ކުރީގެ އަދަދާއި ގުޅޭ:

" ހަމަ އަސްލުވެސް ހާދަ ހޭންޑްސަމް ބޯއީއެކޭ." ކަޅި ޖަހާ ނުލާ ބަލަައްޓައިގެން ހުރެ ލީނާ ވެސް އާއިޒަށް ތަޢުރީފް ކުރިއެވެ. ތުންފަތަށް ވައްތަރެއް ޖައްސައިގެން ހުރެ މާޔާ ދެ ފަރާތަށް ބޯ ހޫރާލީ ފޫހިކަމާއެކުއެވެ.

Ad
d

" ކަލޭމެންނަށް ރީތި ވާނެ މި ތަނަށް ގަސްބުޑެއް ލެއްގިޔަސް. " މާޔާ ބުންޏެވެ.

މާޔާގެ ޖުމްލައަށް ސަމާލުކަން ދޭނެ އެކަކު ވެސް އެތާ ނެތް ކަހަލައެވެ. އެ މީހުން ދިޔައީ ކުރިއަށް ހިނގަމުންނެވެ.

" ދެން ހަމަ އޭނަ ފަސް ފަހަތުން ދަނީ؟" ހުއްޓެމުން މާޔާ އަނެއްކާ ވެސް ބުނެލިއެވެ.

" މާޔާއަށް އެނގެއެއްނު މި ރަށުގަ ރީތި ބިޓެއް ވެސް ނޫޅޭކަން. އަހަރެމެން މި ތިބެނީ އެންކޮޅު އެއްލާނެ ދިމާލެއް ނުފެނިފަ." ލާނެތް ގޮތަކަށް ލީނާ ބުންޏެވެ.

" މަށަށް ހީވަނީ ހަމަ އަސްލުވެސް ލީނާ ހިތާވެއްޖެހެން." ނުހާ ދިމާކޮއްލިއެވެ.

" ފުރަތަމަ ނަޒަރުން ލޯބިވުމަކީ މައްސަލައެއްތަ؟" މާޔާގެ އަތުގައި ހިފައި ހިނގައިގަންނަމުން ލީނާ އެހިއެވެ.

" ލޯބިވުމަކީ މައްސަލައެއް ނޫން. ލޯތްބަކީ ކޯއްޗެއްކަމެއް އަހަންނަކަށް ނޭނގެ. އަހަރެން އަދި ދުވަހަކު ވެސް މީހަކު ދެކެ ލޯތްބެއް ނުވަން. އެ ފަދަ ފުރުސަތެއް އަހަންނަކަށް ނުވެސް ނުލިބެ. ވަރަށް ރީތި ކުދިން މާލެއިން ފެނޭ. އެކަމަކު ތި ބުނާ ފުރަތަމަ ނަޒަރުން އަހަންނަކަށް ލޯތްބެއް ނުވެވޭ." މާޔާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

ޝައުޤުވެރިކަމާއެކު އެ ވާހަކަތައް އަޑު އަހަން ތިބި ލީނާއާއި ނުހާ އެކަކު އަނެކަކަށް ލޯ އަޅަމުން ދިޔައީ މާޔާއަށް ދިމާ ކުރުމުގެ ގޮތުންނެވެ.

" މާޔާ ގަޔާވާ ކަހަލަ ސިފަތަކެއް ހުންނަ މީހަކު ނުފެންނަނީ އަދި. ފެނުނީމަ ޔަޤީން ލޯބި ވެވޭނެ." ނުހާ ވާހަކަ ދެއްކީ ނުހަނު ބާރަށެވެ.

" އަހަންނަށް ރީތީ ތުނބުޅި ހުންނަ މީހުން. އެކަމަކު ތުނބުޅި ކުރުކޮށް ކޮށާފަ ހުންނަން ޖެހޭނީ. ބޯ ދިގު ވެގެން ނުވާނެ. ހަމަ ކުރުކޮށް ކޮށާފައި ހުރީމަ އަހަންނަށް ރީތީ. ކަލޭމެން ބަލާބަލަ އެ ސޮރު. ތުނބުޅިއެއް ނެތެއްނު. ބޯ ވެސް އެހާ ދިގު. އަހަރެން ކިހިނެއް އޭނަ ފެނިގެން ހޭބަލި ވާނީ؟" މާޔާ ބުނެލިއެވެ.

