20 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ:
" އާނ.. ޖައްސާލަން ބޭނުމީ." މާޔާ ބުންޏެވެ.
" އޯކޭ އެހެންވިއްޔާ. " އާއިޒް ބުންޏެވެ.
މާޔާގެ ހިތަށް ތަދުވިއެވެ. ކައިވެނި ލަސްކުރަން ބޭނުންވިކަމަށް ބުނުމުން ވެސް އާއިޒް އެކަމާ ސުވާލެއް ނުކުރީމައެވެ. އެހާ ފަސޭހައިން އޭނާ ދިޔަދޭތީއެވެ. ނަމަވެސް އޭނާ ބޭނުންވީ ޝަކުވާ ނުކޮށް ގެއަށް ދާށެވެ. ކާރެއް ހުއްޓުވައިގެން އެއާ ދިމާލަށް ދިޔަ އިރު ވެސް އާއިޒް އެ ހުރިތާ ހުއްޓެވެ. މާޔާ ކާރަށް އެރުމާއެކު އާއިޒް ވެސް ހިނގައިގަތްތަން މާޔާއަށް ފެނުނެވެ. އަވަސް އަވަހަށް ސީޓުގައި ލެނގިލަމުން އޭނާއަށް ގައިން ބާރު ދޫކޮއްލެވުނީ ހަކަތަ ހުސްވެފައިވާ މީހެއް ފަދައިންނެވެ.
ގެއަށް ގޮސް ވެސް އޭނާ ފެންވަރާ ހިތެއް ނުވިއެވެ. ނުބައި އޮއިވަރެއްގައި ޖެހި، އޭނާގެ މުޅި ހަށިގަނޑު ގަދަ ކަނޑެއްގައި ދަތުރުކުރަމުންދާ ކަހަލަ އިހުސާސެއް އޭރު ކުރެވެމުންދެއެވެ. ހަށިގަނޑުން ވަރުބަލިކަމެއް ނުފިލިއެވެ. އެންމެ ފަހުން އެނދު ހުރަހަށް އޮށޯވެލުމަށްފަހު، އޭނާ އާއިޒަށް ގުޅިއެވެ.
" ކައިވެނި އަވަސްކުރުމާމެދު އަހަރެން އަދި ވިސްނަނީއޭ ބުނީމަ ކީއްވެ އެކަމާ ސުވާލު ނުކުރީ؟" އާއިޒް ފޯނު ނެގުމާއެކު މާޔާ އެހިއެވެ.
" އަހަރެން ބުނީމެއްނު، ކާން ތަނަކަށް ވަންނަން. " އާއިޒް ބުންޏެވެ.
" ނުކެވިގެންތަ މި އުޅެނީ؟ އަހަރެމެންގެ ކައިވެނި ލަސްވިޔަސް އޯކޭ؟ " މާޔާ ރުޅި އައިސްހުރެ ބުންޏެވެ.
" ހާދަ ރުޅި އައީ؟ " އާއިޒަށް ލިބުނީ ހައިރާންކަމެވެ.
" އާއިޒަށް އޯކޭ ދޯ ހަމަ ކޮންމެ ގޮތެއް ވެސް. އަހަރެން ދަނީއޭ ބުނީމަ، އާނ ދޭ! އަހަރެން ކޮންމެ އެއްޗެއް ބުންޏަސް އޯކޭ ވެފަ." މާޔާ ބުނެލީ ފޫހި ގޮތަކަށެވެ.
މާޔާ އެހެން ބުނުމުން އާއިޒް ދެރަވިއެވެ. އަނގައިން ނުބުނެ އިރުކޮޅަކު ހުރުމަށްފަހު އާއިޒް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
" އެއްޗެއް ކާނަންތޯ އެހީ އެ ވާހަކަ ދައްކާލަން ދާން ތަނަކަށް ވަންނަން ވެގެން. އެ ވާހަކައަކީ އޮފީސް ދޮރުމަތިން، ނޫނީ މަގު ދުވާރުމަތިން ދަމުން ދެއްކޭ ވަރަށް ވުރެ މާ ފުޅާކޮށް މަޝްވަރާ ކުރެވޭނެ ވާހަކަތައް. އެހެންވެ، ހަމަޖެހިލައިގެން ތިބެ، އެ ވާހަކަ ދައްކަން ބޭނުންވީ. އެކަމަކު ވެސް މާޔާ، ވަރުބަލިވެ، އަރާމުކޮއްލަން ބޭނުންވެގެން ގެއަށް ދާށޭ ބޭނުމީ ބުނީމަ، އަހަރެން ކީކޭ ބުނާނީ؟ ހުއްޓުވި ނަމަ މާޔާ ހިތަށް އަރާނެ އަހަރެން މާޔާއާ މެދު ނުވިސްނަނީއޭ. " އާއިޒް ބުންޏެވެ.
