ގްރޭޓަރ މާލެ ސަރަޙައްދުގައި ސްކޫލް ދަރިވަރުންނަށް ކޭމްޕް ކުރުމަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ސަރަޙައްދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަރައްޤީކޮށްފައިވާ މި ސަރަޙައްދަކީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ކެޑޭޓް، ގައިޑް އަދި ސްކައުޓް ދަރިވަރުންނަށް ކޭމްޕް ކުރާނެ ތަނެއް ނެތި ގިނަ އަހަރުތަކެއް ވުމާ ގުޅިގެން، އެ ދަރިވަރުންނަށް ކޭމްޕް ކުރުމާއި އެކި ހަރަކާތްތައް ހިންގުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ.

Ad
rt

މި ސަރަޙައްދަކީ ހަމައެކަނި ކޭމްޕް ކުރުމަށް އެކަނި ބޭނުންކުރާނެ ތަނެއް ނޫނެވެ. ދަރިވަރުން ކިޔަވާ އެކި މާއްދާތަކާ ގުޅޭގޮތުން ދިރާސާތައް ކުރުމަށްވެސް މި ސަރަޙައްދު ބޭނުންކުރެވޭނެއެވެ.

މިތަން ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ މި ސަރަޙައްދު ބައްލަވާލައްވާފައެވެ.

މި ސަރަޙައްދު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ވަޒީރުންނާއި، ކެޑޭޓް، ގައިޑް އަދި ސްކައުޓް އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަރަޙައްދު ހުޅުވުމާއެކު، ގްރޭޓަރ މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކޭމްޕް ކުރުމާއި އެހެނިހެން ތަޢުލީމީ ހަރަކާތްތައް ހިންގުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.