27 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ:
" ދާ ތަނަކަށް މަންމަ ވެސް ގެންދައްޗޭ. " ޖަމީލާގެ ޖުމްލައިން މާޔާގެ އިތުރުން އާއިޒް ވެސް ދިޔައީ ސިހިގެންނެވެ.
ކައިވެންޏަށްފަހު ދެމަފިރިން އެކަނި ދާ ހަނީމޫން ދަތުރުގައި ބައިވެރިވާން މަންމަ އެދިދާނެ ކަމަކަށް، ފަހަރެއްގައި ވެސް އާއިޒް ހިތަކަށް ނާރައެވެ.
" މަންމަގެ ރައްޓެހިން ވަރަށް ގިނައިން ދާނެ އެ މީހުންގެ ދަރިންނާއެކު ތަންތަނަށް. ދަތުރު ވެސް ދާނެ. ޗުއްޓީތަކުގައި ބޭރު ޤައުމުތަކަށް ވެސް ދާނެ. އޭރު ވެސް މަންމަ ހިތަށް އަރާ އާއިޒް މީހަކާ އިނީމައޭ މަންމައަށް އެ ފުރުޞަތު ލިބޭނީ." ހެވިފައި އިނދެ ޖަމީލާ ބުންޏެވެ.
އެއާއެކު މާޔާ ގަދަކަމުން ހީލިއެވެ.
" އަދި ދެވޭނެޔޭ ހުރިހާ ތަނަކަށް ވެސް. އެކަމަކު އަސްލު އަހަރެމެން ދެ މީހުންގެ ފުރަތަމަ ދަތުރު ދާން ބޭނުން ވަނީ އެކަނި. " ހެވިފައި އިނދެ މާޔާ ބުންޏެވެ.
އެ އަޑު އިވުމާއެކު އާއިޒް ދިޔައީ ތުރުތުރުއަޅައިގަނެގެންނެވެ. އެއްވެސް އިޝާރާތަކާ ނުލައި، މާޔާ އެ ފަދަ އެއްޗެއް މަންމައާ ދިމާލަށް ބުނެފާނެކަމަކަށް އާއިޒް ހިއެއް ނުކުރެއެވެ.
ކުއްލިއަކަށް މުޅި ތަނަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެކެވެ. އެއާއެކު އާއިޒަށް ފެނުނީ، ހެވިފައި އިން މާޔާއާ ދިމާލަށް ބަލަހައްޓައިގެން އިން ޖަމީލާގެ މޫނުމަތީގައިވި ހިނިތުންވުން އެއްކޮށް ފިލައިގެން ގޮސް، މޫނު ބަނަވެގެން ދިޔަ ތަނެވެ.
އާއިޒް އަވަސްއަވަހަށް އިސްދަށަށް ޖަހައިލީ މަންމަގެ ލޮލާ ލޯ ސީދާކުރަން ނުކެރިގެންނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައީ ދެންމެ ދެންމެ ބޮޑު ތޫފާނެއް އުފެދިދާނެ ކަމުގެ ބިރުވެރިކަމުގައެވެ. ނަމަވެސް، ޖަމީލާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގަދަކަމުން ކަހަލަ ގޮތަކަށް ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތް ކުރިއެވެ.
"އާނ... އެއީ ވެސް ތެދެއް. އަލަތު ދެމަފިރިން އެކަނި ވަގުތު ހޭދަކޮށްލަން ބޭނުންވާނެތާ،" ވަރަށް މަޑުމައިތިރި، އެކަމަކު ހިތާމައިން ފުރިގެންވި އަޑަކުން ޖަމީލާ ބުނެލިއެވެ. އެ އަޑުގައިވި ރިހުން އާއިޒްގެ ހިތް ކުދިކުދިކޮށްލިއެވެ.
" އަހަރެމެން މާލެއިން ބޭރަށް ދާ ދެ ވަނަ ދަތުރު ގައިމު ވެސް މަންމަ ގޮވައިގެން ދާނީ." އަނެއްކާ ވެސް މާޔާ ވާހަކަ ދައްކަން ފެށިއެވެ.
