މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން، ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭހެން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު މި މައުލޫމާތު ހާމަކުރައްވަމުން ބުނީ، ހައްޔަރުކުރެވުނު މީހުންނަކީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި މި ސިނގިރޭޓްތައް ވަގަށް ނެގުމުގެ އޮޕަރޭޝަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް، ހައްޔަރުކުރި އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި ސިނގިރޭޓްތަކަކީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި ތަކެއްޗެވެ. މި ސިނގިރޭޓްތައް ގެއްލިފައިވާކަން ކަސްޓަމްސް އަށް އެނގިފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭގަ އެވެ.
މި މައްސަލަ ފެންމަތިވުމާއެކު ފުލުހުން ވަނީ ވަރަށް ބޮޑަށް ތަހުގީގު ފުޅާކޮށްފަ އެވެ. މިގޮތުން މިހާތަނަށް 12 މީހަކު ރާއްޖެއިން ފުރުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކޮށްފައިވެ އެވެ.
ވަގަށް އެތެރެކުރަން އުޅުނު 1,360 ކޭސް ސިނގިރޭޓް ނުވަތަ 13.6 މިލިއަން ސިނގިރޭޓް ސްޓިކްގެ ޑިއުޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން ކުރިއަށްދާ އޮޕަރޭޝަން މިރޭ ވެސް ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނެފައިވަނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!