މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ސަބަބުން ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ވަނީ ބާއްވާފައެވެ.

Ad
rt

މި މުހިންމު މަޝްރޫޢުއާ ގުޅޭގޮތުން ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށެވެ.

"މި އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އަދި މި އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށްދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށިގެންދާ މުނާސަބަތުގައި ރޯލަރސްކޭޓާއި ސްކޭޓްބޯޑު ކޮމިޔުނިޓީއަށް މަރުޙަބާ ދަންނަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މާލޭގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި

މާލޭ އުސްފަސްގަނޑުގައި މުޅިން އަލަށް ތަރައްޤީކުރާ މި ސްކޭޓް އެރީނާގެ މަސައްކަތަކީ، އާރްސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި އެރީނާގެ މަސައްކަތް ނިމޭއިރު، މިތަނުގައި ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި، ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭނެއެވެ.

މި އެރީނާ ނިމުމުން ރާއްޖޭގެ ސްކޭޓިންގ ކޮމިއުނިޓީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.