުކުރަން އުޅޭނެ ކަމެއް ނެތް. މަށަށް ފެންނަނީ ކައިވެނިކޮށްގެން މައިދައިތަ ރުހޭ ގޮތަކަށް ފުރަތަމަ އުޅެން. ދެން އެނގިދާނެތާ ކަންތައްތައް ވާ ގޮތެއް. " ޒިމްނާ ހިޔާލު ދޭން ފެށިއެވެ.

" މައްސަލައަކީ އަހަންނަށް ކޮންޓްރޯލް ނުކުރެވޭތީ. ފެންނަ ކަންކަން ނުފެންނަ ކަމަށް ހެދިގެން ވެސް ނުހުރެވޭނެ. އަނެއްކޮޅުން އާއިޒަކީ އަހަރެން ދައްކާ ވާހަކަތަކަށް އަޅާނުލާ ކިޔާ ސްޓައިލްގެ މީހެއް. " ފުން ވިސްނުމެއްގައި އިނދެ މާޔާ ބުންޏެވެ.

މާޔާގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު، މޭޒުމަތީގައި އޮތް އޭނާގެ ފޯނު ރިންގްވާން ފެށިއެވެ.

" އާއިޒް." ފޯނު ސްކްރީނަށް ބަލައިލަމުން ޒިމްނާ ހެވިލާފައި އެހެން ބުނެ، މާޔާގެ އަތަށް ފޯނު ދިއްކޮށްލިއެވެ.

" އާދެބަ އައިޖީއެމްއެޗަށް ވަރަށް އަވަހަށް. މަންމަ ވަރަށް އިމަރޖެންސީގައި ގެނެސްގެން." ހާސްކަން އެކުލެވިފައިވާ އާއިޒްގެ އަޑަށް މާޔާއަށް ކޮޅަށް ތެދުވެވުނެވެ. ފުނިފުންޏަށް އޭނާއަށް ސުވާލުތައް ކުރަން ފެށުނީ ނުހަނު ބާރަށެވެ. ނަމަވެސް މާޔާގެ އެއްވެސް ސުވާލަކަށް ޖަވާބުދިނުމެއް ނެތި އާއިޒް ފޯނު ކަނޑާލައިފިއެވެ.

" އަޅެ ހިނގާބަ ސައިކްގަ ހޮސްޕިޓަލަށް. އާއިޒް މަންމަ ބަލިވެގެން. އޭނަ އެބަހުރި ވަރަށް ހާސްވެފަ." މާޔާ ބުންޏެވެ.

މޭޒުމަތީ ކޮފީތަށި ބެހެއްޓުމަށްފަހު، ދެ މީހުންނަށް ވެސް ދޮރާ ދިމާލަށް ދުއްވައިގަނެވުނީ އެއްފަހަރާއެވެ.

" އެ މަންޖެ ވެސް ނިދާފައި އޮތްކަން ނަސީބެއްނު." ސައިކަލަށް އަރަމުން ޒިމްނާ ބުންޏެވެ.

މާޔާއާއި ޒިމްނާ އެކުއެކީގައި ގޮސް ހޮސްޕިޓަލަށް ވަނީ ދުވަމުން ކަހަލަ ގޮތަކަށެވެ. ކަންބޮޑުވެފައި ހުރި އާއިޒް ފެނި، މާޔާގެ ހިތް ވިރުނު ކަހަލައެވެ. އޭނާ ދިޔަގޮތަށް، ގޮސް އާއިޒްގެ އަތުގެ މުލައްދަނޑީގައި ހިފައި މަންމަ ކޮބައިތޯ ސުވާލު ކުރީ ނުހަނު މަޑުމަޑުންނެވެ. އޭރު އާއިޒްގެ ލޮލުތެރޭގައި ވިދަމުންދާ ކަރުނަތައް ސާފުކޮށް މާޔާއަށް ފެނުނެވެ.

" އެތެރޭގަ. އަދި ވާނުވާ ނޭނގެ. " އާއިޒް ބުންޏެވެ.