" އޭ! ބޭރުފުށުން ސިފައަށް ބަލައިގެން މީހަކު ދެކެ ލޯބި ނުވައްޗޭ! އޭރުން ލަނޑެއް ލިބިދާނެ. ރީތި މީހަކާ އިނދެގެން ގޮސް އިންނަން ޖެހިދާނެ ތޭރިތަކު ތެރޭގައި. އަހަންނަށް ހެޔޮ ބަލައިލަން އެހާ ރީތި ނުވިޔަސް، ރަނގަޅު މީހަކަށް ވަންޏާ." ނުހާ ދިނީ ތަފާތު ހިޔާލެކެވެ.

" ވާއޯ! ޗާ! ސަޅި! ރީތި ވާހަކައެކޭ ތި ބުނީ. ތިހެން ބުނި މީހާ އައިސައްތަގޭ މޯޑު ރައްޓެހިވާން އެހީމަ ނޯ ޖެހީ. އޭނަ އެހާ ސްޓައިލިޝްއެއް ނޫނޭ ކިޔާފަ." ލީނާގެ ޖުމްލައިން ހައިރާންވެފައި ހުރެ މާޔާ ވެސް ހޭންފެށިއެވެ.

" މަ ނުބުނަން ސްޓައިލިޝްއެއް ނޫނެކޭ. މަ ބުނީ އޭނަ ހުންނަގޮތް އަހަންނަށް ވަރަށް މުޑުދާރޭ. ދުފާ ރަތްކޮއްފަ. ފެން ނުވަރާ. އަބަދު އެކައްޗެއް ލައިގެން އުޅޭނީ. އޭނަ ފެނުނަސް މަ ފަކުރު ގަނޭ. ހަޑީ ސިފައެއް ނޫނޭ. " ލީނާގެ ވާހަކަތަކަށް ނުހާ އިންކާރު ކުރިއެވެ.

" ކަލޭ އިނދެބަލަ އޭނައާ. އަހަރެމެން ދޭނަމޭ ޝޭމްޕޫ ކޭހަކާ ސައިބޯނި ކޭހެއް. ފުރަތަމަ ރޭ ނަރުގަނޑު ލައިގެން ރަނގަޅަށް ފެންވަރުވާލާ. އޭރުން މޯޑުގެ ރީތިކަން ފެންނާނެ. މިލަތައް ފިލުވާލީމަ." ލީނާއަށް ހުނުމެއް މައިތިރިއެއް ނުކުރެވުނެވެ.

ނުހާ އެ ވަގުތު އޭނާއަށް ލޯ އަޅާލިއެވެ.

" ހިއެއް ނުވެ އެކަމަކު ކޮބަޑި ދަތްތައް ހުދު ވެދާނެހެންނެއް." އަނެއްކާ ވެސް ލީނާ ދިމާ ކުރިއެވެ.

" ތިހާ ވަރަށް މީހުންނަށް މަލާމާތް ކުރާކަށް ނުވާނެ. މާދަމާ ލީން ވެސް ޖެހިދާނެ މޯޑާ އިންނަން." ނުހާ ބުންޏެވެ.

އެއާއެކު މާޔާ ކުރިއަށް ދުއްވައިގަތީ ދެ އަތުން ދެ ކަންފަތުގައި އަތް އަޅަމުންނެވެ.

" ކަލޭނޭ މި މީހުން މި ދައްކާ ވާހަކަ ތަކަކުން އަހަރެން ބޯ ފަޅައިގެން ގޮއްސި." މާޔާ ހެމުންހެމުން ބުންޏެވެ.

އެއާއެކު މާޔާގެ ފަހަތުން ނުހާއާއި ލީނާ ވެސް ދުއްވައިގަތެވެ.

" އޭ! ކޮބާ މިހާރު އޭނަ؟" ކުއްލިއަކަށް ހުއްޓެމުން ނުހާ ބުންޏެވެ. އެހާމެ ބާރަށެވެ.

