ފޫހިކަމާއެކު ކާރުން ފައިބައިގެން ގޮސް މާޔާ ހުއްޓުނީ ބޭރު ތޮށިގަނޑު ކައިރީގައެވެ. އޭރު ވެސް ބޯޓަށް ގިނަ އަދަދަކަށް މީހުން އަރާ، ފައިބަމުން ދެއެވެ. ކޮނޑުގައި އޮތް ދަބަސް ބަރުކަމުން، ތޮށިގަނޑުމަތީ ބެހެއްޓުމަށްފަހު އޭނާ އެތާ އިށީނެވެ. ދަތްދޮޅީގައި އަތްވިދިލައިގެން އިނދެ މާޔާ ނަޒަރު ހިންގަމުން ދިޔައީ އޭނާގެ ކުރިމަތީގައި ހޭލަމޭލަވެ އުޅެމުންދާ މީހުންނަށެވެ.
" ފާޚާނައާ ވަރަށް ކައިރީގަ ތަންމަތި އަޅާފަ މި އައީ. ހިނގާ! އަވަހަށް އަރަން ދާން." މާޔާގެ ބައްޕަ ރާޒީ ބުންޏެވެ.
" އައްޗި! ދެން ބައްޕާ. ފާޚާނާއަށް ވަންނަ އެންމެން ދެން އަހަރެންގެ ފަޔަށް އަރާނެ. ބޮލަށް އަރާނެ. އަނެއްކާ އެ ތަން ދޮރު ހުޅުވާ ކޮންމެ ފަހަރަކު އެހާ ނުބައިވަސް ދުވާނެ. " މާޔާ ބުނެލީ ޝަކުވާގެ ރާގަކަށެވެ.
އެއާއެކު މާޔާގެ ކައިރީގައި ހުރި ދަބަހުގައި ހިފަމުން ރާޒީ ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" ދެން؟ ރަށުން މާލެ އައި އިރު ބުނި، ފާޚާނާ ދުރުކަމުން ފާޚާނާ ނުކޮށޭ ތިމަންނަ ހުރީ. މި ދަރިއަށް ނޯންނާނެ ހެޔޮ އެއް ގޮތެއް ވެސް. " ރާޒީ ބުންޏެވެ.
" ދެން އެކަމަކު އެހާ ކައިރީގަ ތަންމަތި އެޅީމަ ކަމަކު ނުދެޔޭ ބައްޕާ. ބަދަލު ކުރީމަ ބޯޓަށް އަރާނީ." މާޔާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
އޭނާ އެންމެ ކުރިއަކަށް ވެސް ފިޔަވަޅެއް ނޭޅިއެވެ. ތަންކޮޅަކަށް ހިނގަތުމަށްފަހު، އަނެއްކާ ވެސް ރާޒީއަށް ޖެހުނީ މާޔާ ކައިރިއަށް އެނބުރި އަންނާށެވެ.
" ދެން މިތާ ބޮޑާ ނަހާކާ ދަރިފުޅާ. އެ ތަން ވެސް ކިރިޔާ ލިބުނީ. ބޮޑުޢީދު ބަންދަށް އަތޮޅު އެންމެން އެ ދަނީ ރަށަށް މި ފަހަރު. ލާނެތްކަން ނުދައްކާ އާދޭ އަވަހަށް." ރާޒީ ބުންޏެވެ.
" ރާއްޖެ އެންމެން ރަށަށް ދިޔަސް، ފާހާނާ ބުޑުގަތަ ބައްޕަ ތަންމަތި ފަތުރަންވީ؟އާނ ބައްޕައަކަށް ނޫން ވިއްޔަ ނުބައި ވަސް ދުވާނީ." މާޔާގެ ދުލުން ޝަކުވާ ހުހެއް ނުވިއެވެ.
