ޙަލާލުގޮތުގައި މާލީ މުޢާމަލާތްތައް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، ވަހުމް އުފެދޭ މުޢާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ މުޢާމަލާތްތަކަށް ރުޖޫޢަވުމަށް މިއަދުގެ ހުކުރު ދުވަހުގެ ޚުޠުބާގައި ގޮވާލައްވައިފިއެވެ.
މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، الله سُبْحَانَهُ وَتَعَالَى ހެއްދެވި އެންމެހައި މަޚްލޫޤުންގެ ތެރެއިން އެންމެ މާތްކުރައްވައި، މަތިވެރިކުރައްވައިފައިވަނީ އިންސާނާއެވެ. އެއީ، އޭނާއަށް ހެވާއި ނުބައި ވަކިކޮށް، ދެނެގަނެވޭނެ ބުއްދި ދެއްވުމުންނެވެ. އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަން ދީފައިވާ ފަދައިން، މުޢާމަލާތުގެ ބަޔަށް ވެސް ވަނީ އިސްކަންދީފައެވެ. އެހެންކަމުން އިންސާނާގެ ޙަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުޢާމަލާތުތަކާ މެދު ފަރުވާތެރިވާން ޖެހެއެވެ. މި ގޮތުން މާލީ މުޢާމަލާތުތަކަކީ، އެ ކަމާ މެދު އިންތިހާއަށް ވިސްނަންޖެހޭ ކަމެކެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި، މުޅި އިޤުތިޞާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތް އިރު، މާލީ މުޢާމަލާތުތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަމުން ސަލާމަތްވާން ޖެހެއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މީގެ ކުރީން މަޖުބޫރު ޙާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރެންސު ނަގާން ޖެހުނު ކަމުގައި ވިޔަސް، މިއަދު މި ވަނީ، މާތް ﷲގެ ރަޙުމަތާއެކު، އިސްލާމީ އުޞޫލުން ޚިދުމަތްދޭ ބޭންކުތަކާއި، ތަކާފުލް ކުންފުނިތައް މި ލޮބުވެތި ދިވެހިރާއްޖެއާއި މުޅި ދުނިޔޭގައި ތަޢާރަފުވެފައެވެ. ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުޢާމަލާތުތައް ހިންގާ ބޭންކުތަކާއި، ތަކާފުލް ކުންފުނިތަކާއި، މުއައްސަސާތައް ނުހިންގޭނެކަމަށް ބަޔަކު ދުށް ޒަމާން މިއަދު ވަނީ މާޒީވެފައެވެ. މިއަދު މުސްލިމް ޤައުމުތަކުގެ އިތުރަށް އެހެނިހެން ޤައުމުތަކުގައި ވެސް އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި، ފައިސާގެ މުޢާމަލާތުތައް ހިންގޭނެ ބޭންކުތަކާއި މުއައްސަސާތައް ވަނީ ކާމިޔާބުކަމާ އެކު ހިންގާން ފަށައިފައެވެ. އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި، ކުވައިތާއި، ޤަޠަރާއި، މެލޭޝިޔާއާއި، ޕާކިސްތާނާއި، މިޞްރާއި، ޔޫއޭއީއާއި، ބަޙްރެއިނާއި، ސޫދާނާއި، އީރާނާއި، އިންޑޮނޭޝިޔާއާއި، އިނގިރޭސިވިލާތާއި، ޔޫރަޕުގެ ކިތަންމެ ޤައުމެއް ހިމެނެއެވެ.
ވީމާ، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް، މާލީ މުޢާމަލާތުތައް ކުރެވެން ނެތް ކަމަށް މިއަދު ނިންމޭކަށެއް ނެތެވެ. މިއަދު މިއޮތީ އިސްލާމީ ޝަރީޢަތާ އެއް ގޮތަށް މާލީ މުޢަމަލާތު ހިންގޭނެ މަގު ތަނަވަސްވެފައެވެ. އެހެންކަމުން އިސްލާމީ އުޞޫލުތަކާ އެއް ގޮތަށް ފައިސާގެ މުޢަމަލާތުތައްކުރުމަކީ، ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރުކުރައްވާނޭ ގޮތްކަން ދަންނަންޖެހޭކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.
އިސްލާމް ދީނުގައި ރިބާގެ ހުރިހައި މުޢާމަލާތުތަކެއް ވަނީ ޙަރާމްކުރައްވައިފައެވެ. ޚުޠުބާގައި ރިބާގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލައި ބުނެފައި ވަނީ ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެއް ކަމުގައެވެ. މީގެ އިތުރަށް، އެއީ އުޚުރަވީ ޙަޔާތުގައި ވެސް ވޭންދެނިވި ޢަޛާބާ ކުރިމަތިލާން ޖެހޭނޭ ކަމެކެވެ.
ރިބާއިން ދުރުހެލިވުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި މާތް ﷲ ވަނީ އަންގަވައިފައެވެ. އަދި އެ ކަމުން ދުރުހެލި ނުވާ ނަމަ، ﷲގެ ޙަޟުރަތުންނާއި އެކަލާނގެ ކީރިތި رسول الله صلى الله عليه وسلم ފަރާތްޕުޅުން ހަނގުރާމަ އިޢުލާނުވެގެންވާކަން ވެސް ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ﷲއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمنންކަމުގައިވާ ނަމަ، رِباގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! ފަހެ، ތިޔަބައިމީހުން (ނަށް أمرވެވިގެންވާ ގޮތަށް) عملނުކޮށްފި ނަމަ، ﷲގެ حضرةންނާއި، އެކަލާނގެ رسولއާގެ ފަރާތްޕުޅުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقينކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوعވެ توبةވެއްޖެ ނަމަ ތިޔަބައިމީހުންގެ ރައުސުލްމާލުތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށް ވެސް އަނިޔާ ނުލިބޭ ގޮތުގައެވެ."