" ކިހިނެއްވީ ކުއްލިއަކަށް؟" މާޔާއަށް އަނެއްކާ ވެސް ސުވާލު ކުރެވުނެވެ.

" ހެނދުނު ސޯފާގައި އިނދެފައި ވަރަށް ބާރަށް އަހަންނަށް ގޮވާލި އަޑަށް އަހަރެން ނިކުތީ. އޭރު މަންމަ އިނީ ފާޑަކަށް ވެއްޓިފައި ސޯފާއަށް. ގައިގައި ނެތް އެއްވެސް ކަމެއް. އެމްބިޔުލާންސަށް ގުޅައިގެން އަހަރެން...." އާއިޒަށް އެ ހިސާބަށް ބުނެވުމާއެކު ރޮވިއްޖެއެވެ.

" ހޭ! ދެން... ހިތްވަރު ކުރަންވާނެ. އިންޝާﷲ މަންމަ ރަނގަޅުވާނެޔޭ. ކޮބާ ދޮންތަ؟" އާއިޒްގެ ގައިގައި މަޑުމަޑުން ބައްދާލަމުން މާޔާ އެހިއެވެ.

" ނެތް ރާއްޖެއަކު." އާއިޒް ދިނީ ކުރު ޖަވާބެކެވެ.

" ދެން ހިތްވަރު ކުރަންވާނެ. ޓެސްޓްތައް ހަދާތީ ކަންނޭނގެ ގިނައިރުވަނީ." މާޔާ ބުންޏެވެ.

މާޔާއާ ނުހަނު ގާތުގައި ހުރި ޒިމްނާ ވެސް ހުރީ ނުހަނު ދެރަވެފައެވެ. އާއިޒަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް އަނގައިން ބުނެލަން އޭނާއަކަށް ވެސް ނުކެރުނެވެ.

ކުއްލިއަކަށް ޖަމީލާގެ އެހީތެރިޔަކަށް ގޮވާލި އަޑަށް ބާރުބާރަށް އާއިޒް ހިނގައިގަތެވެ. ފަހަތުން މާޔާ އާއި ޒިމްނާ ވެސް ދިޔައެވެ. އެތެރެއަށް ވަނުމާއެކު، ޑޮކްޓަރުގެ ފަރާތުން ލިބުނު ހަބަރަކީ އާއިޒަށް ޤަބޫލު ކުރަން އުނދަގޫވި ހަބަރެކެވެ.

"ޖަމީލާއަށް ވަނީ ވަރަށް ބޮޑު ހާޓްއެޓޭކެއް ޖެހިފައި. އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން، އެކަމަކު ވަރަށް ދެރަ... ޖަމީލާ އަޅުގަނޑުމެންނާ ވަކިވެއްޖެ،" ޑޮކްޓަރު އިސްދަށަށް ޖަހައިލަމުން މަޑުމައިތިރި އަޑަކުން ބުންޏެވެ.

އެ ވިހަ ޖުމްލަތައް ކަންފަތުގައި ޖެހުމާއެކު އާއިޒްގެ ދެފައިން ވާގިދޫވެ، ތަޅުންގަނޑުމައްޗަށް ތިރިވެވުނެވެ. މުޅި ދުނިޔެ އެނބުރިގަތް ފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މާޔާއަށް އަނގަމަތީގައި އަތްއަޅައިލެވުނު އިރު، ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އޭނާ މަޑުމަޑުން، ތަޅުންގަނޑުމަތީގައި ގަބުވެފައި އިން އާއިޒްގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.

މަންމަގެ ފުރާނަ ސަލާމަތްނުކުރެވުނު ކަމުގެ ހިތާމައިގައި އާއިޒް ރޮއިގަތްއިރު، މާޔާއާއި ޒިމްނާ ވެސް ހިތްވަރުކޮށް އާއިޒްގެ ހިތާމައިގައި ބައިވެރިވެ ހިތްވަރުދެމުން ގެންދިޔައެވެ. ޖަމީލާގެ ވަކިވުމުން އެ އެންމެންގެ ހަޔާތަށް ވެރިވެގެންދިޔައީ ބަޔާންކުރަން ދަތި ފަޅުކަމަކާއި ހިތާމައެކެވެ.