ބައްޕަގެ ފަހަތުން ގޮސް ބޯޓަށް އެރި އިރު ވެސް ކުދި ކިޔުމެއް ވެސް ނުހުއްޓައެވެ. އޭނާއާ ދިމާލަށް ބަލައިލި ކޮންމެ މީހަކަށް ވެސް މިހާރު އެ މޫނުމަތިން ފެންނާނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. ކުނާ މަތީ އިށީނދެ އިނދެ އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭރު އޭނާއާ ދާދި ގާތުގައި ފަތުރާފައި އޮތް ކުނަލެއް މަތީ މީހަކު ނިދާފައި އޮތެވެ. ތޮތްޕަކުން މޫނު ފޮރުވައިގެން އޭނާ އޮތީ ގަދަ ނިދީގައިކަން މާޔާއަށް އެނގުނެވެ.
" އަދި އަވަސް ދޯ ނިދަން؟ އަދި މި އުޅެނީ ބޯޓު ނައްޓާނުލާ." ރާޒީއާ ދިމާލަށް މާޔާ ބުންޏެވެ.
" ދެން މާޔާ ނުބެހޭކަށް ކަމެއް ނެތް. މީހުންނާ ދިމާލަށް އެއްޗެހި ބުނާނެ ކަމެއް ނެތޭ. ކަނޑު ވެސް ކުޑަކޮށް ގަދަކޮށް އުޅެނީ. އޮށޯވޭ އަވަހަށް." ރާޒީ އެހެން ބުނެ އެ ތަނުން ތެދުވެއްޖެއެވެ.
" މި ހިސާބުގައި ވެސް ދަންނަ މީހަކު ނެތް. މާދަން ވަންދެން އަހަރެން ދެން އިންނަންވީ އަނގައިން ބަހެއް ނުބުނެ؟" މާޔާއަށް ބުނެވުނެވެ.
ކުއްލިއަކަށް ބޯޓު ސްޓާޓް ކުރިއެވެ. އެއާއެކު ކައިރީގައި އޮތް ޒުވާން ފިރިހެން ކުއްޖާ މޫނުމަތިން ތޮފި ނަގައި ގަދަކަމުން ކަހަލަ ގޮތަކަށް ދެ ލޯ ހުޅުވާލި އިރު ވެސް މާޔާ އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އޭނާ ތެދުވެ އިށީނދެލިއެވެ. އަދި ކަކުލުގައި ދެ އަތް އަޅުވާލައިގެން އިނދެ އެކި ދިމާލަށް އޭނާ ބަލަމުން ދިޔައެވެ.
" އަލަށްތަ އަހަރެމެން ރަށަށް ތި ދަނީ؟" މާޔާގެ ސުވާލަށް އާއިޒަށް ބަލައިލެވުނީ ސިހިފައެވެ.
ނުދަންނަ ނަޒަރަކުން އާއިޒް މާޔާގެ މޫނަށް ބަލަން ފެށީ އަނގައިން ބަހެއް ބުނުމެއް ނެތިއެވެ. އޭނާއަށް އަޑު ނީވެނީ ކަމަށް ހީކޮށް، މާޔާ އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮއްލިއެވެ.
" އުތީމަށް ތި ދަނީ އަލަށްތަ؟ އެކަނިތަ؟" މާޔާ އެހިއެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ބަލައިލީ ދުރަށެވެ.
" ބީރު މީހެއްބާ؟ އޭނައަށް ހިއެއް ނުވެ މީހަކު ވާހަކަ ދައްކާހެން ވެސް." މާޔާއަށް ހިތާހިތާ ބުނެވުނެވެ.
އެއްލި ކަޅިއަކުން މާޔާއަށް ފެނުނީ އަނެއްކާ ވެސް އޭނާގެ ބައްޕަ އަންނަތަކެވެ. ކުނާ މަތީ އިށީނުމާއެކު ރާޒީގެ ނަޒަރު ވެސް ހުއްޓުނީ އާއިޒަށެވެ.
" އެކޮއި ތިއީ ގައިމު ވެސް އުތީމު ކުއްޖެއް ނޫން. އެކަނިތަ ތި ދަނީ؟" ރާޒީ އެހިއެވެ.
