ފީފާ ވޯލްޑް ކަޕް، ޔޫރަޕް ކޮލިފައިންގެ ގްރޫޕް ޑީ ގައި ރޭ ފްރާންސާއި އަޒަރުބައިޖާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ފްރާންސުން ކާމިޔާބުކުރިއިރު، އެ ޓީމްގެ ތަރި ކިލިއަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ފްރާންސް މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފްރާންސަށް ލަނޑުޖަހައި ލީޑު ނަގައިދިނީ އެމްބާޕޭއެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު ދިހަ މެޗުގައި ވެސް އެމްބާޕޭ ވަނީ ލަނޑު ޖަހާފައެވެ.
އެމްބާޕޭގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވެ އޭނާ ބަދަލުކޮށްފައި ވަނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. މި އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ސްޕެނިޝް ލީގުގައި ވިލަރެއާލު އަތުން 3-1 ގެ ނަތީޖާއިން ރެއާލް މޮޅުވި މެޗުގައި ވެސް ކަނާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ބަދަލުކުރަން ޖެހުނެވެ.
އެމްބާޕޭއަށް އަނިޔާވުމާއިއެކު އޭނާ މިހާރުވަނީ ފްރާންސް ގައުމީ ޓީމް ދޫކޮށް ރެއާލް މެޑްރިޑަށް ގޮސްފައެވެ. ރެއާލުގެ މެޑިކަލް ޓީމުން އޭނާގެ ހާލަތު ބަލަމުން އަންނައިރު، އޭނާއަށް ލިބިފައިވާ އަނިޔާގެ ހާލަތެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
ރޭ މެޗުގައި ދެން ފްރާންސަށް ލަނޑު ޖަހައިދިނީ އެޑްރިއަން ރެބިއުޓްއާއި ތައުވިން އެވެ.
ގްރޫޕް ޑީގެ އެއްވަނާގައި ފްރާންސް އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް 9 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ޔުކްރެއިން އަށް 4 ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި އައިސްލެންޑް އޮތީ 3 ޕޮއިންޓާއިއެކުއެ. ފުލުގައި އަޒަރުބައިޖާން އޮތީ 1 ޕޮއިންޓާއިއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!