ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސްކޭޓް ކުޅިވަރަށް ޚާއްސަ މައިދާނެއްގެ ބޭނުން ހިފޭނެގޮތަށް، މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އިއްޔެ އަޅައިފިއެވެ.
މި އެރީނާގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ޢަބްދުﷲ ރާފިޢުއާއި، މަސައްކަތުގެ ކޮންޓެކްޓަރ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާދަމް ރަޙީމް އެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް ވެރިންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި ސްކޭޓްގެ ހަރަކާތް ހިންގަމުންދާ ފަރާތްތަކާއި ގިނަ އަދަދެއްގެ ސްކޭޓަރުންނާއި ބެލެނިވެރިންވެސް ބައިވެރިވެ، މިކަމަށް ދިވެހި ކޮމިއުނިޓީގެ ތަރުހީބު ބޮޑުކަން ދައްކުވައިދީފައިވެއެވެ.
މާލޭ އުސްފަސްގަނޑުގައި މުޅިން އަލަށް ތަރައްޤީކުރާ މި ސްކޭޓް އެރީނާގެ މަސައްކަތަކީ، އާރްސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެރީނާގެ މަސައްކަތް ނިމޭއިރު، މިތަނުގައި ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި، ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭނެއެވެ.
ސްކޭޓް ކުރުމަކީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!