މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ޢަމުރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ވެސް ހިމެނެއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ:
- މއ.އެވަރގްލޯރީ، ކ.މާލެ / އަހުމަދު އާރިފް (61އ)
- ދިގަލި، ބ.އޭދަފުށީ / މުހައްމަދު ވަހީދު (65އ)
- ހ.ނިއު ހެޕިނެސް، މާލެ / މުއާޒު އަލީ (48އ)
- މެދުރީގެ، ހދ. ވައިކަރަދޫ / ޒިވާރު އިސްމާއިލް (40އ)
މީގެ ތެރެއިން އަހުމަދު އާރިފް (އާއްޓޭ) އަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާއެވެ. އަދި މުހައްމަދު ވަހީދު (ދިގަލި) އަކީ އެޕޯލޯ ކުންފުނީގެ ވެރިޔާ އެވެ.
މި މައްސަލާގައި ހިމެނޭ އާއްޓޭ އާއި ޒިވާރު 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިމައްސަލާގައި ހިމެނޭ ދިގަލި ވަހީދު 10 ދުވަހަށް އަދި މުއާޒު އަލީ 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މުއާޒު ޢަލީ އަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ. މި މައްސަލަ ހިލުނުއިރު އޭނާ ހުރީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. އޭނާ މިއަދު ވަނީ މަގާމުން މިއަދު ސަސްޕެންޑްކޮށްފައެވެ.
ދެން މި މައްސަލާގައި ހިމެނޭ ޒިވާރު އަކީ ކަސްޓަމްސްގެ އިސް މުވައްޒަފެކެވެ.
ސިނގިރޭޓް ގެއްލުނު މައްސަލަ: ދެ ވިޔަފާރިވެރިއަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރު
މި މީހުން ހައްޔަރުކުރުމަށްފަހު ފުލުހުން ރޭގައި ނެރުނު ބަޔާނުގައި ބުނީ މި މީހުންނަކީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި މި ސިނގިރޭޓްތައް ވަގަށް ނެގުމުގެ އޮޕަރޭޝަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މި ސިނގިރޭޓްތަކަކީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި ތަކެއްޗެވެ. މި ސިނގިރޭޓްތައް ގެއްލިފައިވާކަން ކަސްޓަމްސް އަށް އެނގިފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭގަ އެވެ.
މި މައްސަލާގައި ކަސްޓަމްސް އިން މިއަދު ބުނީ އެ މައްސަލައިގައި އެ ޚިދުމަތުގެ މުވައްޒަފަކު ޝާމިލުވާކަން ހާމަވެއްޖެ ނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އިދާރާތަކާ އެކު ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެމްޕީއެލުން މިއަދު ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!