އޭނާ ދެ ފަރާތަށް ބޯ ހޫރާލުމާއެކު ރާޒީއަށް އެކި ދިމަދިމާލަށް ބަލައިލެވުނެވެ.
" އާއިލާއާއެކު އީދު މަޖާކޮއްލަން ވަރަށް ރަނގަޅު ރަށަކަށް ތި ދެވެނީ އިނގޭ. ކޮން ގެއަކު ހުންނަނީ؟" ރާޒީ އެހިއެވެ.
އޭރު ވެސް ގަޔާވެލާފައި މާޔާ، އިނީ އާއިޒްގެ މޫނަށް ބަލާށެވެ. ރާޒީ ވާހަކަ ދައްކަމުން ދިޔައިރު ވެސް އާއިޒްގެ މޫނުމަތިން މާ ގަޔާވާ ފަދަ ގޮތެއް ނެތެވެ.
" ނޭނގެ. މަންމަ ބުނި މީހަކު ބަލާ އަންނާނެ ވާހަކަ." އާއިޒް ބުނެލިއެވެ.
" އެހެންވަނީ؟ ދެން ރަށުގައި އުޅެންޏާ ރަށުތެރެއިން ވެސް ނުފެންނަހާ ބޮޑުބޮޑު ރަށެއް ނޫން އުތީމަކީ. ވާނެ ބޭބެމެން ގެއަށް ދާން. ކޮން ނަމެއް ކިޔަނީ؟ އޭރުންނެއްނު ހޯދަން ދާން އެނގޭނީ." ރާޒީ އެހިއެވެ.
" އާ..އާއިޒް ކިޔަނީ." ލަދުން ހުރެ އާއިޒް ބުންޏެވެ.
އެއާއެކު ރާޒީ ބޯ ޖަހާލަމުން ހީލިއެވެ. އަދި އަވަސް އަވަހަށް މާޔާއަށް ބަލައިލިއެވެ.
" ދެން އޮށޯވެ ނިދާ. ކާ ގަޑިއަށް ގޮވާނަން. އިރު އަރާއިރަށް ބޯޓު ދާނެ ރަށަށް. މަންމައަށް ގުޅާފަ ބުނެފިން ރަނގަޅަށް ސައި ހަދައްޗޭ." ރާޒީ ބުންޏެވެ.
" ބައްޕަ ނުބުންޏަސް މަންމަ ސައި ހަދާނެ. " ލާނެތް ގޮތަކަށް މާޔާ ބުނެލިއެވެ.
އެ ދެބަފައިން ދައްކަމުންދާ ވާހަކަތަކަށް އާއިޒް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެއްވެސް ހަރަކާތެއް ނެތި، ބުދެއް ފަދައިން އޭނާ އިނީއެވެ. ރާޒީ ދިޔުމާއެކު މާޔާ އޮށޯވެލިއެވެ. ނަމަވެސް އޭނާގެ ނަޒަރު އާއިޒް ނޫން އެހެން ދިމާލަކަށް ނުދިޔައެވެ. ބޭއިޙްތިޔާރުގައި މާޔާއަށް އާއިޒްގެ ސޫރައާމެދު ވިސްނާލެވުނެވެ.
" އަހަންނަށް ބޯ ދިގު މީހުން ކުރިން ވަރަށް ހުތުރު. އެކަމަކު... މީނަ ހާދަ ތަފާތޭ. ދޮން މީހުން ވެސް އަހަންނަށް ވަރަށް އަންހެން ހެން ހީވަނީ. އެކަމު މި ސޮރު ހަޑިއެއް ނޫން ދޮނަސް. ކިޔުޓް ކުއްޖެއް. " މާޔާ ހިތާހިތާ ވާހަކަ ދައްކަމުން ދިޔައެވެ.
މާޔާއަށް ފުރަގަސް ދެމުން އާއިޒް އޮށޯތެވެ. އޭރު ވެސް މާޔާއަށް ބެލެނީ އޭނާއާ ދިމާލަށެވެ.
