ޖަނަވާރާމެދު އިހުމާލުވާ ނަމަ ބޮޑެތި ޖޫރިމަނާ ހިމެނޭ ޖަނަވާރު ގެންގުޅުމާއި ޖަނަވާރު ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާޤުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރި ކުރުމަށް ދެމެހެއްޓެނިވި އަދި ރައްކާތެރި އުޞޫލުތަކެއް ކަނޑައެޅުމެވެ.
ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި، ޖަނަވާރުގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސްފަރުވާގެ އުޞޫލުތަކާއި، ޖަނަވާރު އެތެރެކުރުމާއި، އެ ތަކެތީގެ ބައިތަކާއި، ކާނާ އަދި ބޭސް އެތެރެކުރުމުގެ ޤަވާއިދުތައް ހިމަނާފައިވެއެވެ.
މި ބިލުގެ ދަށުން ޖަނަވާރާ ގުޅޭ ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީވާން ޖެހޭނެއެވެ. އަދި ޖަނަވާރުގެ ރައްކާތެރިކަމުގެ ސިޔާސަތުތައް ކަނޑައަޅައި، ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ. މީގެ އިތުރުން ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ޤާއިމުކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ހަދަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކުރެއެވެ.
ޖަނަވާރުތަކަށް އިހުމާލުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތަކެއް މި ބިލުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން ޖަނަވާރު މެދުވެރިކޮށް ބައްޔެއް ފެތުރިއްޖެނަމަ 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ޤަވާއިދާ ޚިލާފަށް ޖަނަވާރު އެތެރެކޮށް ބޭރުކޮށްފިނަމަ 5,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ޤާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގެންގުޅެ، ނުވަތަ ސާމްޕަލް އޮޅުވާލައިފިނަމަ 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މީގެ އިތުރުން ޖަނަވާރަށް އަނިޔާކުރުމާއި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަނަކަށް ދޫކޮށްލައިފިނަމަ 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މި ބިލުގައި ސީދާ އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!