އޭނާގެ އަޑުގައި ހުރީ އުފާވެރިކަމެވެ. އޭނާ ދެއްކި ވާހަކަ ޖަމީލާ ޤަބޫލު ކުރީކަމަށް ހިތާ، މާޔާ އިނީ ނުހަނު އުފަލުންނެވެ.
" ދެން... ހިނގާ ދާން." ކުއްލިއަކަށް އާއިޒް ބުނެލިއެވެ.
އެއާއެކު މާޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާންކަމާއެކު މާޔާ އާއިޒްގެ މޫނަށް ބަލަން އިނދެ ވާހަކަ ދައްކަން ފެށިއެވެ.
" ހާދަ އަވަހަކަށް؟ ދެންމެ އެއްނު މި އައީ އަދި." މާޔާ ބުނެލިއެވެ.
އޭރު އާއިޒް ހުރީ ކޮޅަށް ތެދުވެއެވެ. ޖަމީލާ ވެސް އިސް އުފުލައިގެން އިނދެ އާއިޒަށް ބަލަމުން ދިޔައެވެ.
" އާނ... އެއީ ކުއްލިއަކަށް ތަނަކަށް ދާން ޖެހިއްޖެ." އާއިޒް ބުންޏެވެ.
" އަހަރެން އިނދެފާނަމޭ މަންމަ ކައިރި." މާޔާ ބުންޏެވެ.
މާޔާ އިންކާރު ކުރާތީ އާއިޒް ހިތްހަމަނުޖެހުނެވެ. ނަމަވެސް މަންމަގެ ކުރިމަތީގައި އެއްވެސް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ.
"ނޫން، މާޔާ ވެސް ދާން ޖެހޭނެ. ވަރަށް މުހިންމު ކަމެއްގައޭ މި ދަނީ،" ވީހާވެސް މަޑުމައިތިރިކޮށް، އެކަމަކު ހަރުކަށި ރާގެއްގައި އާއިޒް ބުނެލިއެވެ. އޭނާގެ ލޮލުން ފެންނަމުން ދިޔަ ހާސްކަމާއި ނުތަނަވަސްކަން މާޔާއަކަށް ފާހަގައެއް ނުކުރެވުނެވެ.
އެ މަންޒަރު ބަލަން އިން ޖަމީލާ މަޑުމަޑުން އިސްޖަހައިލަމުން، ގަދަކަމުން ހިނިތުންވެލިއެވެ.
"ދަރިފުޅުމެން ކަމަކު ދާން އޮތިއްޔާ ދޭ ދެން.. އަދި ފަހުން ވެސް އާދެވިދާނެއްނު،" އޭނާގެ އަޑުގައިވި ހިތްހަމަނުޖެހުމާއި، މޮޅިވެރިކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.
އެއާއެކު މާޔާ ކުޑަކޮށް ތުންދަމައިލަމުން ސޯފާއިން ތެދުވިއެވެ. އޭނާއަށް އާއިޒްގެ އުޅުމަށް އައި ކުއްލި ބަދަލު ފަހުމެއް ނުވިއެވެ.
"ދަނީ އިނގޭ.. އަނެއްކާ ވެސް އެހެން ދުވަހަކުން އަންނާނަން." މާޔާ ބުންޏެވެ.
ޖަމީލާ ބޯޖަހައިލިއެވެ.
ގެއިން ނިކުމެ، ލިފްޓަށް އެރި އިރު ވެސް އާއިޒް ހުރީ ހިމޭނުންނެވެ.
" ކުއްލިއަކަށް ކޮންކަމެއް ޖެހިގެންތަ؟" ފޫހި ރާގަކަށް މާޔާ ބުނެލިއެވެ.
އެއާއެކު އާއިޒަށް ވަރުބަލިކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
" ކީއްވެތަ މަންމައާ އެ ގޮތަށް ވާހަކަ ދެއްކީ؟" އާއިޒް އެހިއެވެ.
" ގޮތަކަށް ވާހަކަ ދެއްކިންތަ އަހަރެން؟" މާޔާ އެހެން ބުނުމާއެކު ލިފްޓު ހުޅުވިއްޖެއެވެ.