" ދެން މިއީ ކޮން ކަމެއް؟ ހިތަށް އަރާފާނެ ކޮންމެ ފަދަ އެއްޗެއް ވެސް." އެހެން ހިތަށް އެރުމާއެކު މާޔާއަށް ތުން އޫ ކޮއްލެވުނެވެ. އަވަސް އަވަހަށް އޭނާ ވެސް އާއިޒަށް ފުރަަގަސްދިނެވެ.
ދާއްހިލާ ފޯވެގެން މާޔާއަށް ހޭލެވުނު އިރު، ބޯޓު އޮތީ ޖެޓީއާ ކައިރިކޮއްފައެވެ. އަވަސް އަވަހަށް ދެ އަތުން ބޯ ރީތި ކޮށްލަމުން ކައިރީގައި ތިބި މީހުން ކޮބައިތޯ އޭނާއަށް ބަލައިލެވުނެވެ. އެކަކު ވެސް ނެތެވެ. ވީ ފޫހިން މާޔާގެ މޫނު ފުސްވެގެން ދިޔަ ކަހަލައެވެ. އޭރު ތަންކޮޅެއް ދުރުން އޭނާގެ ބައްޕަ ކުޑަކަކޫ ޖަހައިގެން އޭނާއާ ދިމާލަށް އަންނަތަން ފެނުނެވެ.
" ބައްޕަ ވެސް ދޯ؟ އިރުއެރީމަ ވެސް އަހަންނަށް ގޮވަން ނާދެ. އެންމެން ބޯޓުން ފައިބައިގެން ދާންދެންތަ ތި ހުރީ؟" މާޔާއަށް ކުދި ކިޔެން ފެށިއެވެ.
" ދަރިފުޅު މާ ގަދައަށް ނިދާފައި އޮތީމަ ބޭއްވީ. މި ރަށު މީހުންނަށް ވުރެ ޢީދަށް ރަށަށް އައިސް ތިބި ބީރައްޓެހިން ގިނަ. މީހުންތައް މަދުވެލަން ދެން ބައްޕަ މަޑުކޮއްލީ. މަންމަމެންނަށް ވެސް އަދިކިރިޔާ އެ އާދެވުނީ." ރާޒީ ބުންޏެވެ.
ބައްޕަގެ ފަހަތުން ގޮސް ބޯޓުން ފޭބި އިރު ވެސް މާޔާގެ ރުޅިގަނޑު މައިތިރިއެއް ނުވިއެވެ. ހެވިފައި ހުރި އޭނާގެ މަންމަ ފެނުމުން ވެސް އޭނާ ހުރީ ކުޑަކުއްޖަކު ފަދައިން ތުން ދަމާފައެވެ.
" ހޫމް. މަންމަގެ ޅަ ބޭބީ އައީ." މާޔާގެ ދޮންބެ މާޒިން ބުންޏެވެ.
" ކިތަންމެ ބޮޑު ވިޔަސް ދޮންބެ ނުވާނެ ބަދަލެއް. ދޮންބެދައްތަ ބުނެބަލަ! ދޮންބެ އަޅެ ދޮންބެއްތައަށް ވެސް އެހާ ދިމާ ކުރޭތަ؟" މާޔާ ސުވާލު ކުރީ މާޒިންގެ އަންހެނުން ފިރާޝާއާއެވެ.
އެ ވަގުތު ހިނިގަނޑެއް ޖަހާލަމުން ފިރާޝާ މާޒިންއަށް ބަލައިލިއެވެ.
" ދުވާލު ވީ އިރު ވެސް ބައްޕަ އަހަންނަށް ނުގޮވާ. ނޭނގެ އަނގަ ހުޅުވައިގެން ނޫން ކަމެއް ނިދަން އޮވެވުނީ. އަދި އެހާ ރީތި ސޮރެއް ކައިރީގަ ރޭގަ ނިދަން އޮތީ ވެސް. " މާޔާ ބުންޏެވެ.
" މި ނުގަންނާނެ ހަމަ އެއްވެސް ލަދެއް. ކޮންމެ ފަަދަ ވާހަކައެއް ވެސް ދައްކަފާނެ." މާޔާގެ ބޮލުގެ އިސްތަށިގަނޑަށް ދަމާލަމުން އޭނާގެ މަންމަ ބުނެލިއެވެ.
