ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ 'ސުނާމީ ކޮމިއުނިޓީ ރެޑިނަސް' ވޯކްޝޮޕް އިއްޔެ ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ.

މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad
rt

މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޢާއިޝަތު ޞަފޫރާ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް އެވެ.

'ސުނާމީ ކޮމިއުނިޓީ ރެޑިނަސް' ވޯކްޝޮޕް ކުޅުދުއްފުށީ ސިޓީގައި ފެށުން، ފޮޓޯ: ސިޓީ ކައުންސިލް

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކަމާބެހޭ މުހިންމު ފަރާތްތައް އެއްތަންކޮށް، ސުނާމީގެ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ކާރިސާތަކަށް މުޖުތަމައު ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާކުރުމެވެ.

މި މަހުގެ 21 އިން 24 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގެ ސެޝަންތައް ބިނާވެފައިވަނީ ޔުނެސްކޯ-އައިއޯސީގެ މިންގަނޑުތަކާ އެއްގޮތަށް، ސުނާމީގެ ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމާއި އިޖާބަދިނުމުގެ ރޫހު ވަރުގަދަކުރުމުގެ މައްޗަށެވެ.

މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސުނާމީއަށް ތައްޔާރުވެފައިވާ މުޖުތަމައެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި މިންގަނޑުތައް ފުރިހަމަކޮށް، ރަސްމީ ރެކޮގްނިޝަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.