ދިރިއުޅުމުގެ ދަތިތަކާއި ނަފްސާނީ އެކި ގޮންޖެހުންތަކާއި ހާސްކަމުން އަރައިގަނެ، ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ގިނަގިނައިން ﷲ ހަނދުމަކުރުން" މި މައުޟޫޢަށެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މިއަދު މީސްތަކުން ވޭތިކުރަމުންދަނީ ހާސްކަމާއި ނަފުސާނީ ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްތަކެކެވެ. އަދި ދިރިއުޅުމުގެ ދަތިތަކާއި އެކި ފިކުރުތަކުގެ ޝަކުވާ ނުކުރާ މީހަކު މިއަދު މަދު ކަމަށް ޚުޠުބާގައި ބުންޏެވެ. ނަމަވެސް، މި ހުރިހައި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ މާތް ﷲ ހަނދުމަކުރުން ކަމަށާއި، އެއީ ހިތްތަކުގެ ދިރުން ކަމަށް ބަޔާންކުރިއެވެ. އަދި މާތް ﷲ ގެ ޙަޟްރަތާ ކުއްތަންވުމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ކުރު މަގަކީ ވެސް ޛިކުރުކުރުން ކަމަށާއި، އޭގެ ސަބަބުން ކާއިނާތުގައިވާ އެންމެހައި ނިޢުމަތްތަކަކީ އެކަލާނގެ ދެއްވި ތަކެތިކަން ޤަބޫލުކުރެވި، އެކަލާނގެ މަދަދާއި ނަޞްރު އަބަދުވެސް ވާކަން އިޙްސާސްކޮށްދޭ ކަމަށް ވެސް ބުންޏެވެ.
މާތް ﷲ ހަނދުމަކުރުން މައިގަނޑު ތިން ބަޔަކަށް ބެހިގެންވާކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، އޭގެ ތެރޭގައި ހިތުގެ އިޚްލާޞްތެރިކަމާއެކު ހަނދުމަކުރުމާއި، ދުލުން ޛިކުރުކުރުން އަދި ޢަމަލީ ގޮތުން ނުވަތަ ގުނަވަންތަކުގެ ޒަރީޢާއިން މާތް ﷲ ހަނދުމަކުރުން ހިމެނޭ ކަމަށެވެ. އެގޮތުން ހިތުން ހަނދުމަކުރުމަކީ ކައުނުގައިވާ މާތް ﷲ ގެ އުފެއްދުންތަކާމެދު ފިކުރުހިންގައި، އެކަލާނގެ ބައްލަވައިވޮޑިގެންވާކަން ދަނެ ބިރުވެތިވެ ވަކީލުކުރުމެވެ. ދުލުން ޛިކުރުކުރުމުގެ ތެރޭގައި ޤުރްއާން ކިޔެވުމާއި، ތަސްބީޙަ ކިޔުމާއި، ދުޢާކުރުމާއި، ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުން ހިމެނޭއިރު، ޢަމަލީ ގޮތުން ހަނދުމަކުރުމަކީ ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި، ޙައްޖާއި ޢުމްރާ ފަދަ އަޅުކަންތައް ކުރުމުގެ އިތުރުން މައިންބަފައިންނަށް އޯގާތެރިވެ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުންޏެވެ.
މީގެއިތުރުން، މާތް ﷲ ހަނދުމަކުރުމަކީ ޝައިޠާނާގެ ވަސްވާސްތަކުން ދުރުކޮށްދީ، ހިތްތަކުން ހާސްކަމާއި މޮޅިވެރިކަން ފިލުވައިދޭ އަޅުކަމެއްކަން ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ޛިކުރުކުރުމުގެ ސަބަބުން ހަށިގަނޑަށް ދިރުމާއި ބާރު ލިބި، މޫނުމަތީގެ އުޖާލާކަން ފާޅުވެ، ޣާފިލުކަމުގެ ނިދިން އިންސާނާ ހޭލައްވައިދޭ ކަމަށް ވެސް ބުންޏެވެ. އެހެނީ ޛިކުރުކުރުމަކީ ހިތުގެ ކާނާ ކަމަށާއި، ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ކަމަށް ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ އާޔަތް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، އެމީހެއްގެ ވެރިރަސްކަލާނގެ ހަނދުމަކުރާ މީހާއާއި އެކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލު ކަމަށެވެ. އަދި އަޅުތަކުން މާތް ﷲ އާ ކުއްތަންވުމަށް ކުރާ ކަންކަމަށް ސަވާބާއި ދަރުމަ ދެއްވުމުގައި އެކަލާނގެ ދީލަތިވަންތަކަން މާ އިތުރުވެގެންވާ ކަމަށާއި، އަޅަކު އެކަލާނގެއާ ކުއްތަންވުމަށް ކައިވަތެއްގެ މިންވަރަށް ކައިރިވެއްޖެނަމަ، އެކަލާނގެ އެ އަޅަކަށް މުށެއްގެ މިންވަރަށް ރަޙުމަތް ލައްވައި ކުއްތަންވެވޮޑިގަންނަވާކަން ޤުދުސިއްޔަ ޙަދީޘުން ސާބިތުވާ ކަމަށް ވެސް ބަޔާންކުރިއެވެ.
ޚުޠުބާ ނިންމާލަމުން ބުނީ، ޛިކުރުކުރުމަކީ ހަމައެކަނި މިސްކިތުގައި އިނދެގެން ކުރާ ކަމެއް ނޫން ކަމަށާއި، ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައި ވެސް އެކަން ކުރެވިދާނެ ކަމަށެވެ. އެގޮތުން ހިނގާފައި ދާއިރުގައްޔާއި، ސަވާރީގައި ދަތުރުކުރާއިރު، އޮށޯވެ އޮންނައިރު އަދި މަސައްކަތުގެ މައިދާނުގައި ވެސް ޛިކުރު ކުރެވޭނެ ކަމަށް ބުންޏެވެ. އެހެންކަމުން ބާއްޖަވެރިކަމަށް އެދޭ މީހާގެ ދޫ އަބަދުވެސް ﷲ ހަނދުމަކުރުން މަތީ ތެތްކަންމަތީ ބޭއްވުމަށާއި، މާތް ﷲ އަށް ތަޤްވާވެރިވެ، ސީދާވެގެންވާ ބަހުން ވާހަކަދެއްކުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!