އެ ވަގުތު އެހެން މީހުންނަށް ވެސް ފަރާތްފަރާތް ބަލައިލެވުނެވެ. އާއިޒް ފެންނާކަށް ނެތެވެ. ތިން މީހުންނަށް އެކަކު އަނެކަކުގެ މޫނަށް ހައިރާންކަމާއެކު ބަލަން ފެށުނީ ނުތަނަވަސްވެ ތިބެއެވެ.

" އެކަމަކު... އޭނައަށް އެހާ އަވަހަކަށް އެއްގަމަކަށް ނޭރޭނެ އަހަރެމެންނަށް ނުފެނިއެއް." ލީނާ ބުންޏެވެ.

" ތި ވާނީ ޖިންނިއެއް ކަމަށް. " މާޔާ އެހެން ބުނުމާއެކު ނުހާ، މާޔާ ގާތަށް ޖެހިލިއެވެ.

" އަހަރެން ވެސް މި ހިތަށް އެރީ ހަމަ ތިހެން. " ނުހާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

އެ ވަގުތު މާޔާ ބާރަށް ހީގަތެވެ. ހެމުން ހެމުން އޭނާ އެނބުރެމުން ދިޔައެވެ.

" ކަލޭމެން ދެ މީހުން ޒުވާބުގަ ތިއްބަ އޭނަ އެ މަގުން އަރައިގެން ދިޔަތަން މަށަށް ފެނުނު. މަ ނުބުނީ ހަމަ ގަސްތުގަ. އެ ވަރަކަށް ނޫން ތި މީހުން މޯޑާ ބެހުނީ." ނުހާއާއި ލީނާގެ ހިތަށް ހަމަޖެހުން ލިބުނީ ދެނެވެ. މާޔާ އޭރު ވެސް ހެމުން ދިޔައެވެ.

" އަދި މަށަކަށް ނޭނގެ ތީ އެހާ ބިރު ގަންނަ ބައެއް ކަމެއް." އެއްގަމަށް ދާން ހިނގައިގަންނަމުން މާޔާ ބުންޏެވެ. އޭރު ނުހާއާއި ލީނާ ވެސް ތިބީ ހަމަޖެހިފައެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މާޔާ ބޭރަށް ނިކުތީ އެކަންޏެވެ. ނުހާ އާއި ލީނާ ހޯދަން ދާ ހިޔާލެއް އޭނާގެ ނެތެވެ. މާޔާ ބޭނުންވީ އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮއްލާށެވެ. މަގުމައްޗަށް ނިކުތުމާއެކު މަގުމަތީގެ ހަލަބޮލިކަމުން އޭނާ ފޫހި ކޮއްލިއެވެ. ޢީދުގެ އުފާވެރިކަން މިހާރު ވެސް ރަށުތެރެއަށް މަރުހަބާކިޔަމުން ދާ ކަހަލައެވެ. ފުރާވަރު އުމުރު ކުދިން ބައިސްކަލްތަކުގައި ބުރުޖަހަމުން ދެއެވެ. އަންހެންވެރިންގެ ކަމަކީ ޢީދަށް ކައްކާނެ ސާމާނު އެއްކުރުމެވެ. ފިހާރަތަކުން ނިކުންނަމުންދާ ކޮންމެ މީހަކު ވެސް ހުންނަނީ ކޮތަޅުތަކުން ބަރުވެފައެވެ.

" ދައްތަ ރަނގަޅުތަ؟ ވަރަށް ފޯރީގަ ދޯ؟" ފެންނަ ކޮންމެ މީހަކާ އަނގައިން ނުބުނެ ދާކަށް މާޔާގެ ހިތެއް ނޭދެއެވެ.

" އަނހަ! ޢީދު ފަސްދުވަހު މުޅިން ވެސް ކުކުޅު ކާނަމޭ ހިތާތަ ތި އުޅެނީ؟ ހާދަ ބައިވަރު ކުކުޅެކޭ. ދާނަން ތި ގެއަށް ކާން." އަނެއްކާ ވެސް މާޔާ އެހެން މީހަކާ ވާހަކަ ދައްކާލިއެވެ.