" މިތާ އަދި ލަދުގަންނަ އެއްޗެއް މީހަކު ބުނެފިތަ ދައްތާ؟" މާޔާ މި ފަހަރުވެސް ވާހަކަ ދެއްކީ ހީލަހީލާ ހުރި ފިރާޝާއާއެވެ.
" ތިއޮއް ބޮލެއް ދޯ؟ އަދި އެހާ ބުޅި އިރު ދައްޗެއް އެއްޗެއް ޖަހާލަނީއެއް ނޫން. ހާވާލައިގެން ހުންނާނީ ސަންތިމަރިޔަނބު." މާޔާގެ މަންމަ ސުވޭދާ ބުނެލިއެވެ. އޭރު ވެސް ވަޔާ ވިހުރެމުންދާ އިސްތަށިތައް ދެ އަތުން މައިތިރި ކުރުމުގައި މާޔާގެ ދެއަތް ވަރުބަލި ކުރުވާ ކަހަލައެވެ.
" ހާވާލައިގެން ނޫނޭ މަންމާ! ބުޅިވީމަ ކިހާ ރީތިތަ؟ ދަތި ޖަހާނީ މުސްކުޅިންނޭ. މަންމަ ކަހަލަ." މަންމަގެ ގައިގައި ބައްދާލަމުން މާޔާ އެހެން ބުނުމާއެކު ފިރާޝާއަށް ބާރަށް ހެވުނެވެ.
" މަންޖެ ނުވާނެ މުސްކުޅިއެއް." ސުވޭދާގެ ރާގުން އަނެއްކާ ވެސް ހޭންފެށީ ފިރާޝާއެވެ. މި ފަހަރު މާޒިން ވެސް ބާރަށް ހީގަތެވެ.
" ދޮންބެ ތި އަންނަނީ އަހަރެމެންނާއެކު؟ ދޭ ބައްޕައާއެކު ބޯޓުން އެއްޗެހި ބާލަން. އަންހެނެއްހެން އެބަ އާދޭ ހަމަ އަހަރެމެން ފަހަތުން." ކުއްލިއަކަށް ހުއްޓެމުން މާޔާ ބާރުބާރަށް ބުނެލިއެވެ.
" އޭ މަންމައަކަށް ދަރިން ތަފާތެއް ނުކުރެވޭނެ އިނގޭ. އަބަދުވެސް މަންމަ ބުނާނެ ތިމަންމަ އެއްވެސް ދަރިޔަކު ތަފާތެއް ނުކުރަމޭ. މާޔާކޮއްކޮ ވެސް އަހަންނާއެކު ދާން ޖެހޭނެ ބަރޯގަ ހިފަން." މާޒިން ބުނެލިއެވެ. އޭރު އެ މީހުންނަށް ގެއާ ހަމައަށް ވެސް އާދެވިއްޖެއެވެ.
" ދެން މަންމައަކަށް ނޭނގެ. މި ދެބެން އެއްތަން ވިއްޔާ އަރާރުން ވުން ނޫން ކަމެއް ނުކުރާނެ. ފިރާ މި ދެބެން އެއް ގަލަކަށް އަރުވާ. މަންމަ ދާނަން ސައި ތައްޔާރު ކުރަން." ސުވޭދާ އެހެން ބުނެ ދޮރާށި ހުޅުވާލިއެވެ.
" އަސްލުވެސް ކޮއްކޮ ދިޔައީމަ ވަރަށް ފަޅު ގޭތެރެ." އެތެރެއަށް ވަންނަމުން ފިރާޝާ ބުނެލީ ހިތްހެޔޮކަމާއެކުއެވެ.