އާއިޒްގެ ފަހަތުން މާޔާ ނިކުމެގެން ދިޔަ އިރު ވެސް އާއިޒް އެއްޗެއް ނުބުނެއެވެ.
" ހިތްހަމަ ނުޖެހުނީތަ؟" މާޔާ އެހިއެވެ.
" އަހަރެން ރައްދެއް ނުދޭއިރު، މާޔާ ކީއްވެ މަންމަ ދައްކާ ވާހަކައަށް ރައްދު ދެނީ؟" އާއިޒް ބުންޏެވެ.
އެއާއެކު މާޔާ ހުއްޓިއްޖެއެވެ. އާއިޒް އެ ބުނި ޖުމްލައިގެ މާނައިގެ ފުންމިން މާޔާއަށް ވިސްނުނެވެ.
އޭނާގެ ހިތުގައި ކުޑަ ރިހުމެއް އުފެދިގެން ދިޔައެވެ.
"އެހެންވީމާ އާއިޒް ބޭނުންވަނީ މަންމަ ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެން އަނގަމަޑުންލައިގެން ހުންނަންތަ؟" މާޔާގެ އަޑުގައި މިފަހަރު ހުރީ ޝަކުވާއާއި ނުރުހުމުގެ އަސަރެވެ.
"އަހަރެން ހަމައެކަނި ބުނީ އަހަރެމެންގެ ހަނީމޫނަށް ދާން ބޭނުންވަނީ ދެމީހުން އެކަންޏޭ. އޭގަ ކޮބައިތަ ގޯހަކީ؟ އަހަރެމެންގެ އަމިއްލަ ދިރިއުޅުމުގެ ނިންމުންތަކުގައި އަހަރެންގެ ބަހެއް ނޯންނާނެތަ؟"
އާއިޒް ފަސްއެނބުރި މާޔާއާ ދިމާލަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ފޫހިކަމެވެ.
"މާޔާ! މައްސަލައަކީ މާޔާ ދެއްކި ވާހަކައެއް ނޫން. މައްސަލައަކީ މާޔާ އެ ވާހަކަ ދެއްކި ވަގުތާއި ގޮތް،" އާއިޒް އަޑު ތިރިކޮށްލަމުން، އެކަމަކު ހަރުކަށިކަމާއެކު ބުންޏެވެ.
"އަހަރެން ގަސްދުގައެއް ނޫނޭ މަންމަގެ ހިތުގައި ޖައްސަން އެހެން ބުނީ!" މާޔާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.
"އަހަރެން ހަމަ ސީދާ ތެދަށް ބުނީ." މާޔާ ބުންޏެވެ.
އާއިޒް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އިސްޖަހައިލިއެވެ. ދެމީހުންގެ ދެމެދުގައި އުފެދުނު މި ބޮޑު ހަމަނުޖެހުމުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތައް ފަސޭހަ ނުވާނެކަން ދެމީހުންނަށް ވެސް ޔަގީންވިއެވެ.
" ދެން ތި ވާހަކަ ހުއްޓާލާ. މިކަމާ އަހަރެމެން ދެ މީހުން ރުޅިން އުޅޭކަށް ބޭނުމެއް ނޫން. އިތުރަށް މަންމައާ މާޔާގެ ވާހަކަތައް ދާނެ ގޮތެއް ނޭނގޭތީ އަހަރެން އަސްލު މި ނެރުނީ ވެސް. ކާރެއް ނަގަންތަ ގެއަށް ދާން؟" އާއިޒް ބުންޏެވެ.
އެއާއެކު ދެ ލޮލުން ކަރުނަ ފުހެލަމުން މާޔާ ނުރުހުންވެފައި އާއިޒަށް ބަލައިލިއެވެ.
" އަހަރެން މިހެން ރޮއިރޮއި ހުއްޓާ ތި ފޮނުވާލަނީ؟ " މާޔާ ބުނެލީ ދެރަވެގެންނެވެ.