ދުރުން ފެންނަ މީހުންނަށް އަތުން ހަނާ އަޅަމުން ކައިރިން ދާ މީހުންނާ ވާހަކަ ދައްކަމުން ގޮސް މާޔާ ނިކުތީ ރަށުގެ ބަނދަރު ފަރާތަށެވެ. ޖެޓީގެ އެއްކޮޅުން އަނެއްކޮޅުގައި ހަރުކޮށްފައި ހުރި ރީނދޫ ކުލައިގެ ބޮކިތަކުން އެ ސަރަހައްދު ބަލައިލަން ވަރަށް ހިތްގައިމެވެ. ބަނދަރު މަތީގައި ހުރި ދެ ތިން ކެފޭ ބޭރުގައި ހުރި ބައިސްކަލްތަކާއި ސައިކަލްތަކުން އެ ތަންތާ ވެސް ވަރަށް މީހުން ގިނަ ކަން މާޔާއަށް އެނގުނެވެ. އެހެންކަމުން އޭނާ ދެން މިސްރާބު ޖެހީ، ދުރުގައި ހުރި ޖޯލި ފައްޗާ ދިމާލަށެވެ. ރޭގަނޑުގެ ތެތްފިނީގެ އަރާމުކަން އިހްސާސްކޮށް ނުލެވޭތާ ލައްކަ ދުވަސްވެއްޖެޔޭ އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ.

ޖޯލިފައްޗާ ހަމައަށް ދެވުމާއެކު، މީހަކު އޮތްކަން އެނގި މާޔާއަށް ހުއްޓެވުނެވެ. އޭނާގެ އަތުގައި އޮތް ފޯނުން މޫނަށް އަލި އެޅިފައި ހުރުމުގެ ސަބަބުން އެއީ އާއިޒްކަން މާޔާއަށް ޔަގީން ކުރެވުނެވެ. އާއިޒް އޮތް ޖޯއްޔާ އެއް ޖޯލި ދޫކޮށް މާޔާ އިށީނުމާއެކު ސިހިފައި އާއިޒް ބަލައިލިއެވެ.

އެއާއެކު މާޔާ ހީލިއެވެ. ޖެޓީ ކައިރީގައި ހުރި ބޮކިތަކުގެ އަލިން ކޮންމެވެސް ވަރަކަށް އެ ސަރަހައްދު އޮތީ އަލިވެފައެވެ. އެހެންކަމުން މާޔާގެ ހިނިތުންވުން އާއިޒަށް ރީތިކޮށް ފެނުނެވެ.

" އެނގިއްޖެދޯ؟" ލަސްނުކޮށް މާޔާ ބުނެލިއެވެ.

އާއިޒް ޖަވާބެއް ނުދީ ފޯނު ތިރިކޮއްލިއެވެ. އޭނާ އިސްޖަހާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލީ ވެސް، މާޔާ އޭނާއަށް ބަލަން އިންދައެވެ. ދުރުން ފެންނަން އޮތް މާސިންގާ ކަޅުކަންގަދަ ކަނޑާ ދިމާލަށް އާއިޒް ބަލަމުން ދިޔައީ މާޔާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ.

" މި ރަށް ވަރަށް މަޖާ ވާނެ ޢީދުގަ. އެއް ފަހަރު އަންނަ މީހަކު ދެން އަނެއް ފަހަރު ވެސް އަންނާނެ." މާޔާ މަޑުމަޑުން ބުނެލީ އާއިޒާ ދިމާލަށް ބަލަހައްޓައިގެން އިނދެއެވެ.

" ހެނދުނު ޢީދު ނަމާދުކޮށްގެން މިތާ، ބަނދަރުމަތީ އޮންނާނެ ބޮޑުސައި. ދެން އޭގެ ފަހުން ޒުވާނުން ކުޅިވަރު ފަށާނެ. މަންމަމެން ކައްކަން އުޅޭނީ. ފުރަތަމަ ދުވަހު ވެސް ކުލައިން ފެންވަރަން ޖެހޭނީ. މެންދުރު ކެއުން އޮންނާނީ ވެސް މަގުމަތީގަ. ކުދިބޮޑު އެންމެން އެއްކޮށް. ކިހާ މަޖާ ވާނެ. އަހަރެން އަދި ދުވަހަކު ވެސް މި ރަށް ނޫން ރަށެއްގައި ޢީދު ފާހަގަ އެއް ނުކުރަން. އެހެންވީމަ އަހަންނަށް އެނގެނީ މި ރަށުގެ ސަޤާފަތް އެކަނި." މާޔާ އިތުރަށް ކިޔައިިދިނެވެ.