މާޔާއަކީ އެ އާއިލާގެ ދިރުމެވެ. ސުވޭދާއާއި ރާޒީގެ ދެ ދަރީންނަކީ އެ މީހުންގެ ފުރާނައެވެ. މާޒިންއާއި މާޔާގެ އުމުރުގައި އަށް އަހަރުގެ ތަފާތެއް ހުއްޓަސް، ދެ ކުދިންގެ އުޅުމާއި ގުޅުން ނުހަނު ގާތެވެ. ދެ ދަރިންނަށް ދެވުނު ރަނގަޅު ތަރުބިއްޔަތުގެ ސަބަބުން އާއިލީ ގުޅުން ނުހަނު ވަރުގަދަކަން އެ ދެމަފިރިން ޤަބޫލު ކުރެއެވެ.
" ދެން އަދި ދެ ތިން އަހަރު ވާނެ އެއްނު ނިމިގެން އަންނަން. އަހަރެން އެންމެ އިންތިޒާރު ކުރަނީ ދޮންބެ ގަޔަށް އިންޖެކްޝަނެއް ޖަހާލަން ލިބޭނެ ދުވަހަކަށް." މާޔާ އެހެން ބުނެލީ ފިރާޝާގެ ގައިގައި ކޮއްޓާލަމުންނެވެ.
" އަދި އެ އުޅެނީ ކޯސް ރަނގަޅަށް ނުވެސް ފެށި. އެހުރީ ކޮއްލާ ޚިޔާލު" މާޒިން ބުންޏެވެ.
" ދެން ވަންނަންވީ ކާގެއަށް. ސައިތަށިތައް ހިހޫވަނީ." ދުރުން އިވުނު ސުވޭދާގެ އަޑަށް އެންމެންނަށް އެއްފަހަރާ އެ ދިމާލަށް ބަލައިލެވުނެވެ. އޭރު ބަދިގެ ފެންޑާގައި ސުވޭދާ ހުއްޓެވެ.
" ދެން ގޮވާ ވަރުން ސަލާމަތް ނުވާނެ ހަމަ. " މާޔާ މަޑުމަޑުން ބުނެލިއެވެ.
އެއާއެކު އެންމެން އެއްފަހަރާ ކާގެއާ ދިމާލަށް ހިނގައިގަތެވެ.
މާޔާ ރަށަށް އައި ޚަބަރު ލިބިގެން އޭނާގެ އެކުވެރިން އެ ގެއަށް ޖަމާވާން ފެށިއެވެ. އެކުވެރިންނާއެކު މަޖާކޮއްލަން މާޔާ ބޭނުންވީ ބޭރަށް ދާށެވެ. އެހެންކަމުން ކޮޓަރިން ނިކުމެ ފަރާތްފަރާތް ހޯދަން ފެށީ މަންމަ ފެނޭތޯއެވެ.
" މަންމާ! މި ދަނީ ބޭރަށް. ނުހޯދާތި." މަންމަގެ ކޮޓަރީގައި ޓަކި ޖަހާލަމުން މާޔާ ބާރަށް ގޮވާލިއެވެ. އެއާއެކު އެންމެން އެއްފަހަރާ ހޭންފެށިއެވެ.
" އާނ! ނުބުނެ ދިޔަައްޔާ ރައްޔިތު ލޯޑުން ގޮވައިގެން ވެސް ގެއަށް ހާޟިރު ކުރުވާނެ. ވަރުގަދަ ބައެކޭ މީ." މާޔާ ބުންޏެވެ.
" ތެދެއް! ތި ގޮތް ހުރިހާ ގެއެއްގަ ވެސް. ކުޅަދާނައެއް ނޫން ފިލައިގެން ވެސް ތަނަކަށް ދާކަަށް." މާޔާގެ އެކުވެރި ލީނާ ބުނެލިއެވެ.
ގެއިން ނިކުމެގެން އެ މީހުން ހިނގައިގަތީ އުތުރު ތުނޑިއާ ދިމާލަށެވެ.. އޭރު ވެސް އެންމެން ދައްކަމުން ދިޔައީ މާޔާ މަތިން ހަނދާންވި ވާހަކައެވެ. އޭނާ ނެތީމަ ފޫހިވާ ވާހަކައެވެ. އަދި އެނބުރި މާލެ ނުދާން ވެސް އެ މީހުން ނަސޭޙަތް ދެމުން ދިޔައެވެ.
