ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނެންގެވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާއަށް ތާވަލްކުރުމަށްފަހު އެ މަޖިލިސް ކެންސަލްކޮށްފި އެވެ.
ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މާދަމާ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން އޮތީ ތާވަލްކޮށްފަ އެވެ.
އެ މައްސަލާގެ ހުކުމް އިއްވުމުގެ މަޖިލިސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންޖިނިއަރިން ކުންފުނީގެ އިތުރުން ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން ސަންގެ ދެ ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވާއިރު, ކްރިކް ރިޒާގެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ފުއްގިރީގެ މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައާ ގުޅިގެން ވެސް ޔާމީނަށް ދައުވާކުރެ އެވެ. އެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވި ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް, އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމުން އެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!