އޭނާގެ އަޑުގައިވި ރިހުމާއި، ކަރުނުން ފުރިފައިވި ދެ ލޮލުން ފެންނަމުން ދިޔަ މާޔޫސްކަން އާއިޒްގެ ހިތުގައި ބޮޑު ކޫރުމެއް އެޅިއެވެ.
ނަމަވެސް މި ވަގުތު މާޔާ ބަހައްޓައިގެން، ވާހަކަ ދެއްކި ވަރަކަށް އިތުރަށް ވާނީ ގޯސްކަން އާއިޒަށް އެނގެއެވެ.
"މާޔާ، ޕްލީޒް ދެން ތިހެން ނުހަދާބަލަ،" އާއިޒް މާޔާއާ ކައިރިއަށް ޖެހިލަމުން މަޑުމައިތިރިކަމާއެކު ބުންޏެވެ.
"އަހަރެން މި ބުނީ މާޔާ ދެރަކޮށްލާފައި ފޮނުވާލާ ވާހަކައެއް ނޫނޭ. އަހަރެން ވެސް މިވަގުތު މިހުރީ ވަރަށް ބޮޑަށް ހާސްވެފައި. މި މޫޑުގައި ދެ މީހުން އެކުގައި ތިބެގެން އިތުރަށް ވާހަކަދައްކަންޏާ ހައްތަހާ މައްސަލަ ގޯސްވާނީ." އާއިޒް ބުނެލީ ވިސްނައިދިނުމުގެ ގޮތުންނެވެ.
"އެހެންވީމާ އަހަރެން ގެއަށް ފޮނުވާލީމަ ހުރިހާ ކަމެއް ރަނގަޅުވީތަ؟" މާޔާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.
"އާއިޒް ތި މަސައްކަތް ކުރަނީ އަހަރެންގެ އިހުސާސްތައް ދެނެގަންނާކަށް ނޫން. މި މައްސަލައިން ފިލަން ތި އުޅެނީ. މަންމަ ދެރަވެދާނެތީ ތި ބިރުގަންނަ ވަރަށް، އަހަރެންގެ މިހާވަރަށް ރޯ އިރު ވެސް އާއިޒަކަށް ކުޑަކޮށްވެސް އަސަރެއް ނުކުރޭތަ؟" މާޔާއަށް ބުނެވުނީ ބާރަށެވެ.
އޭރު ވެސް މާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހުއްޓުމެއް ނެތި ކޯތާފަތްމައްޗަށް އޮހެމުން ދިޔައެވެ. މަގުމަތިން ދާ ބައެއް މީހުންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓެން ފެށުމުން، އާއިޒް ވަށައިގެން ހޯދައިލީ ކަންބޮޑުވެފައިވާ ހާލުގައެވެ.
"ދެން މަގުމަތީގައެއް ނޫނެއްނު މި ވާހަކަތައް ދައްކާނީ،" އާއިޒް މާޔާގެ އަތުގައި ހިފަން އުޅުނެވެ.
ނަމަވެސް މާޔާ އޭނާގެ އަތް ފަހަތަށް ޖައްސައިލިއެވެ.
"ނޫން! އަހަރެން އަމިއްލައަށް ހިނގައިދާނަން. އާއިޒް ދޭ މަންމަ ކައިރިއަށް... އަހަންނާ ހެދި އާއިޒްގެ މަންމައަށް ލިބުނު ހިތާމަތައް ފިލާނީ އޭރުން." މާޔާ އެހެން ބުނެފައި އަވަސް ހިނގުމެއްގައި ގޮސް މަގުމަތިން ފެނުނު ޓެކްސީއަކަށް އަތް ނަގައި ހުއްޓުވިއެވެ.
އާއިޒް މާޔާއަށް ގޮވަމުން ބާރަށް ހިނގައިގަތް ނަމަވެސް، އޭނާއަށް އެ ހިސާބަށް ދެވުމުގެ ކުރިން މާޔާ ކާރަށް އަރައި ދޮރު ޖަހައިފިއެވެ. ކާރު ދުއްވާލި ވަގުތު، ކާރުގެ ބިއްލޫރިގަނޑުން މާޔާގެ ރޮވިފައިވާ މޫނު ފެނި، އާއިޒް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!