" ބަލަ އަހަރެން ކޯސް ނިންމާފަ އަންނާނަމޭ. ކަލޭމެން ބޭނުން ވަނީ އަހަރެން ނުކިޔަވާ ހުންނަންތަ؟ އަޅެ ކީއްވެތަ ތި މީހުން މާލެ ނުދިޔައީ؟ އަހަރެން ހިތަށް އަރާ ތީން މީހަކު އަންނާނެ ނަމައޭ. އެހެން ރަށް ރަށު ކުދިން ވަރަށް ފޫހި ދެން." މާޔާ ބުނެލިއެވެ.
" މާޔާއަށް އެނގެއެއްނު އަހަރެންގެ މަންމަގެ ގޮތް. ކޮއްކޮމެން ބަލާނެ މީހަކު ނެތީމަ އަހަރެން ކިޔަވަން ނުފޮނުވަން އެ ހުންނަނީ." ލީނާ ދެރަވެލާފައި ބުންޏެވެ.
" ދެން ލީނާގެ މަންމަ ކީއްތަ މި ކުރަނީ؟ ދަރިން ބަލާކަށް ނޫންތަ ދަރިން ހޯދަނީ؟" މާޔާ ރުޅި އައެވެ.
" މީނަ މަންމަ ތިއްތި ދެއްކެން އެއް ޖޯލިން އަނެއް ޖޯއްޔަށް ދުވަނީ ރޭގަނޑު. އަބަދުވެސް ބޭނުންވަނީ ރީތި ވެގެން ހުންނަން. ހަގަށް ތިބޭ ތިން ކުދިންގެ ހުރިހާ ކަމެއް ވެސް ކުރަނީ ލީނާ އެކަނި. މަދީހާއްތައަށް ހެޔޮ ލީނާއަށް ކޮންމެ ގޮތެއް ވިޔަސް. މަ ވަރަށް ފޫހިވޭ." ނުހާ ކިޔައިދިނެވެ.
" އަޅެ އަސްލުތަ؟ އެ އުމުރުގެ މީހުން ވެސް އެ ގޮތަށް އުޅޭތަ؟" މާޔާ އަހާލީ ލީނާ ކައިރީގައެވެ.
" ދެން އެ ވާހަކަ ބާއްވާ. އަހަރެންގެ މޫޑު އޮފް ވެދާނެ." މަންމަގެ ވާހަކަ ދައްކަން ލީނާ ބޭނުމެއް ނުވިއެވެ.
ހިތުގައި ސުވާލުތައް ފުނި ޖެހުނު ނަމަވެސް މާޔާ ކެތްތެރިވެލިއެވެ. މި ވަގުތު ލީނާ ދެރަކޮއްލަން އޭނާ ބޭނުން ނުވީއެވެ.
" އޭ! ހާދަ ސަޅި ބިޓެއް އެހެރަ ދަނީ؟ މި ރަށު ސޮރެއް ނޫން. ޔަޤީން މަށަށް." ރާޅު ޖަހާ ފަށުގައި ހިނގަމުން ދާ އާއިޒާ ދިމާލަށް ބަލަހައްޓައިގެން ހުރެ ނުހާ ބުނެލިއެވެ. އެއާއެކު ލީނާގެ އިތުރުން މާޔާއަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ.
" ހަމަ އަސްލުވެސް ހާދަ ހޭންޑްސަމް ބޯއީއެކޭ." ކަޅި ޖަހާ ނުލާ ބަލަައްޓައިގެން ހުރެ ލީނާ ވެސް އާއިޒަށް ތަޢުރީފް ކުރިއެވެ. ތުންފަތަށް ވައްތަރެއް ޖައްސައިގެން ހުރެ މާޔާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" ކަލޭމެންނަށް ރީތި ވާނެ މި ތަނަށް ގަސްބުޑެއް ލެއްގިޔަސް. " މާޔާ ބުންޏެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!