ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ އުޤޫބާތް ބޮޑުވެގެންވާ ފަދައިން، އެ ދުވަސްވަރު ކުރެވޭ ހެޔޮ ޢަމަލުތަކުގެ ދަރުމަ އާއި ސަވާބުވެސް އިތުރުވެގެންވާކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

"ޙުރުމަތްތެރިވެގެންވާ މައްސަރުތައް" މި މައުޟޫޢަށް ރާއްޖޭގެ އެކިކި ސަރަޙައްދުތަކުގައި މިއަދު އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް ﷲގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމްގެ ޝަރީޢަތުގައިވެސް މި މައްސަރުތައް ބަޔާންކުރެވިފައިވެއެވެ. ނަމަވެސް ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން އެމީހުން ހިތުހުރި ގޮތަކަށް މި މައްސަރުތައް ބަދަލުކުރަމުން ދިޔަކަން ޚުޠުބާގައި ފާހަގަކުރިއެވެ.

Ad
rt

ޙައްޖަތުލްވަދާޢުގައި މާތް ނަބިއްޔާ ﷺ ވަނީ މި މައްސަރުތަކަކީ ކޮބައިކަން އުންމަތަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ގޮތުން، އަހަރަކީ ބާރަ މަސްދުވަހެވެ. އޭގެ ތެރެއިން ޙުރުމަތްތެރިވެގެންވާ ހަތަރު މަހަކީ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހުގެ އިތުރުން ރަޖަބު މަހެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ، އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ މާތް الله ޙަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަކުރުން ކަމަށެވެ. ކޮންމެ ވަގުތެއްގައި ފާފަކުރުމަކީ ކޯފާ ޙައްޤުވާނޭ ކަމެއް ނަމަވެސް، ޙުރުމަތްތެރި މައްސަރެއްގައި އެފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑެވެ. އެއީ އެކަލާނގެ މަތިވެރިކުރައްވާފައިވާ ކަންކަމުގެ ޙުރުމަތް ކަނޑައި އިހާނަތްތެރިކޮށް ހިތުން ކަމުގައިވާތީއެވެ. މި ސަބަބަށްޓަކައި އިމާމް ޝާފިޢީ ފަދަ ޢިލްމުވެރިންގެ އަރިހުގައި، މި މައްސަރުތަކުގައި މީހަކު މެރުމުން ދޭންޖެހޭ މަރުގެ ދިޔަވެސް ބޮޑެވެ.

''އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައްކުރުމެވެ. ފަހެ ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މި ފަދަ ކަމަކަށް އަރައިގަތުމަކީ މާތް ﷲގެ ކޯފާ ޙައްޤުވާނޭ ކަމެކެވެ. ވަކީން ޚާއްޞަކޮށް ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މި ފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވެއެވެ. އެއީ އެ ފަދަ ޢަމަލަކީ، މާތް ﷲއަށް އުރެދުމާ އެކު، އެކަލާނގެ ޚާއްޞަކުރައްވައި މަތިވެރިކުރައްވައި ޙުރުމަތްތެރިކުރައްވައިފައިވާ ކަންކަމުގެ ޙުރުމަތްކަނޑައި އެ ކަންކަމަށް އިހާނަތްތެރިކޮށްހިތުން ކަމުގައި ވާތީއެވެ. ޙުރުމަތްތެރިކުރެވިގެންވާ މައްކާގެ ޙަރަމުގައި ފާފައަކަށް އަރައިގަތުމުގެ ނުބައިކަމުގެ ބޮޑުކަން ބަޔާންކުރައްވައި، މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި އެ ތާނގައި އަނިޔާވެރިކަމާއެކު، ދީނާ ޚިލާފު ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި ޢަޛާބުން ރަހަދައްކަވާހުށީމެވެ." (سورة الحج: 25) ހަމައެފަދައިން، ޙުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވެސް ބޮޑުވެގެންވެއެވެ. މި ސަބަބަށް ޓަކައި، اَلْإِمَامُ الشَّافِعِي - رَحِمَهُ الله - ފަދަ ގިނަ ޢިލްމުވެރީންގެ އަރިހުގައި، މި މައްސަރުތަކުގައި މީހަކު މެރުމުން ދޭން ޖެހޭ މަރުގެ ދިޔަ ބޮޑެވެ.'' = ހުތުބާ=

މިފަދަ މަތިވެރި ދުވަސްވަރެއްގައި މުއުމިނު އަޅާގެ މައްޗަށް އޮތީ އަޅުކަމުގައި ހީވާގިވުންކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެގޮތުން ޛިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމުގެ އިތުރުން ރޯދަހިފުމާއި، ޞަދަޤާތްކުރުން ފަދަ ޢަމަލީ ހެޔޮކަންތައް ގިނަކުރުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި ހިތުގެ އަޅުކަންތައްތަކުން ފައިދާ ޙާޞިލުކޮށް، ޣީބަބުނުމާއި ދޮގުހެދުން ފަދަ ނުބައި ފާފަތަކުން ދުރުހެލިވުމަށްވެސް މިއަދުގެ ޚުޠުބާގައި ގޮވާލާފައިވެއެވެ.