ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ޚާއްސަ ޤާނޫނެއް ހެދުމުގެ ބިލެއް ހިމެނޭހެން މުހިންމު ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އުޝާމް މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad
rt

ބަންޑާރަނައިބު ވިދާޅުވީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި އެފަދަ މައުލޫމާތު ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅާ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން "މޯލްޑިވްސް 2.0" ގެ ދަށުން ސައިބަރ ސެކިއުރިޓީ، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ތިން ބިލެއް ހުށަހެޅުމަށް ވެސް ވަނީ ނިންމާފައެވެ.

ދައުލަތުގެ މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން ހުށަހަޅާ މި ބިލުތަކުގެ ތެރޭގައި އިމިގްރޭޝަނާއި ފަޅުރަށްތަކާ ބެހޭ ގާނޫނުތައް އިސްލާހުކުރުން ހިމެނެއެވެ. ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި އެ ދާއިރާތަކުގެ ގާނޫނުތައް މިހާރު ހުރީ ވަރަށް ބޮޑަށް ދުވަސްވެފައި ކަމަށްވާތީ، އެ ދާއިރާތަކަށް އައު ގާނޫނުތަކެއް ތައާރަފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ސިޔާސީ ދާއިރާއަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުން ހިމެނެއެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ސަރުކާރުން އިސްކަންދޭ އެހެނިހެން ދާއިރާތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުން ހިމެނެއެވެ. މަރުގެ އަދަބު ދިނުމާ ގުޅޭ ޚާއްސަ ބިލާއި މި ހުރިހާ އިސްލާހުތަކަކީ ރާއްޖޭގެ ގާނޫނީ ނިޒާމު ޒަމާނީކޮށް، ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.