ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޕްރައިވެޓައިޒް ކުރުން ނުވަތަ ހަރުމުދާ ވިއްކާލުމަކީ ރަނގަޅު ކަމެއް ކަމަށާއި، ރަސްމާލެއިން މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އަވަސް ހައްލެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރަސްމާލޭގައި ވޯޓަރފްރަންޓެއް ތަރައްޤީ ކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށެވެ. ނަމަވެސް، އެ ކަމަކީ މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށްވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
d

އެ މަޝްރޫޢުގެ މުއްދަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ކަމުގައި ވީ ނަމަވެސް، އެ ތަނުން ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން ދެ އަހަރު ދުވަސް ނަގާނެ ކަމަށެވެ.

އެހެންކަމުން، މި ވަގުތު އެންމެ މުހިންމު ކަމަކީ ވަގުތުން ފައިސާ ލިބޭނެ ގޮތަކަށް ދައުލަތުގެ ހަރުމުދަލެއް ވިއްކާލުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމުގެ މަގުސަދުގައި ޕްރައިވެޓައިޒް ކުރުން ނުވަތަ ދައުލަތުގެ ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ ބޮޑު އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވިޔަފާރި އުސޫލުތަކުގެ އެއްބަސްވުމެއްގައި (ކޮމާޝަލް ޓާމްސް އެގްރީމަންޓް) މިއަދު ސޮއިކޮށްފައި ވަނިކޮށެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓާއި، ޔޫއޭއީގެ އީގަލް ހިލްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ މިފަދަ އެންމެ އުއްމީދީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ކަމަށެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ ޚަރަދު ގާތްގަނޑަކަށް 20 ބިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދިވެހިރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ދުރުރާސްތާގެ ތަޞައްވުރެއްކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ.

"ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކާ އަޅާނުކިޔޭ ފަދަ ޤުދުރަތީ ރީތިކަމަކާއި ބައިނަލްއަޤްވާމީ މަޤްބޫލުކަމެއް ލިބިފައިވާ ޚާއްޞަ ޤައުމެއް، އަޅުގަނޑުމެންގެ އަމާޒަކީ އެ ބާރުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، ހަޤީޤީ މާނައިގައި ދުނިޔޭގެ ފެންވަރުގެ ކަމެއް އުފެއްދުން." މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވެފަވެއެވެ.

Ad
df

2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާއި ރައީސް ނަޝީދު ހަވާލުވެ ދައުލަތުގެ ބައެއް ހަރުމުދާތައް ވިއްކާލާފައިވެއެވެ.