ރަސްމާލެ މަޝްރޫޢުގެ ބިޔަކަމާއި އެ މަޝްރޫޢުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ބޮޑުކަމުން، އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމަށް މަގުފަހިވާނެ ބޮޑު ސަބަބަކަށް ވެގެންދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ބިރުގަންނަނީ އެހެންވެގެން ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށުމާއެކު އެއީ ބޭކާރު ވެލިގަނޑެއް ކަމަށާއި، ދިރިއުޅެން ދާނެ ބަޔަކު ނުވާނެ ކަމަށް އަދި ބޭކާރު ޚަރަދެއް ކަމަށް ބުނަމުންދިޔަ ނަމަވެސް މިއަދު އެ ވާހަކަތަކުގެ ރާގު މުޅިން ބަދަލުވެފައިވާ ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ލީޑަރުން ބިރުގަންނަނީ މި ޕްރޮޖެކްޓުގެ ސަބަބުން ރައީސް މުޢިއްޒަށް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފުރުޞަތު ފަހިވެގެންދާތީ ކަމަށާއި، އެ ފަރާތްތަކުގެ ހަމައެކަނި ބޭނުމަކީ އެކަމަށް ހުރަސްއެޅުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ބަޔަކު ދައްކާ ސިޔާސީ ވާހަކަތަކަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށާއި، މި މަޝްރޫޢަށް ފުރުޞަތުދީ، މިއީ ކޮންމެހެންވެސް ކުރިއަށްގެންދަންޖެހޭ މަޝްރޫޢެއް ކަމަށް މަހްލޫފް ފާހަގަކުރެއްވިއެވެ.

Ad
d

މި މަޝްރޫޢާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ، އިޒްރޭލު ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރެވޭނެ ވަރުގަދަ ނިންމުމެއް އެބައޮތް ކަމަށާއި، ޔަހޫދީންނަށް ރަސްމާލެއިން އެއްވެސް ތަނެއް ނުގަނެވޭނެ އަދި އެތަނުގައި ވިޔަފާރިއެއްވެސް ނުކުރެވޭނެ ކަމަށެވެ. މީގެއިތުރުން އެތަނުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށާއި، ކެސީނޯއެއްވެސް ނެހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު މި މަޝްރޫޢު ހަވާލުކުރީ ޤާބިލުކަން ހުރި ބިޔަބޮޑު ކުންފުންޏެއް ހިންގަވާ މުސްލިމް ޤައުމެއްގެ މުސްލިމް ވިޔަފާރިވެރިޔަކާ ކަމަށާއި، ބިން ދޫކުރަނީ ކުއްޔަށް ކަމަށްވާތީ އެއީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެތަނުގައި ހިނގާނީ ރާއްޖޭގެ ޤާނޫނާއި ގަވާއިދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢުގެ އިޤްތިޞާދީ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން މަހްލޫފް ވިދާޅުވީ، މިއީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި، މީގެ ސަބަބުން ގާތްގަނޑަކަށް 50،000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އަދި ދިވެހިންނަށް އެތައް ބިލިއަން ރުފިޔާއެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ލިބުމުގެ އިތުރުން، އަމިއްލައަށް އިންވެސްޓުކުރުމާއި ވިޔަފާރިކުރުމުގެ ފުރުޞަތު ދިވެހިންނަށް ފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ތެރެއިން 5،000 ފްލެޓު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ، މި އިންވެސްޓްމަންޓުގެ ސަބަބުން ދައުލަތަށް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ލިބި، ރާއްޖޭގައި މިހާރު އޮތް ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި ޑޮލަރުގެ ރޭޓު ރަނގަޅުވުމުން ތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމަށާއި، ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވުމުން ތަރައްޤީގެ މަޝްރޫޢުތައް އިތުރުވެ، ޢާންމު ރައްޔިތު މީހާގެ އާމްދަނީ އިތުރުވެގެން ދިރިއުޅުން ތަނަވަސްވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad
df

ދިވެހި ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނުވާނެ ތާރީޚީ މަޝްރޫޢެކެވެ. މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަސްމާލެ (ފުށިދިއްގަރު ފަޅު) ގައި މި މަޝްރޫޢުގެ ވަސީލަތްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ ސަރަޙައްދުން ހިއްކާފައިވާ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައެވެ.