މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، 26 އެޕްރީލް 2025 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ 9 އޮކްޓޯބަރ 2025 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރު މީހަކު އިއްޔެ (21 އޮކްޓޯބަރ 2025) ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ.
''މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، 2025 އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައި، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި'' ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރާނެ ކަމަށެވެ.
ސިނގިރޭޓް ގެއްލުނު މައްސަލަ: ދެ ވިޔަފާރިވެރިއަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރު
މި މައްސަލައިގެ ތުހުމަތުގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭހެން ޖުމްލަ ހަތަރު މީހަކު 15 އޮކްޓޯބަރު 2025 ގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ:
- މއ.އެވަރގްލޯރީ، ކ.މާލެ / އަހުމަދު އާރިފް (61އ)
- ދިގަލި، ބ.އޭދަފުށީ / މުހައްމަދު ވަހީދު (65އ)
- ހ.ނިއު ހެޕިނެސް، މާލެ / މުއާޒު އަލީ (48އ)
- މެދުރީގެ، ހދ. ވައިކަރަދޫ / ޒިވާރު އިސްމާއިލް (40އ)
ސިނގިރޭޓު ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުކުރުމަށް ޢަމުރުކޮށްފި
މީގެ ތެރެއިން އަހުމަދު އާރިފް (އާއްޓޭ) އަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާއެވެ. އަދި މުހައްމަދު ވަހީދު (ދިގަލި) އަކީ އެޕޯލޯ ކުންފުނީގެ ވެރިޔާ އެވެ.
މުއާޒު ޢަލީ އަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ. މި މައްސަލަ ހިލުނުއިރު އޭނާ ހުރީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. އޭނާ ވަނީ މިހާރު މަގާމުން ސަސްޕެންޑްކޮށްފައެވެ.
ދެން މި މައްސަލާގައި ހިމެނޭ ޒިވާރު އަކީ ކަސްޓަމްސްގެ އިސް މުވައްޒަފެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!