އާއިޒް އަސަރާއެކު ދެއްކި ވާހަކަތަކަށް ރައްދެއް ދޭކަށް މާޔާއަކަށް ނޭނގުނެވެ. އެއްޗެއް ނުބުނެ އެހެން އޮއްވާ ދެން ވެސް އޭނާއަށް އިވުނީ އާއިޒްގެ އަޑެވެ.
" އޯކޭ ދެން. މި އާދެވުނީ ގެއަށް. ބޭއްވީ." އާއިޒް އެހެން ބުނެ، ފޯނު ކަނޑާލިއެވެ.
މިހާރު މާޔާ އިނީ ހިތުގައި ޖެހިފައެވެ. އާއިޒް ދެއްކި ވާހަކަތައް އޭނާއަށް ވަރަށް އަވަހަށް ޤަބޫލު ކުރެވުނެވެ. އެއާއެކު އޭނާ އަވަސް އަވަހަށް އާއިޒަށް ގުޅަން ފެށިއެވެ. ނަމަވެސް އާއިޒް ފޯނަކަށް ޖަވާބެއް ނުދިނެވެ. ސޮރީ ބުނެފައި މާޔާ މެސެޖް ވެސް ކުރިއެވެ. އޭނާ ކުރި އެއްވެސް މެސެޖަކަށް އާއިޒްގެ ރިޕްލައިއެއް ނައެވެ. އެއާއެކު މާޔާގެ ކަންބޮޑުވުން ހައްތަހާ ދިޔައީ އިތުރުވަމުންނެވެ.
އާއިޒް ރުޅި އައީކަން މާޔާއަށް އެނގުނެވެ. ދެ މީހުންގެ މެދުގައި އެފަދަ މައްސަލައެއް ޖެހުނު މިއީ ފުރަތަމަ ފަހަރުކަމުން މާޔާއަށް ކަންތައް ކުރަންވީ ގޮތެއް ނޭނގުނެވެ.
" އެކަމަކު މިޒާޖަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން. މާޔާ ތިކަން ކުރަންވާނީ، އެ ހުރިހާ ކަމެއް ދެނެހުރެގެން. އެހެން ނޫނީ ފަހުން ހިތާމަކޮށް، އެކަން ކުރެވުނު މޮޔަ ހީވެދާނެ." ކުއްލިއަކަށް މާޔާގެ ސިކުނޑިއަށް ވެރިވީ މިއަދު ނަޖާހު ބުނެލި ޖުމްލައެވެ.
އެއާއެކު އަނެއްކާ ވެސް މާޔާގެ ހިތަށް އުނދަގޫވާން ފެށިއެވެ. އާއިޒްގެ މިޒާޖު ދަސްކުރަން ބޭނުމޭ ހިތަށް އެރިއެވެ. ނަމަވެސް ކޮންމެ ގޮތަކަށް އާއިޒް އުޅުނަސް، މާޔާ އޭނާދެކެ ވާ ލޯތްބަކަށް ބަދަލެއް ނާންނާނެކަން އޭނާއަށް އެނގެއެވެ.
" ކޮން ފައިދާއެއް އޮތީ؟ ކީއްކުރަން މިޒާޖު ދަސްކުރަންވީ؟ އާއިޒް ނޫން މީހެއްދެކެ ދެނެއް ލޯތްބެއް ނުވެވޭނެ. އޭނަ ނޫން މީހެއް ބޭނުމެއް ވެސް ނޫން. " މާޔާއަށް ބުނެލެވުނެވެ.
ފެންވަރައިގެން އާއިޒް ނިކުތީ ކާށެވެ. އޭރު ޖަމީލާ ބަދިގެ ތެރޭގައި އުޅެއެވެ. މާޔާއާ މެދު މަންމަ ކަންތައް ކުރި ގޮތުން އަދިވެސް އާއިޒް ހުރީ ހިތްހަމަނުޖެހިފައެވެ. އާއިޒްގެ މޫނުމަތީގައިވާ ފޫހިކަމުގެ ކުލަވަރުން އެކަން ޖަމީލާއަށް ނުހަނު އަވަހަށް ދެނެގަނެވުނެވެ.