ޚުޠުބާގައި އިތުރަށް ހަނދާންދިނީ އަހަރެމެން ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހަދަންޖެހޭނެކަމެވެ. ތިމާއާއި ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ، ރިބާގެ މުޢާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނެހެދުމަން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ތިމާ ޙަލާލު ގޮތުގައި ހޯދާ ފައިސާ ރައްކާކުރެވެނީ ޙަލާލު ގޮތުގައިތޯ ބެލުމަށް ވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. ކީރިތި ޤުރްއާނާއި، މާތް ކީރިތި رسول الله صلى الله عليه وسلمގެ ޠާހިރު ސުއްނަތުގައި، ޙަރާމްކަމަށް ބަޔާންކުރައްވައިފައިވާ ކަންކަމަކީ، ޙަރާމްކަންތައްކަމުގައި، އަދި ޙަލާލުކަމަށް ބަޔާންކުރައްވައިފައިވާ ކަންކަމަކީ، ޙަލާލު ކަންތައް ކަމުގައި ބަލައިގަނެ، މާތް اللهއާއި، އެކަލާނގެ ކީރިތި رسول الله صلى الله عليه وسلم ކަނޑައަޅުއްވައިފައިވާ އެންމެހައި ޙުކުމްތަކަށް ރުހި ޤަބޫލުވެގެންވާ ބަޔަކު ކަމުގައި، الله سُبْحَانَهُ وَتَعَالَى އަޅަމެން ލައްވައި، ރިބާގެ މުޢާމަލާތުތަކުން ދުރުވެ ރައްކާތެރިވުމުގެ މަގު ތަނަވަސްކޮށްދެއްވައި، ހެޔޮމަގުން ހިނގުމުގެ ތައުފީޤު އަޅަމެނަށް ދެއްވުމަށް ޚުޠުބާގައި ދުޢާކޮށްފަވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާފައިވާ ގޮތުގައި، މުޅި ދުނިޔެއަށް މިހައި ތަނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައިވަނީ، ރިބާގެ ނުރައްކާތެރި ވަބާއެވެ. ރިބާގެ ސަބަބުން އިޤްތިޞާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމަޢުގެ ތެރޭގައި އޮންނާންޖެހޭ އިޤްތިޞާދީ ޢަދުލުވެރިކަން ނެތި ކޮށްލައެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރީން، ވިޔަފާރިއާއި ރިބާއާ ބެހޭ ގޮތުން ބަޔަކު ބުނަމުން ދިޔަ ބަސްތައް، މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވައިފައެވެ.
އަހަރެމެންގެ ކޮންމެ ޢަމަލަކީ ވެސް މާތް ﷲ ބައްލަވައިވޮޑިގެންވާ ޢަމަލެއްކަން ޚުޠުބާގައި ފާހަގަކުރައްވާ، ދުނިޔެއާއި އާޚިރަތުގައި ކާމިޔާބަށް އެދި، އަހަރެމެންގެ އުޅުމާއި ގުޅުން އިޞްލާޙުކޮށް، އަހަރެމެން ދެއަތް އުފުލައި ކުރާ ދުޢާ، ﷲގެ ޙަޟުރަތަށް އުފުއްލެވުމަށް އެދޭ ހިނދު، ރިބާގެ ވަބާ ފަދަ، މާތް ﷲ ޙަރާމްކުރައްވައިފައިވާ އެންމެހައި ޢަމަލުތަކުން ދުރުހެލިވުމަށް މި މަތިވެރި މިންބަރު މަތީގައި ހުރެ ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައި ވެއެވެ. މާތް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އަޅުކަންކުރުމަށް އިސްކަންދޭ ފަދައިން، މާލީ މުޢާމަލާތުތައް ވެސް ﷲގެ ރުހިވޮޑިގަތުން ލިބޭނޭ ގޮތަށް ބައްޓަންކުރުމަށް މަސައްކަތްކުރާން ވެސް ގޮވާލައްވައިފިއެވެ.
ހުތުބާގައި ބުނެފައި ވަނީ ރިބާގެ ނުރައްކާތެރި ވަބާއިން މުޅި އިޤްތިޞާދީ ނިޒާމު ސަލާމަތްކުރުމަކީ، މިއަދު މުޅި މުޖުތަމަޢުގެ ޙައްޤުގައި އަހަރެމެން ކުރާންޖެހޭ ކަމެކެވެ. ޝައްކާއި ވަހުމް އުފެދޭ މުޢާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި، ޝައްކުކަމެއް ނެތް ހުއްދަ މުޢާމަލާތުތަކަށް ރުޖޫޢަވާން ޖެހެއެވެ. ޝައްކެއްނެތް ގޮތުގައި، އެއްވެސް ބާވަތެއްގެ ޙަރާމް ކަމަކަށް ނުވަތަ އަނިޔާވެރިކަމަކަށް އެހީތެރިވުމަކީ، އިސްލާމް ދީނުގައި ޙަރާމްކަމެކެވެ. އަދި އެއްވެސް ފާފައަކަށް އެހީތެރިވެދޭ މީހަކީ، އެ ފާފަ ކުރާ މީހެކޭ އެއްފަދަ މީހެއްކަމުގައި، އިސްލާމް ދީން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!