އާމިރާ، އޭނާގެ ފިރިމީހާގެ ބޭސްފަރުވާއަކަށް މެލޭޝިއާއަށް ގޮސް ހުރުމުން މަންމަގެ ޖަނާޒާގައި ބައިވެރިވާން އާދެވޭ ގޮތެއް ނުވިއެވެ. އެހެންވެ، އާއިޒް ބޭނުންވީ ވީ އެންމެ އަވަހަކަށް މަންމަގެ ޖަނާޒާގެ ކަންތައްތައް ނިންމާށެވެ. މަންމަގެ ރައްޓެހިން އައިސް އާއިޒަށް ހުރިހާ ކަމެއްގައި އެހީތެރިވެދިން އިރު އާއިޒް އިނީ ހަރަކާތެއް ނެތިފައެވެ.

މަންމައާއެކު ހޭދަކުރެވުނު ދުވަސްތައް ވަކިވަކިން އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ. ޅަފަތުގެ އެންމެ އުފާވެރި ދުވަސްތަކުން ފެށިގެން، އޭނާ ބޮޑުވެ މީހަކަށް ވުމާ ހަމައަށް ބައްޕައަކާނުލައި، މަންމަ ވެދިން ގުރުބާނީތަކެވެ. ކުޑައިރު ބަލިވެ އުޅުނު ރޭރޭ، ނިދި ނަގާލާފައި އޭނާގެ ބޮލުގައި ފިރުމަން އިންނަ ހަނދާނެވެ. ކިތަންމެ ދަތި ހާލެއްގައި ވެސް އާއިޒްގެ މޫނުމަތިން ހިނިތުންވުން ފަނޑުވިޔަނުދިނުމަށްޓަކައި މަންމަ ކުރި ބުރަ މަސައްކަތްތަކެވެ. އާއިޒް ކާމިޔާބީއެއް ހޯދާ ކޮންމެ ފަހަރަކު، ފަޚުރުވެރިކަމާއެކު މަންމަގެ ލޮލުން ފައިބާ އުފާވެރިކަމުގެ ކަރުނަތަކެވެ. އަދި އޮފީހުން ނިންމާފައި ގެއަށް އަންނައިރު، ކޮންމެ ދުވަހަކު ވެސް ކެތްމަދުވެފައި ސޯފާގައި އިންތިޒާރުގައި އިންނަ މަންމަގެ އެ ލޯބިވެތި ސޫރައެވެ.

މިއަދު އެ ހުރިހާ ހަނދާނެއް އައިސް އޭނާގެ ހިތް ކުދިކުދި ކުރަމުން ދިޔައީ، ދެން ދުވަހަކު ވެސް އެ ލޯބިވެތި އަޑު ނީވޭނެކަން އިހުސާސްވުމުންނެވެ. އެ އޯގާތެރި އަތުގެ ފިރުމުމަކަށް އެދި އާދޭސް ކުރިޔަސް، އެ ފުރުސަތު ދެން ދުވަހަކު ވެސް ނުލިބޭނެކަން ގަބޫލުކުރަން އޭނާގެ ހިތަށް ކެތެއް ނުވިއެވެ. ބައެއް ފަހަރު މަންމަ ކުރާ ކަންކަމާ އޭނާއަށް ދެކޮޅު ހަދައި ދެބަސް ވެވުނީތީ މިއަދު އޭނާ ދެރަވެއެވެ.

ޖަނާޒާގެ ކަންކަން ނިމުމާއެކު އާއިޒާއެކު މާޔާ އެ ގެއަށް ދިޔައެވެ. ގެއަށް ވަނުމާއެކު އާއިޒްގެ ލޮލުގައި އަޅައިގަތީ މަންމަ ތާއަބަދު އިންނަ ސޯފާއެވެ. އަނެއްކާ ވެސް އޭނާއަށް ރޮވުނެވެ.

( ނުނިމޭ )

Ad
df

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)