" މި ގެއަށް އިތުރު މީހަކު އައީމައެއްނު މި ބަދިގެތެރެ ވެސް ފަޅު ފިލާނީ. " ބަދިގެއަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލަމުން، ޖަމީލާ ބުންޏެވެ.
ނަމަވެސް އާއިޒްގެ ފަރާތުން އެއްވެސް ބަހެއް ނުލިބުނެވެ. އޭނާ އެއް އަތުން ފޯނު ބަލަމުން، މަޑުމަޑުން ކަމުން ދިޔައެވެ.
" މަންމަ މި ކިޔާ އެއްޗެއް އިވޭތަ ދަރިފުޅާ. ދެން މާޔާއާ ވިޔަސް އަވަހަށް ކައިވެނި ކޮއްބަލަ." ޖަމީލާ ތަންކޮޅެއް ބާރަށް ބުނުމުން އާއިޒް ބަލައިލިއެވެ. އޭރު ޖަމީލާ ހުރީ ސީދާ އާއިޒަށް ބަލަހައްޓައިގެންނެވެ.
" ބޮޑު ޕާޓީއެއް ބާއްވާ ވަރަށް ލާރި އެއްކުރެވުނީމައެއްނު ކައިވެނި ކުރެވޭނީ. އަހަރެމެން ޕާޓީ ބާއްވާކަށް ބޭނުމެއް ނުވެޔޭ. އެކަމަކު މަންމަ އެގޮތް ބޭނުންވާތީ އަހަރެން މި ހުރީ ކައިވެނި ފަސްކުރަން ނިންމައިގެން." އާއިޒް ބުންޏެވެ.
ކުރިމަތީގައި ހުރި ގޮނޑި ދަމާލަމުން ޖަމީލާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" ނޫނޭނޫނޭ! ތިއީ އެއް ގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫން. ދަރިފުޅުމެން ބޭނުންވާ ގޮތަށް ކަންތައް ކުރީމަ ރަނގަޅުވާނެ. މަންމަމެން މުސްކުޅިން ދައްކާ ވާހަކައަކަށް އަޅައިލާނެކަމެއް ނެތް." ޖަމީލާ ވާހަކަ ދެއްކި ގޮތުން މި ފަހަރު ވެސް އާއިޒް ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް އޭނާ އެއްޗެއް ނުބުނެ އިނދެ އަނެއްކާ ވެސް ފޯނަށް ސަމާލުކަން ދިނެވެ.
" ދޮންތަ ވެސް ބުނި ޕާޓީ ނުބޭއްވިޔަސް ކައިވެނި ކުރާށޭ. " ޖަމީލާ ބުންޏެވެ.
" ދެން ތިކަމާ ވިސްނާނަން." އެހެން ބުނުމަށްފަހު އާއިޒް އަވަސް އަވަހަށް ކާމޭޒު ކައިރިން ތެދުވެއްޖެއެވެ.
" މާޔާ ނަންބަރު ގެނޭ މަންމައަށް. ގުޅައިގެން ވާހަކަ ދައްކާލާނަން." ޖަމީލާ ބުންޏެވެ.
އެ ވަގުތު ދޮރުމަތީގައި ހުރި އާއިޒް ކުރު ހިނިގަނޑެއް ޖަހާލިއެވެ.
" މާޔާ ހިތަށް އަރާނެ މަންމަ ހާދަ އަވަސް އަވަހަކަށް ހިޔާލު ބަދަލުވެޔޭ. ރޭގަ ވާހަކަ ދެއްކިގޮތާ މިއަދު ވާހަކަ ތި ދައްކާ ގޮތް ކިހާ ތަފާތު. މަންމައާއި ދޮންތައާ ވާހަކަ ދައްކައިގެން ރަނގަޅު ގޮތެއް ނިންމާފައި ބުނޭ. ޕާޓީ ބާއްވަންޏާ އަހަރެމެން ރުފިޔާ އެއްކުރަން ވަގުތު ބޭނުންވާނެ." އާއިޒް އެހެން ބުނެ، އިތުރަށް މަޑު ކުރުމެއް ނެތި ނިކުމެގެން ދިޔައެވެ.
ފެންވަރައިގެން ނިކުތުމާއެކު މާޔާއަށް ފެނުނީ އެނދުމަތީގައި އޮތް އޭނާގެ ފޯނު ދިއްލޭ މަންޒަރެވެ. ބާރުބާރަށް ގޮސް ފޯނު ނަގައި ހަލޯއޭ ބުނެލީ އުފާވެރިކަމާއެކުއެވެ.
