ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެމްބަރުން ވަގަށް ޕީއެންސީއަށް ވައްދާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލްގެ މައްސަލަ އެ ޕާޓީން މިއަދު ފުލުހަށް ހުށަހަޅައިފި އެވެ.

ޝަކީލްގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ބަޔަކަށް ނާޖައިޒު މަންފާ ހޯދައި ދިނުން ހިމެނެ އެވެ.

Ad
d

މި މައްސަލަ ފުލުހަށް ހުށަހެޅުއްވުމަށްފަހު ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އެ ޕާޓީން ވަކިކުރި 2،500 މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވަކިކުރީ ވަޒީފާގެ ބިރުދައްކައިގެންނާއި މެންބަރުންނަށް ނޭނގި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރު މުޅިން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައި މަލީހު ވިދާޅުވީ، ޕީއެންއެފްގެ ރަޖިސްޓްރީގައި ތިބި މެންބަރުން ތާރީހު އޮޅުވާލައިގެން ޕީއެންސީގައި ރަޖިސްޓްރީ ކުރަމުންދާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ޕީއެންއެފްގައި އޮތް މީހަކު 2019 ވަނަ އަހަރު ޕީއެންސީއަށް ވައްދާފައިވާ ކަމުގެ މިސާލެއްވެސް އޭނާ ނެންގެވި އެވެ.

އީސީގެ ޑޭޓާ ބޭސްގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާތީ، ފުލުހަށް ހުށަހެޅި މައްސަލައިގައި ޑޭޓާ ބޭސްގެ ފޮރެންސިކް އޮޑިޓެއް ހަދައިދިނުމަށް ޕީއެންއެފްއިން ވަނީ އެދިފަ އެވެ. މީގެއިތުރުން މި މައްސަލަ ތަހުގީގުނުކޮށް، ރައްޔިތުންގެ ޓެކްސް ފައިސާއިން ޕީއެންސީއަށް ފައިސާ ދޫކޮށްގެން ނުވާނެ ކަމަށްވެސް މަލީހު ވަނީ ގޮވާލައްވާފަ އެވެ.

މައްސަލަ ފުލުހަށް ހުށަހެޅުމުގެ ކުރިން ބައެއް ޓީވީޗެނަލްތަކަށް ދެއްވި އިންޓަވިއުއެއްގައި ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީން ބޭނުންވާ ގޮތަކަށް ޕީއެންއެފްގެ ދަފްތަރުން މީހުން އުނިކޮށް އެކި ޕާޓީތަކަށް ވައްދަމުންދާ ކަމުގެ ސާބިތު ހެކި އެބަހުރި ކަމަށެވެ. އެއީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށްތަކަކަށް ފެތޭ ކަމެއްކަން ފާހަގަކުރައްވައި، މި މައްސަލަ ފުލުހުން ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އީސީ ވެފައިވަނީ އެއްވެސް ބަޔަކު އިތުބާރު ނުކުރާ، ޕީއެންސީގެ ތެރޭގައި ގެންގުޅޭ ގޮތްޕެއްގެ ގޮތުގައި ކަމަށެވެ.

މަލީހާއި ޖަމީލް ކުރެއްވި މި ތުހުމަތުތަކާ ގުޅިގެން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް ވަނީ އެ ތުހުމަތުތައް މުޅިން ދޮގުކުރައްވާފަ އެވެ. ޝަކީލް ވިދާޅުވީ އީސީގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން، މީހަކަށް ނޭނގި އެހެން މީހަކު ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށާއި އަދި ޕާޓީއަކުން ވަކިވެސް ނުކުރެވޭނެ ކަމަށެވެ.

Ad
df

އީސީގެ ދަފްތަރުގައިވާ ގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީއެންއެފްގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ތިބީ 3،137 މެމްބަރުންނެވެ.