ދިވެހި އުފެއްދުންތެރިންގެ 6،000 އަށްވުރެ ގިނަ އުފެއްދުމާއެކު ބާއްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026"، "ރެޑީ ސެޓް މަޢުރަޒު 26" ގެ ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތުގެ ތެރެއިން ރަސްމީކޮށް ރޭ އިފްތިތާޙުކޮށްފިއެވެ.

އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މަޢުރަޒުގެ ރިވީލިންގ ވީޑިއޯއެއް ވަނީ ދައްކާލާފައެވެ. މި ވީޑިއޯގައި މިއަހަރުގެ އެކްސްޕޯ އާންމުންނަށް ފެންނާނެ ގޮތުގެ ނަމޫނާއެއް ވަނީ ހިމަނާފައެވެ. މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން މަޢުރަޒުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ރަސްމީކޮށް ސޮއިކުރުންވެސް ކުރިއަށްދިޔައެވެ.

Ad
rt

"ރެޑީ ސެޓް މަޢުރަޒު 26" ގެ ނަމުގައި މި އިވެންޓް ކުރިއަށްގެންދިޔައީ ހުޅުމާލެ ފޭސް 1 ގެ ދިރާގު ފަހަތުގައި އޮންނަ ބީޗު ސަރަހައްދުގައި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. މި ހަރަކާތުގެ ތެރެއިން ހަވީރުގެ ވަގުތުގައި އާއިލާތަކަށާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން މޫދު ކުޅިވަރުތަކާއި ބައުންސީ ކާސަލް ފަދަ މަޖާ ހަރަކާތްތައް ކުރިއަށްގެންދިޔައިރު، ރޭގަނޑު ވަނީ ލައިވް މިއުޒިކާއި ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތައް ގެނެސްދީފައެވެ.

މި އިވެންޓުގެ ތެރެއިން ރަސްމީކޮށް އިފްތިތާޙުކުރި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޮކްޓޯބަރު މަހުގެ 25 އިން ފެށިގެން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި މަޢުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަޢުރަޒުގެ ވާދަކުރުމުގެ ބައިގައި 6،000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ރަޖިސްޓަރީ ކޮށްފައިވާއިރު، 1،000 އަށްވުރެ ގިނަ އުފެއްދުންތެރިންގެ އުފެއްދުންތައް މި މައުރަޒުން ފެނިގެންދާނެއެވެ.

މި މަޢުރަޒުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޮޑުބެރު މުބާރާތާއި ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވާ ޓީމުތައްވެސް ރޭގެ ހަރަކާތުގައި ވަނީ އިޢުލާނުކޮށްފައެވެ. އެގޮތުން ސަޤާފީ މުބާރާތުގައި ބައިވެރިވާ ޓީމުތަކަކީ އެވޭލާ ބައި އިންކްލިކްސް، އެކްސްޓްރީމް ލެވެލް، ހިޔަލަ، ޕަރޕަލް ވިންގްސް، މާބައިދޫ ކައުންސިލް، ބ. ހިތާދޫ ޔޫތު ވިންގް ޖަމްޢިއްޔާ، އޮމަލަ، ޓީމް މަލަކާ އަދި އެމް.އެން.ޔޫ ޑާންސް ގްރޫޕެވެ. އަދި ބޮޑުބެރު މުބާރާތުގައި ވާދަކުރަނީ އެކަތި ބޮޑުބެރު، ސާދަ ތިރީސް އަށެއް، އެންދެރި ބޮޑުބެރު ގްރޫޕް، ރިދަމް ބޮޑުބެރު، ހޭވައްލާ ބޮޑުބެރު، ހޭވާލި ބޮޑުބެރު، މަންނަ ބޮޑުބެރު، ޗާލޭ ބޮޑުބެރު، އެމް.އެން.ޔޫ ބޮޑުބެރު އަދި މަންނަޔަންސް ބޮޑުބެރެވެ.

މީގެ އިތުރުން، މަޢުރަޒާ ގުޅުވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެކި ކުޅިވަރު މުބާރާތްތައްވެސް މި ހަރަކާތުގެ ތެރެއިން ވަނީ އިޢުލާންކޮށްފައެވެ. އެ މުބާރާތްތައް ކުރިއަށްގެންދަނީ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބަށިބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.