" ހަލޯއެއް ނޫނޭ. އާއިޒާ ވާހަކަ ދައްކައިފިންތަ؟" މާޒިން އަވަސް އަވަހަށް ބުންޏެވެ.
މާޒިންގެ އަޑުގައި ހުރި އާދަޔާ ޚިލާފު ހާސްކަމުގެ އަސަރުތައް މާޔާއަށް އިހްސާސް ކުރެވުނު ކަހަލައެވެ.
" ދޮންބެ ކީއްވެތަ އެހާ އަވަސް އަރުވާލައިގެން ތި އުޅެނީ؟ " މާޔާ އެހީ އެނދުމަތީ އިށީނދެލަމުންނެވެ.
" ލަސްވިއްޔާ ފަހަރެއްގައި ތިކަން ނުވެދާނެތީ. ބައްޕަ އޯކޭވީ ވަގުތު އަވަހަށް ކައިވެނި ކުރަން ފޯމު ލައިބަލަ." މާޒިން ބުންޏެވެ.
" އުނހު. ހަމައެކަނި އެހެންވެއެއް ނޫން ތި އުޅެނީ. ބުނޭ ތެދަށް! ކިހިނެއްވީ؟" މާޔާ އެހިއެވެ.
މާޔާ އަހަން ފަށައިފިއްޔާ އެކަމެއް ނުބުނަނީސް ނުވެސް ހުއްޓާނެކަން މާޒިންއަށް އެނގެއެވެ. ނަމަވެސް މާޔާ ގާތު ބުނެގެން އިތުރަށް ކަމެއް ގޯސްވެދާނެތީ މާޒިން ހުރީ ކަންބޮޑުވެފައެވެ.
" ދޮންބޭ! އަޅެ ބުނާށޭ. އަނެއްކާ ބައްޕަ، މަންމަ ވަރިކުރީތަ؟" މާޔާ ސުވާލުކުރިއެވެ.
" ނޫނޭ. އެކަމަކު.... އެކަމަކު ވަރަށް ބޮޑު ސިއްރެއް ބުނަން މި ޖެހެނީ. ދޮންބެއަށް ހިއެއްނުވެ މާޔާއަށް ހިފެހެއްޓޭނެހެންނެއް." މާޒިން ބުންޏެވެ.
" ބުނެބަލަ! ބުނީމަ އެއްނު އެނގޭނީ." މާޔާ ހާސްވާން ފެށިއެވެ.
" ބައްޕަ އިންނަން އުޅެނީ ކާކުކަން ދޮންބެއަށް އެނގިއްޖެ." އަވަސް އަވަހަށް މާޒިން ބުނެލިއެވެ.
" ވަޓް؟ ކިހިނެއް އެނގުނީ؟ ކާކު އެއީ؟" މާޔާއަށް ކޮޅަށް ތެދުވެވުނެވެ.
" ނުބުނައްޗޭ މަންމަ ކައިރީ ވެސް." މާޒިން އެދުނެވެ.
މާޔާ ތަކުރާރުކޮށް އެއްބަސް ވުމުން މާޒިން ވާހަކަ ދައްކަން ފެށިއެވެ.
" ލީނާގެ މަންމަ." މާޒިން ބުނެލިއެވެ.
" ނޫން. ދޮގެއް ތިއީ" މާޔާއަށް ހުރީ ޤަބޫލު ކުރަން އުނދަގޫވެފައެވެ.
" ނާޙައްޗޭ ލީނާ ކައިރީ ވެސް." އަނެއްކާ ވެސް މާޒިން ޖެހިލުންވެ ހުރެ ބުންޏެވެ.
" ކޮބާ ހެއްކަކީ؟ މީހުން ދައްކާ ވާހަކަ ނުވާނެ ޤަބޫލު ކުރާކަށް. " މާޔާ ހުރީ މާޒިން ދެއްކި ވާހަކަ ޤަބޫލު ކުރަން ބޭނުން ނުވެފައެވެ.
" ދޮންބެއަށް ފެނުނީ. އެގެއިން ބައްޕަ ނިކުންނަނިކޮށް ދަންވަރު. " މާޒިން ބުންޏެވެ.
އެއާއެކު މާޔާއަށް އަނެއްކާ ވެސް ކުއްލި ޝޮކެއް ލިބުނު ކަހަލައެވެ. މުޅި މީހާ ގަނޑުވެފައި ހުރި ކަހަލަ ގޮތަކަށް އޭނާއަށް ހުރެވުނީ އަނގައިން ބަހެއް ނުބުނެވިފައެވެ.
