އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ހަނގުރާމަ ފެށުމުން މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއް ސަފުހާގެ މެމޮރެންޑަމެއްގައި ސޮއިކުރުމާ ހަމައަށް ދެ ގައުމުން ދެވިފައިވާކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ މަސްދަރުތަކުންނާއި މިކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި ހަވާލާދީ ''ރޮއިޓާސް'' އިން ބުނެފިއެވެ.
''ރޮއިޓާސް'' އިން ބުނެފައިވާ ގޮތުގައި އެމެރިކާގެ ''އެކްސިއޯސް'' ނިއުސް އިން އެންމެ ފުރަތަމަ ރިޕޯޓުކުރި މި މެމޮރެންޑަމްގައި 14 ނުކުތާއެއް ހިމެނެއެވެ. މީގެ ތެރޭގައި ރަސްމީކޮށް ހަނގުރާމަ ނިންމުމާއި، ހޯމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތައް ނައްތާލުމާއި، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ.
"އަހަރެމެން މިދަނީ މިކަން ވަރަށް އަވަހަށް ނިންމުމާ ގާތަށް" ޕާކިސްތާނުގެ މަސްދަރަކާއި ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައި ވެއެވެ.
މި އެއްބަސްވުމުގެ ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 8 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. ބްރެންޓް ކްރޫޑް ފީޗާސްގެ އަގު ފީފާއަކަށް 100 ޑޮލަރަށް ވެއްޓިފައިވާއިރު، ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ވަނީ ކުރިއެރުން ލިބިފައެވެ. މިއީ ހަކަތައިގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ހުރަސްތައް ނެތިގެންދާނެ ކަމުގެ އުންމީދުގައި އައި ބަދަލެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރިއަށްގެންދިޔަ ނޭވަލް މިޝަން، ސުލްހައިގެ މަޝްވަރާތަކަށް ލިބެމުންދާ ކުރިއެރުމަށް ރިއާޔަތްކޮށް މެދުކަނޑާލައްވާފައެވެ. އީރާނުން ބުނެފައިވަނީ އެމެރިކާގެ ބިރުދެއްކުންތައް ނިމުމަކަށް އައުމުން، އައު އުސޫލުތަކެއްގެ ދަށުން ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި ތެހެރާނުން މިހާރު ދަނީ އެމެރިކާގެ 14 ނުކުތާގެ ހުށަހެޅުން ދިރާސާކުރަމުންނެވެ.
މި މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް އުޅުއްވަނީ ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރ އެވެ. މި ވަގުތީ އެއްބަސްވުމަށް ދެ ފަރާތުން އެއްބަސްވެއްޖެނަމަ، ފުރިހަމަ އެއްބަސްވުމަކަށް ދިއުމަށް 30 ދުވަހުގެ ތަފްސީލީ މަޝްވަރާތަކެއް ފެށޭނެއެވެ. މީގެ ތެރޭގައި އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާއި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުން ފަދަ ކަންކަން ހިމެނެއެވެ.
ނަމަވެސް، އެމެރިކާއިން މީގެ ކުރިން ބާރުއަޅަމުންދިޔަ ބައެއް މުހިންމު ކަންކަން މި މެމޮރެންޑަމްގައި ހިމެނިފައި ނުވާކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމާއި، މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުންދޭ އެހީތެރިކަން ހުއްޓާލުން ހިމެނެއެވެ. އަދި އީރާނުން މިހާރު އުފައްދާފައިވާ 400 ކިލޯއަށް ވުރެ ގިނަ މުއްސަނދިކުރި ޔުރޭނިއަމްއާ މެދު އަމަލުކުރާނެ ގޮތެއްވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!