އެއަށްފަހު އޭނާ ވާހަކަ މެދުކަނޑާލީ، އާއިޒްގެ ފަރާތުން ސުވާލަކަށް އިންތިޒާރު ކުރަމުންނެވެ. އިތުރު މައުލޫމާތެއް އާއިޒް ބޭނުން ވެދާނެތީއެވެ. ނަމަވެސް އާއިޒްގެ އެއްވެސް އިޝާރާތެއް ނުވުމުން އަނެއްކާ ވެސް މާޔާ ވާހަކަ ފެށިއެވެ.

" އަބަދުވެސް މޫދު ބަލާހިތްވޭ ދޯ؟ ހަވީރު ވެސް ދުށިން މޫދު ކައިރި އުޅެނިކޮށް. މި ރޭ ވެސް ތި އިންނަނީ މޫދު ކައިރީ. އަސްލު ވެސް މޫދަކީ މީހުންގެ ހިތާ ކުޅޭ ތަނެއް ދޯ؟ މިހެން ބަލަހައްޓައިގެން އިނީމަ ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމެއް ލިބޭ. ރޭގަނޑުގެ މި އަނދިރިކަމުގެ ސަބަބުން މާ ސާފުކޮށް މޫދާއިކަނޑު ނުފެނުނަސް، ރާޅުޖަހާ އަޑު އިވުނީމަ އެ އިހްސާސް ކުރުވާ. ދޮގެއް ނޫންތަ؟ އާއިޒަށް ވެސް މޫަކީ މާ ހިތްގައިމު ތަނަކީތަ؟" މާޔާ ސުވާލު ކުރީ އާއިޒް ޖަވާބެއްދޭނެ ކަމުގެ އުއްމީދުގައެވެ.

އެއާއެކު އާއިޒް ޖޯލީގައި ބުރަކަށި ޖައްސާލިއެވެ.

" ސުވާލެއް ދޯޯ؟ ހީވަނީ އަހަރެން ދޭން ޖެހޭ ޖަވާބު ވެސް ބުނެފަ ހެން ސުވާލު ތި ކުރީ. " އާއިޒްގެ ފުރަތަަމަ ޖުމްލައިން މާޔާ ލަދުގަތެވެ.

" މާ ވާހަކަ ގިނައީ ދޯ؟" އިސްޖަހާލަމުން މާޔާ އެހިއެވެ.

ދެ ވަނަ ފަހަރަށް އާއިޒް އެއްޗެއް ނުބުންޏެވެ.

" އެ ދުވަހު ބައްޕަ ކައިރީ ބުނީމެއްނު އާއިލާގެ ބަޔަކާ އެކުގައޭ އައީ؟ ދެން ކީއްވެ މިތާ އެކަނި ތި އިނީ؟" މާޔާ އެހިއެވެ.

އެ ވަގުތު އާއިޒްގެ ފޯން ރިންގްވާން ފެށިއެވެ. ފުންމައިގެން ތެދުވަމުން އާއިޒް ކަންފަތުގައި ފޯނު ޖެހިއެވެ.

" އާނ. މި ދަނީ މިހާރު." އެހެން ބުނެ އޭނާ ހިނގައިގަތީ މާޔާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. މާޔާއަށް އިނދެވުނީ ކަޅި ޖަހައިނުލާ އާއިޒަށް ބަލަހައްޓައިގެންނެވެ. ހައެއްކަ ފޫޓު ދުރަށް ގޮސް، ކުއްލިއަކަށް އާއިޒް ހުއްޓި ފަހަތް ބަލައިލިއެވެ. އެއާއެކު މާޔާއަށް ވެސް ތެދުވެވުނެވެ. އެ ވަގުތު އާއިޒް އަތުން ބާއީ ކިޔާލިތަން މާޔާއަށް ފެނުނެވެ. އަވަސް އަަވަހަށް މާޔާއަށް ވެސް އަތް އުފުލައިލެވުނެވެ. ލަސްނުކޮށް އާއިޒް ދުރަށް ހިނގައިގަތުމާއެކު މާޔާއަށް ހިނިތުން ވެވުނީ ބޭއިޙްތިޔާރުގައެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

Ad
df

(ނިމުނީ)