" އެހެންވެ، މި ވާހަކަ މަންމަ ކައިރީ ބުނުމުގެ ކުރިން ކޮއްކޮގެ ކައިވެނި އަވަސް ކުރަން ދޮންބެ ބޭނުމީ. މި ކަންތައް ހިލުވާލީމަ ބައްޕަ ދާނެ ރަތަށް އަރައިގެން. އޭރުން ދެން ހުރިހާ ކަމެއް އެ ހަމަވީ." މާޒިން ބުނެލީ ހިތްހަމަނުޖެހޭ ގޮތަކަށެވެ.
" އަޅެ ދޮންބެ ތިއީ ތެދެއްތަ؟" މާޔާއަށް އަދިވެސް ޤަބޫލުކުރަން އުނދަގޫވަނީއެވެ.
" އާނއެކޭ. ދެން ޤަބޫލުކޮށްފަ މީހެއް ކައިރީ މި ވާހަކަ ނުބުނާތި. ދޮންބެއަށް ވެސް ކިރިޔާ މި ހުރެވެނީ ބައްޕައާ ދިމާލަށް އެއްޗެއް ނުބުނެ. އެ ސާދުނައްތައަކީ އިންނަން ރަނގަޅު މީހެއް ވެސް ނޫނޭ. ބައްޕަ އެއުޅެނީ އެ ދައިތައާހެދި ހޭބަލިވެގެން." މާޒިން ރުޅި އައިސްފައި ހުރެ ބުންޏެވެ.
" ދެން... އަހަރެން ވަރަށް ދެރަވެއްޖެ. ލީނާއަކަށް ވެސް ހިއެއް ނުވެ އެނގޭ ހެންނެއް. އަހަރެން ކައިރިއަކު ނުބުނެ." މާޔާ ބުންޏެވެ.
" އާނ! އެނގޭނަމަ ބުނީހެއްނު. ދެން ވެސް އާއިޒާ ވާހަކަ ދައްކާފައި އަވަހަކަށް ކައިވެނި އަވަސްކޮއްލާ." ފޯނު ބާއްވަމުން މާޒިން ބުނެލިއެވެ.
މާޒިން ފޯނު ބޭއްވުމުން ވެސް މާޔާ އިނީ ފިކުރު ބޮޑުވެފައެވެ. ލިބުނު ހަބަރައިގެން އޭނާއަކަށް އިތުރަށް އެއްވެސް ކަމެއް ކުރެވޭނެހެން ހިއެއް ނުވެއެވެ. ކުއްލިއަކަށް އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން މާޔާ ފޯނު ސްކްރީނަށް ބަލައިލީ ވަރުބަލިކަމާއެކުއެވެ. ގުޅަނީ އާއިޒެވެ.
" އަހަރެން ގޮތެއް ނިންމައިފިން. އަހަރެންގެ މަންމަ ބޭނުންވާ ގޮތަށް ގްރޭންޑް ޕާޓީއެއް ބާއްވަން ކައިވެނި ލަސްކުރަން ބޭނުމީ. އަހަންނަށް ވެސް އެވަރު ވާނެކަން މަންމައަށް އަންގަން ބޭނުން. މަންމަ ބޭނުންވަނީ މަންމަގެ ރައްޓެހިންނަށް އަހަރެމެންގެ ކައިވެނީގެ ދަޢުވަތު ދޭން. ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށްވީތީ، މަންމައަށް މި ކައިވެނި ޚާއްޞަވާނެތާ." އާއިޒްގެ ޖުމްލަތަކުން މާޔާގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
" އެކަމަކު އަހަރެން ކައިރީ އަހައިވެސް ނުލާ، ތިވަރުގެ ބޮޑު ނިންމުމެއް ކީއްވެ ތި ނިންމީ؟" މާޔާ ސުވާލުކުރީ ވަރަށް ރުޅި ގަދަވެގެންނެވެ.
ޙަޤީޤަތުގައި އާއިޒަށް އެ ގުޅުނީ އެންމެ ނުބައި ވަގުތެވެ. މާޔާގެ ހިތާއި ސިކުނޑިއަށް ކުރަމުންދާ އަސަރުތައް ޚުދު މާޔާއަށް ވެސް ކޮންޓްރޯލް ނުކުރެވެއެވެ.
( ނުނިމޭ )
ނޯޓު: މިވާހަކައިގެ 27 ވަނަ ބައި ގެނެސްދޭނީ 27 ސެޕްޓެމްބަރުވާ އާދީއްތަ ދުވަހު އެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!